ރާއްޖޭގެ ޚަބަރު

ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނާއެކު ދިވެހިން އަބަދުވެސް ދެމިތިބޭނެ: ރައީސް މުޢިއްޒު

ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނާއެކު ދިވެހި ރައްޔިތުން އަބަދުވެސް ސާބިތުކަމާއެކު ދެމިތިބޭނެކަމަށް  ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.  ރައީސް މުޢިއްޒު މިހެން ވިދާޅުވީ ފަލަސްޠީނުގެ މިނިވަން ދުވަހުގެ މުނާސަބާގައި ދެއްވި މެސެޖެއްގައެވެ.

ރައީސް ވަނީ، އެ ޤައުމަށް ފުރިހަމަ މިނިވަންކަން ހޯދައިދިނުމަށް ގޮވާލާ ގޮވާލުމުގައި ދިވެހިރާއްޖެ ސާބިތުވެތިބޭނެކަން ހާމަކުރައްވާފައެވެ.

ރައީސް މުޢިއްޒު މިކަން ހާމަކުރެއްވީ ފަލަސްޠީނުގެ މިނިވަން ދުވަހާ ގުޅިގެން މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެ މަނިކުފާނު ވިދާޅުވީ ފަލަސްޠީނުގެ ދައުލަތަށް ފުރިހަމަ މިނިވަންކަމާއި ސިޔާދަތީ ބާރު ލިބިދިނުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެ ކަމަށާއި، ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންނާއެކު ދިވެހި ސަރުކާރާއި ރައްޔިތުން ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށެވެ. ރައީސް ވަނީ ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންނަށް ސާބިތުކަން ދެއްވުން އެދި ދުޢާ ދަންނަވާފައެވެ.

ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކާ އެއްގޮތަށް އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައެޅިގެން، ފަލަސްޠީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް ވަކާލާތުކުރުމުގައި ކުޑަވެސް ފަސް ޖެހުމެއް އޮވެގެން ނުވާނެ ކަމަށެވެ. މީގެ އިތުރުން، ފަލަސްޠީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާސަށާއި ބޮޑުވަޒީރު މުޙައްމަދު މުޞްޠަފާއަށާއި ރައްޔިތުންނަށް އެ ޤައުމުގެ މިނިވަން ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރައީސް ވަނީ ފޮނުއްވާފައެވެ.

ފަލަސްޠީނުގެ މިނިވަން ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހު އެ ޤައުމުގެ މިނިވަންކަން އިޢުލާންކުރި ދުވަހާ ގުޅުވައިގެންނެވެ. ނަމަވެސް، މި ތާރީޚުގެ ފަހުން ވެސް ފަލަސްޠީނުގެ ބިންތަކުގައި ޤާއިމުވެގެންތިބި ޔަހޫދީން ދަނީ އެ ޤައުމުގެ ބިންތަކަށް އެކި ވަރުގެ ޙަމަލާދީ، ބިންތައް ހިފައި، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޤަތުލުޢާންމުތައް ހިންގަމުންނެވެ.

ފަހުގެ ތާރީޚެއްގައި ޔަހޫދީން އެންމެ ބޮޑު ޖަރީމާއެއް ހިންގަން ފެށީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އެ ދުވަހު ފެށި ހަމަލާތަކުގައި މިހާތަނަށް އައިރު، 65,000އަށްވުރެ ގިނަ މުސްލިމުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 158,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. ދިވެހިރާއްޖެއިން އަބަދުވެސް ފަލަސްޠީނުގެ މިނިވަންކަމަށް ވަކާލާތުކުރާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަރުވާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *