ހުޅުމާލޭގައި ތަރައްޤީކުރާ ވަޤްފު އިމާރާތް، "ދާރުއްސަލާމް" އަޅައިދޭނެ ފަރާތެއް ހޯދުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަނެއްކާވެސް އިޢުލާންކޮށްފިއެވެ. މި އިމާރާތް އަޅައިދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަ އިޢުލާންކޮށްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބިލްޑް އެންޑް މެއިންޓެނެންސް އުޞޫލުންނެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ކެޓަގަރީ GC-01-1 ގެ ކުންފުނިތަކަށެވެ.
ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިމަހުގެ 23 ވަނަ ދުވަހުގެ 16:00 ގެ ކުރިން ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށާއި، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ކަމަށް ވުޒާރާއިން ހާމަކުރައްވާފައިވެއެވެ.
ރާއްޖޭގައި އަޅާ އެންމެ ބޮޑު ވަޤްފު އިމާރާތުގެ ގޮތުގައި ތަރައްޤީކުރާ ދާރުއްސަލާމް، 12 ފަންގިފިލާއަށް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު ރާއްޖޭގައި ހުރި ހަމައެކަނި ވަޤްފު އިމާރާތަކީ މާލޭގައި ހުންނަ ދާރުލްއީމާން ކަމަށާއި، މި އިމާރާތުން އަހަރަކު 6 މިލިއަން ރުފިޔާ ލިބޭ ކަމަށް ވުޒާރާއިން ފާހަގަކުރައްވައެވެ.
ސަރުކާރުން ލަފާކުރައްވާ ގޮތުގައި، ހުޅުމާލެ އަދި މާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ވަޤްފު އިމާރާތްތަކާއެކު އަހަރަކު 50 މިލިއަން ރުފިޔާ ލިބޭނެއެވެ. އަދި މާލެ ސަރަޙައްދުގެ އިތުރުން އަތޮޅުތެރޭގައިވެސް މިފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ޓަކައި އަތޮޅު ވަޤުފު މަޝްރޫޢެއް ވެސް ސަރުކާރުން ވަނީ އިފްތިތާޙުކުރައްވާފައެވެ.
ޚިޔާލު