މިއީ 30 ނޮވެމްބަރ 2011 ގައި ދިއިސްލާމްގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ.
1. ތިމަން ނަޔަކީ ކަލެއް ކަމަށް ދައުވާ އުފުލި ފިރުޢައުނުގެ އަނބިންގެ ތެރޭގައި ސާލިޙް އަންހެން މުއުމިން ބެއި ކަނބަލަކު އުޅުއްވި އެވެ. އެކަމަނާ ގެ އިސްލާމްކަން ފޮރުވައިގެން އުޅުއްވަނިކޮށް އެކަން ފިރުޢައުނަށް ފަޅާ އެރިދުވަހެވެ. ލަސްކުރުމެއްވެސް ނެތި މި ނުބައި ޖައްބާރު އައިސް އެ އަންހެން ސާހިބަށް އަނިޔާދެއްކި އެވެ. އަދި އެވަރު ނުވެގެން ގާރޑުންގެ ކައިރީގަވެސް ބުނެ އެމީހުންލައްވާވެސް އަނިޔާކުރުވިއެވެ. ނަމަވެސް ގައިގެ އެތަންމިތަންފެޅި، ލެޔާތަތްތެޅި، ވާނުވާ ނޭންގޭ ޙާލުކޮޅުގައި އޮންނަވާވެސް ﷲ އަށް ހެޔޮހިތުން ދުޢާކުރެއްވެވިއެވެ. "ޔާ ﷲ! ތިމަން އަޅާއަށް ސުވަރުގޭގައި ގެކޮޅެއް އަޅުއްވައި ދެއްވައި ފިރުޢައުނާއި އޭނަގެ ޢައުވާނުން ގެ ކިބައިން ސަލާމަތް ކުރައްވަވާންދޭވެ".
އެދުވަހު އެ މުއުމިން އަންހެނާ، އެ ހިތްވަރުގަދަ ފަހުލަވާނު، ﷲ ގެ މަގުގައި ކެތްކޮށްލި "އަންހެން" ސާހިބު ވިދާޅުވިކަމަށް ރިވާވެގެން ވާގޮތުން، އުޑުތައް ހުޅުވިގެން ގޮސް އެކަމަނާޔަށް އެކަމަނާ އެދިވަޑައިގެން ގެކޮޅު (ގަނޑުވަރުކޮޅު) ދެއްކެވިއެވެ. އަދި އެހިނދު އަނިޔާކުރަމުން ދިޔަ މީސްތަކުން ހައިރާން ކުރަނިވި ހިނިތުންވުމެއް އެ މޫނުމައްޗަށް ވެރިވެގެން ދިޔައެވެ. ފިރުޢައުނަށްވެސް މިމަންޒަރު ފެނުނެވެ. ދެން އޭނާ އިހުނަށްވުރެން ޖައްބާރުކަން އިތުރު ކޮށް ވަރުގަދަ ބޮޑު ހިލަގަނޑެއް ގެނެސް އެކަމަނާ ގެ މައްޗަށް ވައްޓާލާ ޗިސްކޮށްލުމަށް އަމުރު ކުރިއެވެ. ސުބުޙާނަﷲ.
އާދެ މި ހިތްވަރުގަދަ އަންހެން މީހަކީ ޢާޝިޔަތ ނަމަކަށްކިޔުން ކަމަނާއެވެ. ﷲ އެކަމަނާގެ ދުޢާ އިޖާބަކުރައްވަވާ އެފިރުޢައުނުގެ ނުބައި ކަމުން ސަލާމަތްކުރެއްވީއެވެ. މުސްލިމުންގެ އެންމެހާ ފިރިހެނުންނާއި އަންހެނުންނަށް މިސާލު ދައްކައިދީފައެވެ.
2. މި މަންމައަކީ ނަމާދަށްލޯބި ހުރި މައެކެވެ. ދަމުނަމާދުވެސް ކޮށްހަދާމި މަންމަ އެއްރޭ އޭނަގެ ދަރިފުޅަށް ގޮވައިގެން ދަރިފުޅަށް އާދެވުން އިރު މަންމަ ވާވެގެން ވާ ޙާލު ސަޖިދައިގައެވެ. ޑަކްޓަރަށް ގެންދިޔުމުން އެ ބޭފުޅުންވެސް ބައްލަވާފައި ވިދާޅުވީ ސަލާމަތް ވާން އިނީ ވަރަށްވެސް ކުޑަ ޗާންސް އެއްކަމަށެވެ. އެވަގުތު އެ މަންމަ އެ ދަރިފުޅުގާތުގައި އަލުން އަނބުރާ މަންމަގެ ކޮޓަރިޔަށް މަންމަގެ މުސައްލަ މައްޗަށް ކުރިންވެސް އޮތް ޙާލަތަށް ގެންގޮސް ދިނުމަށް އަމުރު ކުރިއެވެ. އެ މަންމަ އެސަޖިދައިގައި އޮވެ ﷲ އާއި މި ފިރިހެން ދަރި ޙަވާލުކޮށްފައި އެރޭ ދުނިޔެ ދޫކުރީއެވ.
ދަންނާށެވެ. މާދަމާ މަޙުޝަރު ދުވަހު އެންމެން މަރުވާ އިރު އެހުރި ޙާލަތެއްގައި ހުރެ ތެދުވެވޭއިރު މި މައިމީހާ ތެދުވާނީ ﷲ ގެ ޙަޘްރަތަށް ސަޖިދަ ކުރާ ޙާލު އޮވެ އެވެ. ސުބުޙާނަﷲ.
3. ޝައިޚް މުޙައްމަދު ޙަސަން ވިދާޅުވިއެވެ: ތިމަން އެއްދުވަހަކު "އަލް-މަންސޫރާ" ގައި ތިމަން ވަނިކޮށް މަޔަކު އޭނަގެ ދަރިފުޅަކު ތިމަންގެ ގާތަށް ފޮނުވިއެވެ. އެ ކުއްޖާ އައިސް ތިމަންގެ ގާތުގައި "ޝައިޚް އޭ މާފް ކުރައްވާށޭ، ނަމަވެސް ތިމަންނަޔަށް މިހެން ބުނަން އެބަޖެހެޔޭ" ބުނުމުން ތިމަން އާދޭހޭ އައްސަވާށޭ ދެންނެވީމެވެ. ދެން އެކުއްޖާ، ތިމަން މި އައީ ތިމަންގެ މަންމަ ޝައިޚްގެ ގާތަށް ފޮނުވައިގެން ނޭ ބުނެ ތިމަންގެ މަންމަ ޝައިޚް ހޯއްދަވާ ކަމުގައި ބުނެފިއެވެ.
ދެން އެރޭ ތިމަންމެން 2 މީހުން ވަރަށް އެކަހެރި ހިސާބެއްގައި ހުރި ވަރަށް ފަޤީރު ގެޔަކަށް ދިޔައީމެވެ. އެ އަންހެން މީހާ އަކީ އުމުރުން 70 އެތައް އަހަރެއްވެފައި ވާ މުސްކުޅިއެކެވެ. ތިމަން ދުށީ އެ އަންހެން މީހާ ހުއްޓާވެސް ނުލާ ޒިކުރު ކުރާތަނެވެ. އަބަދުވެސް ރަސޫލުﷲ ގެފާނުންނަށް ސަލަވާތް ކިޔަވަނީއެވެ. ހިނދުކޮޅަކަށްވެސް ހުއްޓާނުލައެވެ. ސަލާމް ބަލައިގަނެފައިވެސް ފަށަނީ އެކަމެވެ. ތިމަން ގެ ހިތް މި ހެޔޮލަފާ މައި މީހާގެމައްޗަށް ތިރިވި އެވެ. އަދި ތިމަން އޭ މަންމާއެވެ! މަންމަ ބުނެގެން ތިމަން އައިސް ހުރީމޭ، މަންމަ ބޭނުންވީ ކޮންކަމެއްތޯ ދަންނަވާބައްލަވާށޭ އެހީމެވެ. އަދި ތިމަން "ﷲ އިރާދަ ކުރެއްވިއްޔާ ބޭސްވެރިޔަކު (ޑަކްޓަރަކު) ތިމަންގެ އަޚަކު އަންނަ ހަފްތާގައި މިގެޔަށް ގެނެސްދޭނަމޭ" މިހެންވެސް ބުނީމެވެ.
އެވަގުތު އެ މައި މީހާ ވަރަށް ލޯތްބާއި އެކު ތިމަންނަޔަށް ހިނިތުންވެލާފައި ތިމަންނަޔަށް ތިމަންގެ މި ބައްޔާ އޭގެ ޝިފާ އިނގެޔޭ އޭ ދަރިފުޅާއޭ ބުންޏެވެ. ތިމަން އެއީ ކޮން ކަމެއްތޯ އެހުމުން އެމައިމީހާ ކިޔައިދިނެވެ. "ތިމަންގެ ލޯބިވާ ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމް ތިމަން ގެ ހުވަފެނުން ބައްދަލު ނުވާތާ 3 ރޭ މި ފާއިތުވަނީ" އެވެ. ތިމަން ހައިރާންކަމާއި އެކީ "އޭގެ މާނަޔަކީ މަންމަގެ ހުވަފެނުން ކޮންމެ ރެޔަކު ރަސޫލުﷲ ފެނިލައްވާތޯއޭ؟" އެހީމެވެ.
އެވަގުތު އެ މައިމީހާ ދެންނެވިއެވެ: "ﷲ ގަންދީ ބުނަމެވެ. އެންމެ ރެޔަކުވެސް އެކަލޭގެފާނުން ނުފެނިއްޖެ ނަމަ ތިމަން ބަލިވާނެއެވެ." ޔާ ﷲ. ސުބުޙާނަﷲ...
ފަޤީރު ގެޔެއްގައި އިނަސް... މުޅި ޤައުމުގެ އެންމެ މާތް އިންސާނާ ނޫންކަމެއްވެސް ނޭންގެއެވެ. މާޝާﷲ... އަހުރެމެން ފިރިހެނުން މިފަދަ ވާހަކަ ލިޔަންވެސް ލަދު ކަމަކަށް ވެއެވެ. ނަމަވެސް މިހާރު މިއުޅޭ އަންހެނުންގެ ހުތުރުކަން މައްޗަށް ހިތަވަރު އައިސްގެން މިހެން ލިޔެވެނީއެވެ.
ﷲ މި މުސްލިމު އަންހެނުތަކުންނަށް ހެޔޮވިސްނުން ދެއްވާށި. އާމީން، ޔާރައްބަލް ޢާލަމީން
މި މުސްލިމު ފިރިހެނުން ތަކަށް ވެސް ހެޔޮވިސްނުން ދެއްވާށި. އާމީން.
މިފަދަ ވާހަކަތައް ގިނަގިނައިން ލިޔުއްވުން އެދެން. މިފަދަ ވާހަކަތަކުން އިބްރަތް ޙާސިލްވެ އީމާންތެރިކަން ވަރުގަދަވެއެވެ. އަލްހަމްދުލިﷲ
މާޝާ ﷲ ވަރަށް ފުރިހަމަ ޢިބްރަތްތެރި…. ﷲ އަޅަމެން އެންމެނަށް ހެޔޮވިސްނުން ދެއްވާންދޭ. އަދި ޚާއްސަކޮށް މަގު ގެއްލިފައިވާ އުޚްތުންނަށް ސީދާ މަގު ދައްކަވާންދޭ އާމީން
ވ.ރީތި ވާހަކަ ތައް،ކިޔާލުމުން ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބޭ.