ިނިފިނިރެއެއްގެ އަރާމު ނިންޖަކަށްފަހު ލަމްޔާ އެނދުން ހިއްލާލީ ފަތިސްނަމާދުގެ ބަންގީގެ އަޑަށެވެ. އެނދުން ތިރިއަށް ދެފައި ބޭލުމަށްފަހު ފައިވާން ފައިގައި ޖެހުމުން ތެދުވެ ފައިވާނަށް އަރަމުން ހަމަ އެ އެނދުގައި ނިދިފައި އޮތް ކުޑަކުޑަ އައިނީއަށް ލޯތްބާއެކު ބަލައިލިއެވެ. އަދި ގުދުވެ ގައިމަތީއަޅާފައި އޮތް ފޮތިގަނޑު ރަނގަޅުކޮށްލިއެވެ. އެއަށްފަހު ވަނީ ފާޚާނާއަށެވެ.
ލަމްޔާގެ އާދައިގެ މަތިން ދެން މިސްރާބު ޖެހީ ގޭގެ ބެލްކަންޏަށެވެ. ބޭރަށް ނިކުމެ އެކި ރާގުރާގަށް ގޮވަމުން ދެކޮޅަށް އުދުހެމުންދާ ކާޅުތަކަށް ނަޒަރު ހުއްޓާލައިގެން ލަމްޔާއަށް ހުރެވުނީ އިރުކޮޅަކުއެވެ. މަހެއްގެ މެދުތެރެ ކަމުން އިރު އަރަންދެންވެސް ހަނދު ރީއްޗަށް ފެންނަން ހުރެއެވެ. ހުޅަނގުފަރާތުން ފެންނަން ހުރި ބުރުހަމަ ރީތި ހަނދަށް ގެއްލިފައި ލަމްޔާއަށް ހުރެވުނީ ޚިޔާލެއް ފިކުރެއް ނެތިއެވެ.
އިރުމަތިފަރާތުން އިރު އުދަވަމުން ދިޔައިރު ލަމްޔާ ހުރީ ހެނދުނުގެ ނާސްތާއަށް ރޮށި ފިހުމުގައި އަވަދިނެތިއެވެ. ލަސްވެގެން ހަގަޑި ފަނަރަ ވުމުގެ ކުރިން ސްކޫލަށްދާން ތައްޔާރުވުމާއިގެން ލަމްޔާ އުޅެން ޖެހޭނެއެވެ. އަދި އޭގެ ކުރިން ކުޑަކުޑަ އައިނީ ތެދުކޮށް ބުއްތަށިދޭން ޖެހޭނެއެވެ. އައިނީ އަކީ ގެންގުޅެން ފަސޭހަ ކުއްޖަކަށް ވީތީ ލަމްޔާ އަބަދުވެސް ޝުކުރުކުރެއެވެ.
އައިނީގެ ބައްޕަ ލަމްޔާ ދޫކޮށް އެހެން އަންހެނަކާއެކު ދިރިއުޅެން ދިޔައިރު ލަމްޔާގެ އުމުރުން ވާނީ އަށްވަރަކަށް މަހެވެ. އޭގެ ފަހުން އައިނީގެ ބައްޕަޔާއެކު ލަމްޔާ ދިރިއުޅެމުން އައި ރަށުން އާބާދީ ބޮޑު މިރަށަށް ލަމްޔާ ހިޖުރަ ކުރީ މިރަށު ސްކޫލުން ޓިޗަރެއްގެ ވަޒީފާވެސް ލިބުމާއެކުއެވެ. ސްކޫލްގައި އުޅޭ ރައްޓެހި ޓީޗަރަކަށް ލިބުނު މި ފްލެޓަށް ލަމްޔާ ބަދަލުވިތާ އަދި މާގިނަ ދުވަހެއް ނުވާނެއެވެ. ލަމްޔާ އާއި އައިނީ އަދި ލަމްޔާގެ ބައްޕައާއެކު ލަމްޔާ އުޅެމުން އަންނަނީ ހަމަ ޖެހޭ ދިރިއުޅުމެކެވެ. ބޭނުންނެތި ދޫކޮށްލާފަދާ މީހަކާ މެދު ހިތާމަކޮށް ނުވިސްނުމަކީ ލަމްޔާގެ އަޒުމެވެ. އެހެންނަމަވެސް ރައްޓެހިވެގެން އެތައް ދުވަހަކު އުޅުމަށްފަހު އެތައް ވަޢުދަކާ ޢަހުދެއް ކުރަމުން ހުޒާމްއާ އެކު ލަމްޔާ ފެށި ޙަޔާތުގެ ދިގު ދަތުރު ކުރުވެ ހުޒާމް ލަމްޔާ ދޫކޮށް ދިޔައީ ކައިވެންޏަށް އެންމެ ތިން އަހަރަށް އޮއްވައެވެ. ކިތަންމެ ނުވިސްނަން ހުއްޓަސް މިހާރުވެސް ހުޒާމްއާ އެކު އެހޭދަ ކުރެވުނު މަދު ދުވަސްކޮޅުގެ މަތިން ލަމްޔާ ހަނދާންވެއެވެ.
'' މަންމާ! ބުއްތަށި '' ލަމްޔާ ޚިޔާލީވާފަށުން އަތްދޫކޮށްލަން ޖެހުނީ ކަންފަތުގައި ގުގުމާލި އެ ތުއްތުތުއްތު ދަރިފުޅުގެ ލޯބި އަޑުންނެވެ. މިއަދު އައިނީއަށް ގޮވަން ނުޖެހި ހޭލީތީ އުފާކުރަމުން ލަމްޔާ އެނބުރުނީ އައިނީއަށް ބުއްތަށި ހަދާ ދިނުމަށެވެ. އޭގެ ކުރިން ދަރިފުޅު ނަގާ މޭޒުކައިރީ ހުރި ގޮނޑީގައި ދަރިފުޅު ބެއިންދީ ނިކަން ލޯތްބާއެކު މޫނުން ދޮނެއް ވެސް ނަގަމުންނެވެ.
ލަމްޔާއަކީ ގަޑިއަށް ފަރުވާތެރި ، ކަމަށް ކަމޭހިތާ ހީވާގި ޓީޗަރެކެވެ. ސައިން އިންވުމަށްފަހު ފުރަތަމަ ސެމިސްޓަރގެ ދެވަނަ ޓްރެއިންގިއުލަރ މީޓިންއަށް ބޭނުންވާ ބައެއް ލިޔެ ކިޔުންތަކާއެކު ވަންނަން ޖެހޭ ކުލާސްރޫމަށް ލަމްޔާ ވަންއިރު ބެލެނިވެރިންނަށް އަންގާފައި އޮތް ގަޑި ޖެހެން އަދި ދެތިން މިނިޓް ހުއްޓެވެ. އެހެންކަމުން އެ ގަޑީގައި އެ ރޫމް ޝެއަރ ކުރާ އަނެއް ޓީޗަރާ ކުޑަކޮށް ވާހަކަ ދައްކާލަން އިންދާ ފުރަތަމަ ދެތިން ދަރިވަރުންނާ އެކުދިންގެ ބެލެނިވެރިން އައިސް ވަނީ އެކުއެކީގައެވެ.
ފައިނާ ގޮވައިގެން ޓްރެންގިއުލާ މީޓިންއަށް ފަރުހާން އައީ ދައްތަ ކުޑަކޮށް ބަލިވެ އުޅޭތީ ބައްދަލުވުމަށް ގޮސްލަދޭށޭ ބުނުމުންނެވެ. މިގޮތަށް ދައްތަމެން ކައިރީ އައިސް އުޅެލެވެނީ މަދު ފަހަރަކު ކަމުން ދައްތަ ބުނާހާ ކަމެއް ކޮށްދެވޭތޯ ފަރުހާން ބަލައެވެ. އެއްބަނޑު އިތުރު ބަޔަކުވެސް ނުތިބޭތީ އެ ދެބެން ދޭތެރޭ އޮންނަނީ ވަރުގަދަ ގުޅުމެކެވެ.
ބެލެނިވެރިންނާ ދަރިވަރުން އިށީންނަން ބަހައްޓާފައި ހުރި ގޮނޑިބަރީގައި އިށީނދެ ރަނގަޅަށް މާޙައުލަށް ނަޒަރު ހިންގައިލީ މިއީ ފަރުހާންއަށް މުޅިން އާ ކަންތައްތަކަކަށް ވީމައެވެ. ފައިނާއަކީ ގްރޭޑް އަށެއްގައި ކިޔަވާކުއްޖެކެވެ. ވާހަކަ ގިނަ މަޑުން ނީނދެވޭ ކުއްޖެކެވެ. އެވަގުތުވެސް ފައިނާ ދިޔައީ ހުއްޓާނުލާ ވާހަކަ ދައްކަމުންނެވެ. އެހެންނަމަވެސް ފަރުހާންގެ ސަމާލުކަން ދަމައިގަތީ ރީތި ހިތްގައިމު ހުނުމެއްގެ އަޑަށެވެ. ހިތްދަމައިގަންނަ ފަދަ އަސަރެއް އެއަޑުގައި ވިއެވެ. އެހެންކަމުން ފަރުހާންއަށް ބަލައިލެވުނީ ކުރިމަތީ އިން ފައިނާގެ ފިޒިކްސް ޓީޗަރަށެވެ. އެހެންނަމަވެސް އެއިވުނު އަޑު އައީ އެހެން ދިމާއަކުންނެވެ. ފަރުހާންގެ ނަޒަރު ދެން އަމާޒުވީ އެ ކުލާހުގައި ފަރުހާންގެ އަރިމަތީގައި ކަހަލަ ގޮތަކަށް ފަރުހާންއަށް ފުރަގަސް ދީގެން އިށީނދެއިން އަނެއް ޓީޗަރަށެވެ. އޭރު އެ ޓީޗަރ އިނީ ކައިރީގައި އިން ދަރިވަރާއި ވާހަކަދެއްކުމުގައި މަޝްޣޫލުވެގެންނެވެ. ޓީޗަރުގެ ވާހަކައިން އެ ދަރިވަރަކީ ކުލާހުގައި މަޑުން އިނަސް ކިޔަވަން ސަމާލުކަން ނުދޭ ކުއްޖެއްކަން އެނގުނެވެ. އެހެންނަމަވެސް ޓިޗަރ ވާހަކަ ދައްކަމުން ދިޔައިރު އެ އަޑުގައިހުރި އޯގާތެރިކަމާ އަޅާލުމާ ގާތްކަން ފަރުހާންގެ ސިކުނޑީގައި ދިޔައީ ހަރުލަމުންނެވެ. ދަރިވަރެއްގެ ކިޔެވުމާ އަޚުލާގު ރަނގަޅުކުރުމަށް އެ މޭރުމުން އެ ގޮތަށް ޓީޗަރަކު މިހާވަރަށް ވާހަކަ ދެއްކި އަޑު ފަރުހާން މި އެހީ އަލަށެވެ. ފަރުހާނަކީ ވެސް ސްކޫލްދައުރުގައި ގޯސްކޮށް އުޅުނު ކުއްޖަކަށް ނުވިޔަސް މާމޮޅު މޮޅު ނަތީޖާއެއް ނެރެވުނު ކުއްޖެއްނޫނެވެ. އެކަމަކުވެސް ޓީޗަރެއްގެ ފަރާތުން މިފަދަ އޯގާތެރި ބަސްތަކެއް އަޑު އިވުނީ މަދުފަހަރަކުއެވެ.
އަރިމަތިން އިވެމުންދިޔަ ރީތި ނިސްވާނީ އަޑަށް ގެއްލިފައި އިނދެވުނު ވަރު ފަރުހާންއަށް ރޭކާލީ ފައިނާ ދެތިންފަހަރު ތުއްތުބެއޭ ކިޔައި ގޮވައިލުމުންނެވެ.
ސްކޫލްގެ ކުލާސްރޫމް ތެރެއިން ފަރުހާންއަށް އެ އިވުނު ހިތްގައިމު އަޑާމެދު ފަރުހާންއަށް އިތުރަށް ވިސްނާލެވުނީ އެރޭ ނިދަން އޮށޯތްފަހުންނެވެ. އެ ޚިޔާލު އައިސް ފަރުހާންގެ ސިކުނޑީގައި ވިކައިގަތީ ހަމަ ކުއްލިއަކަށެވެ. އަމިއްލަ މީހާގެ ހުރި މޮޔަކަމާމެދު އެކަނި އޮވެ ވެސް ފަރުހާންއަށް ހީނލެވުނެވެ. އެކަމަކު އެ ހުނުމުގެ އަޑާ ވާހަކަ ދެއްކުމުގައި ހުރި ޖާދުވީބާރު ފަރުހާންއަށް ބާރުފޯރުވަމުން ދިޔައެވެ.
އެއްހަފުތާއަށް ސްކޫލް ބަންދުވީއެވެ. ދަރިފުޅާއެކު ވަގުތުހޭދަކޮށްލަން ނުވަވަރަކަށް ދުވަސް ލަމްޔާއަށް ލިބުނީތީ ހުރީ އުފާވެފައެވެ. އެހެންކަމުން ފަތިސްނަމާދަށްފަހު ވެސް ލަމްޔާއޮތީ ނުތެދުވެއެވެ. އައިނީގައިގާ ކުޑަގޮތަކަށް ބައްދާލައިގެން އޮތްއިރު ލަމްޔާގެ ސިކުނޑިއަށް އެތައް ހާސް ޚިޔާލެއް އަރާފައިބަމުން ދިޔައެވެ.
އެހެން އޮއްވާ އަނެއްކާވެސް ލަމްޔާއަށް ނިދުނީއެވެ. ދެން ހޭލެވުނީ ދޮރުފަތުގައި ޓަކިދޭއަޑަށެވެ. އެވާނީ ބައްޕައަށެވެ. ލަމްޔާއަށް ހޭލެވިއްޖެކަން އަންގަން ކޮޓަރީގެ ބޮކި ދިއްލާލިއެވެ. އެވަރުން ދެން ލަމްޔާ ލަހެއް ނުވެ ކޮޓަރިން ނިކުންނާނެކަން ބައްޕައަށް އެނގޭނެއެވެ. އެހެންނަމަވެސް ދެވަނަ ފަހަރުވެސް ބައްޕަ ޓަކި ދިނުމުން ދޮރުހުޅުވާ ބައްޕައަށް މޫނުދައްކައިލިއެވެ.
'' ދަރިފުޅާ ! ބައްޕަގެ ރައްޓެއްސެއް ވެސް އެބަހުރި! '' ލަމްޔާ ބޯ ޖަހާލުމަށްފަހު ކޮޓަރީގެ ދޮރުލައްޕައިލިއެވެ. ފިނިފެންފޮދަކުން މޫނު ދޮވެލުމަށްފަހު ބުރުގާ އަޅައިގެން ނިކުތީ އާދައިގެމަތިން ބައްޕައަށް ކޮފީ ދިނުމަށެވެ. ހުކުރު ހޮނިހިރު ދެ ދުވަހަކީ ބައްޕަ ފަތިސްނަމާދަށްފަހު ތަންކޮޅެއް ގިނައިރު ހިނގަންދާ ދެ ދުވަހެވެ. އެ ގޮއްސަ ޢާންމުކޮށްވެސް އަންނާނީ ކޮންމެވެސް ރައްޓެއްސެއް ގޮވައިގެންނެވެ. ރައްޓެއްސަކު ހުރި ވާހަކަ ބުނުން އެއީ ބުރުގާ އަޅައިގެން ނިކުންނަން ބައްޕަ ކުރާ އިޝާރާތެކެވެ. އެހެންނޫނީ ލަމްޔާ ގޭތެރެއަކު ބުރުގައެއް ނާޅައެވެ.
ލަމްޔާ ކޮޓަރިން ނިކުމެގެން ބަދިގެ ބަޔާދިމާއަށް ދިޔައިރު ސިޓިންގރޫމުގެ މޭޒުމަތީއޮތް ފޮތެއް ނަގައިގެން ބައްޕަގެ ރަޙުމަތްތެރިޔާ އިނެވެ. ކުޑަގޮތަކަށް އެމީހާއަށް ނަޒަރެއް ދިނުމަށްފަހު ލަމްޔާ އުޅެގަތީ ކޮފީ ގިރާށެވެ. ދެތަށި ކޮފީ ގިރައިގެން އައިސް މޭޒުމަތީ ބެހެއްޓުމުން އެމީހާ ލަމްޔާއަށް ޝުކުރުއަދާކުރީ ފޮތުން ނަޒަރު އެއްފަރާތްކޮށް ކޮފީތައްޓަށް ބަލަހައްޓައިގެން އިނދެއެވެ. އޭރު ލަމްޔާ ފަސް އެނބުރި ދަނީއެވެ.
ލަމްޔާ ހެނދުނުގެ ސައި ހެދުމާއިގެން އުޅުނުއިރު ބައްޕައާއި ބައްޕަގެ ރަޙުމަތްތެރިޔާ ވާހަކަ ދައްކާ އަޑު އިވެއެވެ. ބައްޕަ ކިޔާއެއްޗެއް ލަމްޔާއަށް ސާފުކޮށް އިވުނަސް ދެން ވާހަކަ ދައްކާ މީހާގެ އަޑު މަޑުކަމުން ލަމްޔާއަކަށް ދޭހައެއް ނުވެއެވެ.
ޗުއްޓީގެ ތިންދުވަސް ފާއިތުވެ ދިޔަފަހުން ހަތަރުވަނަ ދުވަހު އައިނީ ވެސް ބައްޕައާއެކު ހެނދުނު ހިނގާލަން ދިޔަ ދުވަހެކެވެ. އެނބުރިއައީ އެ އުމުރުގެ އެހެން ކުއްޖަކު ގޮވައިގެންނެވެ.
'' މަންމާ ! ބަލާބަލަ ! މިއީ ސާރާ! މަންމައަށް އެނގޭތަ ސާރާ އުޅެނީ އަހަރެމެންގެ ގޭ ކުރިމަތީ މިހިރަ ފްލެޓްގެ މަތީބައިގައޭ! ... ދޯ ސާރާ! '' އައިނީ ހުރީ މިއިން ދުވަހަކުވެސް އުފާ ނުވާވަރަށް އުފާވެފައެވެ.
ކުރަން ހުރި މަސައްކަތް ހުއްޓާލުމަށްފަހު ލަމްޔާ ވެސް އައިސް އައިނީ އާއި ސާރާ އިށީނދެ ތިބި ސޯފާގެ އަނެއްކޮޅުގައި އިށީނދެ ކުދިންނާ ބައިވެރިވެގެން ވާހަކަ ދައްކަން ފެށިއެވެ.
'' ކޮބާ ސާރާގެ މަންމަ! މަންމަ ހުއްދަ ދީގެންތަ މިގެއަށް ތިއައީ ! ސުވާލުކުރީ ސާރާއާއި ކަމަށްވިޔަސް ދެލޯ ހުރީ ބައްޕަގެ ފަރާތުން ޖަވާބު ހޯދަން އެދިމާއަށެވެ.
'' ސާރާގެ ބައްޕަ ހުއްދަ ދީގެން އައީ ދޯ ސާރާ! '' ބައްޕަގެ ޖަވާބު އިވުމުން ލަމްޔާ ސާރާގެ އިނގިލީގައި ހިފާ ކުޑަކޮށް ތަޅުވާލަމުން މީ ހާދަ ލޯބި ލޯބި ކުއްޖެއް ދޯ އޭ ބުންޏެވެ. ސާރާ އިސްއުފުލާ ލަމްޔާގެ މޫނަށް ބަލައިލިއިރު އެމޫނުން ލަމްޔާއަށް ފާހަގަ ކުރެވުނީ އެ ތުއްތު ކުއްޖާ ލަމްޔާއާ ގަޔާވެފައި ހުރިވަރެވެ. މައުސޫމު ހިނިތުންވުމެކެވެ. '' ހިނގާ ދެކުދިން ސައިބޯން ، ސާރާ ކޯއްޗެއް ކާނީ ، ކޯންފްލެކްސްތަ ރޮށިތަ! ''
'' ތިއިން އެކައްޗެއްވެސް ސާރާ ނުކާނެ! '' ގޭގެ ދޮރު ހުޅުވާލާފައި ވަން ދެބައި އުމުރަށްވުރެ ދޮށިހެން ހީވާ އަންހެންމީހާ ލަމްޔާގެ ވާހަކަތަކަށް ޖަވާބުދިން އިރު ހުރީ އެމީހުންނާ ދާދި ގާތަށް އައިސް ހުއްޓިގެންނެވެ.
ލަމްޔާ އެމީހާގެ މޫނަށް ބަލައިލީ ތީ ސާރާގެ ކާކުހޭ އަހާފަދަ ނަޒަރަކުންނެވެ. '' އަހަރެންގެ ނަމަކީ ޚަދީޖާ . ސާރާގެ މާމަ '' ބުނަމުން ޚަދީޖާ ލަމްޔާއާ ދިމާއަށް ސަލާމަށް އަތްދިކޮށްލިއެވެ. '' ލަމްޔާ '' ޚަދީޖާގެ އަތުގައި ހިފަމުން ލަމްޔާވެސް ތަޢާރަފުވެލިއެވެ.
'' އަހަންނަށް ފެނޭ ލަމްޔާ ސްކޫލަށްދާން ނިކުންނަތަން ކޮންމެ ދުވަހަކު ވެސް . އަހަރެމެން އުޅެނީ ކުރިމަތީ ތިހިރަ ޢިމާރާތުގެ މަތީބައިގައޭ . ލަމްޔާ ބައްޕަ ގޮއްސި ދެ ދުވަހަކު އަހަރެމެންގެއަށް ދޯ ރަޝީދުބެ! '' ލަމްޔާ ބައްޕަޔަށް ދޯދެމުން ޚަދީޖާ ގޭތެރެއަށް ސަމާލުކަންދިނެވެ.
'' އެހެންތަ ! ބައްޕަ ނުވެސް ބުނޭ . އެހެންވީމަކަ ނޭނގޭނެނު . ހިނގާ މިގެއިން ސައިބޯން! '' ލަމްޔާ ޚަދީޖާއަށް ސަޔަށް ދަޢުވަތުދިނެވެ.
ޚަދީޖާއާއި ލަމްޔާ ކާމޭޒާ ދިމާއަށް ހިނގައިގަތީ އެކުއެކީގައެވެ. '' އައިނީ އެކަނިތަ ހުންނަނީ ! ކޮބާ ލަމްޔާ މަންމަ'' ޚަދީޖާ އަކީވަރަށް އަވަހަށް މީހުންނާ ރައްޓެހިކަން އުފައްދާ ޒާތުގެ މީހެކެވެ. މީހުންގެ ކަންތައްތައް އޮޅުންފިލުވާހިތްވާ މީހެކެވެ.
''މަންމަ ނިޔާވިތާ މިހާރު މިއީ ތޭރަވަނަ އަހަރު'' އިސްޖަހާލަމުން މޮޅިވެރިއަޑަކުން ލަމްޔާ ޖަވާބު ދިނުމުން ޚަދީޖާއަށް '' އޯހް '' އޭ ބުނެލެވުނެވެ.
'' އޭގެފަހުން ބައްޕަ މީހަކާ ނީންނަނީތަ !'' ޚަދީޖާގެ އަޑު އިވުމުން ލަމްޔާ އޭނަގެ މޫނަށް ބަލައިލީ ހިތްހަމަ ނުޖެހި ހުރެއެވެ. ކޮންމެ މީހަކު އެހެން އަހާއިރު ހީވަނީ އެއީ ބައްޕަ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއްހެއްނެވެ.
ޚަދީޖާގެ ވާހަކައަށް ލަމްޔާ ހިތްހަމަ ނުޖެހުނަސް މޫނުމަތިން އެކަމެއް ނުދައްކައެވެ. މަޑުމަޑުން އާއެކޭ ބުނަމުން ޚަދީޖާއަށް ސައި ހަދަން އުޅެގަތުމުން ޚަދީޖާ ސައި ނުބޯނެ ކަމަށް ބުންޏެވެ. އަދި އިތުރަށް އަހަން ބޭނުން ވަރަށް ގިނަ ސުވާލު ހުއްޓަސް ޚަދީޖާ ދެން އިތުރަކަށް މާގިނަ ވާހަކަ އެއް ނުދައްކައެވެ. ގޭތެރޭގެ ތަރުތީބުކަމާ ސާފުކަމަށް ލަމްޔާއަށް ތަޢުރީފު ކުރަމުން ދަރިފުޅަށް ސައި ތައްޔާރުކުރަން ލަސްވެއްޖެއޭ ބުނަމުން ސާރާގެ އަތުގައި ހިފައިގެން ނިކުންނަން ހިނގައިގަތީ އެހެން ދުވަހަކު ސާރާ ގެންނާނަމޭ ބުނަމުންނެވެ.
ގޭގެ ސިޓިންގރޫމުގެ ދޮރުމަތީ ހުއްޓިހުރެ އައިނީ ވެސް އެގެއަށް ކުޅެން ފޮނުވާށޭ ޚަދީޖާ ބުނިއަޑަށް ލަމްޔާ ދޮންނަން ހުރި ތަށި ސިންކު މަތީ ބެހެއްޓުމަށްފަހު އެނބުރި ޚަދީޖާ ގާތަށް އައެވެ.
'' އަޅުގަނޑުގެ ދަރިފުޅު އެއްވެސް ބޭރު ގެއަކަށް ނުފޮނުވަން.
( ނުނިމޭ )
ޚިޔާލު