ފޮޓޯ: ޙައްޖާއި ގުޅުން ހުރި ފޮޓޯ
15 ނޮވެމްބަރު 2011
ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް މާލެ ދިއުމަށް ފުރަނީ
މައްކާއިން ޝަފީޢު ޢަބްދުﷲ
15 ނޮވެމްބަރު 2011، މިއަދު ހަވީރު މައްކާ ގަޑިން 06.40 ގައި ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް މާލެ ދިއުމަށްޓަކައި ޖިއްދާގެ ވައިގެ ބަނދަރުން ފުރާނެއެވެ. ތަފްސީލް ވިދާޅުވޭ!
*****
13 ނޮވެމްބަރު 2011
ދިވެހި ޙައްޖުވެރިން ޙައްޖުގެ އަޅުކަން ނިމި ބާޒާރު ކުރުމުގައި
މައްކާއިން އަބްދުލް ހާދީ ހުސެއިން
މި އަހަރުގެ ޙައްޖުގެ އަޅުކަމަށް މައްކާއަށް އައި ދިވެހި ހުރިހާ ޖަމާޢަތެއްވެސް ޙައްޖުގެ އަޅުކަމުގެ އެންމެ ފަހުގެ ހުރިހާ ކަމެއްވެސް ގާތްގަނޑަކަށް ނިންމައިފިއެވެ. އެގޮތުން ޙައްޖުމަހުގެ 12 އަދި 13 ވަނަ ދުވަހު މައްކާއަށް އައިސް ޠަވާފުލް އިފާޟާ އާއި ސަޢުޔު ވަނީ ކޮށްފައެވެ. ތަފްސީލް ވިދާޅުވޭ!
ސަޢުދީ ސަރުކާރުން މިއަހަރު ޙައްޖުވެރިންގެ ތަފާސްހިސާބު ނެރެފި
މިފަހަރު ޙައްޖުވެރިންނަށް ނުރައްކާތެރި ބަލިތަކެއް ޖެހިފައި ނުވޭ : ސަޢުދީ ހެލްތު މިނިސްޓަރ
*****
08 ނޮވެމްބަރު 2011
ސައޫދީގެ މެހެމާންދާރީއަށްޓަކައި ޙައްޖުވެރިންގެ ހިތްތައް ފޮޅިފައި
*****
7 ނޮވެމްބަރު 2011 / 11 ޛުލްޙިއްޖާ 1432 (ހޯމަ)
(ރާއްޖޭގެ ގަޑިން 11:15)
ޙައްޖުގެ އަޅުކަމުގެ ތެރޭގައި ހިމެނޭ ކަންތަކުގެ ތެރެއިން 11 ޛުލްޙިއްޖާގައި އޮންނަ 3 ޖަމްރާ އަށް ހިލައުކުން ދިވެހި ޙައްޖުވެރިން ވެސް މިއަދު ކުރިއަށް ގެންދާނެއެވެ.
ކޮންމެ ޖަމްރާ އަކަށް 7 ހިލަކޮޅު އުކުން ވަނީ މިއަޅުކަމުގައި ޝަރުޢުކުރެވިފައެވެ. އަދި އެންމެ ރަނގަޅު ގޮތަކީ އިރުއޮއްސުމުގެ ކުރިން ހިލައުކައި ނިންމުމެވެ.
ދިވެހި ޙައްޖުވެރިން ވަނީ އިއްޔެ ބޮޑު ޖަމްރާ އަށް ހިލައުކައި ނިންމާފައެވެ.
ސަޢޫދީގައި ތިބި ދިއިސްލާމްގެ ނޫސްވެރިން މަޢުލޫމާތުދޭ ގޮތުގައި ދިވެހި ހުރިހާ ޙައްޖުވެރިންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅެވެ.
ދެލައްކަ ހަތްދިހަ ހާސް ޙައްޖުވެރީން “އަލް މަޝާޢިރު” ރޭލުން ޢަރަފާތުބިމަށް ދަތުރުކޮށްފި.
މިއަހަރުގެ ޙައްޖަށް 2927717 މީހުން ޖަމާވި!
ޤުރުއާނުގެ ތަރުޖަމާ ޙައްޖުވެރިންނަށް ބަހައިފި
*****
ދިއިސްލާމްގެ ޙައްޖު ލައިވް ކަވަރޭޖްގެ އާ ބައެއް މިއަދު މެންދުރު ނަމާދުގެ ފަހުން ގެންނަނީ
ދިއިސްލާމްގެ ޙައްޖު ލައިވް ކަވަރޭޖްގެ އާ ބައެއް މިއަދު މެންދުރު ނަމާދުގެ ފަހުން ގެންނަން ވަނީ ހަމަޖެހިފައެވެ.
މި ލައިވް ކަވަރޭޖް ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ގަޑިން 14:00 ން ގައެވެ. އިންޝާﷲ
ދިއިސްލާމްގެ ޙައްޖު ލައިވް ކަވަރޭޖް
5 ނޮވެމްބަރު 2011 / 9 ޛުލްޙިއްޖާ 1432 (ހުކުރު)
އެތައް މިލިޔަން ޙައްޖުވެރިންނެއް މިނާ އަށް ޖަމާވެއްޖެ
މިއަހަރުގެ ޙައްޖުގައިވެސް ރެކޯޑެއް ޤާއިމްކޮށްފި
***
(ރާއްޖޭގެ ގަޑިން 14:10)
ސައޫދީ އަރަބިއްޔާގެ އެންމެ އިސް މުފްތީ ޝައިޚް އަބްދުލް އަޒީޒު އާލް ޝައިޚް ދެއްވަމުންގެންދާ ޚުޠުބާގައި އިސްލާމީ އުއްމަތައް ދިމާވަމުންދާ ގޮންޖެހުންތަކާއި، ޢަދުއްވުންގެ ފަރާތުން ދިމާވަމުންދާ ނުރައްކާތަކާ ބެހޭ ގޮތުން ދަނީ ވާހަކަފުޅުދައްކަވަމުންނެވެ.
މުސްލިމުންނަށް ހަމަޖެހުން ލިބުން އޮތީ އިސްލާމީ ޝަރީޢަތުގައި ހިފަހައްޓައިގެން ތިބެގެން ކަމަށް އާލް ޝައިޚް ވިދާޅުވިއެވެ. މުސްލިމުން ބައިބައިކުރުމަށް ޢަދުއްވުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެވެ. ވެރިންނަށް އަދުލުވެރިވުމަށާއި، ﷲ އަށް ވިރުވެތިވުމަށް ގޮވާލެއްވި. މުސްލިމް ޤައުމުތަކުގެ މެދުގައި ފަސާދަތައް ނައްތާލައި މައްސަލަތައް ޙައްލުކުރުމަށްޓަކައި ވާހަކަދެއްކުން އިސްކުރުމަށް ގޮވާލެއްވި.
އިސްލާމީ އުއްމަތަށް ދިމާވާ ކަންތައްތައް ޙައްލުކުރުމަށް ވެރިންނާ ރައްޔިތުންގެ ކިބައިގައި އޮންނަ ގުޅުން ބަދަހިކުރުމަށް ގޮވާލެއްވި. މީޑިއާ އަކީ ރަނގަޅު ގޮތުގައި ބޭނުންކުރެވެން ޖެހޭ ވަސީލަތެއް ކަމުގައި ހަދަން ޖެހޭ ކަމަށް ވިދާޅުވި. އިސްލާމީ ޝަރީޢަތާ އެއްގޮތަށް ޙުކުމް ކުރުމަށް ގޮވާލެއްވި.
***
(ރާއްޖޭގެ ގަޑިން 14:45)
ދުނިޔޭގެ އިސްލާމީ ޤައުމުތަކުގައި ބައިބައިވުން އުފެދެމުންދާ ކަމަށް ވިދާޅުވި. އިސްލާމްދީނުގައި ޙައްޤާ ބާޠިލާ އެއީ އެއް ހަމައެއްގައި ވާނެ އެއްޗެއް ނޫން. އިސްލާމްދީނަކީ ޢަދުލުވެރިކަމަށާ ހަމަހަމަކަމަށް ގޮވާލާ ދީން.
ދީނާ ބެހޭ ގޮތުން ފުރިހަމަ މަޢުލޫމާތު ހޯދަން ޖެހޭ ކަމަށް ވިދާޅުވި. އިސްލާމްދީން ވަނީ ޖާހިލު ޒަމާނުގައި އަންހެނުންނަށް ދެމުންދިޔަ އަނިޔާތައް ހުއްޓުވާފައި.
ޢަދާވާތްތަރިންގެ މަކަރުވެރި ރޭވުންތަކަށް ނުހެއްލުމަށް ގޮވާލެއްވި. ރައްޔިތުންގެ ކަންތައްތައް ބެލެހެއްޓުމުގައި ވެރިން ﷲ އަށް ތަޤްވާވެރިވުމަށް ގޮވާލެއްވި. ވެރިންގެ ޒިންމާ އަކީ ވަރަށް ބޮޑު ޒިންމާ އެއް ކަމުގައި ވިދާޅުވި. ހިންގާ އެކި މީޑިއާ ޗެނަލްތައް ރަނގަޅު ގޮތުގައި ހިންގުމަށް ގޮވާލެއްވި.
މުސްލިމުން ދީން މަތީގައި ޘާބިތުވުމަށް ގޮވާލެއްވި. ޝަރީޢަތާ ޚިލާފް ކަންތައްތަކާ ޚިލާފް ކަންތައްތައް ނުކުރުމަށް ވެރިންނަށް ގޮވާލެއްވި.
ޙައްޖުވެރިން ﷲ އަށް ޝުކުރުވެރިވުމަށް ގޮވާލެއްވި. ސަޢޫދީގެ ސަރުކާރުން ޙައްޖުވެރިންނަށް ފަސޭހަކަން ފޯރުކޮށްދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުވާލެއްވި.
***
(ރާއްޖޭގެ ގަޑިން 14:10)
މިހާރު ކުރިއަށްދާ ޙައްޖުގެ ޚުޠުބާގެ ދިވެހި ތަރުޖަމާ އެމްއެންބީސީ ވަން އިން ދަނީ ވަޤުތުން ގެނެސްދެމުން.
މި ލައިވް ކަވަރޭޖް ގެނެސްދެނީ އައްޝައިޚް މުޙައްމަދު ޠައްޔިބް އާއި، އައްޝައިޚް އިއްޒުއްދީން އަދުނާން އާއި އައްޝައިޚް ޝުއައިބް ޢަބްދުއްރަޙްމާން އެވެ.
ދިވެހި ޙައްޖާޖީން ޢަރަފާތުގައި
މައްކާއިން: އަބްދުލް ހާދީ ހުސެއިން
ދިވެހި ރާއްޖެއިން މި އަހަރު ޙައްޖަށް އައި ޙައްޖާޖީންގެ ތެރެއިން ގިނަ ޙައްޖުވެރިން މިވަގުތު ތިބީ ޢަރަފާތުގައެވެ. މިގޮތުން އަލްޚައިރު ޖަމާއަތް ފިޔަވައި ހުރިހާ ޖަމާޢަތެއްވެސް ރޭގެ ވަގުތެއްގައި ވަނީ ޢަރަފާތަށް އާދެވިފައެވެ. ތަފްސީލް ވިދާޅުވޭ!
*
ފޮޓޯ: ދިވެހި ޙައްޖުވެރިން އަރަފާތު ބިމުގައި - 1432ހ
1432 ވީޑީއޯ: ދިވެހި ޙައްޖުވެރިން އަރަފާތު ބިމުގައި
*
ހަވީރު ނޫސް: 2.5 މިލިއަން މީހުން އަރަފާތު ބިމުގައި
ޙައްޖާއި ގުޅޭ ބައެއް މަންޒަރުތައް ދިއިސްލާމްއިން ލައިވް ކުރަނީ
ދިއިސްލާމްއާއި ނުރުލް އިސްލާމް ގުޅިގެން ކުރިއަށްދާ މިލައިވް އިވެންޓްގައި މައްކާގައި ދިއިސްލާމްގެ ނޫސްވެރިން ދަނީ ހަރަކާތްތެރިވަމުންނެވެ. މިހާތަނަށް ދިއިސްލާމް އިން ވަނީ ޙައްޖާއި ގުޅުންހުރި ފޮޓޯތަކާއި ވީޑިއޯ އާންމުކޮށްފައެވެ. ލައިވް ލިންކް
***
4 ނޮވެމްބަރު 2011 / 8 ޛުލްޙިއްޖާ 1432 (ހުކުރު)
ހުރިހާ ދިވެހި ޙައްޖުވެރިން މިނާއަށް ގޮސްފި
ލިޔުނީ : ޢަލީ އަޙްސަން އިޙްސާން
(ރާއްޖޭގެ ގަޑިން 20:45)
ދިވެހި ޙައްޖުވެރިންގެ ހުރިހާ ޖަމާޢަތްތައް މިނާއަށް ގޮސްފިއެވެ. ތަފްޞީލް ވިދާޅުވޭ!
ވީޑިއޯ: ދިވެހި ޙައްޖުވެރިން މިނާގައި
***
ހުރިހާ ޙައްޖުވެރިންވެސް ރިވެތި މިސާލެއް ދެއްކުމަށް ސައުތު ކޮރެއާގެ މުފްތީ ގޮވާލައްވައިފި
ލިޔުނީ: ހުސައިން ރަޝީދު
ޙައްޖުވެރިންނަކީ އެކިއެކި ޤައުމުތަކަށާއި ސަގާފަތްތަކަށް ނިސްބަތްވާ ބަޔަކަށްވީ ނަމަވެސް، އިސްލާމީ މަތިވެރި އަޚްލާޤާއި ރިވެތި ގޮތްތައް ހިފަހައްޓައި އެކަމުގައި ދުނިޔެއަށް މިސާލެއްކަމަށްވުމަށް ސައުތު ކޮރެއާގެ މުފްތީ ޑރ. ޢަބްދުލްވައްހާބު ޒާހިދު ޙައްޤު ގޮވާލައްފިއެވެ. އިތުރަށް ވިދާޅުވޭ!
***
ޙައްޖާޖީން މިނާގައި
މައްކާއިން: އަބްދުލް ހާދީ ހުސެއިން
ދިވެހި ރާއްޖެއިން ޙައްޖަށް އައި ގިނަ ޖަމާޢަތްތަކުގެ ޙައްޖުވެރިން މިވަގުތު ތިބީ މިނާގައެވެ. މިގޮތުން މިއަދު ޙަވީރު އަތަމާ އަދި މަލީޝާގެ ޙައްޖާޖީން މިނާއަށް އައިސްފައިވާއިރު، ޞަފާ، ސިސިލްފަރު، ކްލެސިކް، އަދި ޔޫއެސް ޖަމާޢަތުގެ ޙައްޖާޖީން މިރޭ އިރާކޮޅު ވަނީ މިނާއަށް އައިސް ނިމިފައެވެ. އަދި އަލްމަނާސިކް ގްރޫޕް މިރޭގެ ވަގުތެއްގައި މިނާއަށް އާދެވޭނެއެވެ. ތަފްޞީލް ވިދާޅުވޭ
ވީޑިއޯ: ޙައްޖުވެރިން މިނާ އަށް ދިޔުން
***
3ނޮވެމްބަރު 2011 / 7 ޛުލްޙިއްޖާ 1432 (ބުރާސްފަތި)
ދިވެހި ޙައްޖު ޖަމާޢަތްތަކުން މިނާއަށް ދަނީ
މައްކާއިން: ޝަފީޢު ޢަބްދުﷲ
މިއަދު ހަވީރުން ފަށައިގެން ދިވެހި ޖަމާޢަތްތަކުން ދަނީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ގޮތުން މިނާ އަށް ދަތުރު ކުރަމުންނެވެ. ތަފްޞީލް ވިދާޅުވޭ!
***
3ނޮވެމްބަރު 2011 / 7 ޛުލްޙިއްޖާ 1432 (ބުރާސްފަތި)
ނާއިބު ރައީސް ޙައްޖާޖީންގެ ޙާލު ބައްލަވާލައްވައިފި
މައްކާއިން: ޢަބްދުލްހާދީ ޙުސައިން
ދިވެހިރާއްޖޭގެ ޙައްޖުވެރިންގެ ޙާލު ބައްލަވާ ލެއްވުމަށް ނާއިބު ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު އާއި އެމަނިކުފާނުގެ އަނބިކަބަލުން އިލްހާމް ޙުސެއިން ޙައްޖުވެރިން ތިބޭ ހޮޓާތަކަށް ޒިޔާރަތް ކުރައްވައިފިއެވެ. ތަފްޞީލް ވިދާޅުވޭ!
***
ސުޢޫދީ ސަރުކާރުން ރާއްޖެއާ މެދު ވަރަށް އޯގާތެރި ގޮތެއް ބަހައްޓަވާ : ނާއިބު ރައީސް
މައްކާއިން: ޢަބްދުލްހާދީ ޙުސައިން
ދިވެހިރާއްޖޭގެ ޙައްޖާޖީންގެ ޙާލު ބައްލަވާލެއްވުމަށްޓަކައި ކުރެއްވި ޒިޔާރަތުގެ ތެރެއިން ދިއިސްލާމަށް ދެއްވި ޚާއްޞަ ބަސްދީގަތުމުގައި ރާއްޖޭގެ ނާއިބު ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ރޭ ވިދާޅުވީ ސުޢޫދީ ސަރުކާރުން ރާއްޖެއާމެދު ވަރަށް އޯގާތެރި ގޮތެއް ބަހައްޓަވާ ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް ދިވެހި ޙައްޖާޖީންނަށް އޯގާތެރިކަމާ އެކު ސުޢޫދީ ސަރުކާރުން ކަންތައްތައް ފަހިކޮށްދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ތަފްޞީލް ވިދާޅުވޭ!
***
2 ނޮވެމްބަރު 2011 / 6 ޛުލްޙިއްޖާ 1432 (ބުދަ)
ނައިބު ރައީސް ޑރ. ވަޙީދު ދިވެހި ޙައްޖުވެރިންގެ ޙާލު ބައްލަވައިފި
ސަޢުދީން : މުޙައްމަދު އަނީލް
ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ވަޑައިގެން މިހާރު އުޅުއްވާ، ދިވެހިރާއްޖޭގެ ނައިބު ރައީސް ޑރ. މުޙައްމަދު ވަޙީދު ދިވެހި ޙައްޖުވެރިންގެ ޙާލު ބައްލަވާލެއްވުމަށް ގުރޫޕްތަކަށް ޒިޔާރަތް ކުރައްވަމުން އެބަ ގެންދަވައެވެ. ތަފްޞީލް ވިދާޅުވޭ!
***
ބަހެއްގައި އަލިފާން ރޯވުމުގެ ސަބަބުން ޙައްޖުގެ އަޅުކަން ޢަދާކުރުމަށް ދިޔަ ދެ މީހަކު ނިޔާވެއްޖެ
ލިޔުނީ : ޙަސަން ޝިޔާޒް
ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ބަހެއްގައި އިއްޔެ އަލިފާން ރޯވުމުގެ ސަބަބުން ޙައްޖުގެ އަޅުކަން ޢަދާކުރުމަށް ދިޔަ އިނގިރޭސިވިލާތުގެ ދެމީހަކު ނިޔާވެއްޖެ އެވެ. ތަފްސީލް ވިދާޅުވޭ!
***
1 ނޮވެމްބަރު 2011 / 5 ޛުލްޙިއްޖާ 1432 (އަންގާރަ)
ލިޔުނީ : ޙަސަން ޝިޔާޒް
ނައިބު ރައީސްގެ ދެކަނބަލުން ޙައްޖަށް ފުރާވަޑައިގެންފި
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްޓަކައި، ރާއްޖޭގެ ނައިބު ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިން ސަޢޫދީ ޢަރަބިއްޔާ އަށް ފުރާވަޑައިގެންފި އެވެ. ތަފްޞީލް!
31 އޮކްޓޯބަރު 2011 (ހޯމަ)
ލިޔުނީ: ޙަސަން ޝިޔާޒް
ދިވެހި ޙައްޖު ފެޑެރޭޝަނުގެ ބަސް މައްކާގައި ރެއިން ފެށިގެން ދުއްވަން ފަށައިފި.
***
ރަސްގެފާނު ޢަބްދުލް އަޒީޒް ޒަމްޒަމް ފެކްޓަރީގައި ބަންދުކޮށްފައި ހުންނަ ޒަމްޒަމް ފެނުގެ ތެރެއިން ކޮންމެ ޙައްޖުވެރިއަކަށް ގެންދެވޭނީ 10 ލީޓަރުގެ ފެން ހަމެއް : ޙައްޖު މިނިސްޓްރީ
މިއަހަރުން ފެށިގެން ޙައްޖުވެރިން އެބޭފުޅުންގެ ރަށަށް އެނބުރިދާއިރު ސަޢޫދީ ރަސްގެފާނު ޢަބްދުލް އަޒީޒް ޒަމްޒަމް ފެކްޓަރީގައި ބަންދުކޮށްފައި ހުންނަ ޒަމްޒަމް ފެނުގެ ތެރެއިން ކޮންމެ ޙައްޖުވެރިއަކަށް ގެންދެވޭނީ 10 ލީޓަރުގެ ފެން ހަމެއް ކަމުގައި އެޤައުމުގެ ޙައްޖު މިނިސްޓްރީން ހުރިހާ ޙައްޖު ގްރޫޕުތަކަށް އަންގައިފިއެވެ.
***
ދިވެހި ޙައްޖު ފެޑެރޭޝަނުން ސަޢޫދީގެ ސިވިލް ޑިފެންސާ ބައްދަލުކޮށްފި
ޙައްޖު ފެޑެރޭޝަނުގެ ނާއިބު ރައީސް އައްޝައިޚް ޢަލީ ޝަރީފް މަޢުލޫމާތު ދެއްވި ގޮތުގައި މި ބައްދަލުވުމުގައި މަޝާއިރުތަކުގައި ޙައްޖުވެރިން ކަންތައްކުރާނެ ގޮތާއި، ސަލާމަތީ ގޮތުން އެޅިފައިވާ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެވިފައި ވެއެވެ. ތަފްޞީލް!
***
26 އޮކްޓޯބަރ 2011
ދިވެހި ހުރިހައި ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅު: ދިވެހި ޙައްޖު މިޝަނުގެ ރައީސް
މައްކާއިން ޝަފީޢު ޢަބްދުﷲ
މިއަދު ދިއިސްލާމްގެ މުރާސިލުން ވަނީ ދިވެހި ޙައްޖު މިޝަނުގެ ރައީސް އައްޝެއިޚް މޫސާ އަންވަރާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ދިވެހި ޙައްޖުވެރިންގެ ޙާލު ރަނގަޅު ކަމަށާއި، ނަމަވެސް މޫސުމީގޮތުން ބައެއް ޙައްޖުވެރިންނަށް ކުޑަ ކުޑަ ރޯގާގެ އުދަނގުލެއް ދިމާވެފައިވާ ކަމަށް އައްޝެއިޚް މޫސާ އަންވަރު ވަނީ ހާމަކުރައްވާފައެވެ. ތަފްސީލު!
***
24 އޮކްޓޯބަރ 2011 (ހޯމަ)
ދިވެހި ހުރިހާ ޖަމާޢަތެއްވެސް މަދީނާއަށް ޒިޔާރަތް ކޮށްފި
މަދީނާއިން: ޢަބްދުލްހާދީ ޙުސައިން
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައި ދިވެހިރާއްޖޭގެ ހުރިހާ ޖަމާޢަތްތަކެއްވެސް މަދީނާއަށް ޒިޔާރަތް ކޮށްފިއެވެ. މިގޮތުން އެންމެފަހުން މަދީނާއަށް ޒިޔާރަތްކޮށްފައިވަނީ އަތަމާ ޖަމާޢަތެވެ. އަތަމާ ޖަމާޢަތުގެ ޙައްޖުވެރިން މަދީނާއަށް އައިސްފައި ވަނީ 22 އޮކްޓޯބަރ 2011 ވީ ހޮނިހިރު ދުވަހުގެ ރޭގަނޑުއެވެ.
ފޮޓޯ:
ޒަޢީމާ ޙައްޖު ޖަމާޢަތުގެ ޙައްޖުވެރިން މަދީނާގެ ޒިޔާރަތުގައި – 1432ހ.
ސިސިލްފަރު ޖަމާޢަތުގެ ޙައްޖުވެރިން މަދީނާގެ ޒިޔާރަތުގައި – 1432ހ.
ޚައިރު ގުރޫޕްގެ ޙައްޖާޖީން މަދީނާއަށް ޒިޔާރަތްކުރުން - 1432 ހ
***
21 އޮކްޓޯބަރ 2011 (ހުކުރު)
މަދީނާ އިން : އަބްދުލް ހާދީ ހުސެއިން
ދިވެހި ޙައްޖު ޖަމާޢަތްތަކުގެ އެންމެ ފަހު ގްރޫޕްތައް މަދީނާއަށް
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް އައި ދިވެހި ޙައްޖުވެރިންގެ ތެރެއިން އަލްބަޓްރަސް ޖަމާޢަތުގެ ޙައްޖުވެރިން އިއްޔެ ހަވީރު މަދީނާއަށް އައިސްފައި ވާއިރު ރޭގަ ޒަޢީމާ ގްރޫޕްގެ ޙައްޖުވެރިންވެސް ވަނީ މަދީނާއަށް އައިސްފައެވެ. އިތުރު ތަފްޞީލް!
ފޮޓޯ: ސިސިލްފަރު ޖަމާޢަތުގެ ޙައްޖުވެރިން މަދީނާގެ ޒިޔާރަތުގައި – 1432ހ.
32 މިލިއަނަށްވުރެ ގިނަ މުސްހަފު ޙައްޖުވެރިންނަށް ބަހައިފި! - ލިޔުނީ: ޢަލީ އަޙްސަން އިޙްސާން
***
20 އޮކްޓޯބަރ 2011 (ބުރާސްފަތި)
މަދީނާ އިން މުޙައްމަދު އަނީލް
ސިސިލްފަރާއި އަލްމަނާސިކް މަދީނާގައި
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް އައި ދިވެހި ޙައްޖުވެރިންގެ ތެރެއިން އަލްމަނާސިކް ގުރޫޕްގެ ޙައްޖުވެރިންނާއި ސިސިލްފަރު ޖަމާޢަތުގެ ޙައްޖުވެރިން މަދީނާއަށް ޒިޔާރަތް ކުރަމުން އެބަދެއެވެ. އިތުރު ތަފްޞީލް!
ޙައްޖު ކުރުމަށްޓަކައި 7 ލައްކައަށް ވުރެ ގިނަ މީހުން ސައުދީއަށް ޖަމާވެއްޖެ - ލިޔުނީ: ޢަލީ އަޙްސަން އިޙްސާން
ފޮޓޯ: ދިވެހި ޙައްޖުވެރިން މަސްޖިދުލް ނަބަވީއަށް ޒިޔާރަތް ކުރުން
***
18 އޮކްޓޯބަރ 2011
މައްކާއިން ޝަފީޢު ޢަބްދުﷲ
ސިސިލްފަރު ޤުރޫޕުގެ ޙައްޖުވެރިން މަދީނާއަށް ޒިޔާރަތްކުރަނީ
އިއްޔެ، 17 އޮކްޓޯބަރ 2011 ވަނަ ދުވަހު ރޭ ސިސިލްފަރު ޖަމާޢަތުގެ ޙައްޖުވެރިން މަދީނާއަށް ހިނގައްޖެއެވެ. ރޭގައި މަދީނާއަށް ދިޔައީ އެ ޖަމާޢަތުގެ 125 ޙައްޖުވެރިންނެވެ. ތަފްސީލް
ފޮޓޯ: އަލްމަނާސިކް ޙައްޖު ގުރޫޕް މަދީނާއަށް ދަތުރު ކުރުމުގެ ކުރިން
ޙައްޖުވެރިންގެ ތެރޭގައި ސިއްޙީ މައްސަލައެއް ނެތް: ސައުދީގެ ހެލްތު މިނިސްޓާރ - ލިޔުނީ: ޢަލީ އަޙްސަން އިޙްސާން
***
17 އޮކްޓޯބަރ 2011
4 ޖަމާޢަތެއްގެ ޙައްޖުވެރިން މައްކާއަށް އަތުވެއްޖެ
މައްކާއިން ޝަފީޢު ޢަބްދުﷲ
16 އޮކްޓޫބަރ 2011 ވަނަ ދުވަހުގެ ރޭ 4 ޖަމާއަތެއްގެ ޙައްޖުވެރިން މައްކާއަށް އަތުވެއްޖެއެވެ. މިފަހަރު މައްކާއަށް އައިސްފައިވަނީ ޒަޢީމާ ޖަމާޢަތުގެ 165 ޙައްޖުވެރިއަކާއި، ޔޫއެސް ޖަމާޢަތުގެ 95 ޙައްޖުވެރިއަކާއި، އަލްމަނާސިކުގެ 86 ޙައްޖުވެރިއަކާއި އަދި ސިސިލްފަރުގެ 39 ޙައްޖުވެރިންނެވެ. ތަފްސީލު!
ޙައްޖުވެރިން ދީނީ ކަންކަން އޮޅުން ފިލުވުމަށް 100 އަށްވުރެ ގިނަ ޓެލެފޯން ބޫތު ބަހައްޓަނީ - ލިޔުނީ: ޢަލީ އަޙްސަން އިޙްސާން
***
16 އޮކްޓޫބަރ2011
އަލްޚައިރު ޖަމާޢަތުގެ ޙައްޖުވެރިން މިއަދު މަދީނާއަށް ޒިޔާރަތްކުރަނީ
މައްކާއިން ޝަފީޢު ޢަބްދުﷲ
އަލްޚައިރު ޖަމާޢަތުގެ ޙައްޖުވެރިން މިއަދު ހެނދުނު މައްކާ ގަޑިން 09.45 ގައި މައްކާއިން މަދީނާއަށް ދިއުމަށްޓަކައި ފުރައިފިއެވެ. ޙައްޖުވެރިން ދަތުރުކުރަމުންދާ ބަސްތައް މަދީނާއަށް ފޯރާނެ ކަމަށް ލަފާކުރެވެނީ މިއަދު މައްކާ ގަޑިން 3.30 ގައެވެ. ތަފްޞީލު!
ފޮޓޯ: ޚައިރު ގުރޫޕްގެ ޙައްޖާޖީން މަދީނާއަށް ޒިޔާރަތްކުރުން
***
15 އޮކްޓޯބަރ 2011
ދިވެހި 4 ޖަމާޢަތެއްގެ ޙައްޖުވެރިން މައްކާއަށް އަތުވެއްޖެ
މައްކާއިން: ޝަފީޢު ޢަބްދުﷲ
15 އޮކްޓޫބަރ 2011 ވަނަ ދުވަހުގެ ރޭ (މިރޭ) ދިވެހި ހަތަރު ޖަމާޢަތެއްގެ ޙައްޖުވެރިން ވަނީ މައްކާއަށް ވާޞިލުވެފައެވެ.
ޖިއްދާ އެއަރޕޯޓުގައި ހުންނަވައިގެން ދިވެހި ޙައްޖު މިޝަންގެ ރައީސް އައްޝައިޚް މޫސާ އަންވަރު ޙަސަން މަޢުލޫމާތު ދެއްވި ގޮތުގައި މިރޭ ރާއްޖެއިން މައްކާއަށް އައީ އަލްބަޓްރޮސް ގެ 77 ޙައްޖުވެރިއަކާއި، ޞަފާ ޖަމާޢަތުގެ 3 ޙައްޖުވެރިއަކާއި ސިލްސިލްފަރު ޖަމާޢަތުން (ކްލެސިކް ޖަމާޢަތާ އެއްކޮށް) 206 ޙައްޖުވެރިން ކަމަށެވެ.
***
ޙައްޖާޖީން ބޭނުން ކުރުމަށްޓަކައި މައްކާގައި 1000 ލީޓަރުގެ ފެން ހޫނުކުރާ އެއް ބަހައްޓައިފި
ލިޔުނީ: އައިޝާ މުނާ
ޠަވާފާ އެސްޓަބްލިޝްމަންޓް ފޯރ ސައުތް އޭޝިއަން ޕިލްގްރިމްސް ގައި މަސައްކަތްކުރާ އިންޖިނިއަރެއްގެ ކަމަށްވާ ޢަބްދުލް އަޒީޒް މަޙްބޫބްގެ ބުރަ މަސައްކަތުން ވުޖޫދަށް ގެނައި މި ކަރަންޓު ފެން ހޫނުކުރާ އިން ސައި ހެދުމަށާއި، އެހެނިހެން ހޫނު ބުއިންތައް ތައްޔާރު ކުރުމަށްޓަކައި 1000 ލީޓަރުގެ ފެން ކައްކައި ދެއެވެ. އިތުރު ތަފްޞީލް
***
ގެފުޅުގެ އުރަކޮޅު 3 މީޓަރު މައްޗަށް އުފުލައިފި
މައްކާއިން: ޝަފީޢު ޢަބްދުﷲ
ކަޢުބާގެ އުރަކޮޅު، ތިރިން މައްޗަށް ވާގޮތަށް 3 މީޓަރު މައްޗަށް އުފުލައިފިއެވެ. ހުދު ފޮތިގަނޑެއްގައި އޮޅާލުމަށްފަހު، ގެފުޅުގެ
އުރަކޮޅު (ކިސްވާ) މައްޗަށް އުފުލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
***
14 އޮކްޓޯބަރ 2011
ތިން ޖަމާޢަތެއްގެ ޙައްޖުވެރިން މިއަދުވެސް މައްކާއަށް އަތުވެއްޖެ
މައްކާއިން: ޝަފީޢު ޢަބްދުﷲ
14 އޮކްޓޫބަރ 2011 ވަނަ ދުވަހުގެ ރޭ ރާއްޖޭގެ ތިން ޖަމާޢަތެއްގެ ޙައްޖުވެރިން ވަނީ މައްކާއަށް ވާސިލުވެފައެވެ. ތަފްސީލް!
***
އަލްޚައިރު ޖަމާޢަތުގެ ފުރަތަމަ ގުރޫޕް މައްކާގައި
ސުޢޫދީ ޢަރަބިއްޔާ: މުޙައްމަދު އަނީލް
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ރޭގެ ވަގުތެއްގައި އައި އަލްޚައިރު ޖަމާޢަތުގެ ޙައްޖުވެރިން ޢުމްރާގެ ކަންތައް މިއަދު މެންދުރުކުރިން ޢުމްރާގެ ކަންތައް ނިންމާލައިފިއެވެ. ތަފްސީލް!
***
ހައްޖު ކުރުމުގެ ޤަސްދުގައި 2 ލައްކައަށްވުރެ ގިނަ މީހުން މިހާތަނަށް މަދީނާއަށް އަތުވެއްޖެ
ލިޔުނީ: ޢަލީ އަޙްސަން އިޙްސާން
ހައްޖު ކުރުމުގެ ޤަސްދުގައި 2 ލައްކައަށްވުރެ ގިނަ މީހުން މިހާތަނަށް މަދީނާ އަށް އަތުވެއްޖެ ކަމަށް ޙައްޖު ކޮމެޓީއިން ހާމަކޮށްފިއެވެ. ސައުދީގެ ހައްޖު ކޮމިޓީއިން ނެރެފައިވާ ރިޕޯޓެއްގައިވާގޮތުގައި “237496 ހައްޖުވެރިން މަދީނާއަށް އައިސްފައިވާކަމަށާއި އޭގެ ތެރެއިން 41168 މަދީނާއިން ފުރާފައިވާއިރު 196317 ހައްޖުވެރިން އަދިވެސް މަދީނާގައި އެބަތިބި’ކަމަށެވެ. ތަފްސީލް!
***
13 އޮކްޓޯބަރ 2011
އިތުރު ތިން ޖަމާއަތެއްގެ ޙައްޖުވެރިން މިއަދު ހަވީރު ފުރައިފި
ރާއްޖެއިން: ޢަލީ އަޙްސަން އިޙްސާން
މިއަދު ފުރާފައިވަނީ އަލް ޚައިރު ޖަމާއަތުގެ ހައްޖުވެރިންނާއި އަލްބަޓްރޮސް ޖަމާއަތުގެ ހައްޖުވެރިންގެ އިތުރން ޒައީމާ ހައްޖު ގުރޫޕްގެ ހައްޖުވެރިންނެވެ. އެއީޒައީމާ ހައްޖު ގުރޫޕްގެ 175 ހައްޖުވެރިންނާއި އަލް ޚައިރުގެ 125 ހައްޖުވެރިންނާއި އަލްބަޓްރޮސް ގެ 125 ހައްޖުވެރިންކަމަށް ޚަބަރު ލިބެއެވެ. އިތުރު ތަފްސީލް!
ފޮޓޯ: ހައްޖުވެރިން މިއަދު މާލޭ އެއާރޕޯޓްގައި
ވީޑިއޯ: ހައްޖުވެރިން މިއަދު މާލެ އެއާރޕޯޓްގައި (ވީޑިއޯ 1)
ވީޑިއޯ: ހައްޖުވެރިން މިއަދު މާލެ އެއާރޕޯޓްގައި (ވީޑިއޯ 2)
***
12 އޮކްޓޯބަރ 2011
ރާއްޖޭގެ ތިން ޖަމާޢަތެއް މިހާތަނަށް ވަނީ މައްކާގެ މާތް ބިމަށް ވާސިލުވެފައި...
މައްކާއިން: ޝަފީޢު ޢަބްދުﷲ
ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެތަން މިތަނުން ގިނަ މުސްލިމުންތަކެއް ދަނީ މައްކާގެ މާތް ބިމަށް ޖަމާވަމުންނެވެ. މިގޮތުން، ރާއްޖޭގެ ތިން ޖަމާޢަތެއް މިހާތަނަށް ވަނީ މައްކާގެ މާތް ބިމަށް ވާސިލުވެފައެވެ. އެއީ އަލްމަނާސިކާއި، މަލީޝާއާއި، ސިސިލްފަރެވެ. ދިވެހި ރާއްޖޭގެ ޙައްޖު މިޝަނުންނާއި ޖަމާޢަތްތަކުން މަޢުލޫމާތު ލިބޭ ގޮތުން، މިހާރު މައްކާގެ މާތް ބިމަށް ވާސިލުވެފައިވަނީ އެ ޖަމާޢަތްތަކުގެ ބައެއް ޙާޖީންނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ ޖަމާޢަތްތަކުގެ އިތުރު ޙާޖީން މައްކާއަށް އައުމަށް މާލެއަށް ފުރާނެކަމަށް ހާމަކުރައްވައެވެ. ތަފްސީލް ވިދާޅުވޭ!
ފޮޓޯ: އަލްމަނާސިކް ގުރޫޕްގެ ހައްޖުވެރިން ޖިއްދާ އެއާރޕޯޓްގައި
***
10އޮކްޓޯބަރ 2011
ރާއްޖެއިން މި އަހަރު ހައްޖަށް ދާން ހަމަޖެހިފައިވާ ހައްޖާޖީންގެ ފުރަތަމަ ގްރޫފް މިއަދު ފުރައިފި
ރާއްޖެއިން: ނިއުމާ ހާރޫން
ރާއްޖެއިން މި އަހަރު ހައްޖަށް ދާން ހަމަޖެހިފައިވާ ހައްޖާޖީންގެ ފުރަތަމަ ގްރޫފް މިއަދު ވަނީ ފުރާފައެވެ. އެއީ އަލްމަނާސިކް ގުރޫޕުގެ 20 ހައްޖު ވެރިންނެވެ. އެ ގްރޫޕުގައި ހިމެނޭ ދެންތިބި 85 ހައްޖު ވެރިން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުއެވެ. ތަފްސީލް ވިދާޅުވޭ!
***
ދިއިސްލާމް ލައިވް ބްލޮގްއަށް މަރުހަބާ! މިފަހަރު ކިޔުންތެރިންނަށް ގެނެސްދެނީ ހައްޖުގެ މާތް އަޅުކަމަށް ދިވެހިން ކުރާ ދަތުރުގެ ލައިވް ކަވަރޭޖެވެ. ރާއްޖެއިން ފެށިގެން ސައުދީއަށް ގޮސް ކުރަމުންދާ ދަތުރުގެ ޚަބަރުތައް ދިއިސްލާމްއިން އިންޝާﷲ ގެނެސްދެވޭނެއެވެ. އެގޮތުން ލައިވްބްލޮގް އަޕްޑޭޓް ކުރުމުގައި މަސައްކަތް ކުރަނީ؛
- މުހައްމަދު އަނިލް (ސައުދީއިން)
- ޝަފީއު އަބްދުﷲ (ސައުދީއިން)
- އަބްދުލް ހާދީ ހުސެއިން (ސައުދީއިން)
- އަބްދުﷲ ސިއްދީޤް (ސައުދީއިން)
އަދި
- ހަސަން ޝިޔާޒް (މާލެއިން)
- އަލީ އަހްސަން އިހްސާން (މާލެއިން)
- ނިއުމާ ހާރޫން (މާލެއިން)
- އައިޝާ މުނާ (މާލެއިން)

















ދި އިސްލާމުން ތިކުރާ ހިއްވަރަށް ސާބަސް!!!!!
މިއަޕްޑޭޓްތައް އިތުރުވާނެކަމަށް އުންމީދުކުރަން. ހައްޖު އަޕްޑޭޓް އަސްލު ރާއްޖޭގެ މީޑިއާތަކުން ވަރަށް ނުގެނޭ. މާ މުހިންމުކަމެއް ނޫން ރާއްޖޭގެ މީޑިއާތަކަށް.
މިއީ ވަރަށް ރަނގަޅު ކަމެއް. ފޮޓޯތަކާއި އެކު އަޕްޑޭޓް ލިބުން
ޙައްޖުގެ އަޕްޑޭޓް އެހެން މީޑީއާތަކުން ގެނެސް ނުދޭތީ ވަރަށް ސަކަރާތް. ޢާއިލާ މީހުންގެ ޚަބަރު ބަލާކަށް ކޮންމެ ފަހަރު ގުޅަން އުނދަގޫ.
ޙައްޖު އަޕްޑޭޓް ދިއިސްލާމް އިން ގެނެސްދިނުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ފަސޭހަކަމެއް. މިއީ އަޅުގަނޑުމެން ދިއިސްލާމްއަށް ވަންނަ ސަބަބަކީ.