ދުނިޔެ އިޒްރޭލު ސިފައިންގެ ޙަމަލާތަކުގައި ފަލަޞްތީނުގެ 17 މީހަކު ޝަހީދުކޮށްލައިފި

އިޒްރޭލު ސިފައިންގެ ޙަމަލާތަކުގައި ފަލަޞްތީނުގެ 17 މީހަކު ޝަހީދުކޮށްލައިފި

އިޒްރޭލު ސިފައިންގެ ޙަމަލާތަކުގައި ފަލަޞްތީނުގެ 17 މީހަކު ޝަހީދުކޮށްލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަންގާރަ ދުވަހު ޣައްޒާއަށް އިޒްރޭލުން ދިން ހަމަލާތަކެއްގައި މަދުވެގެން 17 މީހުން މަރުވެ، އެތައް މީހަކު ޒަޚަމްވެފައިވާ ކަމަށް ރަސްމީ ފަރާތްތަކުންނާއި ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ރިޕޯޓުކޮށްފިއެވެ.

އަލް-ޝިފާ ހޮސްޕިޓަލުން ބުނި ގޮތުގައި، ޣައްޒާ ސިޓީގެ ހުޅަނގު ދެކުނުން އޮންނަ ޓެލް އަލް-ހަވާ އަވަށުގައި ހުރި ގެތަކަށް އިޒްރޭލުގެ މަތިންދާ ބޯޓަކުން ހަމަލާ ދިނުމުގެ ސަބަބުން ތުއްތު ކުއްޖަކު ހިމެނޭހެން ހަތަރު މީހުން މަރުވެފައިވެއެވެ.

އަލް-އަހްލީ ބެޕްޓިސްޓް ހޮސްޕިޓަލުން ރިޕޯޓުކުރި ގޮތުގައި، ޣައްޒާ ސިޓީގެ އިރުމަތީގައި އޮންނަ އަލް-ތުއްފާ އަވަށުގައި ހުރި ގެތަކަށް  އަމާޒުކޮށް އިޒްރޭލުން ދިން އިތުރު ހަމަލާއެއްގައި 02 މީހުން މަރުވެ، އިތުރު ބަޔަކު ޒަޚަމްވެފައިވެއެވެ.

އަލް-އަވްދާ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ސެންޓްރަލް ޣައްޒާގައިވާ ބުރޭޖް ރެފިއުޖީ ކޭމްޕްގައި، ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުންނަށް ހިޔާވަހިކަން ދެމުންދާ އަބޫ ހީލޯ ސްކޫލަށް އިޒްރޭލުން ދިން ހަމަލާއެއްގެ ސަބަބުން އެތައް މީހަކަށް ޒަޚަމްތައް ލިބިފައިވެއެވެ.

މީގެ އިތުރުން، ސެންޓްރަލް ދެއިރު އަލް-ބަލާޙުގައި ހުރި ގެއެއްގެ ފުރާޅުމަތީގައި ހުރި ކޮޓަރިއަކަށް އަމާޒުކޮށް އިޒްރޭލު ސިފައިން ވައިގެ މަގުން ދިން ޙަމަލާއަކާ ގުޅިގެން ޝުހަދާ އަލް އަޤްޞާ ހޮސްޕިޓަލަށް އިތުރު މީހެއްގެ ހަށިގަނޑާއި، ޒަޚަމްވެފައިވާ އެތައް ބަޔަކު ގެނެސްފައިވެއެވެ.

ޣައްޒާގެ ދެކުނުގައިވާ ހާން ޔޫނިސް-ރަފަހް ވެސްޓަން ރޯޑަށް އިޒްރޭލުގެ ޑްރޯނަކުން ހަމަލާ ދިނުމުގެ ސަބަބުން ހާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލަށް ވެސް 02 މީހެއްގެ ހަށިގަނޑު ލިބިފައިވެއެވެ.

އިތުރު ހަމަލާއެއްގައި، ހާން ޔޫނިސްގެ އަލް-މަވާސީ ސަރަޙައްދުގައި ހިޖުރަކުރި މީހުންނަށް ހިޔާވަހިކަން ދެމުންދިޔަ ފޭލިގެއަކަށް ދިން ހަމަލާއެއްގައި އެއް ޢާއިލާއެއްގެ 04 މީހުން މަރުވެ، އެހެން ބަޔަކު ޒަޚަމްވެއްޖެއެވެ.

ހާން ޔޫނިސްގައި ނާސިރު ހޮސްޕިޓަލް ކައިރީގައި ހިޖުރަކުރި މީހުންނަށް ހިޔާވަހިކަން ދެމުންދިޔަ ފޭލިގެއަކަށް ދިން ޙަމަލާއެއްގައި އިތުރު 03 މީހަކު މަރުވެފައިވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުގެ ސިފައިން ވަނީ ޣައްޒާގައި 57,500 އަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން މަރާލާފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ހުއްޓުމެއްނެތި ދެމުންދާ ޙަމަލާތަކުގެ ސަބަބުން އެ ސަރަހައްދު ސުންނާފަތިވެ، ކާނާގެ ދަތިކަން ކުރިމަތިވެ، ބަލިތައް ފެތުރިފައިވެއެވެ.

ޤަޠަރުގެ ވެރިރަށް ދޯހާގައި އިޒްރޭލުގެ އޮފިޝަލުން ހަމާސްއާއެކު، ޣައްޒާގައި ދެމުންދާ ޙަމަލާތައް ހުއްޓާލައި، ހައްޔަރުކޮށްފައި ތިބި މީހުން ދޫކުރުމުގެ އެއްބަސްވުމަކަށް ވާސިލުވުމަށް މަޝްވަރާތައް ކުރަމުންދާ މި ދަނޑިވަޅުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހިނގަމުންމިދާ ހަފްތާގެ ހޯމަ ދުވަހު ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކޮށްފައެވެ.

ޓެގް

ޖަރީމާ އިޒްރޭލު ފަލަސްތީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.