''އޭ...ކަލްޓީ..ޓޮރިކުލް ސިއްދީޤް މުޙައްމަދު؟؟؟'' އަހަންނާއި އެއް އިސްކޮޅެއްގެ ފިރިހެން ކުއްޖަކު އަހަރެން ކައިރީ އަހާލިއެވެ. އޭނާ ކައިރީ އިސްތަށިގަނޑު ދިގުކޮށްފައިވާ ދެ ފިރިހެން ކުދިންވެސް ތިއްބެވެ. ބަލާބެލުމަށް އެމީހުންނަށް ހަތާވީސް އަށާވީސް އަހަރު ވެދާނެއެވެ.
އަހަރެންގެ ނަން ކީހެން ހީވެގެން، އަހަރެން ކޮޅަށް ތެދުވީމެވެ.
''އައި އޭމް ޓޮރިކުލް ސިއްދީޤް މުޙައްމަދު.''
''ދިވެހި ނެތީ ދޯ..އަހަރެން މި ކަލޭ ބަލާ...ބޮސް ފޮނުވައިގެން..ލެޓްސް ގޯ''
އޭނަ ދެއްކި ވާހަކަތަކުން އަހަންނަށް ފަހުމްވީ ލެޓްސް ގޯ އެކަންޏެވެ. އެހެންކަމުން އެމީހުންނާއި އެކީ އަހަރެން ހިނގައިގަތީމެވެ.
ވިސާކަންތަކާއި ނިންމަންޖެހޭ އެހެންކަންތައްތައް އޭނާ އަހަންނަށް ބަރާބަރަށް ކޮށްދިނީތީ އަހަރެން ހުރީ ވަރަށް އުފާވެފައެވެ.
އެހެންނަމަވެސް އެމީހުން ކިޔާ ނުކިޔާ ނޭންގޭތީ އެއްޗެއް ބުނަން ނޭންގިފައި އިނީއެވެ.
މާލެ އާދެވުމުން، ދުއްވާ އެއްޗެހި ގިނަކަން އަހަންނަށް ފާހަގަކުރެވުނެވެ. ކާރާއި ސައިކަލް މިހާ ގިނައިން އަހަރެން އަހަރެމެންގެ ޤައުމުންވެސް ނުދެކެމެވެ. އެއީ ޤައުމުގެ ކުޑަ އަވަށަކަށް އަހަރެން އުފަންވީމައެވެ.
ގެއަށް އާދެވުނު އިރު ރޭގަނޑު އެކެއް ޖަހައިފިއެވެ.
''ކަލޭ...ނިދަނީ...ސްލީޕް..ސްލީޕް'' އެ މީހާ އަހަންނަށް އަތުގެ އިޝާރާތުން އޮށޯންނަން ތަންދެއްކިއެވެ. އަދި އަހަރެންނާއި ދިމާލަށް ބަލާލުމަށްފަހު އެމީހުން ބޭރަށް ހިގައިގަތެވެ.
އެއީ ބަންގްލަދޭޝުންވެސް އަހަރެން ދެކުނުފަދަ ތަނެއް ނޫނެވެ.
އެއީ ފިލައާއި ޓިނުން ހަދާފައިވާ ކުޑަ ކޮޓަރިއެކެވެ. ނިދާނެ އެނދެއް ނެތް އިރު ބިންމަތީގައިވަނީ ޖެހި ޖެހިގެން ގޮދަޑި އަޅާ ފުރާލާފައެވެ. ކުޑަމިނުން ފައި ޖައްސާލެވޭނެ ވަރުގެ ތަންކޮޅެއްވެސް އެތާކު ނުވެއެވެ.ކޮޓަރީގައިވަނީ ވަރަށް ފަނޑު އަލިކަމެކެވެ.
އަހަރެމެންނަކީވެސް ފަޤީރުބައެކެވެ. އެހެން ނަމަވެސް އެކަކާއި ޖެހި އަނެކަކު ފިތިގެން ދުވަހަކުވެސް ނުނިދަމެވެ.
އެތައް އިރަކު ގުޑާލަންވެސް ނޭންގިފައި އަހަރެން ހުރީމެވެ. ދޮރުމަތީގައެވެ. ކޮޓަރިއަށް ވަދެގެން ދާނެ ގޮތެއް ނޭންގިފައެވެ. އަނދިރިކަމަށް ލޯ ހޭނެން ފެށުމުން ކޮޓަރިތެރެއިން އަހަރެން ނިދާނެ ތަނެއް ހޯދަން ފެށީމެވެ. އެތާތިބި އެންމެންވެސް ތިބީ ނިދާފައެވެ. އަހަރެން އޮންނާނެ އެއްވެސް ޖާގައެއް އަހަންނަކަށް ނުފެނުނެވެ.
ދެތިން ފަހަރަކު ލޯ އުނގުޅާލާފައި ބަލާލީމެވެ.
ޖާގަ އެއް ފެނިއްޖެއެވެ. ބިންމަތީގައިވާ އަހަރެންގެ ފޮށި ނެގީމެވެ. އަދި އެތެރެއަށް ވަންނަން ފައި އަޅާލި ވަގުތު ބޭރުން ބޮތްކެއް ދިއްލުނެވެ. އަހަރެން އެނބުރި ބަލާލީމެވެ.
އެއީ މުންޑެއް ލާފައިވާ ޒުވާން މީހެކެވެ.
''ބާއި..''އެމީހާ އަހަރެންގެ ކޮނޑަށް އަތްވައްޓާލިއެވެ.
ނަސީބެކެވެ. އެއީ ބަންގްލަދޭޝް ބަސް ދަންނަ އިންޑިޔާ މީހެކެވެ. ރާޖޫއެވެ.
މި ހުރިހާ އިރު އަހަރެން ހީކުރީ، މި ކޮޓަރީގައި އުޅެނީ މުޅިންވެސް ދިވެހިންކަމަށެވެ. އޭނާ ކިޔާދިން ގޮތުން ރާއްޖޭގައި މިކަހަލަ ކިތަންމެ ތަނެއް ހުރެއެވެ. ހަމަ އެކަނި ބޭރުން އަންނަ މަސައްކަތްކުރާ މީހުންނަށެވެ.
ވާހަކަ ދައްކަމުންގޮސް އޭނާ އެތަނުން ދެތިން މީހަކަށް ގޮވާ، އަހަންނަށް ޖާގަ ދިނުމަށް ބުންޏެވެ. މި ކޮޓަރީގައިވަނީ އެކި ޤައުމުތަކުގެ މީހުންނެވެ. އަހަރެންގެ ޤައުމާއި އަދި އަވައްޓެރި ދެތިން ޤައުމުގެ ދިހަވަރަކަށް މީހުންނެވެ.
އެމީހުންގެ އެއްބައިވަންތަކަން އަހަރެން ހިތައް އެރިއެވެ.
ނިދުމުގެ ކުރިން ދެފައިދޮންނަން ފާހާނާއަށް ވަނުމަށްޓަކައި އޭނާ ކައިރިން ފާހާނާ ހުރިތަން އަހާލީމެވެ. އެނާ އިޝާރާތްކުރީ އޭރު ބޮކި ދިއްލުނު ދިމާއަށެވެ. އެއީ ކޮޓަރިން ބޭރުގައި ހަދާފައިވާ ތަނެކެވެ.
ނިދަން އޮށޯން އިރުވެސް ރާޖޫ، ރާއްޖެއާއި ބެހޭ އެތައް ވާހަކަތަކެއް ދެއްކިއެވެ. މުޅިންވެސް ރާއްޖެ މީހުންގެ ގޯސް ވާހަކައެވެ.
ހެނދުނު ހޭލައިގެން އަހަރެން މަސައްކަތަށް ދާން ތައްޔާރުވީމެވެ. ކުރަންޖެހެނީ ރޭނުމުގެ މަސައްކަތަށްވާތީ އެކަމަށް އެކަށޭނަހެން ހީވާ ހެދުން އަޅައިގެން އަހަރެން ބޮޑުމީހާ ހުންނަ ތަނަށް ދިޔައީމެވެ. އޭރު އެތަނުގައި ދިވެހިން ވަރަށް ގިނައިން ތިއްބެވެ. ހުރިހާ އެންމެ އަހަރެން ފެނުމުން ހީހީފައި މަލާމާތްކުރަން ފެށިއެވެ. ބައެއް މީހުން އަހަރެންނާއި ދިމާލަށް ދުވަމުން އަންނަނީއެވެ. އަހަރެން ހަދާނެ ގޮތެއް ނޭންގިގެން ބޮޑުމީހާއާއި ދިމާލަށް ބަލާލީމެވެ. އޭނާވެސް ބަނޑުގައި އަތް އަޅައިގެން ހުރެ ހެނީއެވެ. އަހަރެންގެ ސަލާމާތް ހޯދަން އަހަރެން ދުއްވައިގަތީމެވެ. ބިރުންނެވެ. ގަޔަށް ލެވުނުހާ ބާރެއްލާފައި ދުވަމުންދަނިކޮށް ބޮޑު ގަހެއް ފައިގެ ބޮޑުވާ އިނގިއްޔަށް ވެއްޓުނެވެ.
ތަދުވިލެއް ބޮޑުކަމުން، ހަޅޭއް ލަވައިގަނެވުނެވެ.
''އެ..މާފްކަރޯ ބާއި..''
އެއީ ހުވަފެނެކެވެ. އަހަރެންގެ ފައިމައްޗަށް ނޭންގި އެތަނުން މީހަކަށް އެރުނީއެވެ. ހެނދުނު ވީކަން އެނގުނީވެސް ހޭލެވުމުންނެވެ. ގަޑި ބަލާލިއިރު ހަޔެއް ޖަހަނީއެވެ.
އޭރު ކޮޓަރީގައިވާ ގިނަ މީހުން ހޭލާ އުޅެއެވެ.
އަހަރެންވެސް ބުރުސް ހިފައިގެން ފާހާނާ ކިޔުގައި މަޑުކޮށްލީމެވެ.
ތައްޔާރުވެގެން އެކި މީހުން ދިޔައީ އެކި ދިމާލަށެވެ. ރާޖޫ އަހަރެން ގޮވައިގެން، ބޮސް ބުނެފައިވާ ސައިޓަށް ދިޔައެވެ. ބޮސްއަކީ ރަގަޅުމީހެއްކަމަށް އަހަންނަށް ލަފާކުރެވުނީ އޭނާ ވާހަކަދައްކާއިރު ހިނިތުންވެފައި ހުންނާތީއެވެ. އެހެންކަމުން ރާއްޖޭގެ މީހުންނާއި މެދު އަހަރެންގެ ހިތުގައިވާ ފޫހިކަން ކޮންމެވެސް ވަރަކަށް ފިލާދިޔައެވެ.
ބޮސް ބުނީ އަހަރެން މަސައްކަތްކުރަން ޖެހެނީ ރާޖޫއާއި އެކުގައި ކަމަށެވެ. އެއީ އާ މީހަކަށް ވާތީއެވެ. އެކަން އެނގުމުން ވަރަށް އުފާވިއެވެ.
ރޭނުމުގައި ރާޖޫ އަހަންނަށްވުރެ ހަލުވި ވެފައި ފަރިތަކަން އަހަންނަށް ފާހަގަކުރެވުނެވެ. ނަމަވެސް ރާޖޫ އަށްފަހު ދެން އެންމެ އަވަހަށް ރާނާ މީހަކަށް އަހަރެން ވާނެކަން ގައިމެވެ.
ރާއްޖެއަށް އައިތާ ހަފްތާއެއްގެ ތެރޭ މީހުންނާއި ގުޅި އަދި ކޮޓަރީގައި އުޅޭ މީހުންގެ ހިތް ހެޔޮކަމުން އުޅެން ވަރަށްފަސޭހަވިއެވެ. ނިދުމާއި، ފާހަނާބޭނުން ކުރުމުގައި ދަތިތަކާއި ދިމާވިކަމުގައި ވިޔަސް، އެ އެންމެންގެ އެއްބާރުލުމާއި އެކު މިހާރު އެކަންތައްތައް އާދައަކަށް ވެ، ހޭނިއްޖެއެވެ.
މަސައްކަތް ނިންމާލުމަށްފަހު ތަންކޮޅެއް އަވަހަށް ގެއަށް އާދެވުނު ދުވަހެއްގައި ރާޖޫއާއި އެކު މާލެ ބަލާލަން ނުކުތީމެވެ. އޭނާ ބުނިގޮތުން މިތަން އެހާ އުޅެން ރަނގަޅެއް ނޫނެވެ. ފޭރޭ މީހުންނާއި ވައްކަން ކުރާމީހުންނާއި މާރާމާރީ ހިންގާ މީހުން ގިނަކަމުންނެވެ. އަހަރެން ހުރީ މަގަށް ނުކުތް އިރުވެސް އެކަމާ ބިރުންނެވެ. ނަސީބަކުން އަހަރެމެން އަތަކު، ބަޔަކު އައިސް ފޭރިގެން ގެންދާނެ އެއްޗެއް ނެތެވެ.
ހިނގަމުން ހިނގަމުން ގޮސް ޖުމްހޫރީ މައދާނާއި ކައިރިއަށް ދެވުމުން އަހަރެންގެ ވަރަށް ހިތްހަމަ ޖެހުނެވެ. އެހިސާބުގައި ދުއްވާއެއްޗެހި ގިނަކަމުގައި ވިޔަސް ހިތް ފަސޭހަވީމައެވެ. އަހަރެމެން އުޅޭ ގެ ހުންނަނީ މިހިސާބާއި ވަރަށް ދުރުގައެވެ. އެހެންކަމުން ިމިހިސާބަށް އެކަނި އަދި އަންނާކަށް އަހަންނަކަށް ނޭންގޭނެއެވެ.
ކޮންމެ ހުކުރު ދުވަހަކީ އަހަރެމެންނަށް ބަންދު ދުވަހެކެވެ. އެހެންކަމުން ރާއްޖޭގައި ތިބި ރައްޓެހިން ދެކިލުމަށް ރާޖޫ އަހަރެން ގެންދިޔައީ ސަލްޓަންޕާކަށެވެ. އެއީ ވަރަށް ރީތި ގަސްތަކެއް ހައްދާފައިވާ ބޮޑު ޕާކެކެވެ. އެއީ ވަރަށް ގިނަ ދުވަސްވީ ޕާކެއް ހެންވެސް އަހަންނަށް ހީވިއެވެ.
ވަގުތަކީ ހަވީރުގެ ވަގުތަށްވާތީ ވަރަށްގިނަ ބަޔަކު އެތަނުގައި ތިއްބެވެ. އަހަރެމެންގެ ޤައުމުގެ ވަރަށް ގިނަ ބަޔަކު އެތަނުން އަހަންނަށް ފެނުނެވެ. ރާޖޫ އެމީހުންނަށް އަހަރެން ތައާރަފްކޮށްދެމުންދިޔައެވެ.
ޤައުމުގެ މީހުންނާއި ބައްދަލުވުމުން، ހިތަށް ނޭނގޭ ވަރުގެ ބޮޑު އުފާވެރިކަމެއް ވެރިވިއެވެ. ހީވީ އާއިލާގެ ބަޔަކާއި ދިމާވިހެންނެވެ.
އެހެންނަމަވެސް ހަމަ އެވަގުތު މަންމަމެން ހަނދާންވާން ފެށިއެވެ. އެހެންޏާ މަންމަމެންނާއި މެދު ވިސްނާލެވެނީ ނިދާގަޑީގައެވެ.
ދެލޮލުން ކަރުނަ އަންނަންފެށުމުން އެތަނުން މީހަކު އަހަރެން ގޮވައިގެން މީހުންނާއި ދުރަށް ދިޔައެވެ.
''އަހަރެންވެސް ފުރަތަމަ ވަރަށް ވޭނުގަ އުޅުނީ... އަހަރެން އައިތާ މާ ގިނަ ދުވަހެއް ނުވަނީސް އަހަރެން ހުރި ގޭގަ އުޅުނު އަހަރެންގެ ޤައުމުގެ މީހުންގެ ތެރެއިން ތިން މީހަކު އަހަރެން އައްސާފައި ފިލީ.. ފަޅު ތަނެއްގަ.. އަދި ދަމުން ދިޔައީ އެ ފަޅުތަނުގެ ދޮރާށިވެސް ނުހުޅުވޭ ގޮތަށް އައްސާފަ.. ތިން ދުވަސް.. ތިން ދުވަސް ވަންދެން އަހަރެން އޮތިން އެހާލުގަ.. ދޭހާ އަތްވެއްގަ...ވެހޭހާ ވާރޭއެއްގަ.. ވިސްނާލަ.. މިއަދު އިރާދަފުޅުން އަހަރެން މިހިރީ ސަލާމަތުން.. މިތާ މީހުންވެސް ގޯސް... އެކަމަކު ކިހިނެއް އެނގެނީ މިޒަމާނުގަ މީހުންގެ ގޮތެއް.. ކިތަންމެ ގާތްމީހާވެސް ލަނޑެއް ދީފާނެ. އަހަރެން މިހާރު އެކަކަށްވެސް އިތުބާރެއް ނުކުރަން..''
އޭނާގެ ހާލަތު ހިތަށްވެސް ގެންނާކަށް އަހަރެންނަކަށް ނޭންގުނެވެ. ދެލޯ ބޮޑުކޮށްލައިގެން އޭނާއާއި ދިމާލަށް ބަލަން އިނދެވުނީއެވެ.
''އެހެންވީމަ ދިމާވާ ކަމެއްގަ... ފަހަރުގަ ކަމެއް ދިމާވިޔަސް، ނުވާނެ އެހާ އަވަހަށް މާޔޫސްވާން.. ހިތްވަރުކުރަންވާނެ.. އިތުރު ގޮތެއް އޮތް ނަމަ އަހަރެންވެސް އަދި ކަލޭވެސް މިތަނުގަ ނުތިބޭނެ.. އަހަރެމެން އެބަޖެހޭ އަހަރެމެންގެ ދިރިއުޅުމަށްޓަކާ، މައިންބަފައިންނަށްޓަކާ.. ކޮއްކޮމެންނަށްޓަކާ މަސައްކަތްކޮށްގެން ލާރި ހޯދަން.. މިތަނުގަ ކޮންމެ މަސައްކަތެއް ކުރިޔަސް ލާރި އެބަ ލިބޭ.. ގައުމުން ލިބޭ ވަރަށް ވުރެ ދެގުނަ ބޮޑުކޮށް.. އެހެންވީމަ ކޮންކަމަކާ ހާސްވާންވީ… މުސާރަ ލިބުނީމަ ފޯނެއް ގަނެލައިގެން، މަންމަމެންނަށް ގުޅާ…. އޭރުން ގައިމު ހަމަޖެހުމެއް ލިބޭނެ…ކީކޭ ބުނަނީ...'' އޭނާ ވާހަކަދައްކަމުން ދިޔައީ އަހަރެމެންގެ ެ ބަހުންނެވެ.
އަހަރެން ހީކުރިވަރަށްވުރެ އޭނާ ރަގަޅެވެ. އޭނާ ދެއްކި ހުރިހާ ވާހަކައެއްވެސް އަހަރެން ހިތުގެ އަޑިން ޤަބޫލު ކުރީމެވެ. އަނެއްކާވެސް ޖެހިގެން އަންނަ ހުކުރުގަ ބައްދަލުވާނެކަމަށްބުނެ އަހަރެމެން ވަކިވީމެވެ.(ނުނިމޭ)















3 ވަނަ ބައިކޮން އިރަކުން ތޯ އަންނަނީ….