ވާހަކަ

ބޯގަންވިލާ (ހަތަރުވަނަބައި)

ދެކުދިން ކާން ތިބި މަންޒަރު ބަލަންއިން ލަމްޔާއަށް ސާރާގެ މޫނުމަތިން ފެނުނު މަޢުސޫމުކަމާއެކު ކުރީދުވަހު ސައިކަލުދިން ޒުވާން ފިރިހެނާގެ ސޫރަ ސިފަވެގެން އައީ ކުއްލިއަކަށެވެ.

އެވަގުތު ހިތަށް އެރި އެއްޗަކުން ލަމްޔާ ހިނިވެސް އައެވެ. '' ނޫނެކެވެ! އެއީ އަދި މިވަރުގެ ކުއްޖަކު ހުންނަވަރަށްވުރެ އުމުރު ޅަވާނެ މީހެކެވެ. ''

ސާރާގެ މޫނަށް ލަމްޔާ ބަލަހައްޓައިގެން ހުއްޓާ އިވެންފެށި ފޯނުގެ ރިންގަށް ސަމާލުކަން ދެވުނީވެސް ސާރާ ޑެޑީ ޑެޑީއޭ ކިޔަމުން ދުއްވައިގަތުމުންނެވެ. ސާރާ ބަހައްޓާފައި ދިޔައިރު ޚަދީޖާ ކުޑަ ދަބަހެއް ގެންގޮސް ސިޓިންގރޫމުގެ މޭޒުމަތީ ބެހެއްޓިތަން ލަމްޔާ ވެސް ދުށްޓެވެ. ސާރާ ދުވެގޮސް އެ ދަބަސް ހުޅުވަން ބެލިއިރު އަތުގައި ރިހަ ހުރިތަން ފެނުމުން އެހީއަކަށް އެދޭ ފަދައިން ބަލައިލީ ލަމްޔާގެ މޫނަށެވެ. ސާރާޔާ އެކުއެކީގައި އައި ލަމްޔާ ދަބަސް ހުޅުވާލަމުން އެތެރެއިން ފެންނަން އޮތް ފޯނަށް ނަޒަރު ހުއްޓައިލިއެވެ. އަދި އަވަސްކޮށްލައިގެން ފޯނު ނެގިއިރު ސްކްރީނުން ފެންނަންހުރި ހިތްގައިމު ސިފައަށް ފުރަތަމަ ފަހަރަށް ސަމާލުކަން ދެވުނެވެ. އަދި ދެވަނަ ސިކުންތުގައި ފޯނުން ސާރާއަށް ވާހަކަ ދެއްކޭނެހެން ސްޕީކަރަށްލުމަށްފަހު ފޯނު ގެންގޮސް މޭޒުމަތީ ބާއްވައިލަ ދިނެވެ. އެހެންނަމަވެސް އިރުކޮޅެއްކުރިން ކުރެވުނީ ކުށްހީއެއްކަން އެނގުމުން ހިތަށް ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމަކާއެކު ޙައިރާންކަމެއް ވެސް ވެރިވެގެން ދިޔައެވެ.

'' ޑެޑީގެ ދޫނި، ކޮބާ މާމަ ! '' ސާރާގެ ބައްޕަ އަހާއަޑު އިވެއެވެ.

'' މާމަ ވީ ހޮސްޕިޓަލަށް ގޮސް. ސާރާ ކަނީ'' ސާރާ ޖަވާބުދިނެވެ.

ދެކޮޅުންވެސް ދައްކާ ވާހަކަ ލަމްޔާއަށް ވަރަށް ރަނގަޅަށް އިވެއެވެ.

'' އެހެންތަ ! ކޯއްޗެއް ތިކަނީ ! '' ކާ އެއްޗަކާ ބެހޭ ގޮތުން ސާރާގެ ބައްޕަ އެހުމުން ސާރާ ބުނީ ކަނީ ރޮއްޓާ ރިހަޔާ ކަމަށާ ކާން ތިބީ އައި ދައްތައާ ދެކުދިންކަމަށެވެ.

ސާރާ އެ އިޝާރާތް ކުރީކާކަށްކަން ނޭނގޭތީ ސާރާގެ ބައްޕަ ސުވާލު ކުރުމުން ސާރާ މޭޒުމަތީ އޮތް ފޯނުނަގައި އައިނީ ދައްކައިލީ ނިކަން ލޯބިންނެވެ.

ސާރާގެ ބައްޕަ އައިނީއަށް އަތް ހޫރާލާ ސަލާން ކޮށްލިއެވެ. އެއީ ކޮންގެއެއްކަން އެނގުނަސް އެގޭގައި ތިބީ ކޮންބައެއްތޯ  ވެސް އެކޮޅުން އަހާ އަޑު އިވެއެވެ. ސުވާލުތަކަށް ފަރިތަކަމާއެކު ޖަވާބުދެމުން އެގޭގައި ތިބީ ކޮންބައެއްކަން އަންގަންވެގެން ދެން ސާރާ ދައްކައިލީ ލަމްޔާއެވެ.

އަނެއްކޮޅުން ފެންނަން ހުރި ސާރާގެ ޑެޑީގެ މޫނު ފެނުމުން ލަމްޔާ ލަދުގަތެވެ. އެހެންނަމަވެސް އަތްހުރާލާ ވޭވް ކޮށްލީ ރީތި ގޮތަކީ އެއީ ކަމަށް ވާތިއެވެ.

އެ ވަގުތު ދެން ފޯނު ކެނޑުނީއެވެ. ލަމްޔާ ހޫރާލި އަތުގެ އިޝާރާތަށް އަނެއްކޮޅުން މާބޮޑު ސަމާލުކަމެއް ދިން ހެނެއް ވެސް ހިއެއް ނުވެއެވެ. ބޮޑަށް ވައްތަރުވީ ހިތްހަމަ ނުޖެހުނީ ކަމަށެވެ.

އިރުކޮޅަކުން ލަމްޔާގެ އަމިއްލަ ފޯނަށް އައީ ނުދަންނަ ނަމްބަރަކުން ކޯލެކެވެ. ނަގަން ނުނަގަން ހުރެފައިވެސް ސާރާގެ ޑެޑީގެ ކޯލަކަށްވެސް ވެދާނެއޭ ހީކޮށް ފޯނުނެގިއެވެ.

'' ހަލޯ ، ލަމްޔާ ! ކޮބާތަ ސާރާ !'' އިވުނީ ޚަދީޖާގެ އަޑެވެ . ހުރީ ކަންބޮޑުވެފައެވެ.

''  އެބައުޅޭ ! ހަމަ ރަނގަޅު . ނޫޅޭ ފޫހިވެގެނެއް! '' ލަމްޔާ ޖަވާބުދިނެވެ.

'' މިކޮޅުގައި ތަންކޮޅެއް ގިނައިރު ވާކަހަލަ ގޮތެއް މިވީ ! މި މީހުން ދޫކޮށްލަނީ. އެމީހުން ދަނީ އަހަރެމެންގެއަށް . އެހެންވެ .... ދެން ދެވޭނީ ގޮވައިގެންތާ ދޯ! !''

ލަމްޔާއަށް ދޯދެމުން ޚަދީޖާ ބޭނުންވީ ލަސްވާ ސަބަބު ރަނގަޅަށް އޮޅުން ފިލުވައިދޭށެވެ.

'' އެހެންވީމަ އިރުކޮޅެއްވާނެ ! ފަރުހާން ގުޅާ ވެސް ފާނެ ! ނުދަންނަ ބައެއްގެ ކައިރީ ބަހައްޓާފަ އައިކަން އެނގުމުން ފަރުހާން ހުރީ ކަންބޮޑުވެފަ ! އޭނަ ވަރަށް ބަލާނެ ސާރާގެކަންކަން ! '' ޚަދީޖާ ހުރިހާ އެއްޗެއް ފޮރުވުމެއް ނެތި ލަމްޔާގާތު ބުނީތީ ލަމްޔާ ހިތްހަމަ ޖެހުނެވެ. އަދި ސާރާ އެއީ ފަރުހާންގެ ކުއްޖެއްކަން މިހާރު އެނގިއްޖެވެސް މެއެވެ.

'' އަޅުގަނޑުގެ ދަރިފުޅަށް ބަލާވަރަށް ސާރާއަށް ބަލާނަން! އެއީ މިވަގުތު އަޅުގަނޑުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްނު ! ޚަދީޖާއްތަ ކަންބޮޑުނުވޭ ! '' ހިތްހެޔޮކަމާއެކު ލަމްޔާ ޔަގީންކަންދިނެވެ.

އޭގެ ފަހުން ވާނީ ބައިގަޑިއެއްހާ އިރެވެ . ލަމްޔާގެ ފޯނު އަނެއްކާވެސް ރިންގްވާއަޑު އިވިއްޖެއެވެ. އަނެއްކާވެސް ނުދަންނަ ނަމްބަރެކެވެ. އިރުކޮޅެއް ކުރިން ޚަދީޖާ ދެއްކި ވާހަކަ ހަނދާން ވުމުން އެއީ ފަރުހާން ކަމަށް ވެދާނެއޭ ލަމްޔާގެ ހިތް ބުންޏެވެ. ކަންވީ ވެސް އެހެންނެވެ.

'' ހަލޯ ! ލަ.... ލަމް '' ފަރުހާންގެ އަޑު އިވުމުން އަދި އެ ގޮވާލި ގާތް ގޮތް އަޑު އިވުމުން ލަމްޔާގެ ގައިން ހީބިހި ހިލުނެވެ. '' ލަމް '' އެއީ އައިނީގެ ބައްޕަ ލަމްޔާއަށް ގޮވާ ގޮތެވެ. ސްކޫލުގައި އެކުގައި މަސައްކަތް ކުރާ މަދު އެކުވެރިއަކު އެ ނަމުން ގޮވިޔަސް ލަމްޔާ ސިއްސައިގެން ދެއެވެ.

'' ހަލޯ ! ލަމްޔާ ވާހަކަ ދައްކަނީ! '' ދެވަނަ ފަހަރު ފަރުހާންގެ  އަޑު އިވުމުން ލަމްޔާ ޖަވާބު ދިނީ ޢާންމު އުސޫލުން އެހެންމީހުންނާ ވެސް ވާހަކަ ދައްކާ ގޮތަށެވެ.

'' އޯކޭ ! ..... ލަމްޔާ...... ކޮބާތަ ސާރާ ! ނިދައިފިތަ ! '' ލަމްޔާގެ ޔާއަށް ވަކިން ދަމާލާފަ ފަރުހާން އެހީ ސާރާ ނިދައިފިތޯއާ މަންމަމެން އިރުކޮޅެއް ވާނެކަމަށާ ދަންދެން ސާރާއަށް ރަނގަޅަށް ބަލައިދިނުމަށެވެ.

'' ހަމްމްމް ''

ލަމްޔާ އަކަށް މާގިނަ ވާހަކަ އެއް ނުދެއްކުނެވެ. ދާއްކާނެ ވާހަކައެއް ދުލަށް ނައީއެވެ. އަދި ފޯނު ބޭއްވީއެވެ. ސައިކަލު ދިނީތީ ޝުކުރު އަދާކުރަން ބޭނުންވެފައި ހުރިކަން  ހަނދާންވީ ފޯނު ބޭއްވި ފަހުންނެވެ. އެ ފުރުސަތު ގެއްލުނީއެވެ. ކުޑަކޮށް ވިސްނާލުމަށްފަހު ފަރުހާންގެ ނަމަބަރަށް ގުޅީ ޝުކުރު އަދާކުރުން ދެން ލަސް ނުކުރަން ވެގެންނެވެ.

ފޯނު ބާއްވާފައި ފަރުހާން ފާޚާނާއަށް ވަނީއެވެ. ސައިލެންޓަށް ލެވިފައި އޮތް ފޯނަށް ފޯނެއް އައިކަން ފަރުހާންއަށް އެނގުނީ ވެސް އިޝާނަމާދުކޮށްގެން އައިސް ކައި ނިމިގެން އަނެއްކާ ވެސް ސާރާ ކޮބައިތޯ ބަލާލަން ހިތަށްއަރާ ފޯނު ހުޅުވައިލުމުންނެވެ.

ޚަދީޖާމެންނަށް ގެއަށް އާދެވުނު އިރު ހުރީ އަށެއް ވެސް ޖަހާފައެވެ. ގެއަށް ވަނުމުގެ ކުރިން ޚަދިޖާ ދިޔައީ ސާރާ ބަލައެވެ. އޭރުވެސް އައިނީއާ ސާރާއާ ދެކުދިން ކުލަ ޖައްސަން ތިއްބެވެ. ޓީވީއިން ޚަބަރުބެލުމުގައި މަޝަޣޫލުވެގެން ކުދިން ގާތު ލަމްޔާ އިނެވެ.

ސާރާ އެގޭގައި ބަހައްޓައިގެން ބަލައިދިނީތީ ޝުކުރު އަދާ ކުރަމުން ޚަދީޖާ ހިނގައިގަތީ އަވަހަށް ގެއަށް ދިއުމަށެވެ. ލަމްޔާ ބުނީ އެއީ ލިބޭ ހިތްހަމަ ޖެހުމެއްކަމަށާއި އަވައްޓެރިންނަށް އެހީވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

ޚަދީޖާ ދިއުމުން ބަދިގޭގެ ކަންތަކުން އަވަދިވެގެން އައިނީ ނިންދަވަން ލަމްޔާއަށް ކޮޓަރިއަށް ވަދެވުނު އިރު ނުވައެއްޖަހާ ބޮޑު ވެއްޖެއެވެ. ދެމައިން ވާހަކަ ދައްކާ ސަމާސާ ކުރަން އިރުކޮޅަކު ތިބުމަށްފަހު އައިނީ ސުވާލު ކުރީ އޭނަގެ ބައްޕަ އަންނާނެ ދުވަހަކާ ބެހޭ ގޮތުންނެވެ.

މިރޭ ކުއްލިއަކަށް ހުޒާމްގެ ވާހަކަ އައިނީ އެ އެހީ ސާރާގެ ބައްޕަ ގުޅައިގެން ސާރާއާ ވާހަކަ ދެއްކުމުން ކަމަށް ލަމްޔާއަށް ޔަގީން ކުރެވިއްޖެއެވެ.

އައިނީގެ ބައްޕަގެ ވާހަކަ އައިނީ އަހާނީވަރަށް މަދުންނެވެ. އެހެން އަހާ ކޮންމެ ފަހަރަކު ބައްޕައަކީ ވަރަށް ބިޒީ މީހެއްކަމަށާ ބައްޕަ ދުވަސްކޮޅެއްފަހުން އަންނާނެ ކަމަށް އަބަދު ވެސް ލަމްޔާ ދަރިފުޅު ގާތު ބުނެއެވެ.

ލަމްޔާ ވަރިކޮށްފައި ހުޒާމް ދިޔަފަހުން އައިނީ ދެކެން ހުޒާމް އައީ ޖުމުލަ ތިންފަހަރެވެ. އައިނީއަށް ބޭނުންވާ އެއްވެސް އެއްޗެއް ހޯދާކަށް ދުވަހަކު ވެސް ލަމްޔާ ހުޒާމް ގާތަކު ނުބުނެއެވެ. އެއީ ހުޒާމް ބޮލަށް ވަރަށް ފަސޭހަވި ކަމެކެވެ. އަދި އައިނީ ބަލިވިޔަސް އެކަންވެސް ލަމްޔާ ހުޒާމަކަށް ނާންގައެވެ. އެއީ އައިނީއާ މެދު ހުޒާމް ގެންގުޅޭ ބަފައިވަންތަ ގުޅުން ހީނަރުވަރު އެންމެ ގާތުން ފެންނަ މީހަކީ ލަމްޔާ ކަމަށްވާތީ އެއީ ކުރަން ޖެހޭ ކަމެއްކަމަކަށް ލަމްޔާ ނުދެކޭތީއެވެ. އެހެންނެކޭ ކިޔާފަ ދުވަހަކުވެސް ހުޒާމް އެ ވާހަކައެއް ނުވެސް ދައްކައެވެ. ހުޒާމް އެއްޗެއް ދޭން ބޭނުމިއްޔާ އެ ބޭނުނވި ފަހަރަކުން ދީފާނެއެވެ. އެވެސް މާބޮޑު އެއްޗެއް ނޫނެވެ. އެހެންކަމުން އެއަށް ބަރޯސާވެގެން ލަމްޔާއެއް  ނުހުރެއެވެ.

'' ދަރިފުޅުގެ ބައްޕަ އެއީ ވަރަށް ބިޒީ މީހެއްނު . ކޮންމެވެސް ދުވަހަކުން ބައްޕަ އަންނާނެ! ހިނގާ ދެން ނިދަމާ ދޯ !'' އައިނީ ވެސް ބައްޕަ ދެކޭ ހިތްވާނެކަން ލަމްޔާއަށް ރަނގަޅަށް އެނގެއެވެ. ހުޒާމްގެ ލޯތްބާ ގާތްކަމާ އޯގާތެރި ބަސްތަކަށް އެ ދަރިފުޅުވެސް ކިހާ ބޭނުންވާނެކަން ލަމްޔާއަށް ވެސް އިޙުސާސް ކުރެވެއެވެ. އެހެންކަމުން ލަމްޔާ ބޭނުންވީ ހުޒާމް ނާންނާނެ ކަން އެނގޭއިރު ވެސް ދަރިފުޅުގެ އުފަލަށް ނަމަވެސް ކޮންމެވެސް އެއްޗެކޭ ކިޔައިގެން ދަރިފުޅުގެ ހިތް ހަމަޖައްސައިދެވޭތޯއެވެ. ޙަޤީގަތް ހާމަކޮށްގެން ދަރިފުޅު މާޔޫސްވާފަދަ ޖަވާބެއް ދޭކަށް ލަމްޔާ ބޭނުމެއްނޫނެވެ.

''  މަންމީ! '' އައިނީ ގޮވައިލި މަޑުމޮޅިއަޑުން އެކަނިވެސް ލަމްޔާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. މަޑުމަޑުން މޫނު ހިއްލާލާ ދަރިފުޅުގެ މޫނަށް ބަލައިލަމުން ދަރިފުޅު ގެނެސް މެއާލާ ބޮޑިކޮށްލިއެވެ.

'' މަންމީ ޕްލީޒް ! ބައްޕިއަށް ގުޅައިދީބަލަ ! ބައްޕި ދެކޭހިތްވަނީ !'' ދަރިފުޅުގެ މައުސޫމު އަޑު އައި ގޮތުން ލަމްޔާގެ ހިތް ފަޅައިގެންދާވަރުވިއެވެ. އަދި ހުޒާމް ދެކެން ދަރިފުޅު ބޭނުންވެފައި ހުރިވަރު ވަރަށް ރަނގަޅަށް އިޙުސާސް ކުރެވުނެވެ. އެހެންކަމުން ފޯނު ނަގައި ހުޒާމްގެ ނަމްބަރަށް ޖަހަން ތައްޔާރު ކުރިތަނާ ރިންގްވާން ފަށައިފިއެވެ. ނަމްބަރ ފެނުމުން އެއީ ފަރުހާން ގުޅި ނަމްބަރުކަން ވަގުތުން ލަމްޔާއަށް އެނގިއްޖެއެވެ.

އެކަމަކު ފޯނު ރިންގްވާން ފެށިއަޑަށް އައިނީ ފުންމައިގެން ތެދުވެ ބައްޕީ ބައްޕީއޭ ގޮވަންފަށައިފިއެވެ. އެހެންކަމުން ފަރުހާން ގާތު ފަހުން ގުޅާނެ ކަމަށް ބުނެފައި ލަމްޔާ އެ ފޯނުކަނޑައިލިއެވެ.

'' ދަރިފުޅު މަޑުކޮށްބަލަ ! އެއީ  ބައްޕި އެއް ނޫނޭ !'' ނިކަން ލޯބިން ދަރިފުޅު ގެނެސް ގައޔާ ކައިރިކޮށްލަމުން ލަމްޔާ ދަރިފުޅަށް ވިސްނައިދިނެވެ.

'' ބައްޕައަށް މެސެޖުކޮށްފައި ގުޅާށޭ މި ބުނަނީއޭ އިނގޭ! '' ވަރަށް ލޯތްބާއެކު ލަމްޔާ ދަރިފުޅު ހިތްހަމަ ޖައްސައިދިނެވެ.

ގުޅުމުގެ ބަދަލުގައި އަބަދުވެސް ލަމްޔާ ކުރާނީ މެސެޖެވެ. އެހެން ހަދަން ޖެހެނީ ގުޅިޔަސް ހުޒާމް ފޯނު ނުނަގާތީއެވެ. އެހެންކަމުން އައިނީ ހުޒާމްއާ ވާހަކަ ދައްކަން އެދޭކަމަށާ ދެކޭހިތްވާތީ މާބޮޑަށް ގުޅައިދޭން އެދި އާދޭސް ކުރަނީކަމަށްބުނެ ބިޒީ ވިޔަސް  މި ވަގުތުކޮޅު އައިނީއަށް ހުސްކޮށްދޭން އެދޭކަމަށް ބުނެ ހުޒާމްއަށް މެސެޖެއް ކުރިއެވެ.

ހުޒާމް ގުޅާނެ ކަމަށް ނުނިދާ އިރުގަނޑެއް ވަންދެން އައިނީ އޮތެވެ. ނިދި އައިސް އާފުރެން ފެށުމުން އައިނީ ނިދުނީއެވެ. އޭރު ލަމްޔާ ކުރި މެސެޖުގެ ޖަވާބެއް ވިޔަސް ފޯނުކޯލެއް ވިޔަސް އެއްވެސް ޚަބަރެއް  ނުވިއެވެ.

ދަރިފުޅު ދެރަވާނެ ވަރު ހިތަށް އައުމުން ހިފެހެއްޓުމެއްނެތި ލަމްޔާގެ ލޮލުން ކަރުނަ އައެވެ. ފަރުހާން ދެވަނަ ފަހަރަކު ވެސް ގުޅީ ލަމްޔާ އެހެން ދެކަކުލުގައި ބޯއަޅައިގެން އިންދައެވެ. ފޯނު ރިންގްވުމުން ހުޒާމްކަމަށް ހީކޮށް އަވަހަށް ފޯނު ނެގިއްޖެއެވެ. އެހެންނަމަވެސް އެހެން އިންސާނެއްގެ ހަމްދަރުދީ ބޭނުންވެފައިވާ ލަމްޔާ ، ފަރުހާންކަން އެނގުމުން ވެސް އެ ފޯނު ކަނޑާލާކަށް މިފަހަރު ބޭނުމެއްނުވިއެވެ. ހިތުގައި އުފެދިފައިވާ އުދާސް ބޭރުކޮށްލެވިގެން ނޫނީ ހަމަޖެހުމެއް ނުލިބޭނެކަން ޚުދު ލަމްޔާއަށް އެނގެއެވެ.

'' ހަލޯ '' ލަމްޔާ ފޯނަށް ޖަވާބުދިނީ ވަރަށް މަޑުންނެވެ. އަތްދަނޑިމަތީ ނިދިފައި އޮތް ދަރިފުޅު މަޑުމަޑުން އެއްފަރާތުގައި ބޭއްވުމަށްފަހު ލަމްޔާ އެނދުން ފައިބައިގެން ގޮސް އެއްފަރާތެއްގައި ހުރި ސޯފާ ގޮނޑީގައި އިށީނދެއްޖެއެވެ.

ލަމްޔާގެ އަޑުގައި ތަފާތުކަމެއް ހުރިކަން ފާހަގަ ކުރެވުމުން ފަރުހާން އެހީ ގުޅުނުއިރު ލަމްޔާއޮތީ ނިދާފައިތޯއެވެ. މިގަޑީގައި ގުޅުމުން އުނދަގޫވޭތޯ ވެސް އެހިއެވެ. ލަމްޔާ ބޭނުންވީ މިއީ އެފަދަ ކޯލެއްގެ ބޭނުން ނިހާޔަތަށް ޖެހިފައިވާ ގަޑިއެކޭ ބުނުމަށެވެ . އެހެންނަމަވެސް ހާލަތު އެކަން މަނާކުރީއެވެ. '' ނޫން . ނިދަންވެގެން އުޅުނީ . އެކަމު އޯކޭ '' ވަރަށް ލަދުން ހުރެ ވާހަކަ ކުރިއަށް ގެންދަން ލަމްޔާ އެދިނީ ދަޢުވަތެކެވެ.

'' އަހަރެން އޭރު ގުޅީ ލަމްޔާ ގުޅާފައި ހުރުމުން . އެކަމަކު މިހާރު މިގުޅީ އަހަރެންގެ އަމިއްލަ ބޭނުމެއް އޮވެގެން ''

( ނުނިމޭ )

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ވާހަކަ