އެކުވެރި ދައުލަތްތަކުގެ (އދ) ޢާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށް ނިއުޔޯކަށް ވަޑައިގަތުމަށް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއަށް ފުރުސަތު ނުދޭން އެމެރިކާއިން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ހުޅަނގުގެ ބައެއް ބާރުތަކުން ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތުމަށް ނިންމުމާ ގުޅިގެންނެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، ޢައްބާސްގެ އިތުރުން ހުޅަނގު އައްސޭރީގައި ވެރިކަންކުރާ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ) އާއި ޕަލަސްޓީނިޔަން ލިބެރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ)އަށް ނިސްބަތްވާ 80 މެންބަރުންނަށް ވެސް އެމެރިކާއަށް އެތެރެވުމުގެ ވިސާ ދޫނުކުރުމަށް ވަނީ ނިންމާފައެވެ.
1947 ވަނަ އަހަރު އެކުލަވާލެވުނު އދގެ މައި އިދާރާގެ ބާރުތަކާ ބެހޭ އެއްބަސްވުމުގެ ދަށުން، އދގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް އެމެރިކާއަށް ވަޑައިގަންނަވާ ބޭރު ޤައުމުތަކުގެ ވެރިންނަށް އެމެރިކާއިން ވިސާ ދޫކުރަންޖެހެއެވެ. ނަމަވެސް، ޤައުމީ ސަލާމަތާއި، ޚާރިޖީ ސިޔާސަތު އަދި ނިރުބަވެރިކަމާ ގުޅޭ މައްސަލަތަކުގައި ވިސާ ދޫނުކުރުމުގެ އިޚްތިޔާރު އެމެރިކާއަށް ލިބިގެންވާ ކަމަށް އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ.
ސެޕްޓެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އދގެ ޢާންމު މަޖިލީހުގެ ޖަލްސާގައި ފަލަސްޠީނުގެ މިނިވަންކަމާ ގުޅޭ މުހިންމު ސަމިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި ފަރަންސޭސިވިލާތާއި، އިނގިރޭސިވިލާތް، ކެނެޑާ އަދި އޮސްޓްރޭލިޔާއިން ފަލަސްޠީނުގެ މިނިވަންކަން ރަސްމީކޮށް ބަލައިގަތުމަށް ނިންމާފައިވެއެވެ.
"ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ނިންމާފައިވާ މި ނިންމުން ބަދަލު ކުރުމަށް އެމެރިކާގެ ސަރުކާރަށް ގޮވައިލަން، ބޭރު ޤައުމެއްގެ ވަފުދަކަށް ހުރަސް އެޅުމަކީ އެމެރިކާއާއި އދއާ ދެމެދު ހަދާފައިވާ އދގެ މައި އިދާރާއާ ބެހޭ އެއްބަސްވުމާ ވެސް ޚިލާފު ނިންމުމެއް،" ފަލަސްޠީން ސަރުކާރުގެ އިސް ތަރުޖަމާނު ނަބީލް އަބޫ ރުދަޔިނާ ވިދާޅުވިއެވެ.
މި ނިންމުމާ މެދު ޢައްބާސްގެ އޮފީހުންނާއި ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ ބައެއް މެންބަރު ޤައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޚިޔާލު