ކޮލަމިސްޓްދިއިސްލާމް

އޮސްޓްރޭލިއާގެ އަބޫބަކުރުގެ ވާހަކަ އަޑުއެހިންތަ؟ (ފުރަތަމަބައި)

ފޮޓޯ ކްރެޑިޓް: ޕިންޓަރެސްޓް

މިއީ  އޮސްޓްރޭލިއާގެ ރުބެންގެ ވާހަކައެވެ. އިސްލާމް ވުމަށް ފަހު އޭނާގެ ނަމަކީ އަބޫބަކުރެވެ. މިވާހަކައަށް އިންސާފުކޮށްލައްވާށެވެ.

އަހަންނަކީވެސް އެހެން ޒުވާނުންނެކޭ އެއްފަދައިން އާދައިގެ ދިރިއުޅުމެއް އުޅެމުން އައި ޒުވާނަކީމެވެ. ނަމަވެސް ޔުނިވަރސިޓީގެ ފުރަތަމަ އަހަރު ވެގެންދިޔައީ އަހަރެންގެ ޙަޔާތުގައި އެންމެ ގިނަ ކަންކަމާއި ކުރިމަތިލާން ޖެހުނު އަހަރަށެވެ. އަހަރެންގެ މަންމައާއި ބައްޕަ ވަކިވިއެވެ. އެންމެ ލޯބިން އޮޅުކޮށްގެން ގެންގުޅުނު ކުއްތާ މަރުވިއެވެ. އެންމެ ގާތް އެކުވެރިޔާ ނިޔާވިއެވެ. ދެހަފްތާގެ ތެރޭގައި އަހަރެންގެ ކާރު ދެފަހަރަށް އެކްސިޑެންޓްވިއެވެ. ގާތްގާތުގައި ހިނގަމުންދިޔަ ޙާދިސާތަކުގެ ސަބަބުން އަހަންނަށް ދިރިއުޅުމާއި މެދު ތަފާތު ގޮތަކަށް ވިސްނަން މަޖުބޫރުވިއެވެ. ދިރިއުޅުމުގެ ޙަޤީޤީ މަޤްޞަދަކީ ކޮބާތޯ އަމިއްލަ ނަފްސާ އެތަކެއް ފަހަރު ސުވާލުކުރެވެން ފެށުނެވެ.

އެގޮތުން މިސުވާލުތަކުގެ ޖަވާބު ހޯދުމަށްޓަކައި އަހަރެން މަސައްކަތް ފެށީމެވެ. ނަޞާރާދީނާއި ބެހޭގޮތުން ހޯދައި ބަލަން ފެށީމެވެ. އެމީހުންގެ ކޭމްޕްތަކަށް ގޮސް، އެމީހުންގެ ފާދިރީންނާއި ސުވާލުކުރަން ފެށީމެވެ. ނަމަވެސް އެންމެންވެސް ޖަވާބުދެނީ އެމީހަކަށް ފެންނަ ގޮތަކަށެވެ. އަމިއްލަ ޚިޔާލުތަކުގެ މައްޗަށް ބިނާކޮށެވެ. އަދި މިދުވަސްތަކުގައި އެއް ފައްޅީގައި ހުންނަ ފާދިރީއަކު ބުނާ އެއްޗަކާއި އަނެއް ފައްޅީގައި ހުންނަ ފާދިރީ ޤަބޫލުކުރާ ކަންތައްތަކާއި ވަރަށް ބޮޑެތި ފަރަޤުތައް ހުންނަކަން ފާހަގަކުރެވެން ފެށުނެވެ.

ބައިބަލް އަކީ އެއް ފޮތަކަށްވެފައި ތަފާތު އެތައް ގޮތަކަށް އެފޮތާއި މެދު އަމިއްލަ ވާހަކަތަކެއް ދައްކަމުން ދިޔުމުން އަހަރެން ކަންކަން އޮޅެމުންދިޔައެވެ. އެހެންކަމުން މިދީނަކީ އެންމެ ރަނގަޅު ދީން ނޫންކަމަށް ނިންމައި އެކަން ހުއްޓާލީމެވެ. އަދި ޖެހިގެން އައި ދުވަސްކޮޅުގައި ހިންދޫ ދީން ދިރާސާ ކުރަން ފެށީމެވެ. ނަމަވެސް އެ ދީންވެސް ވެގެން ދިޔައީ އަހަރެންގެ ހިތް ލަންބުވާކަހަލަ އަސަރެއް ނެތް ދީނަކަށެވެ. ހަމަ އެގޮތަށް ނަޞާރާދީނުގެ އެހެން ގޮތްޕެއް ކަމަށްވާ ކެތޮލިޒަމް ވެސް ދަސްކުރަން އުޅުނީމެވެ. ނަމަވެސް އަހަރެންނަށް އެދީނަށްވެސް ނޫޅެވުނީ އަހަރެން ބޭނުންވާ ވަރަށް ހެކި ނުލިބުމުންނެވެ.

މިހާތަނަށް އައިއިރުވެސް އަހަރެންގެ ޝައުޤުވެރިކަމަކަށް ބަދަލެއް ނާދެއެވެ. ޙައްޤު ހޯދުމަށް އަހަރެންގެ ހިތް ވަނީ ފެންބޮވައިގެންފައެވެ. އެހެންކަމުން ދެން އަހަރެން ބެލީ ޖުޑައިޒަމް އާއި ބެހޭ މަޢުލޫމާތު އެއްކުރެވޭތޯއެވެ. ނަމަވެސް އެދީނާއި ބެހޭގޮތުންވެސް އަހަރެން ޝައުޤުވެރިވާފަދަ އެއްވެސް ކަމެއް ނުފެނުމުން، އެކަންތައްވެސް ހުއްޓާލައިފީމެވެ. އެންމެފަހުން އަހަރެން ނިންމީ ބުޑިޒަމް އާއި ބެހޭގޮތުން ހޯދުމަށެވެ. އަދި މިއީ އަހަރެންގެ ލިސްޓުގެ އެންމެ ފަހުން އޮތް ދީން ކަމަށްވުމުން މިދީނަކީ މިއީ އަހަރެން އިޚްތިޔާރުކުރާނެ ދީންކަމުގައި އަހަންނަށް ވަރަށް ބޮޑަށް ޤަބޫލުކުރެވުނެވެ. ނަމަވެސް ފަހުން އެނގުނީ އެއީ އަޅުކަންކުރުމަށްވުރެން ބޮޑަށް ވަކި ގޮތަކަށް އުޅޭ އުޅުމެއްކަމެވެ. އެހެންކަމުން އަނެއްކާވެސް އަހަރެންގެ މަޤްޞަދު ޙާސިލް ނުވުމުގެ ހިތާމަ ކުރަންޖެހުނެވެ.

އެއްދުވަހަކު އަހަރެންނާއި އެއްކްލާހެއްގައި އުޅޭ ރައްޓެއްސަކާއި ދެކެވުނު ވާހަކައެއްގެ ތެރެއިން އަހަރެން މިހާތަނަށް ބެލި ދީންތައް ކިޔައިދިނުމަށް އެދުނެވެ. އަހަރެންގެ ލިސްޓު އޭނާއަށް ކިޔައިދިނީމެވެ. އެގޮތުން ކްރިސްޓިއާނިޓީ، ޖުޑައިޒަމް، ކެތޮލިޒަމް، ބުޑިޒަމް އަދި ހިންދޫއިޒަމް އާއި ބެހޭގޮތުން ދިރާސާ ކުރިވާހަކަ ބުނީމެވެ. އޭނާ އަނެއްކާވެސް ކުރީ ސުވާލެކެވެ. އިސްލާމް ދީނާއި ބެހޭގޮތުން ނުބަލާނަންތޯއެވެ. އަހަރެންގެ ޖަވާބަކަށްވީ އިސްލާމް ދީނަކީ ޓެރަރިސްޓުންގެ ދީނެއްކަމަށާއި، އެދީން ޤަބޫލުކުރާނީވެސް މޮޔައިންކަމުގައެވެ.

ނަމަވެސް އަހަރެންގެ ސިކުނޑީގައި އެނބުރެމުންދިޔަ ސުވާލުތަކެއްގެ ސަބަބުން، އޭގެ ދުވަސްތަކެއް ފަހުން އަހަރެން މިސްކިތަކަށް ދިޔުމަށް ނިންމީމެވެ. އަރައިގެން ހުރި ބޫޓާއެކު މިސްކިތުގެ އެތެރޭގައި އަޅާފައިއޮތް ކާޕެޓުގެ މަތިން ހިނގާލާފައި ދިޔައިރު އެތާނގައި އެވަގުތު ނަމާދުކުރަން ވެގެން ހުރި މީހަކު ސަޖިދައަށް ދިޔަވަގުތު އޭނާގެ ބޮލަށް ފައިން ނޭރުނީވެސް ކިރިޔާއެވެ. އޭރު މިކުރެވެނީ ކޮންފަދަ ކަމެއްކަމެއްވެސް އަހަންނަކަށް އިޙުސާސެއް ނުކުރެވެއެވެ.

ކޮންމެއަކަސް އަހަރެން ވަދެގެން އައިއިރު ބޮޑު ތުނބުޅިއެއް ލާފައި، ބޮޑު ޖުއްބާއެއްލައިގެން ހުރި ހަށިގަނޑުން ބިޔަ މީހަކު އަހަރެންނާ ދިމާލަށް އަންނަތަން ފެނުނެވެ. އެވަގުތު އަހަރެން ހިތަށް އެރީ އަހަރެންގެ ދުވަސް ދެން މި ދިޔައީ ކަމުގައެވެ. މިއީ އަހަރެން ދިރިހުންނާނޭ އެންމެ ފަހު ދުވަސްކަމުގައެވެ. (ނުނިމޭ)

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *