ފިރިހެނަކު އޭނާގެ އަނބި މީހާއަށް "އަހަރެން ވަރަށް ލޯބިވޭ" ބުނެ އެ އަނބި މީހާ އަށް އަނިޔާކޮށް އޭނާއަށް ޚަރަދު ނުކޮށްދޭނަމަ އޭނާ އަނބި މީހާދެކެ ހަޤީޤަތުގައިވެސް ލޯބި ވޭ ހެއްޔެވެ؟ ނުވަތަ އަނަހެނަކު އޭނާގެ ފިރިމީހާދެކެ "ވަރަށް ލޯބިވޭ" ބުނާއިރު، ފިރިމީހާ އެއްދާން ކުރުމަށް ގޮވާލާ ހިނދު އެއްވެސް ސަބަބެއް ނެތި އެކަމަށް އިޖާބަ ނުދޭނަމަ އޭނާ ފިރިމީހާ ދެކެ ހަޤީޤަތުގައިވެސް ލޯބިވޭ ހެއްޔެވެ؟ ނުވަތަ ދަރިއަކު އޭނާގެ މަންމައަށް "އަހަރެން ވަރަށް ލޯބިވޭ" ބުނާ އިރު އެ މަންމަގެ ބަސް ނާހާ އުޅޭނަމަ އެދަރިފުޅު ހަޤީޤަތުގައިވެސް އޭނާގެ މަންމަ ދެކެ ލޯބިވޭ ހެއްޔެވެ؟
މީހަކު މީހަކު ދެކެ ލޯބިވާނަމަ އެމީހަކު ރުހޭ ކަމެއް މެނުވީ ނުކުރާނެއެވެ. އަދި އެމީހަކު ނުރުހޭ ކަމެއްނަމަ ދުރުވާނެއެވެ. ހިތުގައި އުފެދޭ ލޯބީގެ ޝުޢޫރު ޢަމަލާއި ބަހުން ފެންނާނެއެވެ. އެފަދައިން އަމަލު ނުކުރާނަމަ ލޯބިވަމޭ ކިޔައިގެން އެކުރަނީ ދޮގު ދައުވާ އެކެވެ.
ހަމަ އެގޮތަށް ތިމަންނަ އިސްލާމްދީން ދެކެ ލޯބިވަމޭ ބުނެލުމަކީ ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހަ ކަމެކެވެ. ނަމަވެސް ޙަޤީޤަތުގައި އިސްލާމް ދީން ދެކެ ލޯބި ވުމަކީ އެދީން އަމުރު ކުރާ ކަންކަމަށް އެމީހަކު ކިޔަމަން ވުމެވެ. އަދި އެދީން ނަހީ ކުރާ ކަންކަމުން ދުރުހެލި ވުމެވެ. އެހެން ކަމުން އެދީން ބާވައިލެއްވި ﷲ ސުބްޙާނަހޫ ވަތަޢާލާ ދެކެ ލޯބިވާން ޖެހެއެވެ. އަދި އެފަރާތަކަށް އެދީން ބާވައިލެއްވުނު އެކަލާނގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ދެކެ ލޯބި ވާން ޖެހެއެވެ. އަދި އެދީން ލޯބިވާން އަންގަވާފައިވާ މީހުންދެކެ ވެސް ލޯބިވާންޖެހެއެވެ. އަދި ނުރުހުންތެރި ވާން އަންގަވާފައިވާ މީހުންނަށް ނުރުހުންތެރި ވާންވެސް ޖެހެއެވެ. އަދި އީމާންކަމާ އިސްލާމްކަމާ އިހުސާންކަން ފުރިހަމަކުރަން މަސައްކަތް ކުރަންޖެހެއެވެ. އަދި އެއީ ހަމަ އެކަނި ދުލުން ބުނެލައިގެން ފަރުޖެހޭނެ ކަންކަމެއް ނޫނެވެ.
ހަމަ އެކަނި އީމާން ވެއްޖައީމޭ ދުލުން ބުނެލުމުން ނުފުދޭކަން ﷲ ގެ މި ވަޙީ ބަސްފުޅުންވެސް އެނގޭނެއެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ.
أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ
"މީސްތަކުން ތިމަންމެން އީމާން ވެއްޖައީމުއޭ ބުނުމުން، އެއުރެން އިމްތިޙާން ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ؟" (އަލް ޢަންކަބޫތް 2)
ހަމަ އެގޮތަށް ﷲ ދެކެ ލޯބިވަމޭ ދުލުން ބުނެލުމަކުން ވެސް ނުފުދެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް ލޯބިވުމާ ބެހޭގޮތުން އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ.
قُلْ إِن كُنتُمْ تُحِبُّونَ اللَّـهَ فَاتَّبِعُونِي
"ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، ﷲ އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ތަބާ ވާށެވެ!" (އާލް އިމްރާން 31)
ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމް ތަބާ ވުމަކީ ކޮބައިތޯއެވެ. އެއީ އެކަލޭގެފާނު އަމުރު ކުރެއްވި ކަންކަން ކުރުމެވެ. އަދި އެކަލޭގެ ފާނު ގެނެސް ދެއްވި ކޮންމެ ޚަބަރެއް ތެދު ކުރުމެވެ. އަދި އެކަލޭގެ ފާނު ނަހީ ކުރެއްވި ކޮންމެ ކަމަކުން ދުރުހެލި ވުމެވެ. އަދި އެކަލޭގެފާނު ޝަރުޢު ކުރެއްވި ގޮތަށް މެނުވީ ﷲ އަށް އަޅުކަން ނުކުރުމެވެ. އަދި އެކަލޭގެފާނަކީ ނަމޫނާ އެއް ކަމުގައި ބެލުމެވެ.
ﷲ ވަޙީ ކުރައްވާފައިވެއެވެ.
لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّـهِ أُسْوَةٌ حَسَنَةٌ
"ހަމަކަށަވަރުން، ﷲގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ." (އަލް އަޙްޒާބް 21)
ސުވާލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ކިޔަމަން ނުވާ މީހަކު ﷲދެކެ ލޯބި ވާނެ ހެއްޔެވެ؟ އަދި ﷲ ދެކެ ލޯބި ނުވާ މީހަކު އިސްލާމް ދީން ދެކެ ލޯބިވާނެ ހެއްޔެވެ؟
އެހެންކަމުން އިސްލާމްދީން އަންގަވާފައިވާ ގޮތަށް ޢަމަލު ނުކޮށް ހުރެ، އަޑަށް ކިތަންމެ ބާރުލާފައި ތިމަންނަ އިސްލާމްދީން ދެކެ ލޯބިވަމޭ ބުނި ކަމުގައިވިޔަސް އެހެދެނީ ބުހުތާނު ދޮގެކެވެ. އެއްކޮޅުން އެދީނުގެ ކަންކަމަށް މަލާމާތާއި ފުރައްސާރަކޮށް ޖޯކު ޖަހަމުން އަނެއްކޮޅުން އެދީންދެކެ ތިމަންނަ ވަރަށް ލޯބިވަމޭ ބުނާމީހުންވެސް ދުނިޔޭގައި އުޅެއެވެ. އެފަދަ މީހުންގެ ތެރެއިން އަހަރެމެން ނުލައްވާށި! އާމީން
ޚިޔާލު