ކޮލަމިސްޓްދިއިސްލާމް

މަކަޗަކަލާ ގެ އިސްފާދިރީ މިސްކިތުގެ ގާޑަކަށްވީ ވާހަކަ.

މަކަޗަކަލާއަކީ ރަޝިޔާގެ އަވަށެކެވެ. އަހަރެން އިސްލާމްވުމުގެ ކުރިން، އަހަންނަކީ ޔަހޫދީންގެ ދީނީ ސްކޫލަކުން ކިޔަވައިގެންހުރި، ޔަހޫދީންގެ ފައްޅިއެއްގެ ރައްބީއަކީމެވެ. އަހަރެން އަޅުކަންކުރަން ދާ ޔަހޫދީ ފައްޅިއާއި ނުހަނު ކައިރީގައި މުސްލިމުންގެ މިސްކިތެއް ހުރެއެވެ. އެއީ އެ އަވަށުގެ މުސްލިމުން އަޅުކަން ކުރަން ޖަމާވާ މިސްކިތެވެ. ބައެއްފަހަރަށް އެތަނަށް އަޅުކަން ކުރަން އަންނަ މުސްލިމުން އަހަންނާއި ވާހަކަދައްކަން ފައްޅިއަށް ވަދެއުޅެއެވެ. އަދި އަހަރެންވެސް ހަމަ އެގޮތަށް އެމީހުން އަޅުކަން ކުރާ ގޮތް ބެލުމަށް، އެމީހުންގެ މިސްކިތަށް ގޮސް އުޅެމެވެ. އަހަރެމެން އުޅެމުންދިޔައީ އެކުވެރި އަވަށްޓެރީންގެ ގޮތުގައެވެ.

މިގޮތުގައި ދުވަސްތައް ފާއިތުވަމުންދަނިކޮށް، މުސްލިމުންގެ ރަމަޟާންމަހުގެ ދުވަހެއްގައި އެ މިސްކިތަށް އަޅުކަންކުރަން ގޮސް އުޅުނު މުސްލިމް އަންހެނަކު އަހަރެން ކައިރިއަށް އައެވެ. އޭނާއައީ ކީރިތި ޤުރްއާންގެ ރަޝިޔާ ތަރުޖަމާއެއް ހިފައިގެންނެވެ. އޭނާ އެދެމުންދިޔައީ ކަރަޗްކޮވްސްކީ ތަރުޖަމާކޮށްފައިވާ އެ ފޮތާއިމެދު އަހަރެން ދެކޭގޮތް ބުނެދިނުމަށެވެ. އަދި އެފޮތުގެ ބަދަލުގައި އަހަރެމެން ގެންގުޅޭ ތައުރާތުގެ ކޮޕީއެއް އޭނާއަށް ދިނުމަށްވެސް އެދުނެވެ.

އެ އަންހެންމީހާ ދިޔަފަހުން އަހަރެން ޤުރްއާން ކިޔޭތޯ އުޅުނީމެވެ. ނަމަވެސް އެ ފޮތުން އެއްޗެއް ފަހުމް ވާވަރުވީ، ވަރަށް ޙާލުން، ދިހަވަރަކަށްފަހަރު އެ ފޮތް ކިޔަވައިގެންނެވެ. ނަމަވެސް، އެ ފޮތާއެކު އަހަރެންގެ ވަގުތުތައް ހޭދަކުރަމުން ދިޔަދިޔަހެން، އަހަންނަށް އިސްލާމްދީނުގެ ކަންކަން އެނގެމުންދިޔައެވެ. އޭރު އެއްކަލަ އަންހެންމީހާވެސް އޭނާއަށް ދިން ތައުރާތުގެ ކޮޕީ އަހަންނަށް އަނބުރާ ގެނެސްދީފިއެވެ. އޭނާއަށްވެސް އެ ފޮތް ކިޔުންވެގެން ދިޔައީ ވަރަށް އުނދަގޫ ކަމަކަށެވެ. މިފަދަ ދީނީ ފޮތްތަކަކީ އެ ފޮތްތައް އުނގެނުމަށްޓަކައި ޚާއްޞަ ކެތްތެރިކަމަކާއި، ސަމާލުކަމެއް ދޭންޖެހޭކަމަކަށް ވާތީވެސްމެއެވެ.

އަހަރެންގެ ހިތާއި ހިތުން ޤުރްއާންގައި ވާ ވާހަކަތަކާއި އަހަރެމެން ގެންގުޅޭ ތައުރާތުގެ ވާހަކަތަކާއި އަޅާކިޔެމުންދިޔައެވެ. އަހަރެންގެ ހިތުގައި ޒަމާނުއްސުރެން އުފެދިފައިވާ އެތައް ސުވާލަކަށް، ޤުރްއާނުން އަހަންނަށް ޖަވާބުލިބިގެންދިޔައެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް އެ ސުވާލުތަކަށް ޖަވާބުހޯދުމަށްޓަކައި އަހަރެން އެއްވެސް މަސައްކަތެއް ނުކުރަމެވެ. ނަމަވެސް އަހަންނަށް އެފޮތުން އަހަރެންގެ ވެރި ރައްބު ދެނެގަނެވުނެވެ. އެކަމަކު އަހަރެން އޭރު ކިޔަމުން ދިޔައީ ޤުރްއާންގެ ތަރުޖަމާއެކެވެ.

އެހެންކަމުން އިތުރަށް ހޯދައި އޮޅުންފިލުވުމަށްޓަކައި ސައުތު އެފްރިކާގެ ޢިލްމުވެރިއެއް ކަމަށްވާ އަޙްމަދު ދީދާތުގެ ފޮތެއް ކިޔަންފެށީމެވެ. އެ ފޮތުގައި ކީރިތި ޤުރްއާނާއި ބައިބަލް އާއި އަޅާ ކިޔާފައިވެއެވެ. އަހަންނަށް އެންމެ ބޮޑަށް ފާހަގަކުރެވުނީ ބައިބަލްގައިވެސް، ޤުރްއާނުގައިވެސް އަދި ތައުރާތުގައިވެސް ރަސޫލުﷲ ﷺ އަށް ތަބާވުމަށް އަންގަވާފައި އޮތް އޮތުމެވެ. ތައުރާތުގައި ސާފު ސީދާބަހުން މުޙައްމަދު ﷺ ގެ ނަން ނެތަސް، އޭގައި ސާފުކޮށް ބަޔާންކޮށްފައިވާ ސިފަތަކާއި، ރަސޫލުﷲ ﷺ  ގެ ސިފަފުޅުތަކާއި ބަރާބަރަށް ދިމާވެއެވެ.

އަހަރެން އެ ފޮތް ކިޔަމުންދިޔައީ ވަރަށް ޝައުގުވެރިކަމާއެކުއެވެ. އަދި އެ ފޮތް ކިޔަމުން ދިޔަވަރަކަށް، އަހަރެންގެ ހިތުގައި އިސްލާމް ދީނާއިމެދު ޚާއްޞަކަމެއް ދެވެމުންދިޔައެވެ. އޭރު އަހަންނަށް އިސްލާމްދީނާއި ބެހޭގޮތުން އެނގެނީ ވަރަށް މަދު މިންވަރެކެވެ.

ނަމަވެސް އަހަރެން އިސްލާމްދީން ދިރާސާކުރީމެވެ. ބޮޑެތި ޢާލިމުން ގެ ކިބައިން ރަސޫލުﷲ ﷺ ގެ ސީރަތު އުނގެނުނީމެވެ. އަދި އެކަލޭގެފާނަށް ﷲ ދެއްވެވި މަތިވެރި މުޢުޖިޒާތްތަކާއިބެހޭގޮތުން މަޢުލޫމާތު އެއްކުރީމެވެ. އެއީ މޫސާއަށް ވެސް ދެއްވެވިފަދަ އާދަޔާ ޚިލާފު މުޢުޖިޒާތްތަކެވެ. އަހަރެންގެ ހިތުގައި އިސްލާމްދީނާއި މެދު އޮތް ޔަޤީންކަން ދުވަހެއްދުވަހަކަށްވުރެން އިތުރުވަމުން ދިޔައެވެ. އަދި ރަސޫލުﷲ ﷺ ގެ ޙަދީޘްފުޅުތައް އަހަރެން އުނގެނެންފެށީމެވެ. މިގޮތަށް މިކަން ހިނގަމުންދިޔުމުގެ ނަތީޖާއަކަށްވެގެންދިޔައީ އަހަރެން އިސްލާމްވުމެވެ.

އަހަރެން އިސްލާމްވުމުގެ ކުރިން އަހަރެންގެ ނަމަކީ މޮއިޝާ ކްރިވިޓްސްކީ އެވެ. އެއަށްފަހު އަހަރެންގެ ނަން މޫސާއަށް ބަދަލުކުރީމެވެ. މިއަދު އަހަރެން އުޅެމުންދަނީ ރަޝިޔާގެ އަވަށެއްކަމުގައިވާ މަކަޗަކަލާ ގެ ފަރުބަދަމަތީ ރަށެއްކަމަށްވާ އަލް ބާރކެންޓް ގެ މިސްކިތެއްގައެވެ. އަދި އަހަރެން ވަޒީފާއަދާކުރަނީ ސިޓީގެ ހުކުރު  މިސްކިތުގެ ފާރަވެރިއެއްގެ ގޮތުގައެވެ. މިސްކިތެއްގައި ދިރިއުޅެއޭބުނުމުން އެއީ ހައިރާންކުރުވާފަދަ ކަމަކަށްވެދާނެއެވެ. އަހަރެން އެއްދުވަހަކު މިސްކިތަށް ދިޔަގޮތަށް އެތަނުގައި ދިރިއުޅެންފެށީއެވެ. އޭރު އަހަރެންގެ ދިރިއުޅުން ވަރަށް ދަތިވެފައި އުނދަގުލެވެ. ނަމަވެސް ﷲ އަހަރެންގެ ޙާލަތު ބަދަލުކުރެއްވިއެވެ.

އިސްލާމް ދީނާއި އެ ދީނުގެ ފުން މާނައަށް ގަޔާލައި ނަޒަރު ހިންގައި ބަލަން ފަށައިފިނަމަ، ތިބާއަށް އެއީ ނުހަނު ސާދާ ދީނެއްކަން އެއްވެސް ޝައްކެއް، އޮޅުމެއްނެތްވަރަށް ޔަޤީންކުރެވިގެންދާނެއެވެ. އެކަމަކު އެ ހިސާބަށް ދަތުރުކުރުމަށް ތިބާއަށް އެތައް އުދަނގޫ މަގުތަކެއް ކަޑައްތުކުރަންޖެހެއެވެ. އަހަރެންގެ ދިރިއުޅުމުގެ މިހާތަނަށް އައިއިރު، އިސްލާމްދީނާއި ބެހޭގޮތުން އަހަރެން ވަރަށް ގިނަ ފޮތްތައް ކިޔާހެދީމެވެ. އެދީނާއިމެދު އުނގެނުމަށް އަހަރެންގެ ހިތުގައި އުފެދިފައިވަނީ ބުނެދޭންނޭނގޭފަދަ ވަރުގަދަ ޝައުގެކެވެ.

އިސްލާމްވުމަށްފަހު އަހަންނަށް މިއަދު އިޙުސާސްކުރެވެނީ މުސްލިމަކަށް ވުމުން އަހަރެންގެ ބޮލުގައި ބޮޑެތި ޒިންމާތަކެއް އެޅިފައިވާކަމެވެ. އަދި ހަމައެހެންމެ، އެ ދީނުގެ ސަބަބުން އަހަރެންގެ ހިތުގައި މިވާ ވަރުގަދަ ޔަޤީންކަން، އަހަންނަށް ބުނެދޭންވެސް ނޭނގޭފަދަ ސާބިތުކަމެއް ދޭކަމެވެ. އަހަރެން އަދިވެސް މަސައްކަތް ކުރަމުންމިދަނީ އިސްލާމްދީނާއި ބެހޭގޮތުން އުނގެނި، ﷲ ގެ ރަސޫލާ ﷺ ގެ ސުންނަތަށް އެންމެ ފުރިހަމަޔަށް ޢަމަލުކުރާ މުސްލިމަކަށްވެވޭތޯއެވެ. އަހަރެމެންގެ އުންމަތުގެ ޒުވާނުން އެމީހުންގެ ދީނާއިމެދު ސީރިއަސް ނަޒަރަކުން ވިސްނަން ވެއްޖެއެވެ. މީހަކު ބުނާހާ ގޮތަކަށް ޢަމަލުކުރުމުގެ ބަދަލުގައި، ކަން އޮތްގޮތް ހޯދައި، އޮޅުންފިލުވައި، ދީނުގައި އެކަން ކުރަން އޮތް އެންމެ ރަނގަޅު ގޮތަކަށް އަހަރެމެންގެ ޢަމަލުތައް ބައްޓަންކުރަންވެއްޖެއެވެ. ﷲ އަހަރެމެންނަށް އެކަމުގެ ތަވްފީޤު ދެއްވާށިއެވެ. އާމީން.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *