ކޮލަމިސްޓްދިއިސްލާމް

އޭނާއަށް އަހަރެންނަށް ޙަސަދަވެރިވީމެވެ.

ފޮޓޯ: ގޫގްލް ފޮޓޯސް

އަހަރެންގެ ނަމަކީ ކެރޮލީން އެރާޒޯއެވެ. އަހަންނަކީއެމެރިކާއަށް ނިސްބަތްވާ ކްރިސްޓިއަނަކީމެވެ. ކުޑައިރުއްސުރެން އަހަރެންނަށް ދަސްކޮށްދީފައިވަނީ އަހަރެންގެ ދީނަކީ ކްރިސްޓިއާނިޓީކަމުގައެވެ. ފައްޅީގައި ބާއްވާ އެކި ބައްދަލުވުންތަކަށް އަހަރެން ގޮސް އުޅެނީ މަންމަމެން ކިޔާވަރުންނެވެ. އެއީ އަހަރެން ފޫހިވާކަމެކެވެ.

 އެކަމަކު އަހަރެން ހިދާޔަތުގެ މަގު ހޯދުމަށް ދަތުރުފެށުމަށް މަގުފަހިވީވެސް ކްރިސްޓިއަން ކޭމްޕެކެވެ. އަހަރެންގެ ޢާއިލާއަކީ ފަޤީރު ޢާއިލާއެކެވެ. އަހަރެން އުޅެބޮޑުވީ ދިރިއުޅުމުގެ ވަރަށް ގިނަ ލައްޒަތުތަކުން މަޙުރޫމްވެގެންނެވެ.  ކޭމްޕް ގެ ފަހު ދުވަސް ވީ އޮކްޓޯބަރު މަހެއްގެ ފިނި ދުވަހަކަށެވެ. އަހަރެން ހިނގަމުން އައި އުސް ފަސްގަނޑުގެ މަތިން ހިނގާލާފައި ދެވުނީ ރީތި އަތިރިއަކަށެވެ. އެތާނގެ ވެލިގަނޑު މަތީގައި މޫދަށް ބަލަން އެތައް އިރަކު އަހަންނަށް އިނދެވުނެވެ. އެއީ އަހަންނަށް ފުރަތަމަ ކުރެވުނު ރޫޙާނީ އިޙްސާސްކަމުގައި ބުނެވިދާނެއެވެ. ހިތާއިހިތުން އަހަރެންގެ ދިރިއުޅުމުގެ ކަންކަމާއިމެދު އަހަރެންގެ ކަލާންގެއަށް ޝަކުވާކުރީމެވެ. އަހަރެންގެ ކަންކަން އަވަހަށް ބަދަލުކޮށްދެއްވާތޯ ހިތުގެ އަޑިން އެދުނީމެވެ. އެދުވަހު އަހަރެން އެކަނި އިނދެ ވަރަށް ރުއީމެވެ.

 އަހަރެންގެ ހިތް މަޑުމަޑުން ބަދަލުވާންފެށީވެސް އެދުވަހުން ފެށިގެންނެވެ. އެދުވަހު އަހަރެންގެ ހިތުގައި ރޯވެފައި އިން ކުޑަކުޑަ ހުޅުކޮޅުވެސް ނިވިދިޔަފަދައެވެ. އަހަރެން ދީނީ ކަންކަން ކުރަން ފޫހިވާންފެށިއެވެ. އަހަރެން ގެ ބޭނުންތައް ފުއްދައިނުދޭ، އަހަރެންގެ މަތިން ހަނދާން ނުހުންނަ ކަލާންގެއަކަށް އަޅުކަންކުރަން އަހަރެން ބޭނުންނުވީއެވެ.

 އަހަރުތައް އެގޮތުގައި ފާއިތުވަމުންދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އަހަރެންގެ ހިތުގައި އެއްވެސް ކަލާނގެއަކަށް ނުވަތަ ދީނަކަށް ޖާގައެއް ނުދެމެވެ. އެކަމަކު އަހަރެންގެ ޙަޔާތުގައި ކުރިމަތިވަމުންދިޔަ އިމްތިޙާނުތަކުން އަރައިގަނެވޭތޯ ހިތްވަރާއެކު މަސައްކަތް ކުރަމުންދިޔައީމެވެ. ނަމަވެސް އަހަރެންގެ ޝަކުވާތައް ބައިވަރެވެ. އެއަށްވުރެންވެސް އަހަރެންގެ ހިތުގައިވާ ހިތްހަމަނުޖެހުންތައް އިތުރުވަމުންދިޔައީ، މި ޝަކުވާތައް އަޑުއަހައި، އަހަރެންގެ އުނދަގޫތައް ފިލުވަދޭނެ ފަރާތެއް އަހަރެންގެ ދިރިއުޅުމުގައި ނެތީމައެވެ.

 ކުރިޔެކޭވެސް އެއްގޮތަށް ދުވަސްތައް ހޭދަވަމުންގޮސް، އެއްދުވަހަކު އަހަންނަށް ޖަނާޒާއަކަށް ދަޢުވަތު ލިބުނެވެ. އެ ޖަނާޒާގައި މަޔަކު އޭނާގެ ދަރިފުޅު ގެއްލިގެން ދިޔަ ގޮތުގެ ވާހަކަތައް ކިޔައިދެމުންދިޔައެވެ. އަހަރެން އޭނާގެ ކޮންމެ ލަފުޒެއް އަޑުއަހަމުންދިޔައީމެވެ. އެ އަންހެންމީހާގެ ކޮންމެ ޙަރަކާތަކަށް އިސްވެސް ޖަހާނުލައި އަހަންނަށް ބަލަހައްޓައިގެން އިނދެވުނެވެ. އޭނާ ވާހަކަދައްކަމުން ދިޔައިރު އެ އަޑުގައި ހިތާމައާއި މޮޅިވެރިކަން އެކުލެވިފައިވީ ނަމަވެސް، އެ އަޑުގައިވަނީ އަޖައިބެއްފަދަ ޔަޤީންކަމެކެވެ. އެ މޫނުމަތި މިލާފައިވިޔަސް، އެ ދެލޮލުން ވިދަމުންދިޔައީ އުފާވެރިކަމާއި އަމާންކަމުގެ ކަރުނައެވެ.

 އެ އަންހެންމީހާ ބުނަމުންދިޔައީ އޭނާގެ ދަރިފުޅުވީ އެމީހުންގެ ކަލާނގެ ޙަޟްރަތުގައިކަމަށެވެ. އެހިނދު އެ ތުންފަތުގައިވީ ލުއި ހިނިތުންވުމުގެ ސަބަބުން އަހަރެންގެ ހައިރާންކަން އިންތިހާއަށް އިތުރުވެގެންދިޔައެވެ. އަދި މި އަންހެންމީހާގެ ހިތުގައި އޭނާގެ ދިރިއުޅުމުގެ ކަންކަން ހިނގަމުންދާ ގޮތާއިމެދު އުފެދިފައިވާ ހިތްހަމަޖެހުން ފެނި، އެކަމަށްޓަކައި އޭނާއަށް ޙަސަދަވެރިވެވުނެވެ. މިފަދަ އުފާވެރިކަމެއް އޭނާއަށް ލިބުމުގެ ފަހަތުގައިވަނީ ކޮން ސިއްރެއްބާއޭ އެތައްފަހަރަކު އަހަރެންގެ ހިތް އެނގެން ބޭނުންވިއެވެ. ގެއަށް ދިޔުމަށްފަހުންވެސް އަހަންނަށް މުޅި ދުވަހު ވިސްނެމުންދިޔައީ އޭނާއާއިމެދުގައެވެ. އެ އަންހެންމީހާގެ އިލާހާއިމެދު އޭނާގެ ހިތުގައިވީ ފުރިހަމަ އިތުބާރާއިމެދުއެވެ. އަހަރެންވެސް އެފަދަ އުފާވެރިކަމެއް ބޭނުމެވެ.

ޖެހިގެން އައި ހަފްތާތައް ވެގެންދިޔައީ އަހަރެން ދީނާއި ބެހޭގޮތުން ހޯދައި ބަލަން ކުރި ދަތުރުގެ ފެށުމަށެވެ. އަހަރެންގެ ދީނަކީ ކްރިސްޓިއާނިޓީ ކަމަށްވުމުން ފުރަތަމަ ފެށީ އެ ދީނުންނެވެ. އެތައް ހަފްތާއެއްގެ އާދީއްތަ ދުވަސްތައް އަހަރެން ހޭދަކުރަމުން ދިޔައީ ފައްޅީގައެވެ. ފާދިރީން ދައްކަމުންދިޔަ ވާހަކަތަކުގެ ކޮންމެ ލަފްޒެއް އަހަރެން ކަނުލާ އަޑުއެހީމެވެ. އެ ވާހަކަތަކުން އަހަރެންގެ ހިތުގެ އުށްބައްތީގައި އާހުޅުކޮޅެއް ރޯކޮށްލަފާނެކަމުގެ އުންމީދުގައެވެ. އަހަރެންގެ ހިތަށް އީމާންކަމުގެ ކުޑަވެސް އަލިކަމެއް ލިބޭތޯއެވެ. ނަމަވެސް އެގޮތުގައި މަސްތަކެއް ފާއިތުވެ ދިޔައިރުވެސް، އަހަރެންގެ ކަނު އަނދިރި ޙަޔާތަށް ބަދަލެއް ނާދެއެވެ.

އެހެންކަމުން ދެން އަހަރެން ނިންމީ އެހެން ދީނަކާއި ބެހޭގޮތުން މަޢުލޫމާތު ހޯދައި އެއްކުރާށެވެ. އެއީ ބުދަ ދުވަހެއްގެ ހެނދުނުގެ ވަގުތެވެ. އަހަރެން އެހާ ހެނދުނަކާ ހޭލީވެސް، ހެނދުނު ވަޒީފާއަށް ދިޔުމުގެ ކުރިން، ކުރީ ރޭގައި އަހަރެން ގޫގްލް ގައި ހޯދި މިސްކިތަށް ދިއުމަށްޓަކައެވެ. އެހެނަސް، ކާރުގައި އެތައް ހިސާބަކަށް ދެވުނުއިރުވެސް އެ މިސްކިތް ފެންނަގޮތެއް ނުވިއެވެ. އެ މިސްކިތް ހުރިތަނާއި އެޑްރެހަށް ދާންދެން އެނގެން އޮވެފައި، އެ މިސްކިތް ނުފެނުމުން އަހަރެންގެ ހިއްވަރު އެލުނެވެ. ހިސާބަކަށް ރުޅިވެސް އައެވެ. އެހާމެ ދެރަވެސް ވިއެވެ. ވަޒީފާއަށް ގަޑިޖެހިދާނެތީ އަހަރެންގެ ކަންބޮޑުވުން އިތުރުވިއެވެ. އެންމެފަހުން މިއީ ބޭކާރު ގޮތުގައި ގެއްލިދިޔަ ވަގުތުތަކެކޭ ހިތަށް އަރައި އަހަންނަށް ބޭ އިޚްތިޔާރުގައި ރޮވެންފެށުނެވެ. އަހަރެންނަށް އަހަރެންގެ އިހުސާސްތައް ކޮންޓްރޯލް ނުކުރެވުނީއެވެ. އަދި ބޮސް އަށް ގުޅައި، ވެގެން އުޅޭގޮތް ކިޔައި ދިނުމަށްފަހު އެދުވަހު ވަޒީފާއަށް ލަސްވެދާނެކަމުގައި ބުނީމެވެ. އޭނާގެ ޖަވާބު ކުރުވެފައި ސާދާއެވެ.

"އަހަރެން ތިބާއަށް ތިކަމުގައި އެހީވެދޭނަމެވެ."

އޭނާ ވަޢުދުވީ ފަދައިން އަހަންނަށް އެކަމުގައި އެހީވެދިނެވެ. އަހަރެން އެ މިސްކިތާއި ހަމައަށް ގެންގޮސްދިނެވެ. އަހަންނަށް އެ ވަގުތު ލިބިގެންދިޔަ އުފާވެރިކަމުން ޚުދު އަހަރެންވެސް ހައިރާންވިއެވެ. ފުރަތަމަ ސަބަބަކީ އަހަންނަކީ މުސްލިމަކަށް ނުވުމެވެ. ދެވަނަ ސަބަބަކީ އަހަރެންނަށް އަބަދުވެސް ހީކުރެވިފައިވަނީ މުސްލިމުންނަކީ ބޯ ހަމަނުޖެހޭ ބައެއްގެ ގޮތުގައެވެ. އެމީހުންނާއިހެދި މަޢުޞޫމް އެތަކެއް ބަޔަކު މަރުވެ ގޮސްފައިވާ ޓެރަރިސްޓުންކަމުގައެވެ. ނަމަވެސް އެމީހުން އަޅުކަންކުރާ ތަނަށް އާދެވުމުން އަހަންނަށް އުފާވެރިކަން އިޙުސާސްކުރެވެންވީ ކީއްވެގެން ހެއްޔެވެ؟

ކޮންމެއަކަސް، ވަރަށް ހިތްވަރުކޮށްފައި މިސްކިތުގެ ދޮރާއި ހަމައަށް ގޮސް، ދޮރު ހުޅުވާލީ އެދޮރުގެ އަނެއްފަރާތުން އަހަންނަށް އައިސްދާނެ ބިރުވެރިކަމަކަށް ތައްޔާރުވެ ހުރެގެންނެވެ. ކިތަންމެ ބިރުވެރިކަމެއް ހިތުގައި އޮތަސް، މި ގޮތްނޭނގޭ ދީނާއި ބެހޭގޮތުން އަހަންނަށް ކޮންމެވެސް އެއްޗެއް އެނގެން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންވެސް މެއެވެ. އެތެރެއަށް ވަދެ މިސްކިތުގެ އިމާމާއި ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުނީމެވެ. ނަމަވެސް އެވަގުތު އޭނާ މިސްކިތުގައި ނެތުމުން އަހަރެންގެ ފޯން ނަންބަރު ދިނުމަށް މިސްކިތުން ދިމާވި މީހާ އެދުނެވެ. އޭނާ ދިއްކޮށްލި ގަނޑުކޮޅުގައި އަހަރެންގެ ފޯން ނަންބަރު ނޯޓްކޮށްލީ މިކަން މިހިސާބުން ނިމުނީކަމަށް އަހަރެންގެ ހިތުން ނިންމަމުންނެވެ. އަވަސް އަރުވާލާފައި މިސްކިތުން ނުކުންނަށް ހިނގައިގަތީމެވެ.

"އިމާމްގެ ނަމަކީ ޢަބްދުއްލަޠީފެވެ. އޭނާ ތިބާއަށް ގުޅާނެއެވެ." މިސްކިތުން ދިމާވި މީހާ އަހަންނަށް ބުނެލިއެވެ.

އަހަންނަށް ހިތާއި ހިތުން ބުނެލެވުނެވެ. "ހަމަ އަސްލުވެސް އެ ބުނާ އިމާމަކު އަހަންނާއި ގުޅާނެހެއްޔެވެ؟ އަހަންނަކީ މުސްލިމަކަށް ނުވާއިރުވެސް އަހަންނާއި ވާހަކަދައްކާނެ ހެއްޔެވެ؟ އަހަރެމެން ދެމީހުންނަކީ އުޑާއި ބިމާހާ ތަފާތު ދެމީހުންނަށް ވީއިރުވެސް، އޭނާ އަހަރެންގެ ރޫޙާނިއްޔަތަށްޓަކައި މިކުރާ ދަތުރުގައި އޭނާ އަހަރެންގެ ޙާލަތު ދެނެގަނެ، އަހަންނަށް އެހީތެރިވެދޭނެހެއްޔެވެ؟ އަހަންނަށް އެފަދަ މީހަކާއި ވާހަކަދެއްކޭނެ ހެއްޔެވެ؟"

އަހަންނަށް އިމާމް ޢަބްދުއްލަޠީފުގެ ކޯލު އައީ އޭގެ ދެގަޑިއިރު ފަހުންނެވެ. އެއަށްފަހު އިމާމް އާއި ބައްދަލުވެ، އަހަރެންގެ ވާހަކަތައް އޭނާއާއި ޙިއްސާކުރީމެވެ. ކްއިސްޓިއާނިޓީއާއި މެދު އަހަރެންގެ ހިތުގައި އުފެދިފައިވާ ސުވާލުތައް ހުށަހެޅީމެވެ. އިމާމް އަހަރެންގެ ހުރިހާ ވާހަކަތަކެއް ނިމެންދެން ކަނުލާ އަޑުއަހަން އިނެވެ. އެއަށްފަހު އެއް ސުވާލަކަށްފަހު އަނެއް ސުވާލަކަށް ޖަވާބުދެމުންދިޔައެވެ. ނޭނގޭ ސަބަބަކާހެދި އަހަންނަށް އިމާމްގެ ހުރިހާ ޖަވާބެއް ހިތުގެ އަޑިން ޤަބޫލުކުރެވުނެވެ. ދެގަޑިއިރުގެ ބައްދަލުވުމަކަށްފަހު އަހަރެން އިންތަނުން ތެދުވީ އަހަރެންގެ ލިސްޓުން މުސްލިމުންގެ ދީން ޗެކްއައުޓް ކޮށްލުމަށް ނިޔަތްގަނެގެންނެވެ.

ނަމަވެސް އަހަރެން ތެދުވުމާއެކު އިމާމް ޢަބްދުލް ލަޠީފް އަހަންނަށް ބުނެލިއެވެ.

"އުޚްތާއެވެ. ތެދުމަގު ހޯދުމަށް ތި ކުރާ ދަތުރުގައި އަހަރެން ބައިވެރިކޮށްދިނީތީ ޝުކުރުވެރިވަމެވެ. މިތަން ދޫކޮށް ދާއިރު ތިބާއަކީ މުސްލިމަކަށް ނުވީ ކޮން ސަބަބަކާތޯ ނުވަތަ ތިބާ މުސްލިމް ވާންވީ ކޮން ސަބަބަކާހުރެތޯ ތިބާއަށް އެނގޭނެކަމުގައި ހީކުރަމެވެ."

މުޅި އެރޭ އަހަންނަށް ވިސްނުނީ އެ ޖުމްލަތަކާއިމެދުއެވެ. ޖެހިގެން އައި ހަފްތާގައިވެސް އަހަންނަށް ވިސްނުނީ އެކަމާއިމެދުއެވެ. އަދި އަހަރެން އިސްލާމް ދީނާއިމެދު އިތުރަށް ހޯދައި ބަލަންފެށީމެވެ. އެ ދީނާއިމެދު އަހަންނަށް އެނގެމުންދިޔަދިޔަހެން، އަހަރެންގެ ހިތް އެ ދީނަށް ހުޅުވެމުންދިޔައެވެ. އަހަރެން އެ ބަޔަކާއިމެދު އެންމެ ގޯސްކޮށް ވިސްނި މުސްލިމުންނަކީ ހަގީގަތުގައި އެހާ ގޯސް ބައެއް ނޫންކަން އަހަންނަށް އެނގިގެންދިޔައެވެ. އެމީހުން އަހަރެމެން ކަހަލަ މީހުންނަށްވުރެން މާ ރަނގަޅުކަން އަހަންނަށް އެނގި ފަހުމްވެގެންދިޔައެވެ. އިސްލާމުންނާއިމެދު އަހަންނަށް އިވެމުންދިޔަ ގިނަ އަޑުތަކަކީ ހަގީގަތެއް ނެތް، ބުހުތާނު ވާހަކަތަކެއްކަން އަހަންނަށް މާ ރަނގަޅަށްވެސް އެނގުނެވެ.

އިސްލާމްދީނާއިމެދު އަހަންނަށް އެނގެމުންދިޔަވަރަކަށް އަހަރެން އެދީނަށް ވަންނަން ބޭނުންވާންފެށިއެވެ. ނަމަވެސް އަހަންނަށް އެކަން ކުރާނެހާ ހިތްވަރެއް ނުލިބުނެވެ. ނަމަވެސް އޭގެ ތިން މަސްފަހުން އަހަރެން ހުއްޓި ހުރީ އެންމެ ފުރަތަމަ އަހަރެން ދިޔަ މިސްކިތުގައެވެ. އެދުވަހު އަހަރެން ޢަރަބި ބަހުން ކިޔަމުންދިޔަ ޝަހާދަތުގެ ކަލިމަތައް އަހަރެންގެ ހިތާއި ރޫޙުގެ އެންމެ ފުންމިނަށް އަސަރުކުރުވަމުންދިޔައެވެ. އަދި އެ ވަގުތުކޮޅު ވެގެންދިޔައީ މުޅި ޙަޔާތުގައިވެސް، އެންމެ ފުރަތަމަ ފަހަރަށް މި ޙަޔާތަށް އަލިކަމެއް އައި ދުވަހަށެވެ. ދީނާއިމެދު އެންމެ ފުރަތަމަ އަހަންނަށް ވިސްނަން މަޖުބޫރުކުރުވި ޙާދިސާގައި އަހަރެން ޙަސަދަވެރިވީ އަންހެންމީހާގެ މޫނު މަތީގައިވީފަދަ ހިތްހަމަޖެހުމެއް އަހަންނަށް އިޙުސާސްވީ ފުރަތަމަ ދުވަހަށެވެ. އަލްޙަމްދުލިﷲ.

ފޮޓޯ:ގޫގްލްފޮޓޯސް

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *