ވާހަކަ

ބޯގަންވިލާ (ދެވަނަބައި)

ގޭގެ ސިޓިންގރޫމުގެ ދޮރުމަތީ ހުއްޓިހުރެ އައިނީ ވެސް އެގެއަށް ކުޅެން ފޮނުވާށޭ ޚަދީޖާ ބުނިއަޑަށް ލަމްޔާ ދޮންނަން ހުރި ތަށި ސިންކު މަތީ ބެހެއްޓުމަށްފަހު އެނބުރި ޚަދީޖާ ގާތަށް އައެވެ.

'' އަޅުގަނޑުގެ ދަރިފުޅު އެއްވެސް ބޭރު ގެއަކަށް ނުފޮނުވަން. އެހެން ފޮނުވަން ފަށައިފިއްޔާ އަބަދު ރައްޓެހި ކުދިންގެ ގޭގެއަށް ދާން ކިޔާނެ . '' ހީނލަމުން ލަމްޔާ އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ.

'' އަޅުގަނޑަކީ އަސްލު ވަރަށް އަވަދިނެތި އުޅޭ މީހެއް !......... އެކަމަކުވެސް ބަލަން ދަރިފުޅަށް ވީހައިވެސް ގިނަ ވަގުތު ދެވޭތޯ! ......ޚަދީޖާއްތަ އެއްޗެކޭ ހީނުކުރުން އެދެން . މިހެން ބުންޏަސް ކޮންމެވެސް ދުވަހަކުން އައިނީ ތިގެއަށް ގެންދާނަން ...!'' ލަމްޔާ ބުނީ ތެދުވާހަކައެއްކަމަށް ގަބޫލުކުރެވުމުން ޚަދީޖާ ހިގައިގަތީ ހީނލާފައި ބޯ ޖަހާލަމުންނެވެ. ހިތް ސާފު ސާދާ އަންހެން ކުއްޖެކެވެ.

ހެނދުނުގެ ސައިގެ ކަންތަކުން ނިމިގެން ލަމްޔާ އުޅުނީ ބެލްކަނީގައި ހުރި ގަސްތަކަށް ފެންދިނުމުގައެވެ. ލަމްޔާއަކީ އެކިފާޑުގެ މާގަސްތައް ހައްދާހިތްވާ ކުއްޖަކަށް ވުމުން ގަސް ހެއްދުމަކީ އަބަދުވެސް ލަމްޔާ ކުރާ ކަމެކެވެ. ޚާއްސަކޮށް އޯކިޑަކީ ލަމްޔާގެ ފެވަރިޓެވެ. އެހެންނަމަވެސް މި ދުވަސްވަރަކީ އެންމެންވެސް ބޯގަންވިލާ ހެއްދުމާއިގެން އުޅޭ ދުވަސްވަރަކަށް ވާތީ ލަމްޔާ ވެސް އެކި ކުލަ ކުލައިގެ ބޯގަންވިލާ ގަސް ވެސް އިންދައިގެން އުޅެއެވެ.

މާގަސްތަކަށް ފެންދޭން ގެންގުޅުނު ފެންހޮޅި އަތުން ދޫކޮށްލީ ޖިންސްގެ ޖީބުގައި އޮތް ފޯނު ރިންގްވާން ފެށުމުންނެވެ. ގުޅަނީ ކާކުތޯ ބެލިއިރު ގުޅަނީ ހިދާޔާއެވެ. ހިދާޔާއަކީ ސްކޫލްގައި ލަމްޔާއާ އެންމެ ގާތްކޮށް އުޅޭ ފަރާތެވެ. ވަރަށް ސަމާސާ މިޒާޖުގެ ކުއްޖެކެވެ.  އެހާ ހިތްހެވެވެ. ލަމްޔާގެ ކޮންމެ ކަމެއްގައި ވަރަށް އެހީތެރިއެވެ. ލަމްޔާ ސްކޫލަށްދާ ގަޑީގައި އައިނީ ވެސް ބަހައްޓަނީ ހިދާޔާގެ މަންމަ ގާތުގައެވެ.

'' ހަލޯ '' އާދައިގެ ވަރަށްވުރެ ބާރަށް ފޯނަށް ޖަވާބުދެވުމުން ހިދާޔާ ބުނީ އަޑުއަހަން ހުރީ ބަރާބަރަށް ކަންފަތަށް އަޑުއިވޭ މީހެއްކަމަށާއި އަދި ހިއަރިންގއެއިޑް އަޅަން ނުޖެހޭކަމަށެވެ. ހިދާޔާ ބުނި އެއްޗަކުން ލަމްޔާއަށް އަދި މާ ބާރަށް ހީނގަނެވިއްޖެއެވެ. ދެ ރަޙުމަތްތެރިން ހީނހީނފައި ވާހަކަ ދައްކަމުން ދިޔައިރު ވެސް ލަމްޔާ ދިޔައީ ގަސްތަކަށް ފެންދެމުންނެވެ. ފޯނު ނިމިގެން ފޯނު ޖީބަށް ލުމަށްފަހު ފެންހޮޅި ބަންދުކުރަން އެނބުރިގަތްވަގުތު ކުރިމަތީހުރި ޢިމާރާތުގެ މަތީ ފްލެޓްގެ ބެލްކަނީގައި ލަމްޔާއަށް ބަލަހައްޓައިގެން މީހަކު ހުރިތަން ފެނުމުން ކުޑަކޮށް ޙައިރާންވެ ރަނގަޅަށް ބަލާލެވުނެވެ. އެހެންނަމަވެސް އެއީ ކާކުކަމެއް ހިތަކަށް ނުވަނެވެ. ކުރިން ދުށް ހަނދާނެއް ވެސް ވިއެވެ.

ހެނދުނުގެ ސަޔަށްފަހު ފަރުހާން ނިކުތީ ބެލްކަންޏަށެވެ. އެއްވެސް ވަކި ބޭނުމަކުނޫނެވެ. ކުރީދުވަހަކު ފަރުހާންއަށް މާރީތި ވިއަޑެއް ، އެއަޑު އިވުމުން ދެތިން ރޭ ވަންދެން އެއަޑެއްގެ ޖާދޫގެ ސަބަބުން ނިދަން އުނދަގޫވި އަޑެއް ކުއްލިއަކަށް ކަންފަތުގައި ގުގުމައިލާނެ ކަމަކަށްނޫނެވެ.

ވަގުތަކީ ހެނދުނުގެ ވަގުތަށް ވުމުންނާ  ޗުއްޓީ ދުވަސްވަރު ކަމަށްވުމުން މީހުންގެ ހިލަން ވަނީ ވަރަށް ކުޑަކޮށެވެ. އެހެންނޫނަސް އަދި އެތާހުރި ގިނަ ފްލެޓްތަކަށް މީހުން ނުވެސް އާދެއެވެ. މާޙައުލުގެ ހަމަހިމޭން ކަމުގެ ސަބަބުން އެ ހިތްގައިމު ޖާދުވީ އަޑު އިރުއިރުކޮޅާ ފަރުހާންގެ ކަންފަތަށް މިޔުޒިކެއް ފަދައިން އިވި އިވި ހުއްޓެވެ. އެ އަންހެންކުއްޖަކީ ކޮންކުއްޖެއްކަން ސީދާ ނޭގުނަސް އެ ފްލެޓަކީ ފަރުހާންއާ މިސްކިތުން ދިމާވެގެން ރަޙުމަތްތެރިކަން އުފެދުނު ރަޝީދުބެ ދިރިއުޅޭ ފްލެޓްކަން އެގެއަށް ދެވިފައި އޮތުމުން ފަރުހާންއަށް އެނގެއެވެ.

'' އެއީ އަނެއްކާ ކުރީދުވަހު އެގެއަށް ދިޔުމުން ކޮފީ ގެނެސްދިން ކުއްޖާބާ! ނޫނީ ކުރީދުވަހު ފައިނާ ގޮވައިގެން ޕޭރެންޓް މީޓިންއަށް ދިޔަ ދުވަހު އަހަންނަށް އެ އިވުނު އަޑުގެ ވެރިޔަކީ މިއީބާ! އެ ކުއްޖާ މިހާ ލޫޅާފަތިބާ ! ....... ދޫ ހަރުވާޅަކާއެކު ދޫ ޓީޝާޓެއް ......  '' ފަރުހާންއަށް ހުރެވުނީ ފުންޚިޔާލަކަށް ގެއްލިފައެވެ. ދެން ދެއަތަކަށް ބޯ ހޫރާލެވުނެވެ. އެކަމަކު ދެންވެސް ހުރެވުނީ ލަމްޔާއަށް ބަލަހައްޓައިގެންނެވެ. ރަޝިދުއާއެކު އެގެއަށް ދިޔަ ދުވަހު ކޮފީ ގެނެސްދިން ކުއްޖާގެ ތަސްވީރު ހިތަށް ނަގައިގަނެވޭތޯ ބޭކާރު މަސައްކަތްތަކެއް ކުރަމުންދިޔައެވެ. ކޮފީ ގެނެސްދިން ކުއްޖާއަށް އެދުވަހު ރަނގަޅަށް ބަލާލެވުނުނަމައޭ ހިތަށް އެރުމުން މޫނުމައްޗަށް ލާނެއް ހިނިތުންވުމެއް ވެރިވެގެން އައެވެ.

ލަމްޔާ ގެންގުޅުނު ފެންހޮޅި ބާއްވާފައި ބަލައިލީ ފަރުހާން އެހެން ހުއްޓައެވެ. ލަމްޔާ ފަރުހާންއަށް ބަލައިލިކަން  ފަރުހާންއަށް ރޭކާލީ ވެސް ލަމްޔާ ގޮސް ގެއަށްވަން ފަހުންނެވެ.

އެ ދުވަހުގެ އެ ހާދިސާއަށްފަހު ރަޝީދުއާ މިސްކިތުން ދިމާވޭތޯ ކޮންމެ ދުވަހަކުވެސް ފަރުހާން ދިޔައީ ބަލަމުންނެވެ. ނަސީބު ދެރަކަމުން އެ ދުވަސްކޮޅު ކުޑަކޮށް ބަލިވެ އުޅޭތީ ރަޝީދު ގެއިން ބޭރަކަށް ނުނިކުމެއެވެ. ރަޝީދުއާ ދިމާނުވާނެކަން ޔަގީން ވުމުން ވެސް ފަރުހާން އުންމީދުކަނޑައެއް ނުލައެވެ. ކޮންމެވެސް ގޮތަކުން އެ އަންހެން ކުއްޖާ ގާތުން ދެކިލުމުގެ އުންމީދު ހިތުގައި ހިނގާވަރުން ބަހަނާއެއް ހޯދައިގެން އެގެއަށް ދާން ފަރުހާން ނިންމިއެވެ.

ލަމްޔާ ގަސްތަކަށް ފެންދޭން ހުއްޓާ އެ ފެނުނު ދުވަހުގެ ފަހުން ހަފުތާއެއް ވީއިރު ވެސް ފަރުހާންއަކަށް ލަމްޔާ އިތުރަށްފެންނަ ގޮތެއް ނުވިއެވެ. އެ އެއްހަފުތާ ފަރުހާން ހޭދަކުރީ މާޔޫސްކަމާ ނާއުންމީދާއެކުގައެވެ. އެންމެ ފަހުން ކެތްތެރިކަން ކޮޅުންލުމުން އެއްދުވަހެއްގެ ހެނދުނު ސައިގަޑި ނިމޭހާއިރުކޮށްފައި ފަރުހާން ނިންމީ އެ ބަޔަށް ދިއުމަށެވެ.

'' އައްސަލާމު ޢަލައިކުމް '' ދެތިންފަހަރު ދޮރުގައި ޓަކި ދިނުމުން ވެސް މީހެއްގެ ޚަބަރެއް ނުވުމުން ދޮރު ހުޅުވާލައިގެން ހުރެ ފަރުހާން ސަލާމް ގޮވައިލިއެވެ.  ދެތިން ފަހަރު ސަލާމް ގޮވައިލުމުން ސަލާމަށް ޖަވާބުދެމުން އެންމެ ކައިރީގައި ހުރި ކޮޓަރިން ނިކުތީ ރަޝީދުއެވެ.

'' އަހަނ! ފަރުހާން . ކިހިނެތް ހާލު! . '' ފަރުހާންއަށް އެއްޗެކޭ ބުނެވުމުގެ ކުރިން ހާލުއެހީ ވެސް ރަޝީދުއެވެ.

'' އަޅުގަނޑު ރަނގަޅު ، ރަޝީދުބެ މިސްކިތުން ވެސް ނުފެންނާތީ ...... އަނެއްކާ މާބަލީތަ މިސްކިތަށް ނުދަނީ! '' ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގަމުން ވަގު ހިފިދާނެތީ ހާސްވެހުރި ފަރުހާން ސުވާލުކުރިއެވެ. އަޑުން އޭނާ ހުރީ ހާސްވެފައިކަން ނުދައްކަން މަސައްކަތް ކުރަމުންނެވެ.

'' ކުޑަކޮށް ހުންވައްތަރުވެފަ، ފައެއްގައި ވެސް ރިއްސާތީ މިދުވަސްކޮޅު ގޭގައި ނަމާދު ކުރަނީ! '' އިށީންނަން ސޯފާގޮނޑިއަށް އިޝާރާތް ކުރަމުން ރަޝީދު ވާހަކަދެއްކިއެވެ.

'' ފަރުހާން މިދުވަސްކޮޅު ރަށުގައި ކީއްކުރަނީ! މާލެގައިތަ ވަޒީފާ އަދާކުރަނީ ! '' ރަޝީދުބޭނުންވީ ކުރިމަތިން ފެންނަން މިއިން ތިރީހުގެ އަހަރުތައް ގުނަން ފަށަން ތައްޔާރުވަމުންދާ އިސްކޮޅުން ދިގު ރީތި ފިރިހެނާގެ ދިރިއުޅުމާބެހޭ ގޮތުންއޮޅުން ފިލުވުމެވެ.

'' އަޅުގަނޑު އުޅެނީ މާލޭގައި ! މިބުނީ ވަރަށް ޅައިރުއްސުރެ އުޅެމުން އައީ މާލޭގައޭ........ މަންމަޔާ ބައްޕަޔާ ވަކިވި ހިސާބުން ދައްތަ ގޮވައިގެން މަންމަ ރަށަށް ބަދަލުވީ!...... .އަޅުގަނޑު ހުރީ ބާއްޕަ ގާތުގަ. ކިޔެވީ ވެސް އެކޮޅުން.  ކިޔަވައި ނިމިގެން އަޅުގަނޑު ބޭނުންވީ މަތީތަޢުލީމު ފުރިހަމަ ކުރަން ރާއްޖެއިން ބޭރަށް ދާން . ދިޔައިންވެސްމެ . އެހެންނަމަވެސް ކަންދިމާކުރިގޮތުން ކިޔެވުން ފުރިހަމަ ނުކޮށް އެނބުރި މާލެ އައީ !'' ވާހަކައިގެ ވަކި ހިސާބަކުން ފަރުހާންގެ އަޑުން މޮޅިވެރިކަން ފާޅުވެގެން ދިޔައެވެ. އިތުރަށް ކިޔައި ނުދިނީމާ ރަޝީދު ގަސްދު ކުރީ އިތުރަށް ނޭހުމަށެވެ. ނިންމާލި ހިސާބަކީ ފަރުހާން ކިޔައިދޭން ބޭނުންވި ވަރެވެ. ރަޝީދު ވިސްނީ އެގޮތަށެވެ.

'' ގޭތެރެ ހާދަ ފަޅޭ! ކޮބާ މިގޭގަ އުޅޭ ކުޑަ މަންޖެ!  '' އެގޭގައި ސާރާއާ އެއް އުމުރެއްގެ ކުއްޖަކު ހުންނަވާހަކަ މަންމަ ބުނެފައޮތުމުން ފަރުހާންއަށް އެހެން އަހަން އެނގުނީއެވެ.  ހަގީގަތުގައި ފަރުހާން ބޭނުންވީ ބޯގަންވިލާ ގަސްތަކަށް ފެންދޭން ހުއްޓާ ފެނުނު ކުއްޖާއާ ބެހޭ އެއްވެސް ކަމެއް ސާފުވޭތޯ ބެލުމެވެ.

'' މިގޭ ކުދިން ވެއްޖެ ބޭރަށް ގޮސް! '' ރަޝީދުގެ ޖަވާބު އަޑު އިވުމުން ފަރުހާން ބޭނުންވި އެއްވެސް ކަމެއް ސާފު ނުވީއޭ ފަރުހާން ހިތަށް އެރިއެވެ.

'' ތި ބުނި ކުދިންގެ ތެރެއިން އެންމެ ކުއްޖެއްގެ ނަން ނަމަވެސް ބުނެލިނަމަ.... '' ފަރުހާން ކުރަންބޭނުންވި ސުވާލު ހިތުގައި ބޭއްވުމަށްފަހު  މާޔޫސްކަމުގެ ނޭވާއެއް ދޫކޮށްލާފަ ދެން އެހީ ރަޝީދު ޑޮކުޓަރަށް ދެއްކިތޯއެވެ.

ހަވީރުވެގެންއައި އިރުވެސް ދުވާލުގެ ހޫނުކަމަކަށް މާބޮޑު ބަދަލެއް ނާދެއެވެ. އިރުވައިގެ ދުވަސްތައް ނިމި ހުޅަނގަށް އެޅެމުން ދިޔަ ދުވަސްވަރުކަމަށް ވިޔަސް ވިއްސާރައިގެ އަސަރެއް ނެތެވެ. ލަމްޔާ ނިކުތީ ގަސްތައް މިލާފައި ހުރެދާނެތީ ގަސްތަކަށް ފެންދިނުމަށެވެ. ފެންހޮޅި ދޫކޮށްލުމަށްފަހު ފަހަރަކު ގަހަކަށް ފެންދޭން ހުއްޓާ އިސްކުރުން ހޮޅިނެއްޓިއްޖެއެވެ. ލަމްޔާއަށް އިސްކުރު ބާރުކުރެވުމުގެ ކުރިން އިސްކުރުމަތީ އެޅުނީ އަތެވެ. އިސްކުރުން ފައިބަމުން ދިޔަ ފެން ހިފެހެއްޓުމަށެވެ.

ލަމްޔާގެ އިނގިލަތުގެ މެދުން ޕްރެޝަރުގައި އައި ފެންތައް ބޯމަތިންލާގެން ދިއުމާއެކު ގުދުވެގެން އޮތް ލަމްޔާއަށް ފުންމައިގެން ތެދުވެވުނީ އަނެއްކާވެސް އިސްކުރު ބާރުނުކޮށެވެ. އެކަން ވިސްނުނު ހިސާބުން ތެޅިގެންފާ ގުދުވެ އަވަހަށް އިސްކުރު ބާރުކޮށްފިއެވެ. ދެން ހަމަ ޖެހިލާ ރަނގަޅަށް ބަލާލިއިރު ހެދުމުގެ މޭމައްޗާއެކު މުޅި މޫނުގައި ހުރީ ހުސް ފެނެވެ. އެހެންކަމުން މޫނުގައި ހުރި ފެން ފޮހެމުން މޭމަތިން ގައިގާ ތަތްވެފައި އޮތް ހެދުން ރަނގަޅުކުރަމުން އެނބުރިލިއިރު ކުރިމަތީހުރި ގޭގެ މަތީބުރީ ބެލްކަނީގައި ކުރީދުވަހު ހުރި ފިރިހެންކުއްޖާ ހުއްޓާ ފެނިއްޖެއެވެ. ލަމްޔާއަށް މި ޖެހުނު ހުރިހާ ސަކަރާތެއް ބަލަން އެ ކުއްޖާ ހުންނާނެއޭ ހިތަށް އެރުމުން ބޭއިޚުތިޔާތުގައި ހީނލެވިއްޖެއެވެ. ބަދަލުގައި އެކުއްޖާވެސް ހީނލިއެވެ. އަދި އަތުގެ އިޝާރާތުން މުޅިން ސަކަރާތް ދޯއޭ ބުނާކަހަލަ އިޝާރާތެއް ވެސް ކޮށްފިއެވެ. ލަމްޔާއަށް އެ ވަގުތު ނުވެސް ދަންނަ މީހަކާ މިކުރެވުނު މުޢާމަލާތް ވިސްނައި ލެވުމުން މަޑުމަޑުން ރަކި ހިނިތުންވުމަކާއެކު އިސްޖަހާލަމުން އެތެރެއަށް ވަދެއްޖެއެވެ.

އިރުކޮޅެއްކުރިން ހިނގާދިޔަ ހުރިހާކަމެއް ފަރުހާންގެ ހިތަށް އަލުން ސިފަވެގެން އައީ ލަމްޔާ ގޭތެރެއަށް ވަނުމުންނެވެ. އެ ހީނލުމުގައި ހުރި އާދަޔާ ޚިލާފުކަން ފުރަތަމަ ފަހަރުން ވެސް ފާހަގަ ކުރެވުނެވެ. '' ރީތި ކުއްޖެކެވެ. ''

އެ ދުވަހަށްފަހު ކޮންމެ ދުވަހަކުވެސް ލަމްޔާ ގަސްތަކަށް ފެންދޭން ނިކުންނަ ވަގުތު ފަރުހާން ފެންނަން ހުންނަން ފަށައިފިއެވެ. ކިތަންމެ ނުބަލަން ހުއްޓަސް ލަމްޔާއަށް ވެސް ފަރުހާން ފެންނަން ހުރޭތޯ ބެލެވެން ފަށައިފިއެވެ. މަޑުމަޑުން ހީނލުން ބަދަލު ކުރެވެން ފަށައިފިއެވެ.  ގަސްތަކުނޫނެވެ. އަވައްޓެރިއެއްވީމާ އަވައްޓެރިކަމުގެ ގުޅުން ދަމަހައްޓަން ބޭނުންވާތީއެވެ. މި ނިޔަތް އޮތީ ލަމްޔާގެއެވެ. އެހެންނަމަވެސް ލަމްޔާގެ ކޮންމެ ހިނިތުންވުމަކީ ލަމްޔާގެ ކޮންމެ ޙަރަކާތަކީ ، ލަމްޔާ ފެންނަ ކޮންމެ ސިކުންތަކީ ފަރުހާންއަށް އަގު ކުރަން އުނދަގޫ އަގު ހުރި ވަގުތުކޮޅުތަކަކަށް ވެގެން ދާން ފަށައިފިއެވެ. އަބަދުވެސް އެ ނުދަންނަ އަންހެން ކުއްޖާފެނުމަށް ހިތް އެދެން ފަށައިފިއެވެ. ކުރިން ނުނިކުންނަވަރަށް ބެލްކަންޏަށް ނިކުމެވެން ފަށައިފިއެވެ. ރޭގަނޑުގެ ގިނަ ވަގުތުތައް ހިތުގައި ކުރެހިފައިވާ އަންހެންކުއްޖާގެ ހިތްގައިމު ސޫރައަށް ދޫކޮށްލައިގެން އޮތުމަކީ ފަރުހާންއަށް މިހާރު އެންމެ ހިތްހަމަ ޖެހުން ގެނުވާކަންތަކެވެ.

ކުރު ޗުއްޓީއަކަށް ފަހު ސްކޫލްތައް އަލުން ހުޅުވިއްޖެއެވެ. ފަތިސްނަމާދަށް ފަހު ފަރުހާން ނިކުތީ ސައިކަލުގައި ރަށުތެރެއަށެވެ. ފަތިހުގެ ހިތްގައިމު ހަމަ ހިމޭން މާހައުލުގައި ފިނި ވައިރޯޅީގައި ބީހެމުން ދުއްވާލަން ދިއުމަކީ ފަރުހާން ވަރަށް ގަޔާވާކަމެކެވެ. އަރައިގެން އައި އިރުގެ ދޯދިތަކުން ހޫނުކަން ހޯދަމުން ގެއާ ދިމާއަށް މިސްރާބު ޖެހި ފަރުހާންގެ ހިތުގައި ކެކިއުތުރެމުން ދިޔައީ އެންމެ ޚިޔާލެކެވެ. ނަން ނޭނގޭ އެ އަންހެން ކުއްޖާއެވެ.

ލަމްޔާ ސްކޫލަށްދާން ނިކުތީ އެހެން ދުވަސް ދުވަހަށްވުރެ ތަންކޮޅެއް ލަސް ވެސް ވީފަހުންނެވެ. ސައިކަލް ނެރެ ސްޓާޓް ކުރަން އުޅެ އުޅެ އެކަން ވާގޮތެއް  ނުވިއެވެ. ކުރީ ދެ ދުވަހު ވެސް ސައިކަލަށް ނާރާތީކަމަށް ވެދާނެއޭ ލަމްޔާ ހިތަށް އެރިއެވެ. ގަޑި ވެސް ޖެހޭތީ ސައިކަލް ސްޓާޓް ކުރެވޭތޯ ހިތްވަރު ކުރަމުން ދިޔައީ އިރުއިރުކޮޅާ އަތުގައި އޮތް ގަޑިއަށް ބަލަމުންނެވެ.

އެވަގުތަކީ ފަރުހާން ގެއަށް އައިވަގުތެވެ.

( ނުނިމޭ )

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ވާހަކަ