Dhiislam
ދިއިސްލާމްގެ އެތިކްސް
މިއީ ދިއިސްލާމްގެ ނޫސްވެރިން އަމަލު ބަހައްޓަންޖެހޭ ސުލޫކީ މިންގަޑެވެ. ދިއިސްލާމް ނޫހާއި ދިއިސްލާމް މަޖައްލާގެ ނޫސްވެރިން މިސުލޫކީ މިންގަނޑަށް އެއްބަސްވާނަމަ އެފަރާތްތަކީ ދިއިސްލާމްގެ ނޫސްވެރިއެއްކަން އަންގައިދޭ ކާޑު ހަވާލުކުރެވޭނެއެވެ. ކާޑުގެ މުއްދަތު ހަމަވުމުގެ 1 މަސް ކުރިން ދިއިސްލާމްއަށް ހުށައަޅައިގެން ކާޑު އާކުރަންވާނެއެވެ. މިސުލޫކީ މިންގަނޑު އެކުލަވާލުމުގައި އަސްލެއްކަމަށް ބަލާފައިވާނީ މީޑިއާ ކައުންސިލުގެ “ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑު” އަށެވެ.
- އިސްލާމީ އުޞޫލުތަކާޢި ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި ޚިލާފު އެއްވެސް އެއްޗެއް ދިއިސްލާމްގައި ޝާއިއު ނުކުރެވޭނެއެވެ.
- ދިއިސްލާމް ގައި ޝާއިއުކުރާ ޚަބަރާއި ލިޔުންތަކަކީ ސައްހަ މައުލޫމާތުކަން ޔަގީންކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަންވާނެއެވެ.
- ޚަބަރާއި ލިޔުން ޝާއިއުކުރުމަށް މައުލޫމާތު ހޯދުމާއި ފާޑުކިޔުމުގެ ތެރޭގައި އެއްވެސް ނުފޫޒަކަށް ބޯނުލަނބާ ނޫސްވެރިކަމުގެ މިންގަނޑުން ބޭރު ވެގެންނުވާނެއެވެ.
- ލިޔާ ޚަބަރާއި ލިޔާ އާރޓިކަލްތަކުގައި ހަޤީޤަތް އޮޅޭގޮތަށް އަދި ހަޤީޤަތް އޮޅުވާލުމުގެ ގޮތުން އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެއެވެ. އަބަދުވެސް ބަލާނީ ތެދު މައުލޫމާތު ލިޔުމަށެވެ.
- މައުލޫމާތުގެ ކުށަކުން ނަމަވެސް ދޮގެއް ލިޔެވިއްޖެނަމަ އެކަން އެނގުނު އެންމެ އަވަހަކަށް އެކުށް އިސްލާހު ކުރަންވާނެއެވެ. އެއީ ދިއިސްލާމް މަޖައްލާގައި ޕްރިންޓްވެފައިވާ ކުށެއްނަމަ އެންމެ އަވަހަށް ނުކުންނަ މަޖައްލާގައި އެކުށް ބަޔާންކޮށް އެކަން ކިޔުންތެރިންގެ ސަމާލުކަމަށް ގެންނަންވާނެއެވެ.
- ދިއިސްލާމްއިން ހަވާލުކޮށްފައިވާ ނޫސްވެރިކަމުގެ ކާޑު ނަހަމަގޮތުގައި ބޭނުން ކޮށްގެން ނުވާނެއެވެ. އަމިއްލަ ބޭނުންތަކަށާއި ސިޔާސީ މަސްލަހަތަކަށް އެކާޑު ބޭނުން ކޮށްގެން ނުވާނެއެވެ.
- ނޫސް، މަޖައްލާގައި ޝާއިއުކުރާ ފޮޓޯ، ވީޑީއޯ އަދި ލިޔުމަކީ އެހެން ފަރާތެއްގެ މިލްކެއްނަމަ އެފަރާތަށް ހަވާލާ ދޭންވާނެއެވެ.
- ޚަބަރާއި އާރޓިކަލްގައި ޝާއިއުކުރާ މައުލޫމާތުތަކުގެ މަސްދަރު ހާމަކުރަންވާނެއެވެ. ނަމަވެސް މަސްދަރު ހާމަކުރަން ބޭނުންނުވާނަމަ މަސްދަރު ހާމަނުކޮށް އެސިއްރު ހިފަހައްޓަންވާނެއެވެ.
- ބަރަހަނާ މަންޒަރާއި ވާހަކަ ސިފަކޮށްދޭ ލިޔުންތައް ޝާއިއުކުރުމުން ދުރުހެލިވާންވާނެއެވެ. އަދި ލިޔުމުގައި ޝާއިއު ކުރާ ފޮޓޯ އަކީ ދީނުގެ ތަރަހައިގެ ތެރޭގައި ހުއްދަ ފޮޓޯ ނުވަތަ ވީޑިއޯއަކަށް ވާންވާނެއެވެ.
- ބޭއަދަބީ ބަސްތައް ބޭނުންކޮށްގެން ޚަބަރާއި އާރޓިކަލް ލިޔުމުން ދުރުހެލިވާންވާނެއެވެ.
- ޚަބަރާއި އާރޓިކަލް ލިޔާއިރު ކިޔާ މީހާއަށް ފައިދާކުރުވަނިވި އެއްޗަކަށް ހެދުމަށާއި އިޖްތިމާއީ މައްސަލަތަކަށް އަލިއަޅުވާލުމުގައި އިސްކަން ދޭންވާނެއެވެ.
- އަނިޔާވެރި މަންޒަރު ސިފަކޮށްދޭ ފޮޓޯ، ވީޑިއޯ އަދި އަޑު ހިމެނޭ އޯޑިއޯ ޝާއިއުކުރުމުގައި އާންމު މަސްލަހަތަށް ރިއާޔަތްކުރަންވާނެއެވެ.
- ލިޔާ ޚަބަރާއި ރިޕޯޓްތަކުގައި އެނިސްބަތްވާ މީހެއްގެ ނަސަބާއި، ދީނާ، ޖިންސާ، ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަމާ ގުޅުވައިގެން ލިޔެގެންނުވާނެއެވެ.
- ޝާއިއުކުރާ ލިޔުންތަކުގައި އަނެކާގެ ޒާތީ ދިރިއުޅުމަށް އިހްތިރާމް ކުރަންވާނެއެވެ.
- ހިތާމަ އާއި މާޔޫސްކަމުގެ ހާދިސާއެއް މެދުވެރިވެފައިވާ ހާލަތެއްގައި ކަންކަން އޮޅުންފިލުވައި އަދި ޝާއިއުކުރާނީ އެހިތާމައެއް ނުވަތަ ހިތާމައާއި މާޔޫސްކަމުގެ ހާދިސާއެއް ކުރިމަތިވެފައިވާ ބައެއްގެ އިންސާނީ ކަރާމާތްތެރިކަމަށް އުނިކަން ނާންނާނޭ ގޮތުގެ މަތިންނެވެ.
- ކުޑަކުދިންނާއި ގުޅޭ ޚަބަރުތައް ޝާއިއުކުރުމުގައި އެކުދިންގެ އައިޑެންޓިޓީ ހާމަވެދާނެފަދަ އެއްވެސް މައުލޫމާތެއް ޚަބަރާއި ލިޔުމުގައި ބޭނުން ކޮށްގެން ނުވާނެއެވެ.
- ޖިންސީ ގޯނާ ލިބިފައިވާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރާނީ އެފަރާތުގެ ރުހުމާއި އެކުގައެވެ.
- ޚަބަރާއި ރިޕޯޓް ލިޔުމުގައި އެކަމާއި ނުގުޅޭ ފަރާތްތެއްގެ ހައްޤު ގެއްލޭގޮތަށް ޝާއިއު ކޮށްގެން ނުވާނެއެވެ. އިސްލާމީ ޝަރީއަތުގައި ހަރާމްކުރައްވާފައިވާ ކަމެއް ނުވަތަ ކުރުމުން ދުރުހެލިވާން އަންގަވާފައިވާކަމެއް ކުރުމަށް ހިތްވަރުދޭފަދަ އެއްވެސް ލިޔުމެއް ޝާއިއު ކޮށްގެން ނުވާނެއެވެ.
- ޚަބަރާއި މައުލޫމާތު ހޯދުމުގައި އެއްވެސް ފަރާތަކާއިއެކު ދެކެވޭ ވާހަކައެއް ރެކޯޑްކުރާނީ އެމީހަކަށް އެނގިގެން އެމީހެއްގެ ރުހުމާއި އެކުގައެވެ. މައުލޫމާތު ދޭ މީހާއަށް ނޭނގި ރެކޯޑް ކުރާނީ އެމީހާގެ ފަރާތުން ހޯދަން ބޭނުންވާ މައުލޫމާތަކީ މުޖްތަމައަށް ކޮންމެހެން އެނގެން ޖެހޭ މައުލޫމާތަކަށްވެފައި އެކަން ސިއްރުކޮށްގެން ނޫނީ އެމައުލޫމާތެއް ހޯދެންނެތް ހާލަތެއްގައި އެކަންޏެވެ.
- ނޫސްވެރިއަކަށްވީތީ ލިބިފައިވާ ޚާއްޞަ އިމްތިޔާޒުތަކާއި އިޚްތިޔާރުތަކާއި ފުރުސަތުތަކުގެ ފައިދާ ނާޖައިޒު ގޮތުގައި ބޭނުން ކޮށްގެން ނުވާނެއެވެ.