ނަފްސުތައް އެފަރާތެއްގެ ބާރުގެ ދަށުގައިވާ ފަރާތް ﷲ ތަޢާލާ އިންސާނާ އަށް ތެދުމަގު ދައްކަވާނީ ކޮންވަގުތަކު ކިހިނެއްކަން އެއްވެސް އިންސާނަކަށް އެނގިގެން ނުވެއެވެ.އެހެންކަމުން އެއްވެސް މީހަކަށް އަނެކާ މުސްތަޤްބަލުގައި އުޅޭނޭ ގޮތެއް ނޭނގޭނެއެވެ.މިއަދު އަޅުގަނޑު ތިޔަ އެކުވެރި ކިޔުންތެރިންނާ ހިއްސާ ކޮއްލަން މިއުޅެނީ މުސްލިމު ޒުވާނެއްގެ ސަބަބުން އިސްލާމްކަން ގަބޫލު ކުރި ފާދިރީއަކާއިއެފާދިރީގެ ފަހަތުގައިވި ޖަމާޢަތެއްގެ ވާހަކައެވެ.
ޢަރަބި ޒުވާނަކު ތަޢުލީމު ހާސިލުކުރުމަށްޓަކައި އެމެރިކާއަށް ދަތުރުކުރިއެވެ. އެތާގެ ދިރިއުޅުމުގައި ކްރިސްޓިއަނަކު މިޒުވާނާގެ އެކެވެރިއެއް ކަމުގައިވެގެން ދިޔައެވެ.ދުވަސްތައް ފާއިތުވަމުންދެއެވެ. މިޒުވާނާ އޭނާގެ މަޤްޞަދު ކާމިޔާބު ކުރުމަށްޓަކައި ގަދަ އަޅައި މަސައްކަތް ކުރަމުންދެއެވެ.އެސާބިތުކަންމަތީގައި މިޒުވާނާހުއްޓާ އެމެރިކާގެ ޗާރޗަކަށް ދިޔުމަށް ކްރިސްޓިއަން އެކުވެރިޔާ އެދުނެވެ.ނަމަވެސް މިޒުވާނާ އެކަމަށް އިންކާރު ކުރިއެވެ.ދެވަނަ ފަހަރަށްވެސް ކްރިސްޓިއަން އެކުވެރިޔާ އެދުނެވެ.އެއްފަހަރު ނަމަވެސް އެތަން ބަލާލަން އެތަނަށް ދިޔުމަށް އެކުވެރިޔާ އާދޭސްކުރާތީ ޒުވާނާ އެއްބަސްވިއެވެ.
ކަނޑައެޅިފައިވާ ގަޑީގައި މި ދެމީހުން އެތަނަށް ހާޒިރުވެއްޖެއެވެ. އެފައްޅީގެ ފާދިރީވެސް އެތަނަށް ވަޑައިގަތެވެ. އެއަށްފަހު ހާޒިރީންގެ މޫނުތަކަށް ނަޒަރު ހިންގާލިއެވެ.އަދި އެފައްޅީގައި މުސްލިމު ޒުވާނަކު ހުރިކަން ހާމަކުރުމަށްފަހު އެޒުވާނާއަށް އެތަން ދޫކޮށް ދިޔުމަށް އަމުރު ކުރިއެވެ. އަދި ހާޒިރީންގެ ކިބައިން އެޒުވާނާއަށް ގޯނާ ނުކުރުމަށްވެސް އެދުނެވެ.މިޒުވާނާ މާޔޫސްވެފަ އެތަނުން ނިކުންނަން ދިމާ ކުރިއެވެ.އެހިނދު ފާދިރީ ޒުވާނާގެ ގާތުން އޭނަ ކުރާ ބާވީސް ސުވާލަށް ޖަވާބު ދެވިދާނެތޯ އެއްސެވެ.އެޒުވާނާ އެކަމަށް އެއްބަސްވިއެވެ.އެހިނދު ފާދިރީ ސުވާލު ކުރަންފެށިއެވެ.
ފާދިރީ:އެއާ އެއްފަދަ ދެވަނަ ފަރާތެއް ނުވާ ފަރާތަކީކޮން ފަރާތެއް ހެއްޔެވެ؟
ޒުވާނާ:އެއީ ﷲ އެވެ.
ފާދިރީ:ތިނެއްޗެއް ނުވާ ދެއެއްޗަކީ ކޮބާ ހެއްޔެވެ؟
ޒުވާނާ:އެއީ ރޭނގަޑާއި ދުވާލެވެ.
ފާދިރީ:ހަތަރެއްޗެއް ނުވާ ތިނެއްޗަކީ ކޮބާ ހެއްޔެވެ؟
ޒުވާނާ: އެއީ މޫސާގެފާނު ޙިޟްރުގެފާނު އަރިހުގައި ވަޑައިގެންނެވި ވަޑައިގަތުމުގައި ހުށަހެޅުނު ތިން ޢުޒުރެވެ.
ފާދިރީ: ފަހެއްޗެއް ނުވާ ހަތަރެއްޗަކީ ކޮބާ ހެއްޔެވެ؟
ޒުވާނާ:ތައުރާތާއި އިންޖީލާއި ޒަބޫރާއި ޤުރުއާނެވެ.
ފާދިރީ:ހައެއްޗެއް ނުވާ ފަހެއްޗަކީ ކޮބާ ހެއްޔެވެ؟
ޒުވާނާ:އެއީ ފަރުޟު ފަސް ނަމާދެވެ.
ފާދިރީ:ހަތެއްޗެއް ނުވާ ހައެއްޗަކީ ކޮބާ ހެއްޔެވެ؟
ޒުވާނާ: އެއީ ﷲ ތަޢާލާ މި ކައުނު ޚަލްޤު ކުރެއްވި ހަ ދުވަހެވެ.
ފާދިރީ: އަށެއްޗެއް ނުވާ ހަތެއްޗަކީ ކޮބާ ހެއްޔެވެ؟
ޒުވާނާ:އެއީ ހަތް އުނޑެވެ.
ފާދިރީ:ނުވައެއްޗެއް ނުވާ އަށެއްޗަކީ ކޮބާ ހެއްޔެވެ؟
ޒުވާނާ: އެއީ އަރުޝި އުފުއްލަވާ އަށް މަލާއިކަތުންނެވެ.
ފާދިރީ:ދިހަ އެއްޗެއް ނުވާ ނުވައެއްޗަކީ ކޮބާ ހެއްޔެވެ؟
ޒުވާނާ:އެއީ މޫސާގެފާނަށް ﷲ ތަޢާލާ ދެއްވި ނުވަ މުޢުޖިޒާއެވެ.
ފާދިރީ:އިތުރުވުން ގަބޫލު ކުރެވޭ ދިހަ އަކީ ކޮބާ ހެއްޔެވެ؟
ޒުވާނާ:އެއީ ހެޔޮކަންތަކެވެ.
ފާދިރީ:ބާރަ އެއްޗެއް ނުވާ އެގާރައެއްޗަކީ ކޮބާ ހެއްޔެވެ؟
ޒުވާނާ:އެއީ ޔޫސުފްގެފާނުގެ އެގާރަ އަޚުންނެެވެ.
ފާދިރީ: ތޭރައެއްޗެއް ނުވާ ބާރަ އެއްޗަކީ ކޮބާ ހެއްޔެވެ؟
ޒުވާނާ:އެއީ ﷲގެ އަމުރުފުޅަށް މޫސާގެފާނު އަސާކޮޅުން ކަނޑުގައި ޖެއްސެވުމުން ހެދިގެން ދިޔަ ބާރަ މަގެވެ.
ފާދިރީ:ސާދައެއްޗެއް ނުވާ ތޭރައެއްޗަކީ ކޮބާ ހެއްޔެވެ؟
ޒުވާނާ:އެއީ ޔޫސުފްގެފާނާއި އެކަލޭގެފާނުގެ އަޚުންނާއި އެކަލޭގެފާނުގެ މަންމައާއި ބައްޕައެވެ.
ފާދިރީ:ރޫހެއް ނެތި ނޭވާލާ އެއްޗަކީ ކޮބާ ހެއްޔެވެ؟
ޒުވާނާ:އެއީ ފަތިހެވެ.
ފާދިރީ:އެމީހަކައިގެން ދަތުރުކުރި ޤަބުރަކީ ކޮބާ ހެއްޔެވެ؟
ޒުވާނާ:އެއީ ޔޫނުސްގެފާނު ބަނޑުގެ ތެރެއަށް ދިރުވާލި މަހެވެ.
ފާދިރީ:ދޮގު ހެދުމަށްފަހު ސުވަރުގެ ވަން ބަޔަކީ ކޮބާ ހެއްޔެވެ؟
ޒުވާނާ:އެއީ ޔޫސުފްގެފާނުގެ އަޚުންތަކެވެ.
ފާދިރީ: އެއެއްޗެއް ﷲ ޚަލްޤް ކުރައްވާފައި އެއީ މުންކަރު އެއްޗެއް ކަމުގައި ވަޙީ ކުރެއްވީ އެއީ ކޯއްޗެއްހެއްޔެވެ؟
ޒުވާނާ:އެއީ ހިމާރުގެ އަޑެވެ.
ފާދިރީ: އަލިފާނުން ﷲ ޚަލްޤުކުރެއްވީ ކޯޗެއް،އަލިފާނުން ﷲ ހަލާކު ކުރެއްވީ ކޮންބައެއް އަދި އަލިފާނުން ﷲ ސަލާމަތް ކުރެއްވީ ކޮންބައެއް ހެއްޔެވެ؟
ޒުވާނާ: އަލިފާނުން ޚަލްޤު ކުރެއްވުނީ އިބްލީސް،އަލިފާނުން ހަލާކުކުރެވުނީ އަބޫޖަހުލާއި އޭނާގެެ އައުވާނުން އަދި އަލިފާނުން ސަލާމަތްކުރެވުނީ އިބްރާހިމްގެ ފާނެވެ.
ފާދިރީ:މަންމައަކާއި ބައްޕައަކާއި ނުލާ ﷲ ޚަލްޤުކުރެއްވި ތަކެއްޗަކީ ކޮބާހެއްޔެވެ؟
ޒުވާނާ:އެއީ އާދަމްގެފާނާއި މަލާއިކަތުންނާއި ޞާލިޙްގެފާނަށް މުޢުޖިޒާތެއްގެ ގޮތުގައި ދެއްވި ނާޤާ އަދި އިބްރާހިމްގެފާނަށް ޒަބަހަ ކުރެއްވުމަށްޓަކައި ދެއްވި ކަބުޝްއެވެ.
ފާދިރީ:ހިލައިން ﷲ ޚަލްޤުކުރެއްވީ ކޯޗެއް،ހިލައިން ހަލާކު ކުރެވުނީ ކޮންބައެއް އަދި ހިލައިން ސަލާމަތް ކުރެވުނީ ކޮންބައެއް ހެއްޔެވެ؟
ޒުވާނާ:ހިލައިން ޚަލްޤުކުރެއްވުނީ ސާލިޙްގެފާނަށް މުޢުޖިޒާތެއްގެ ގޮތުގައި ދެއްވުނު ނާޤާ، ހިލައިން ހަލާކު ކޮށްލެވުނީ ފީލުބާގައިގެ މީހުން އަދި ހިލައިން ސަލާމަތް ކުރެވުނީ ކަހުފުބާގައިގެ މީހުންނެވެ.
ފާދިރީ: އެއެއްޗެއް ޚަލްޤްކުރައްވާފައި އެއީ ވަރަށް ބޮޑު އެއްޗެއް ކަމުގައި ވަޙީ ކުރެއްވީ ކޯޗެއްހެއްޔެވެ؟
ޒުވާނާ:އެއީ އަންހެނުންގެ މަކަރެވެ.
ފާދިރީ:އެގަހެއްގައި ބާރަ ގޮފިވާ ކޮންމެ ގޮއްޕެއްގައި ތިރީސް ފަތްވާ އަދި ކޮންމެ ކުރިގަނޑެއްގައި ފަސް މޭވާ އަޅާ ރޭގަނޑު ތިން މޭވާ ދުވާލު ދެ މޭވާ އަޅާ ގަހަކީ އެއީ ކޮންގަހެއް ހެއްޔެވެ؟
ޒުވާނާ:އެއީ އަހަރެވެ.
ޢަރަބި މުސްލިމު ޒުވާނާގެ ޖަވާބުތަކަށްފަހު ފާދިރީ ހަމަހިމޭންވިއެވެ. އަދި މުޅި ޗާޗުތެރެއަށްވެސް ހަމަހިމޭންކަން ވެރިވެގެންދިޔައެވެ. ޒުވާނާ ދަމުން ފާދިރީ އާއި މުޚާޠަބުކޮށް ބުންޏެވެ."އަހަރެން ބޭނުންވަނީ ކަލެއާ އެންމެ ސުވާލެއް ކޮއްލާށެވެ.ސުވަރުގޭގެ ތަނޅުދަނޑިއަކީ ކޮބާ ހެއްޔެވެ؟"އެހިނދު ފާދިރީގެ ހަމަހިމޭންކަން އިތުރުވެގެން ދިޔައެވެ.ޗާރޗްގެ ތެރޭގައިތިބި މީހުން ފާދިރީއަށް ބުންޏެވެ."ކަލޭކުރި 22 ސުވާލަށް އޭނަ ޖަވާބުދީފިއެވެ.ނަމަވެސް އޭނަ ކުރި އެންމެ ސުވާލަކަށް ކަލެއަށް ޖަވާބު ނޭނގެއެވެ.ފާދިރީ ބުންޏެވެ."އަހަންނަށް އެނގެއެވެ. އެކަމަކު މަގޭ ފުރާނައަށް ނުރައްކާވެދާނެތީ ބިރުގަނެއެވެ." ޗާރޗުގެ ތެރޭގައިތިބި މީހުން ފާދިރީއަށް ބުންޏެވެ."އެއްވެސް ނުރައްކަލެއް ނެތެވެ.ޖަވާބުދޭށެވެ." އެހިނދު ފާދިރީ ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްކަން ފާޅުކުރިއެވެ.އަދި ޝަހާދަތުގެ ދެކަލިމަކީ ސުވަރުގޭގެ ތަޅުދަނޑިކިން ހާމަ ކުރިއެވެ. ހަމަ އެއާއެކު ޗާރޗު ތެރޭގައި ތިބި މީހުން އެއްއަޑުން އިސްލާމްކަން އިޢުލާން ކުރިއެވެ.
އިސްލާމްކަމުގެ ނޫރު ﷲ އިންސާނާގެ ހިތަށް ވައްދަވާނީ ކިހިނެއް، ކޮންތާކު ކޮންވަގުތަކު ކަންއެގިގެން ނުވެއެވެ.އަޅުގަނޑުގެ ދުޢާއަކީ އަޅުގނޑުމެންގެ ޒުވާނުންނަކީ ﷲ އަށާއި ނަބިއްޔާއަށް ލޯބިކުރާ ބަޔަކު ކަމުގައި ލެއްވުމެވެ.އިސްލާމްކަމުގެ ނޫރުން އުޖާލާ ވެފައިވާ ޤައުމެއް ކަމުގައި ލެއްވުމެވެ.އަދި އަޅުގަނޑުމެންނަކީ އަޅޫގަނޑުމެންގެ އަތުގައިވާ ސުވަރުގޭގެ ތަޅުދަނޑީގެ މުހިންމުކަން އިހްސާސް ކުރެވޭ ބަޔަކު ކަމުގައި ލެއްވުމެވެ.















ވަރަށް ފުރިހަމަ.ވރށް ޢިބްރަތްތެރި.މުގުތަމަޢަށް މިފަދަ ވާހަކަތަތް މިއަދު ވަރަށް މުހިންމު.