އަފްޣާނިސްތާނަށް އަރައިގަނެގެންއުޅޭ އެމެރިކާއާއި ހުޅަނގުގެ އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް ޠާލިބާން މުޖާހިދުންގެ ޙަމަލާތައް ރާވާ މުޖާހިދުންގެ އިސްކޮމާންޑަރ މުއްލާ ޢަބްދުލް ޣަނީ ބަރާދަރު ޕާކިސްތާނުގައި މީގެ ހަފްތާތަކެއް ކުރިން ހައްޔަރު ކުރެވިފައިވާ ކަމަށް އެމެރިކާއާއި ހުޅަނގުން ފަތުރާ ޚަބަރުތަކަކީ ދޮގު ވާހަކަތަކެއް ކަމުގައި މުޖާހިދުން ހާމަކޮށްފިއެވެ.
އެމެރިކާގެ އޮފިޝަލުން މީގެ ދެދުވަސް ކުރިންފެށިގެން ބުނަމުންއަންނަނީ ޠާލިބާނުންގެ އިސްކޮމާންޑަރ މީގެ ހަފްތާތަކެއް ކުރިން ޕާކިސްތާނުގައި ހައްޔަރު ކުރެވިފައިވާ ކަމަށާ އަދި އެކަމުގެ ސަބަބުން ޠާލިބާން މުޖާހިދުންގެ ޖިހާދު ވަރަށްބޮޑަށް ބަލިކަށިވެގެންދާނެ ކަމަށެވެ.
މުޖާހިދުންގެ އިސް ތަރުޖަމާނު ޒަބީޙުއްﷲ މުޖާހިދު ހާމަކުރެއްވި ގޮތުގައި މުޖާހިދުންގެ އިސްވެރިޔާ ހެޔޮޙާލުގައި އަފްޣާނިސްތާނުގައި އެބަހުންނެވިއެވެ. އަދި މިހާރު މަރުޖާހގައި ހިނގާ ހަނގުރާމައިގާ މުޖާހިދުން ގެ ޙަމަލާތައް ކުރިއަށް ގެންދަނީ ސީދާ މުއްލާ ޢަބްދުލްޣަނީގެ އޯޑަރާ އެއްގޮތަށެވެ. އަދި އެމެރިކާއާ ހުޅަނގުން މި ދޮގު ޚަބަރު ފެތުރުމުގެ ބޭނުމަކީ މަރްޖާހގައި އެވެރިންނަށް މުޖާހިދުންގެ ޙަމަލާތަކުން ލިބެމުންދާ ގެއްލުންތަކުން މީޑިއާއާ ޢާއްމުންގެ ސަމާލުކަން އެއްކިބާ ކުރުމެވެ. އަދި މިޚަބަރުގެ ސަބަބުން މުޖާހިދުންގެ ހިތްވަރު ބަލިވާނެ ކަމުގެ އުއްމީދުގައެވެ. ޒަބީޙުއްﷲ އިތުރަށް ވިދާޅުވި ގޮތުގައި އަފްޣާނިސްތާނުގައި މިކުރާ ޖިހާދަކީ ވަކިމީހެއްގެ އުއްމީދާ ގުޅިގެން ކުރާ ޖިހާދެއްނޫންކަމާ މިއީ މުޅި އުއްމަތުގެ އުއްމީދާ ގުޅިފައިވާ ޖިހާދެއްކަން، މިފަދަ ޚަބަރުތައް ފަތުރާއިރު ޢަދުއްވުން ހަނދާނެއް ނުހުރެއެވެ. ޒަބީޙުއްﷲ ފާހަގަކުރެއްވި ގޮތުގައި މުއްލާ ޢަބްދުލް ޣަނީ ހައްޔަރު ކުރިކަމަށް ވާހަކަ ފަތުރާ މީޑިޔާތަކަކީ، އެމެރިކާއިން ޢިރާޤަށް އެރުމަށް މަގުފަހިކޮށްދިނުމަށް، ޢިރާޤްގައި ކެމިކަލް ހަތިޔާރު ހުރިކަމަށް ހަދައިގެން މުޅިދުނިޔެއަށް ދޮގު ޚަބަރު ފެތުރި މީޑިޔާތަކެވެ. އެކަން މުޅިދުނިޔެވެސް ދަންނާނެކަމުގައި އޭނާވިދާޅުވިއެވެ.
އެމެރިކާގެ ދަޢުވާއަށް ރައްދުދެއްވަމުން ޕާކިސްތާނުގެ ސިއްރުފުލުހުންގެ ކުރީގެ ވެރިޔާ ޙާމިދު ގުލް އިނގިރޭސި ވިލާތުގެ ޓެލެގްރާފްއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ މުއްލާ ޢަބްދުލް ޣަނީ ހައްޔަރު ކުރެވުނުކަމުގައި ވިއަސް އެކަމުގެ ސަބަބުން އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް މުޖާހިދުން ކުރާ ޖިހާދަކަށް އެއްވެސް އަސަރެއް ކުރާނެކަމަށް ގަބޫލު ފުޅު ނުކުރައްވާ ކަމުގައެވެ. ޙާމިދު ގުލް ވިދާޅުވި ގޮތުގައި އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ލަޝްކަރުގެ ވެރިކަމާ ވަގުތުން ޙަވާލުވާނެ ދެވަނަ ކޮމަންޑަރެއް ހުންނާނެއެވެ. އަދި އަމުދުން މުޖާހިދުންގެ ޙަމަލާތައް ރާވައިގެން ކުރިއަށްގެންދާގޮތުން ކޮމާންޑަރެއް ހައްޔަރުވި ނަމަވެސް މިޖާހިދުންގެ ޙަމަލާތައްކުރިއަށް ގެންދިއުމަކަށް އޭގެ އަސަރެއް ނުކުރާނެ ކަމަށެވެ.
އަލްޖަޒީރާއަށް ދެއްވި ޚާއްޞަ އިންޓާރވިއުއެއްގައި ޙާމިދު ގުލް ވިދާޅުވި ގޮތުގައި ވޮޝިންޓަނުން ޕާކިސްތާނާ އަފްޣާނިސްތާނުގައި ގެންގުޅޭ ސިޔާސަތަކުން ފޮނިމޭވާއެއް ނުނިކުތެވެ. އަދި އެކަމުގެ ސަބަބުން އާޚިރުގައި ޠާލިބާން މުޖާހިދުންގެ އަތުން އެމެރިކާ އަފްޣާނިސްތާނުގައި ބަލިވެގެންދާނެއެވެ. ޙާމިދު ގުލްއަކީ 80އިގެ އަހަރުތަކުގައި ޕާކިސްތާނުގެ މިލިޓަރީ އިސް ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު 1987 ން 1989އަކަށް ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ ވެރިޔާގެ މަޤާމު ފުރުއްވާފައިވާ މިލިޓަރީ ގޮތުންނާ ސިޔާސީ ގޮތުން ފުންނާބު އުސް ތަޖުރިބާކާރު ބޭފުޅެކެވެ.

















ޚިޔާލު