ކޮލަމިސްޓްދިއިސްލާމް

ފޭސްބުކުން ފެނުނު އާޓިކަލްއެއްގެ ސަބަބުން އިސްލާމްވި އުޚްތާ

ފޮޓޯ ކްރެޑިޓް: ވީ ހާޓް އިޓް

لا إله إلا الله محمد رسول الله

މީގެ ހަތްއަހަރުކުރިން މި ބަސްކޮޅަކީ އަހަރެންގެ ދުލުން ދުވަހަކުވެސް އަޑުއިވިދާނޭ ބަސްކޮޅުތަކަކަށް ވާނެކަމަށް ޚުދު އަހަރެންވެސް ޤަބޫލެއް ނުކުރަމެވެ. ފުރާވަރަށް އަރަމުން އައިއިރު އަހަންނަކީ އެ ދީނަށް އެންމެ ފުރިހަމައަށް ޢަމަލުކުރަން މަސައްކަތްކުރި ކްރިސްޓިޔަނެކެވެ. އަހަރެން ބައިބަލް ކިޔަމެވެ. ކްރިސްޓިޔަނުންގެ ބައްދަލުވުންތަކަށް ބަރާބަރަށް ދަމެވެ. އަހަރެންގެ މަންމައާއި ބައްޕައަކީ ހަމައެކަނި ނަމެއްގައި ކްރިސްޓިޔަނުންނެވެ. ކޮންމެ އާދީއްތަދުވަހެއްގައި ފައްޅީގައި ބާއްވާ ބޮޑު ޖަލްސާއަށް އެމީހުން ގޮވައިގެން ދަނީ އަހަރެން ބުނެކިޔައިގެންނެވެ.

އެކަމަކު މިހުރިހާކަމެއް ބަދަލުވާންފެށީ އަހަރެން ޔުނިވަރސިޓީ އަށް ވަންފަހުންނެވެ. ދީނާއި ދުރުވާން ފެށުނެވެ. ފައްޅިއަށް ދިޔުން ހުއްޓާލީމެވެ. އެންމެފަހުންގޮސް ދީނާއި ރޫޙާނިއްޔަތާއި ގުޅޭ އެއްވެސް ކަމަކާއި ވިސްނުމަށްވެސް އަހަރެން ބޭނުމެއްނުވިއެވެ. އެގޮތުގައި އުޅެމުން، ޢުމުރުން 23 އަހަރުގައި އަހަރެން އެންމެ ލޯބިވީ މީހާއާއި ކައިވެނި ކުރީމެވެ. އެކަމަކު އޭގެ ހަ އަހަރުފަހުން އެ ކައިވެނި ރޫޅުނީ އޭރުގެ ފިރިމީހާއާއި ޖެހުނު މައްސަލަތަކެއްގެ ސަބަބުންނެވެ.

އެއާއެކު އަހަރެންގެ ދިރިއުޅުން އެފުށް މިފުށަށްޖެހުނެވެ. ހުރިހާ އުފާތަކެއް ގެއްލި، މީހާ މާޔޫސްކަމުގެ ފުން ކަނޑަކަށް ގެނބިގެންދިޔައެވެ. އަހަންނަށް ދިމާވި ހުރިހާކަމެއްގައި އަހަންނަށް ކުށްވެރިކުރެވުނީ އަހަރެންގެ ކަލާނގެއެވެ. އެއަށްފަހު އަހަންނަށް ދީންދެކެ ނަފްރަތުކުރެވެން ފެށުނެވެ.

އޭގެ އަހަރުތަކެއް ފަހުން އަހަންނަށް އަނެއްކާވެސް އާ ބައިވެރިޔަކުލިބުނެވެ. އެއީ މުސްލިމަކަށް ވީތީ، އޭނާގެ ފުށުން އަހަންނަށް އިސްލާމްދީނަށް ވަނުމަށް ދަޢުވަތުދެވިގެންދިޔައެވެ. ނަމަވެސް އޭރުވެސް އަހަރެން ހުރީ އެއްވެސް ދީނަކާއި ގުޅޭގޮތުން ހޯދައި ބަލަން ބޭނުންވާފަދަ ޙާލަތެއްގައެއް ނޫނެވެ. އަހަރެން ނިންމައިގެން ހުރީ ޙަޔާތުގެ ބާކީ އޮތްބައިގައި އެއްވެސް ދީނަކަށް "ނުހެއްލި" އަމާންކަމާއެކު އަހަރެންގެ ދިރިއުޅުން ވޭތުކޮށް ނިންމާލުމަށެވެ.

ނަމަވެސް ﷲ ގެ އިރާދަފުޅުގައި އަހަންނަށްޓަކައި ވަނީ އެއަށްވުރެން މާ މަތިވެރި ރޭއްވެވުމެކެވެ. އެއްދުވަހަކު އަހަރެންގެ ރައްޓެއްސަކު ފޭސްބުކްގައި ލިޔުމެއް ޙިއްސާކުރިއެވެ. އެއީ ޔަހޫދީ ފިރިހެނަކު އިސްލާމްދީނަށް ވަން ގޮތުގެ ވާހަކައެކެވެ. އަހަންނަށް އިސްލާމްދީނާއި ބެހޭގޮތުން އިތުރަށް ބަލައި، އޮޅުންފިލުވަން މަޖުބޫރުކުރުވީ އެލިޔުމެވެ. ނަމަވެސް އޭރު އަހަންނަށް ހޯދެމުންދިޔައީ ސޫފިޒަމް އާއި ގުޅޭގޮތުންކަން އެނގުނީ އަދި މާފަހުންނެވެ. އަހަރެންގެ ދިރާސާގެ ވަކިހިސާބަކުން އެއިން ލިޔުމަކުން ފެނުނު އީމެއިލްއަކަށް އަހަރެންގެ ސުވާލުތައް ފޮނުވާލީމެވެ. ޖަވާބެއް ލިބޭނެކަމުގެ އެއްވެސް އުންމީދެއް ނުކުރަމެވެ.

ނަމަވެސް ދުވަސްކޮޅެއްފަހުން، ހުކުރުދުވަހެއްގެ ހެނދުނުގެ ވަގުތުގައި އަހަންނަށް ފޯންކޯލެއް އައެވެ. ސޫފީންގެ އަޅުކަމުގައި އެމީހުންނާއެކު ބައިވެރިވުމަށް އައުމަށް އަހަންނަށް ދަޢުވަތު ދިނެވެ. އަހަރެން އެމީހުންގެ ދަޢުވަތު ޤަބޫލުކުރީ ހަމައެކަނި ގޮތްބަލާލުމުގެ ގޮތުންނެވެ. އެގޮތުން އެމީހުންނާއެކު އެމީހުންގެ މެޑިޓޭޝަން ސެޝަންތަކުގައި ބައިވެރިވަމުން ދިޔައީމެވެ. މުޅިއަކުން ގޯހެއް ނޫނެވެ. ނަމަވެސް އޭރުވެސް އަހަރެންގެ ހިތުގައި ނުފިލާ ނުތަނަވަސްކަމެއް ހުއްޓެވެ. މިއީ އަދި އެންމެ ރަނގަޅު ގޮތެއް ނޫނޭ އަހަރެންގެ ހިތުގެ ކަނަކުން ގޮވަމުންދިޔައެވެ. އަހަރެން އުޅެމުންދިޔައީ އެންމެ ފުރިހަމަ ގޮތަށް ތޯ އަހަރެންގެ ޟަމީރު އަހަންނާއި އަބަދުމެ ސުވާލުކުރަމުންދިޔައެވެ.

އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބޭތޯ އަނެއްކާވެސް މަސައްކަތްފެށީމެވެ. 2017 ވަނަ އަހަރު އަހަރެން ފުރަތަމަ ފަހަރަށް ރޯދަހިފުމަށް ޢަޒުމް ކަނޑައެޅީމެވެ. ނަމަވެސް އެ ރަމަޟާންމަސް ނިމުނުއިރުވެސް އަހަރެންގެ ހިތުގައި އުފެދިފައިވީ ނުތަނަވަސްކަމަށް ނިމުމެއްނައެވެ.

އެހެންކަމުން އިހުނަށްވުރެން ބޮޑަށް އިސްލާމްދީނާއިމެދު ދިރާސާކުރަންފެށީމެވެ. ރަސޫލުﷲ ﷺ ގެ ސީރަތު ކިޔަންފެށީމެވެ. އަހަރެން އުޅެމުންދިޔަ ދީނާއިމެދު ފުރިހަމަ ޔަޤީންކަމެއް އަހަރެންގެ ހިތަށް ލިބިގެންދާނޭ ވަގުތަކަށް ކެތްތެރިކަމެއްނެތި ވަގުތުތައް ގުނަމުންދިޔައީމެވެ. އެގޮތުގައި އަނެއްކާވެސް އިތުރު ރަމަޟާންމަހެއް ފާއިތުވެގެން ދިޔައެވެ. ނަމަވެސް އަހަރެންގެ ނުތަނަވަސްކަމަށް ބަދަލެއްނާދެއެވެ. އަދި ހަމައެގޮތަށް، އަހަރެންގެ ޢަޒުމަކަށްވެސް ގުޑުމެއް ނާދެއެވެ.

އެންމެފަހުން އަހަރެންގެ މުސްލިމް ފިރިމީހާގެ ގާތުން އަހައި، ފުރިހަމަޔަށް ނަމާދުކުރަން ދަސްކުރީމެވެ. އަދި ނަމާދުކުރަން ފެށީމެވެ. ދުޢާކުރަން ފެށީމެވެ. ސޫފީންނާއެކު އަހަރެން ކުރި "މެޑިޓޭޝަން" ތަކާ ޚިލާފަށް، ނަމާދުކުރާ ކޮންމެ ފަހަރަކު އަހަންނަށް ބުނެދޭން ނޭނގޭކަހަލަ އުފާވެރިކަމެއް އިހުސާސްކުރެވެމުންދިޔައެވެ. އެއިން ކޮންމެ ފަހަރަކު އަހަންނަށް ލިބޭ ހަމަހިމޭންކަމާއި، ހިތަށް ގެނުވާ އުފާވެރިކަން އިތުރަށް ހޯދުމަށް އަހަރެންގެ ޟަމީރު އެދި ގޮވަމުންދިޔައެވެ.

އަހަރެން ޤުރްއާން ކިޔަވަންފެށީމެވެ. ކިޔަމުންދިޔަ އާޔަތްތަކުގެ މާނަ ހޯދައި އޮޅުންފިލުވަންފެށީމެވެ. އިންސާނުންނަށް ތެދުމަގަށް ގޮވާލެއްވުމަށްޓަކައި އެކި ފަހަރުމަތީން އެތަކެއް ރަސޫލުންނާއި ނަބީން ފޮނުއްވުނުކަން އަހަންނަށް އެނގުނީ ޤުރްއާނުންނެވެ. ތެދުމަގު އެނގިތިބެ، އެއަށް ފުރަގަސްދިން މީހުންނަށް އެމީހުންގެ ހިތި ނިމުން ލިބިގެންދިޔަގޮތްވެސް އެނގުނީ ޤުރްއާނުންނެވެ. ﷲ އީ އެއްކައުވަންތަ އިލާހުކަމާއި، މުޙައްމަދު ﷺ އަކީ އެކަލާނގެ ފޮނުއްވި ރަސޫލާކަން އަހަންނަށް އެނގި، ޔަޤީން ކުރެވުނީ އެ ޤުރްއާންގެ ސަބަބުންނެވެ.

އޭގެ ފަހުން މިހާރު ފަސް މަސްދުވަސް ފާއިތުވެ ހިނގައްޖެއެވެ. މިއަދު އަހަންނަކީ ހިތުގެ އަޑިން މި ތެދު ޤަބޫލުކުރާ، ޢަމަލުތައް ސީދާކުރުމަށް މަސައްކަތްކުރާ، ﷲ ގެ ހިދާޔަތަށްޓަކައި އެކަލާނގެއަށް އަބަދާއި އަބަދު ޙަމްދުކުރާ މުސްލިމް އަންހެނަކީމެވެ. އަލްޙަމްދުލިﷲ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *