އިސްރާއީލުން ފަލަސްތީނުގައި ހުއްޓުމެއްނެތި ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވައި، އަދި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާތީ ދިވެހިރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބޭއްވި ޚާރިޖީ ވަޒީރުންގެ އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ދެއްވި ތަޤުރީރުގައެވެ.
ޚާރިޖީ ވަޒީރުގެ ތަޤުރީރުގައި، "ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި އިސްރާއީލުން ޣައްޒާގެ އާންމުން ބަނޑަށްޖެއްސުމުގެ ޢަމަލު" ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވިއެވެ. އަދި މުޅި ޣައްޒާގެ ހިންގުން އިސްރާއީލުގެ އިސްތިއުމާރީ ބާރުގެ ދަށަށް ގެންދިއުމަށް ނިންމާފައިވާ ނިންމުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު އަމަލެއްކަމަށް ވިދާޅުވިއެވެ.
ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި، އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަޒީރު ގޮވާލެއްވިއެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި އެކަން ފުޅާ ދާއިރާއެއްގައި ދުނިޔޭގެ ގައުމުތަކުން ބަލައިގަތުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އަކީ 57 ގައުމުގެ މައްޗައް އެކުލެވިގެންވާ އަދި ފަލަސްތީނުގެ ހައްޤުގައި އަބަދުވެސް ވަކާލާތުކުރަމުން އަންނަ ޖަމުޢިއްޔާއެކެވެ. ދިވެހިރާއްޖެއިން 1976 ވަނަ އަހަރުން ފެށިގެން މި ޖަމުޢިއްޔާގައި ދަނީ އިސްކޮށް ހަރަކާތްތެރިވަމުންނެވެ.

















ޚިޔާލު