އަހަރެންގެ ނަމަކީ ނިކޯލް ކުއީންއެވެ. ކުރިން އަހަންނަކީ ކްރިސްޓިއަނަކީމެވެ. ކުޑައިރުއްސުރެން ދީނަށް ލޯބިކޮށް އުޅުނީމެވެ. ނަމަވެސް ކޮލެޖަށް ދާން ފެށި ހިސާބުން އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވިއެވެ. ދީނަށް ކުރިން ދެވިފައިވާ ޤަދަރު އަހަރެންގެ ހިތުން ފިލައިގެން ދިޔައީ އެހިސާބުންނެވެ. އަމިއްލަ ޢާއިލާއާއި ގެއާއި ވަކިވެ، އެހެން މުޖުތަމަޢަކަށް ގޮސް އެހެން ބަޔަކާއެކު އުޅެން ފެށުމުން ވީގޮތެއް ކަމަށްވެސް އަހަރެން ނިންމީމެވެ.
އަހަރެންގެ ބައްޕަ އާއި މަންމަ އަކީ ޑްރަގް އެޑިކްޓުންނެވެ. އެހެންކަމުން އަހަންނަށް 8 އަހަރުގައި އަހަރެންގެ ބޮޑުދައިތަ އަހަރެން ބެލުމުގެ ކަންކަމާއި ޙަވާލުވިއެވެ. ނަމަވެސް ކުޑައިރުއްސުރެން އަހަރެން ބަލާ ބޮޑުކުރީ އަހަރެންގެ މާމަ އާއި ކާފައެވެ. ދެމީހުންނަކީ ވަރަށް އަޅުވެރި ދެ ކްރިސްޓިއަނުންނެވެ. ކޮންމެ ހަފްތާއެއްގެ ދެދުވަހު އެމީހުންނާއެކު އަހަރެންވެސް ފައްޅިއަށް ދަމެވެ. މާމަ އަކީ ޢުމުރުދުވަހު އެ ފައްޅީގައި ޚިދުމަތްކުރަމުން އައި މީހެކެވެ. އެހެންކަމުން، ދީނަކީ އަހަރެންގެ ދިރިއުޅުމުގެ ވަރަށް ބޮޑު ބަޔަކަށް ވެގެންދިޔައެވެ.
އަހަރެން އަމިއްލަ އެޕާރޓްމަންޓަކަށް ބަދަލުވީ ޢުމުރުން އެންމެ 17 އަހަރުގައެވެ. ވަޒީފާއަށް ގޮސް، ޕާރޓް ޓައިމް ކޮށް ކިޔަވަންވެސް ފެށީމެވެ. އެއަށްފަހު ޔުނިވާސިޓީއަށް ދިޔުމަށްޓަކައި އެ އެޕާރޓްމަންޓް ދޫކޮށް، ފުލްޓައިމް ކޮށް ކިޔަވަންފެށީމެވެ. އެއީ އުނދަގޫ ދުވަސްތަކެކެވެ. ހުރިހާ ޚަރަދެއް އަމިއްލައަށް ކުރަންޖެހުމުން، ގިނަފަހަރަށް އަހަންނަށް ހުރެވެނީ ކަންބޮޑުވެ، ހާސްވެފައެވެ. މަޑުމަޑުން އަހަރެންގެ އުޅުމަށް ބޮޑެތި ނުރަނގަޅު ބަދަލުތައް އަންނަންފެށިއެވެ. ކުރިން އަހަންނަކީ ކިޔަވަން ގަދައަޅާ މަސައްކަތްކުރި މީހެކެވެ. އަހަންނަށް އޭރު މަތީ ވަނަތައް ލިބެއެވެ. ނަމަވެސް ފަހުން އަހަރެން އެއްވެސް ގޮތަކަށް ކިޔެވުމަށް ޝައުގުވެރިކަމެއް ނުހުރެއެވެ. އެންމެފަހުން އަހަރެން ސްކޫލުންވެސް ކެނޑުނީމެވެ. ކުރީގައި އަހަރެން އުޅުނު އުޅުމާއި ބަލައި، އަހަރެންގެ އުޅުމަށް އައިސްފައިވާ ނުރަނގަޅު ބަދަލުތައް ފެނި، ޢާއިލާ ގެ މީހުންވެސް އެވާހަކަ ދައްކަން ފެށިއެވެ. އަހަރެންގެ ދިރިއުޅުން ނިމުމަކަށް އަންނަން އުޅޭ މިންވަރަށް އަހަރެންގެ ކަންބޮޑުވުންތައް އިތުރުވެގެން ދިޔައެވެ.
އެހެންކަމުން އަހަރެން ނިންމީ އަނެއްކާވެސް އާ ހިތްވަރަކާއެކު ކިޔެވުމަށްޓަކައި މަސައްކަތް ކުރުމަށެވެ. އެގޮތުން ޔުނިވާސިޓީއަށް ފަހު އަހަރެން އަބަދުވެސް އެންމެ އަދާކުރާ ހިތްވާ ވަޒީފާއިން ކުރިޔަށް ދިޔުމަށް ޤަސްދުކުރީމެވެ. އަހަންނަކީ ކޮލެޖް ދުވަސްވަރުއްސުރެން ފެށިގެންވެސް ޕާޓީ ކުރުމަށް ފޯރި ހުންނަ މީހަކީމެވެ. އަހަރެން ބޭނުންވީ އެ ނައިޓްކްލަބް އިންޑަސްޓްރީ އިން ވަޒީފާ ހޯދާށެވެ. އަހަންނަށް އެންމެ ފުރިހަމައަށް ކުރަން އެނގޭ ކަމަކީ އެއީ ކަމަށްވާތީވެސް މެއެވެ. އެގޮތުން އަހަރެން އަމިއްލަ ވިޔަފާރިއެއް ފެށީމެވެ. ފޮޓޯގްރަފީ އާއި އިވެންޓް ފޮޓޯގްރަފީގެ ދާއިރާއިން ކުރިޔަށް ދިޔުމަށް ޤަސްދުކޮށްގެންނެވެ.
އެގޮތުން އިވެންޓް ފޮޓޯގްރަފީގައި ބޮޑެތި ޙަފްލާތައް ކަވަރުކުރަމުން ގެންދިޔައީމެވެ. ހިލޭ އެހީގެ ޖަލްސާތަކާއި މަޝްހޫރު ތަރިންގެ ޕާޓީތަކެވެ. މުއްސަނދިންގެ ޖާފަތްތަކާއި، މަހުޖަނުންގެ އެއްވުންތަކެވެ. މިގޮތުން އަހަންނަށް އެތައް ފަހަރެއްގެ މަތިން އެތައް ބަޔަކާއި ބައްދަލުވެވުނެވެ. ޑަލަސް ގައި އަހަރެން ދިރިއުޅެމުންދިޔައީ މުޅިންވެސް ރޭގަނޑުގެ ދިރިއުޅުމެއްފަދައެވެ. އެދުވަސްތަކަކީ އަހަރެން މާއްދިއްޔަތަށް ހުސްވެ، ގެނބެމުންދިޔަ ދުވަސްވަރެކެވެ. އެމީހުން އުޅެމުންދިޔަ މުއްސަނދި ދިރިއުޅުން އަހަންނަށް ވަރަށް ކަމުދިޔައެވެ. އެމީހުންގެ މޮޅެތި ކާރުތަކާއި، ސްޓައިލިޝް ހެދުންތަކާއި، އަގުބޮޑެތި ގަހަނާތަކާއި، ބާވަތް ބާވަތުގެ ކެއުންތަކާއި، ފާޑުފާޑުގެ ޕާޓީތަކާއި، ފަރި މިޔުޒިކާއި ކުލަކުލައިގެ ޒީނަތްތައް އަހަންނަށް ރީތިވެ، އެކަންކަމުން އުފާ ލިބިގަންނަމުން ދިޔައީމެވެ. އެހެނަސް، އެ އުފާވެރިކަން ދެމިހުންނަނީ ހަމައެކަނި މަދު ހިނދުކޮޅުތަކަކަށެވެ.
އަހަރެންގެ ސިކުނޑިއަށް އަރާ ފައިބަމުންދިޔައީ މުޅިން ތަފާތު އިޙުސާސްތަކެކެވެ. ތަފާތު އެތައް ބައިވަރު ޝަކުވާ ތަކެކެވެ. އެހެނީ މި މީހުންނަކީ ދުނިޔޭގައިވާހާ މަޝްހޫރުކަމަކާއި އަރާމަކާއި މުއްސަނދިކަމަކާއި ޒީނަތެއް ލިބިފައިވާ ބައެކެވެ. އެމީހުން އަބަދާއި އަބަދު އުފަލުގައި ނުއުޅެންވީ ސަބަބެއް ނެތެވެ. އެކަމަކު އެމީހުންގެ ޙަޔާތުން އަހަންނަށް ފެނިގެންދިޔައީ މިއާ މުޅިން އިދިކޮޅު ކަންތައްތަކެވެ. ކައިވެންޏެއްގައި ޤާއިމްނުވެވި ވަރިވުމާއި، ޑިޕްރެސްވެ އަމިއްލައަށް މަރުވުމާއި، ހިތްހަމަޖެހުމަށްޓަކައި ބޭހާއި ޑްރަގްސް އަދި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކަންތައްތަކެވެ. އަބަދުވެސް އެހެން ބަޔަކު އެމީހުން ބަލަހައްޓަންޖެހޭފަދަ ޙާލަތެއްގައި ތިބޭ ތަނެވެ.
އަހަންނަށް މި މަންޒަރުތަކުން އަސަރު ކުރަމުންދިޔައީ ވަރަށްވެސް ބޮޑަށެވެ. މިފަދަ ލައިފްސްޓައިލް އެއްގައި އުޅެން ޖެހުމުން އަހަންނަށް ލިބެމުން އައި އުފާވެރިކަންވެސް ދުވަހެއް ދުވަހަކަށް މަދުވެ، ފަނޑުވަމުން ދިޔައެވެ. އަމިއްލަ ނަފްސާއި ދައްކަމުންދިޔަ ވާހަކަތައް އެންމެ ފަހުން ރައްޓެހިންނާއި ޙިއްސާކުރަން ފެށީމެވެ. މި ޙަޔާތް އަބަދުމެ ދެމިގެންދާނީ މިގޮތަށް ހެއްޔެވެ؟ އިމެއް، ޙައްދެއް ނެތް ގޮތުގައި ވަގުތާއި މުދަލާއި ޒުވާންކަން ބޭކާރު ކުރުމުން ހެއްޔެވެ؟
އޭރު އަހަރެންގެ ދިރިއުޅުމަކީ ހަމައެކަނި ވަޒީފާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކޮންމެ ރެއަކުވެސް މަސައްކަތް ނިންމާފައި ގެއަށް އަންނަނީ ފަތިހު ހަތަރެއް ނުވަތަ ފަހެއް ޖަހާއިރުއެވެ. އަންނަ ގޮތަށް އައިސް ނިދާފައި ދެން ހޭލަނީ މެންދުރުން އަނބުރާފަހުންނެވެ. އަނެއްކާވެސް ރޭގަނޑު އެގާރަ ޖެހުމުން މަސައްކަތަށް އެނބުރި ދަނީއެވެ.
ޙަސަން އަކީ އަހަރެންގެ އެތައް ބައިވަރު ރައްޓެހިންގެ ތެރެއިން އެކަކެވެ. އޭނާއަކީ މުސްލިމެކެވެ. އަހަރެން ފަދައިން އިވެންޓްތައް ކަވަރުކުރުމުގައި ބުރަކޮށް އުޅޭ މީހެކެވެ. އެކަމަކު އޭނަގެ ފަރާތުން އަހަންނަށް ތަކުރާރުކޮށް ވަރަށް ތަފާތު ކަންތައްތަކެއް ފެންނަމުންދިޔައެވެ. ރަލުގެ ތަފާތު ކުލަކުލައިގެ ބުއިންތައް ތަފާތު ގޮތްގޮތަށް ބަހަމުންދާ ޙަފްލާތަކުގައިވެސް، ޙަސަން ދުވަހަކުވެސް އެއިން ބުއިމެއް ބޯތަނެއް ނުދެކެމެވެ. އެހެން ފިރިހެނުން އުޅޭހެން އަންހެންކުދިންނާއި ގައިގޯޅިވެ އުޅޭތަނެއް ނުދެކެމެވެ. އަދި މިހާ ގިނަދުވަހު ފެނިފައިވިޔަސް، އޭނާ އަހަރެންގެ ފޯން ނަންބަރުވެސް އަހާނުލައެވެ. އަހަންނާއި "ފްލާރޓް" ކޮށް، ގާތްވާން މަސައްކަތެއް ނުކުރެއެވެ. އަހަރެން މުސްލިމުން ދަންނަމެވެ. ނަމަވެސް ޙަސަން ފަދައިން އުޅޭތަން އަހަންނަށް ފެނިފައިވަނީ އޭގެތެރެއިން ވަރަށް މަދު މީހުންނެވެ.
މީގެ ސަބަބުން އަހަރެންގެ ހިތުގައި ޙަސަން އާއިމެދު ސުވާލުތަކެއް އުފެދެން ފެށިއެވެ. ޙަސަން ފަދަ މީހުން އެގޮތަށް އެ އުޅެނީ ކީއްވެގެންތޯ އަހަންނަށް ވިސްނެން ފެށުނެވެ. އަހަންނަށްވުރެން މޮޅުކަމެއް އެމީހުންނަށް ލިބިފައިވާކަން އަހަންނަށް އިޙުސާސްކުރެވެމުން ދިޔައެވެ. އެތައް ބައިވަރު މީހުން ރަލުގެ މަސްތަށް ގެއްލި ހުސްވެގެންދާއިރު، އެމީހުން އެއިން ބުއިމަކާއި ގާތްވެސް ނުވަނީ ކީއްވެކަން އަހަރެން އެނގެން ބޭނުންވިއެވެ. އެމީހުންގެ މޫނުމަތިން ނުފިލާހުންނަ ތާޒާކަމާއި ހިތްހަމަޖެހުން އަހަރެންވެސް ބޭނުންވިއެވެ.
އަހަރެން އިސްލާމް ދީނާއި ގާތްކުރުވި ފުރަތަމަކަމަކީ އެއެވެ. މުސްލިމުންގެ މޫނުގައިވާ އަލިކަމާއި، އެމީހުންގެ ކިބައިން އަހަންނަށް އިޙްސާސްކުރެވެމުންދިޔަ ހިތްހަމަޖެހުމެވެ. އެ އަމާންކަމެވެ. އެމީހުންގެ ކޮންފިޑެންސާއި އެމީހުން ރަނގަޅުކަންކަމުގެ މަތީގައި ސާބިތުވެ ތިބުމުން އަހަންނަށް އިޙުސާސް ކުރެވުނު ޖެހިލުން ކުޑަކަމާއި އަމިއްލަ ނަފްސު ދެކެ ލޯބިވެ، އެމީހުންގެ ނަފްސުގެ އަގުވަޒަން ކުރާ ކުރުމެވެ. އަހަރެން އިސްލާމްވުމަށް މެދުވެރިވީ ފުރަތަމަ ސަބަބަކީ އެއެވެ.
އެހެންކަމުން އަހަރެންގެ ވާހަކައިން ޢިބްރަތް ހޯދާ ފަރާތްތަކަށް ބުނެލަމެވެ. ތިބާގެ ފުށުން އިސްލާމްދީން ފެތުރުމަށްޓަކައި އެދީނުގައިވާ އުޞޫލުތަކުގައި ބާރަށް ހިފަހައްޓާށެވެ. އެދީނުން ތިބާއަށް ލިބިދޭ ޙައްޤުތައް ލިބިގަނެ، އެ ދީނަށް ފުރިހަމަޔަށް އުޅެން މަސައްކަތް ކުރާށެވެ. އެދީން އަހަރެމެންނަށް ދަސްކޮށްދޭ ރީތި އަޚްލާޤު އެހެންމީހުންނަށް ދައްކައިދޭށެވެ
ޚިޔާލު