1432 ހ. އަހަރުގެ ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެތަން މިތަނުން ގިނަ މުސްލިމުންތަކެއް ދަނީ މައްކާގެ މާތް ބިމަށް ޖަމާވަމުންނެވެ.
މިގޮތުން، ރާއްޖޭގެ ތިން ޖަމާޢަތެއް މިހާތަނަށް ވަނީ މައްކާގެ މާތް ބިމަށް ވާސިލުވެފައެވެ. އެއީ އަލްމަނާސިކާއި، މަލީޝާއާއި، ސިސިލްފަރެވެ.
އަދި އިސްލާމިކް މިނިސްޓްރީން ދިވެހިރާއްޖޭގެ ޙައްޖު މިޝަނުގެ ދެ ބޭފުޅަކު ފޮނުއްވާފައިވެއެވެ. މި މިޝަނުގެ ރައީސަކީ ފަޟީލަތުއްޝެއިޚް މޫސާ އަންވަރު ޙަސަންއެވެ. ޝެއިޚް މޫސާ އަންވަރު ހާމަކުރައްވާ ގޮތުގައި މައްކާގައި މިހާރު ތިބި ހުރިހާ ދިވެހި ޙާޖީންގެވެސް ހާލު ރަނގަޅެވެ.
ދިވެހި ރާއްޖޭގެ ޙައްޖު މިޝަނުންނާއި ޖަމާޢަތްތަކުން މަޢުލޫމާތު ލިބޭ ގޮތުން، މިހާރު މައްކާގެ މާތް ބިމަށް ވާސިލުވެފައިވަނީ އެ ޖަމާޢަތްތަކުގެ ބައެއް ޙާޖީންނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ ޖަމާޢަތްތަކުގެ އިތުރު ޙާޖީން މައްކާއަށް އައުމަށް މާލެއަށް ފުރާނެކަމަށް ހާމަކުރައްވައެވެ.
އަލްމަނާސިކުގެ އިސް ބޭފުޅެއް ކަމުގައިވާ އައްޝެއިޚް ޢަލީ ޝަރީފު މަޢުލޫމާތު ދެއްވާ ގޮތުގައި، އެ ޖަމާޢަތުން މި މަހު 10 ވަނަ ދުވަހު މައްކާއަށް އައިސްފައިވަނީ 20 ޙާޖީންނެވެ. އަދި މި މަހު 16 ވަނަ ދުވަހު އެ ޖަމާޢަތުގެ ބާކީ ތިބި 85 ޙާޖީން އަންނަން ވަނީ ހަމަޖެހިފައެވެ. ޝެއިޚް ޢަލީ ޝަރީފް އިތުރަށް ހާމަކުރައްވާ ގޮތުގައި އެ ޖަމާޢަތުގެ ހުރިހާ ޙާޖީންގެވެސް ކަންތައްތައް ރަނގަޅެވެ. އެންމެންގެ ހާލުވެސް ރަނގަޅެވެ.
މަލީޝާ ޖަމާޢަތުގެ ފަރާތުން މަޢުލޫމާތު ލިބޭ ގޮތުން، އެ ޖަމާޢަތުން މި މަހު 11 ވަނަ ދުވަހު ވަނީ 50 ޙާޖީން މައްކާއަށް ވާސިލުވެފައެވެ. އަދި އެ ޖަމާޢަތުގެ ހުރިހާ ޙާޖީންގެ ހާލުވެސް ރަނގަޅު ކަމުގައެވެ. އަދި ބާކީ އެ ޖަމާޢަތުން 185 ޙާޖީން މި މަހުގެ 17 އަދި 18 ގައި މައްކާއަށް އަންނާނެ ކަމަށް މަޢުލޫމާތު ދެއްވައެވެ.
މި ޚަބަރު ޝާއިޢު ކުރި އިރު، ސިސިލްފަރު ޖަމާޢަތުގެ ބޭފުޅަކާ ގުޅޭނެ ނަމްބަރެއް ލިބިފައި ނުވާތީ، ސިސިލްފަރު ޖަމާޢަތުގެ އިތުރު މަޢުލޫމާތެއް ލިބޭ ގޮތް ވަނީ ނުވަފައެވެ.
ލައިވް ބްލޮގް: ހައްޖު 1432 (މައްކާއިން)

















ޚިޔާލު