ވާހަކަ

މަންމަ އަހަރެންނަށް ހެދީ ދޮގެވެ.

މިވާހަކަފެށިފައިވަނީ އަހަރެން އުފަންވީދުވަހުން ފެށިގެންނެވެ. އެދުވަހުންފެށިގެން އަހަރެންގެ މަންމަ 8 ފަހަރު އަހަރެންނަށް ދޮގުހެދިއެވެ.

އަހަރެންނަކީ ވަރަށްފަޤީރު ޢާއިލާއަކަށް އުފަންވެފައިވާ ހަމައެކަނި ޢާއިލާގައިހުރި ފިރިހެންދަރިއެވެ. ފަޤީރުކަމުގެ ޙާލަތަހުރިމިންވަރަކީ ކާލާނެއެއްޗެއްނެތިވެސް ބައެއްދުވަސްއެއްކޮށް ހޭދަވެގެންދެއެވެ. މިހާލުގައި އުޅެމުންގޮސް ކާއެއްޗެއްލިބޭހިނދު މަންމައަށްވާ ބައިވެސް ދެނީ އަހުރެންނަށެވެ. އަދި ދިނުމަށްފަހު ބުނެއެވެ. " ދަރިފުޅާ ކާލާށެވެ. މަންމަ ބަނޑުހައެއްނުވެއެވެ." މިއީ މަންމަގެ ފުރަތަމަ ދޮގެވެ.

އަހަރެންގެ ޢުމުރުން ގާތްގަނޑަކަށް 6 އަހަރުވީއިރު ބައެއްދުވަސްދުވަހު މަންމަ ގޭތެރޭގައި ކުރަންހުންނަ މަސައްކަތްނިންމާލުމަށްފަހު ކާނެމަހެއްލިބޭތޯ ރަށުގެ ގޮނޑުދޮށަށް ދޮއްޓެއްހިފައިގެންދެއެވެ. މިހެންއުޅެނިކޮށް އެއްދުވަހަކު 2 މަސްބޭވުނެވެ.އަވަސްކޮށްލައިގެންއައިސް އެދެމަސް ގަރުދިޔަކަށްކާލުމަށްފަހު ކާންހެދިއެވެ. އަހަރެން ކާންފެށިއުރު މަންމަ ބަލަހައްޓައިގެން އިނެވެ. ކަށި ހުރުމުގެ ސަބަބުން ތަށީގެ އެއްފަރާތުގައި ބާއްވާމަސްކޮޅު ނަގައިގެން މަންމަ ކާލައެވެ. އެތަންފެނެފައި އަހަރެންވަރަށް ދެރަވިއެވެ. ގަރުދިޔަތެލިން އަނެއްމަސްނަގަފައި މަންމަކައިރިއަށް އަހަރެން ޖައްސާލީމެވެ. އެމަސްވެސް އަހަރެންނާ ކައިރިކޮށްލުމަށްފަހު ބުނެލިއެވެ. " ދަރިފުޅާ ދަރިފުޅަށް އެނގެއެއްނު މަންމައަށް ފަރުމަސް މީރުނޫންކަން " މީ އަހަރެންގެ މަންމަގެ 2 ވަނަ ދޮގެވެ.

ގްރޭޑް 2 ށް އަހަރެންދިޔަ އަހަރު ރަށުގެ އައުމިސްކިތް އެޅުމަށް މަސައްކަތާއިހަވާލުވިފަރާތް ރަށަށްއައިސް މަސައްކަތްފެށިއެވެ. ހަމައެއާއެކު މަންމަ އެތަނުން މަސައްކަތެއްލިބޭތޯ ދިއުމުން ގަލާއި ގަށާފައިހުރިސިމެންތި އުފުލުމުގެ މަސައްކަތް މަންމައަށް ހަވާލުކުރިއެވެ. މުޅި ދުވާލު މަސައްކަތު އުޅެފައި މަންމަ ގެއަށްއަންނައިރު ހުންނަނީ ހިރަފުހާއި ސިމެންތިން ތަތްތެޅިފައެވެ. އެއްދުވަހަކު އިރުއޮއްސުނުއިރުވެސް މަންމަ ގެޔަކަށްނައެވެ. މަސައްކަތްކުރާ ސައިޓަށްދިޔައިރު ފަނޑު އަލީތެރޭގައި މަންމަ އަވަދިނެތި މަސައްކަތްކުރަންހުއްޓެވެ. އެއިރު ވިދާ ގުގުރަމުންދެއެވެ. މަންމަކައިރިއަށްގޮސް ހުއްޓުމުން ސިއްސައިގެންގޮސް ބަލާލިއެވެ. އެހިނދު ހީނލާފަ މަންމަ ބުނެލިއެވެ. "މީ އިތުރުގަޑީގައި މަސައްކަތްކޮށްލަނީއެވެ." އަހަރެން މަންމައަށް ބުނީމެވެ. މަންމާ މިހާރު އިރުއޮއްސި އަނދިރިވިއެވެ. މަންމަ ވަރުބަލިވެސް ވަނެއެންނުހެއްޔެވެ. ހީނލާފަ މަންމަބުނެޏެވެ. " ދަރިފުޅާ ވަރުބައްޔެއް ނުވެއެވެ." މީ އަހަރެންގެ މަންމަގެ 3 ވަނަ ދޮގެވެ.

އަހަރުގެ ފަހު އިމްތިހާންއޮތްދުވަހު އަހަރެންގޮވައިގެން މަންމަ ސްކޫލަށްއައުމަށްފަހު ނިމެންދެން މަންމަ ބޭރުގައި ހުންނަނަމޭ ބުނުމުން ގެއަށްދިއުމަށް އެދުނީމެވެ. ނަމަވެސް އަހަރެން ޓެސްޓް ހަދަން ފެށީއްސުރެން ނިމެންދެން ގަދައަވީގައި މަންމަބޭރުގައިހުރެ އަހަރެންނަށްޓަކައި ދުޢާކުރަމުން ގެންދިޔައެވެ. ޓެސްޓް ނިމިގެން ބޭރަށް އައުމުން ލޯބިން ބައްދާލާފައި މަންމަ އަހަރެންނަށްޓަކައި ގަނެގެން އައި ޖޫށްޕެކެޓް ދިއްކޮށްލިއެވެ. ޖޫސް ކޯވަރެއްބޯލުމަށްފަހު މަންމައާ ދިމާލަށް ބަލާލިއިރު މަންމަ ދާހިއްލާ ތެމެފޯވެގެންގޮސް މޫނުން ފެންތިކި ޖަހަނީއެވެ. އަހަރެން ބޮމުންދިޔަ ޖޫސްޕެކެޓް ދިއްކޮށްލުމަށްފަހު ބޯލަންބުނުމުން ޖަވާބުގައި މަންމަ ބުންޏެވެ. " ނޫން ނޫން ދަރިފުޅާ މަންމަ ފެނެއް ނުބޮވައެވެ." މީ މަންމަގެ 4 ވަނަ ދޮގެވެ.

ބައްޕަ މަރުވުމުން އަހަރެމެން މުޅިން އެކަނިވެރިވިއެވެ. ދިރިއުޅުން ވަރަށްދަތިވެގެން ދިޔައެވެ. އަމިއްލެއަށް މަސައްކަތްކޮށްގެން ދިރިއުޅުމުގެ ހުރިހާ ޚަރަދެއްކުރަށްޖެހުމުން ބަނޑަށްޖެހޭހިސާބަށްވެސް ބައެއްދުވަސްވަރުދެއެވެ. ބޮޑުބޭބެއަކީ ވަރަށް ރަނގަޅުމީހަކަށްވުމުން ބައެއްފަހު ކާއެތިކޮޅު ފޮނުވާހަދައެވެ. މަންމަގެ މި އެކަނިވެރި ދިރިއުޅުން ފެނުމުން ދެވަނަކައިވެއްޏެއްކުރުމަށް އަވަށްޓެރިން މަންމައަށް ޚިޔާލުދިނެވެ. ނަމަވެސް މަންމަބުންޏެވެ. " މީހެއްގެ އެހީތެރިކަމެއް ބޭނުމެއްނޫނެވެ." މީ އަހަރެންގެ މަންމަގެ 5 ވަނަ ދޮގެވެ.

އަހަރެންގެ ކިޔެވުން ހަމަނިމުނުތަނާހެން ވަޒީފާއެއްވެސް ލިބިއްޖެއެވެ. އެއިރު މަންމަވެސް ޢުމުރުން ދުވަސްވެ މުސްކުޅިވެސް ވެއްޖެއެވެ. އެހެންވުމުން މަންމަ ލައްވާ އިތުރަށް މަސައްކަތް ނުކުރުވުމަށް ޤަސްދު ކުރީމެވެ. އަދި މަންމަ މަސައްކަތު ތަންތަނަށް ނުދިއުމަށް ބުނީމެވެ. އަދިހަމައެއާއެކު އަހަރެންގެ މުސާރައިން ވަކިވަރެ ކޮންމެ މަހަކުވެސް ދޭގޮތަށް ނިންމާ ލާރިދިނުމުން އެލާރި ގެންދިއުމަށް އިންކާރުކުރަމުން ބުނެލިއެވެ. " މަންމަ އަތުގައި ލާރި އެބަހުއްޓެވެ. ތިފައިސާ ދަރިފުޅު އަތުގައި ބަހައްޓާށެވެ. މަންމަ ލާރިބޭނުމެއްނޫނެވެ. " މީ މަންމަގެ 6 ވަނަ ދޮގެވެ.

ވަޒީފާގައި ލިބުނު ކުރިއެރުމާއެކު އަހަރެންގެ ވަޒީފާ ޖަރުމަނަށްބަދަލުވިއެވެ. ވަޒީފާގައި އެތަނަށްގޮސް ހަމަޖެހެލުމާއެކު މަންމަ އަހަރެންގެ ކައިރިއަށް ގެންދިއުމަށް ގުޅާލުމުން ޖަވާބުގައި މަންމަ ބުންޏެވެ. "މަންމަ ތިތަނަށް ދިއުމުން ދަރިފުޅަށް ދަތިވާނެއެވެ. އަދި އަމުދުން ބޭރުގައުމެއްގައި މަންމައަށް އުޅޭކަށް ފަސޭހައެއްވެސް ނޫނެވެ. ތިތާކު މަންމައަކަށް ނޫޅެވޭނެއެވެ. "މީ މަންމަގެ 7 ވަނަދޮގެވެ.

ދުވަސްތައްހޭދަވަމުންގޮސް މަންމަ ވަރަށް މުސްކުޅިވެއްޖެއެވެ. ބަލީގެ ފަރުވާކުރަމުން ދަނިކޮށް ޑޮކްޓަރ ދިންޚަބަރާއެކު ފައިދަށުން ބިންގަނޑު ދެމިގެން ދިޔައެވެ. މަންމައަށް ކެންސަރުޖެހިފައިވާކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. މަންމަގެ ޙާލުބޮޑުވުމުން ހުރިހާކަމެއްދޫކޮށް ވަގުތުން އަހަރެން މަންމަކައިރިއަށްއައީމެވެ. މަންމަ ކައިރިއަށްއައިރު އެނދުމަތީގައި ވަރަށް ހާލުދެރަވެ،އޮށޯވެލައިގެންއޮތެވެ. އަހަރެން ފެނުމާއެކު ހީލުމަށް ވަރަށްމަސައްކަތް ކުރަމުންދިޔައެވެ. މަންމައަށްވަމުންދިޔަގޮތްފެނިފައި ކުއްލިއަކަށް ރޮވިއްޖެއެވެ. މަންމަ ބުނެލިއެވެ. " ދަރިފުޅާއެވެ. ނުރޯށެވެ. މަންމަމުޅިން ރަނގަޅެވެ. ބަލީގެ އެއްވެސް އުނދަގުލެއްނުވެއެވެ. މީ އަހަރެންގެ ލޯބިވާ މަންމަގެ 8 ވަނަ ދޮގެވެ. މިހެން ބުނުމާއެކު އަބަދުގެ އަބަދަށް މަންމަ މިދުނިޔެއަށް ލޯމަރީލީއެވެ. އަހަރެންނާ މަންމަ މުޅި ޢުމުރަށް ވަކިވެގެން ދިޔައީއެވެ.

8 ކަމަކަށް މަންމަ ދޮގުހެދިކަމަށް މިބުނަނީ އެކަންކަމަށް މަންމަގެ ހިތުގެ އަޑިން ދަރިއަށްޓަކައި ބައެއްކަންކަން ފޮވުމުން ދިޔައީތީއެވެ. ބަނޑުހައިނުވާވާހަކަބުނީ ބަނޑު ހައިނުވާތީކީނޫނެވެ. ދަރިފުޅަށް ކާންދިނުމުގެ ބޭނުމުގައެވެ. މަސްމީރުނޫންކަމަށްބުނީ މީރުނުވީމައެއްނޫނެވެ. ބުރަމަސައްކަތްކުރަމުން ދިޔައީ ވަރުބަލިނުވާތީކީވެސް ނޫނެވެ. އަހަރެންނަށްޓަކައި ފައިސާ ހޯދުމަށެވެ.ޖޫސް ނުބުއީކީ ފެންނުބޮވާތީކީނޫނެވެ. މީހަކާ ނީނީވެސް އެހީތެރިކަން ބޭނުންނުވާތީކީނޫނެވެ. އެކަމުން އަހަރެންނަށް ގެއްލުމެއްލިބިދާނެކަމަށްބިރުންނެވެ. ފައިސާ ބޭނުންނޫންކަމަށްބުނީކީ ބޭނުންނުވާތީކީނޫނެވެ. އަދި އަހަރެން ދިރުއުޅޭ ޤައުމަށް ނުދިޔައީކީ ދަހިތްނުވާތީ ނޫނެވެ. އެކަމުން އަހަރެންނަށް ދައްޗެއްފޯރަފާނެތީއެވެ. އަދި ވޭންނާޅާކަމަށްބުނީ ވޭންނާޅާތީކީވެސް ނޫނެވެ. އެހުރިހާކަމެއް ކުރަމުން އެދިޔައީ އަހަރެންނަށްޓަކައެވެ. ޙަޤީގަތުގައި މަންމަ ހަދަމުންއެދިޔަކީ ދޮގުތޯއެވެ. ދަރިންދެކެ ވާލޯބީގައި އެކުދިންނަށް އުނިކަމެއް ލިބިދާނެތީ ކަންކަން ފޮރުވަނީއެވެ.

މަންމަގެ މުހިންމުކަން އެމީހެއްގެ ޙަޔާތުގައި މަންމަގެ އެހީތެރިކަން ލިބެމުންދާ ކޮންމެމީހާކަށް އެނގޭނެއެވެ. އެއީ ކޮންފަދަ ނިޢުމަތެއްތޯއެވެ. މަންމަ އެހެން ގޮތަކަށް ސިފަކުރާނަމަ ބުނެވޭނީ މަންމައާއި މަލާއި އެއްވެސް ތަފާތެއްނުވެއެވެ. ދުނިޔެއަކީ މަލެއްނަމަ މަންމައަކީ އޭގެ މީރުވަހެވެ. ދުނިޔެއަކީ ލޯކަމުގައިވަނީ ނަމަ މަންމައަކީ އޭގެ ފެނުމެވެ. އެދުމެއްނެތި އިޚުލާޞްތެރި ލޯތްބޭއް ހަމައެކަނި ލިބޭނީ މަންމަގެ ފަރާތުންނެވެ. މަންމަ ނުވާގެއެއް ގަބުރުސްތާނެއްފަދައެވެ.

މަންމައަށް ހިތާމައެއްދިނުމަށްފަހު އުފަލުގައި ހުރެވުނީ ކާކަށްހެއްޔެވެ. އަރާމާއި ހަމަޖެހުމާއި އުފަލުގެ ތަންމައްޗަކީ އެއީއެވެ.
( ނިމުނީ )

ގުޅުންހުރި

ޚިޔާލު

Comments are closed.

More in ވާހަކަ