ޙަޟުރަތު ސުފިޔާން ޘައުރީގެ އަރިހުން ޚަލީފާ މަންޞޫރު ނަޞޭޙަތެއް ދެއްވުމަށް އެދިލެއްވުމުން ސުފިޔާން ޘައުރީ ވިދާޅުވިއެވެ. ޚަލީފާ ވަރަށް ބޮޑަށް ފެންބޮވައިގަނެ، ފެންނުލިބުމުގެ ސަބަބުން ފުރާނަދާ ހިސާބަށް ގޮސްފައި ވަނިކޮށް، ރަސްކަމުގެ އެއްބައި ދިނުމުން ފެންދޭނެ ކަމަށް މީހަކު ބުނެފިނަމަ ކަލޭގެފާނު ކަންކުރައްވާނީ ކިހިނަކުން ތޯއެވެ؟ ޚަލީފާ ވިދާޅުވިއެވެ. "ވެރިކަމުގެ އެއްބައި އެމީހަކަށް ދީފައި ފުރާނަ ސަލާމަތް ކުރުމަށް ޓަކައި ފެންތައްޓެއް ހޯދާނީއެވެ."
ސުފިޔާން ޘައުރީ އަނެއްކާވެސް ވިދާޅުވިއެވެ. "ކަލޭގެފާނު އެފެން ތަށި ހިއްޕެވުމުގެ ފަހުން ކުޑަކަމުނުދެވުމުގެ ސަބަބުން އެކަމަށް ފަރުވާ ކުރަންބެލި އިރު ވެރިކަމުގެ އަނެއްބައި ދިނުމުން ނޫނީ ޙަކީމު ކުޑަކަމުދެވޭ ގޮތް ހެދުމަށް ފަރުވާ ކުރަން އިންކާރުކޮށްފިނަމަ ކަލޭގެފާނު ދެން ހައްދަ ވާނީ ކިހިނަކުން ހެއްޔެވެ؟ ﷲ އެހެން މިންވަރު ނުކުރެއްވިއްޔާ ކިތަންމެހާވެސް ރަނގަޅެވެ." ޚަލީފާ ވިދާޅުވިއެވެ. "ވެރިކަމުގެ އަނެއްބައި އެމީހަކަށް ދީފައި ފުރާނަ ސަލާމަތް ކުރުމަށްޓަކައި އެފަރުވާ ކުރާނީއެވެ. ޚަލީފާ މިހެން ވިދާޅުވުމުން ސުފިޔާން ޘައުރީ ދެންވިދާޅުވީ ވަރަށް ހައިރާން ކުރަނިވި ވާހަކައެކެވެ. އެހެންވިއްޔާ މިކަމުން މިއެނގުނީ ވެރިކަމުގެ އަގުތާއެވެ. "ވެރިކަމުގެ އަގު އެއްތަށި ފެނާއި ފަހަރުވާ ކަޓޫރާއަކާއި އެއްވަރެވެ."
ކޮންމެ ދުވަހަކު އެތައްސަތޭކަ ތައްޓެއްގެފެން އެއްވެސް ބަދަލަކާއި ނުލައިދެއްވާ ﷲ އަށް ޝުކުރު އަދާކުރާށެވެ. އެއްވެސް ބަދަލަކައި ނުލައި އެތައް ފަހަރަކު ކުޑަކަމުދެވޭނޭ ނިޒާމު މެދުވެރި ކުރެއްވި ކަންމައްޗަށްވެސް ވިސްނަވާބައްލަވާށެވެ. މާތްﷲ ދެއްވާ ކޮންމެ ނިޢުމަތެއްގެ ބަދަލު އެކަލާނގެއަށް އަދާކުރަން ޖެހިއްޖެނަމަ އިންސާނުން ދިރިތިބޭނީ ކިހިނަކުން ހެއްޔެވެ؟
ހުރިހާ އަޅުންވެސް ދުވާލަކު އެތައްފަހަރަކު އެކަލާންގެ ދެއްވި ނިޢުމަތްތައް މަތިން ހަނދުމަކޮށް ޝުކުރު އަދާކުރާށެވެ. އެހެން ޢަމަލު ކުރުމުން ﷲގެ ނިޢުމަތްތައް ދެނިގަތުގެ ނަޞީބު ލިބެއެވެ. އަނެއްކޮޅުން އެކަލާންގެ ނިޢުމަތްތައް އެކަމުން އިތުރު ކުރައްވައެވެ.
ދެން ވިސްނަންވީ އަނެއްކަމަކީ އިންސާނާގެ ކުރިމަތީގައި ވެރިކަމާއި ޖާހުގެ އަގަކީ ކޮބައިތޯއެވެ. އެވެރިކަމަށް ޓަކައި އެތައްބައެއްގެ ލޭއޮހޮރުވަމުން އެދަނީ އެކަމުގެ އަގަކީ ހަމައެކަނި އެއްތަށި ފެނާއި ފަހަރުވާ ކަޓޫރާއެއްގެ އަގެވެ. މިހުރިހާ ކަމެއް އިންސާނުން ވިސްނާނީ ކޮން ދުވަހަކުން ބާވައެވެ.
( ނިމުނީ )
*****************
ކުޑަރަދީފު:
ފަހަރުވާ: ކުޑަކަމުދާ އެއްޗިހި
ކަޓޫރާ:ޓިނު، ނުވަތަ ޖަސްތުން ހަދައިފައި ހުންނަ ކުދި ދަޅު















ޚިޔާލު