ދުނިޔޭގެ ބޮޑެތި މީޑިއާތައް މިއަދު ސިފަކުރެވެނީ އިސްލާމްދީނާ ދެކޮޅަށް ރާވައިގެން މަސައްކަތްކުރާ ބާރުތަކެއްގެ ގޮތުގަ އެވެ. އިސްލާމްދީނާމެދު މީސްތަކުންގެ ހިތުގައި ނަފުރަތު އުފައްދާ ނިޒާމެއްގެ ގޮތުގަ އެވެ. އިސްލާމްދީނުގެ އަސްލު އޮޅޭގޮތަށް ޚަބަރުފަތުރާ ވަސީލަތެއްގެ ގޮތުގަ އެވެ.
މިހެން ޤަބޫލުކުރަންޖެހެނީ ވަރަށްގިނަ ސަބަބުތަކަށްޓަކަ އެވެ. އޭގެތެރެއިން ފާހަގަކުރެވޭ އެއްކަމަކީ، އެއްކަމެއްގައި މުސްލިމަކު ކުރުމުން އެއީ ނާތަހުޒީބު ގޯސްކަމެއް ކަމުގައި ދައްކުވައި ދީފައި، ހަމަ އެޢަމަލު ޣައިރު މުސްލިމަކު ކުރުމުން އެއީ ރީތި މޮޅުކަމެއް ކަމުގައި ދައްކުވައިދޭން އުޅޭ އުޅުމެވެ. މިގޮތުން މުސްލިމަކު ކޮށްފިނަމަ އެކަމާއި އިސްލާމްދީނާ ގުޅުވައި، އިސްލާމްދީނުގެ އަސްލުސޫރަ އޮޅުވާލައި، މިޒަމާނަށް ނުފެތޭ ދީނެއްގެ ގޮތުގައި ދައްކުވައިދޭން މީޑިއާތަކުން މަސައްކަތް ކުރެ އެވެ. އަދި ވަކިން ޚާއްޞަކޮށް އެފަދަ މުސްލިމެއްގެ ކިބައިން ތުނބުޅި ނުވަތަ ބުރުގާފަދަ ދީނުގެ ޝިޢާރެއް ފެންނާން ހުންނަނަމަ، ފަޟީހަތްކުރާން ދެއްކޭ ވާހަކަ ގިނަވެ އެވެ. ނަމަވެސް އެޢަމަލު ނުވަތަ އެފަދަ ޢަމަލެއް ޣައިރު މުސްލިމަކު ކޮށްފިނަމަ އެކަމަކާއި އެޢަމަލު ކުރުމީހާގެ ދީނަކާ ގުޅުމެއް ނެތެވެ. އަދިކިއެއް ގިނަފަހަރު މީޑިއާތަކުން ގެނެސްދެނީ އެއީ ތަހުޒީބު ރީތި ޢަމަލެއްގެ ގޮތުގަ އެވެ.
މިސާލަކަށް، ސައުދީއަރަބިއްޔާގައި 70 އަހަރުގެ މީހަކު 16 އަހަރުގެ 'ކުއްޖަކާއި' ކައިވެނި ކުރިވާހަކަ ދުނިޔޭގެ މީޑިއާތަކުން ދައްކުވައިދިނީ އެއީ އިސްލާމްދީނުގެ އަސާސްތަކުގެ މައްސަލައެއްގެ ގޮތުގަ އެވެ. އެއީ މުސްލިމަކު ކުރި ޢަމަލަކަށް ވުމުން، މައްސަލައިގެ އަސްލު އޮޅުވާލައި، އިސްލާމްދީނަށް ފުރައްސާރަކޮށް، ދީނުގެ އަސްލުތަކާއި އުސޫލުތަކަށް ހަޖޫޖަހައި ޚަބަރުތަކާއި ޕްރޮގްރާމުތައް ފެތުރިއެވެ. އެހެން ނަމަވެސް މީހަކާއި އިނދެގެންއުޅޭ، އަދި 4 ދަރިން ލިބިފައިވާ ދެކުނު އެފްރިކާގެ 61 އަހަރުގެ އަންހެނަކު ދެވަނަ ފިރިއެއްގެ ގޮތުގައި 8 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާ ކައިވެނި ކުރި ވާހަކަ ދުނިޔޭގެ މީޑިއާތަކުގައި ފެތުރީ މޮޅު ރީތިކަމެއްގެ ގޮތުގަ އެވެ. ތަހުޒީބު ކަމެއްގެ ގޮތުގަ އެވެ. އެއީ ކުރިސްޓިއަނަކު ކުރިކަމަކަށް ވާތީ އެވެ.
ޔަމަނުގައި ޙަލާލުގޮތުގައި ބަލިވެއިން 13 އަހަރުގެ އަންހެން ކުއްޖަކު ވިހެއުމުގެ ތެރޭގައި މަރުވި ވާހަކަ ދުނިޔޭގެ މީޑިއާތަކުން ދައްކުވައިދިނީ އެއީ ބޮޑު ޖަރީމާއެއްގެ ގޮތުގަ އެވެ. އެއީ މުސްލިމު ޤައުމެއްގައި ހިނގިކަމަކަށްވާތީ، އެކަން އިސްލާމްދީނާ ގުޅުވައި، އިސްލާމްދީނުގައި ޅައުމުރުގައި ކައިވެނި ހުއްދަކޮށްފައިވާތީ ވީކަމެއްކަމުގައި ދައްކުވައިދީ، އިސްލާމްދީން ބަދުނާމުކުރުމަށް ވާހަކަތައް ދެއްކި އެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއްފަހުން އިނގިރޭސިވިލާތުގެ 12 އަހަރުގެ ފިރިހެން ކުއްޖަކާއި 14 އަހަރުގެ އަންހެންކުއްޖަކާއި ދެމީހުންނަށް ކައިވެނީގެ ބޭރުން ނަހަލާލުގޮތުގައި ދަރިޔަކު ލިބުނުވާހަކަ މީޑިއާތަކުން ދައްކުވައިދިނީ ތާރީޚީ ކަމެއްގެ ގޮތުގައެވެ. ލޯބީގެ ލާމަސީލު މިސާލެއްގެ ގޮތުގަ އެވެ. ތަހުޒީބު މޮޅުކަމެއްގެ ގޮތުގަ އެވެ. އެއީ ޣައިރު މުސްލިމުން ކުރިކަމަކަށް ވީމަ އެވެ.
އެހެން މިސާލެކެވެ! އިޒްރޭލޭ ކިޔުނު ލާއިންސާނީ ޖަމާޢަތުން ފަލަސްތީނުގެ ކުޑަކުދީންނާއި މުސްކުޅިން ރަޙުމެއްނެތް ގޮތުގައި މަރައި، އަންހެނުންގެ އިއްފަތް ފޭރި، މިސްކިތްތަކާއި އިމާރާތްތައް ފުނޑުފުނޑުކޮށް، ގެދޮރު ލޫޓުވާއިރު، ދުނިޔޭގެ މީޑިއާތަކުން އެފަދަ މަންޒަރުތަކެއް މަދުންނޫނީ ނުދައްކަ އެވެ. ގޮތެއްނެތިގެން ދެއްކި ކަމުގައިވިއަސް ދައްކުވައިދެނީ އެއީ އެބައިމީހުންގެ ހަށިރައްކަލަކަށް ނުވަތަ ޔަހޫދީ ދަރިކޮޅުގެ ހިމާޔަތަކަށް ކުރިކަމެއް ކަމުގަ އެވެ. ނަމަވެސް ފަލަސްތީނުގެ މުސްލިމަކު ދިފާއުގައި ގާބުރިއެއް އެއްލިކަމުގައި ވިއަސް އެއީ ޓެރަރިސްޓެއްގެ ގޮތުގައި ސިފަކޮށް ދައްކުވައި ދެއެވެ.
ހަމައެގޮތަށް އިރާޤާއި، އަފްޣާނިސްތާނާއި، ޗެޗްނިޔާއާއި، ކަޝްމީރާއި އަދިވެސް އެފަދަ އެތައް ޤައުމެއްގައި ޣައިރު މުސްލިމުންގެ ކިބައިން މުސްލިމުންނަށް ތަފާތު އަނިޔާތައްކޮށް، އަންހެނުންގެ އިއްފަތްފޭރި، ގެދޮރު ސުންނާފަތި ކުރަމުންދާއިރު ދުނިޔޭގެ މީޑިއާތައް ތިބީ ނިދާފަ އެވެ. އެހެންނަމަވެސް ދިފާއުގައި މުސްލިމަކު ކަމެއް ކޮށްފިނަމަ، އެބަޔަކަށް ޓެރަރިސްޓުންގެ ލަޤަބުދީ އެޚަބަރެއް ފަތުރާލަ އެވެ.
ބަރުމާގެ ރެހެންދި ދަރިކޮޅަކީ މުސްލިމުންކަމަށް ވީތީ، އެދަރިކޮޅު ނައްތާލުމަށްޓަކައި އެޤައުމުގެ ސަރުކާރާ ގުޅިގެން ބުޑިސްޓުން ހިންގާ ލާއިންސާނީ ޢަމަލުތަކުގައި މުސްލިމު އާއިލާތައް ދިރިތިއްބައި އަލިފާނުން އަންދައި، ދަންޖައްސައި، ކަތިލައި ހަދާއިރު ދުނިޔޭގެ މީޑިއާތަކަށް ކަމެއްވެގެން އުޅޭހެނެއްވެސް ހިއެއް ނުވެ އެވެ. އެހެންނަމަވެސް އެމެރިކާގައި ޅަކުއްތާއެއް ކާރަކު ދަށުވެގެން މަރުވިކަމުގައި ވިޔަސް އެވާހަކަ ޚަބަރު ތަކުގެ ފަލަ ސުރުހީތަކަށް އަރުވަ އެވެ. ބޮޑުކަމަކަށް ވެއެވެ.
މިއީ ދުނިޔޭގެ ބޮޑެތި މީޑިއާތަކުން އިސްލާމްދީނާ ދެކޮޅަށް ކުރާކަންތައްތަކުގެ ކުޑަކުޑަ މިސާލެކެވެ. މިއީކޮންމެ ދުވަހަކުވެސް ފެންނަމުންދާ ޙަޤީޤަތެވެ. މީގެ އެންމެ ހިތާމަކުރަންޖެހޭ ކަމަކީ އެފަދަ މީޑިއާތަކުގެ އަވާގައިޖެހި އަޅުގަނޑުމެންގެ ތެރެއިން މުސްލިމުން ހިންގާ މީޑިއާތަކުންވެސް މިފަދަ ގޮތްގޮތަށް ޚަބަރުތައް ފަތުރާ ކަމެވެ. އަޅުގަނޑުމެން ރާއްޖޭގައިވެސް، އިސްލާމް ޓީޗަރަކު ނުވަތަ ޤުރުއާން ޓީޗަރަކު ނުވަތަ ދީނަށް ލޯބިކުރާ މީހަކު ގޯސް ޢަމަލެއްކޮށްފިނަމަ، އެމީހަކުގެ ނަމާއި، ކުލައާއި، ލާހެދުމުގެ ސައިޒުވެސް ހާމަކުރެ އެވެ. އެހެން އާންމު ފަރާތަކުން ގޯސް ޢަމަލެއްކޮއްފިނަމަ، "މީހަކު ގޯސްޢަމަލެއް ކޮށްފި"، އެހިސާބުން ނިމުނީ އެވެ. މިއީ ހަޤީޤަތެވެ. ދިވެހި މީޑިއާގައިވެސް ކަންހިނގަމުންދާ ގޮތެވެ.
ކޮންމެއަކަސް، ޒަމާނީ ވަސީލަތްތަކާއި އާޓެކުނޮލޮޖީއަށް ދުނިޔެ ހުޅުވުނުއިރު މީޑިއާ މިވަނީ ދުނިޔޭގެ އެންމެ ބާރުގަދަ އެއް ވަސީލަތަށް ވެފަ އެވެ. ނުފޫޒުގަދަ ހަތިޔާރަކަށް ވެފަ އެވެ. މީޑިއާގެ ބާރާއި ނުފޫޒު އޮތްމިންވަރަކީ، މީޑިއާ ބޭނުންނަމަ ކަޅު އެއީ ހުދުގެ ގޮތުގައި ދައްކުވައި ދެވިދާނެ އެވެ. ދުވާލު އެއީ ރޭގަނޑުގެ ގޮތުގައި ދައްކުވައި ދެވިދާނެ އެވެ. ގޯސް އެއީ ރަގަނޅު ކަމުގައި ނުވަތަ ރަގަނޅު އެއީ ގޯސްކަމުގައި ދައްކުވައި ދެވިދާނެ އެވެ. އަޖައިބު ތަކާއި އަންތަރީސް ދެއްކުވިދާނެ އެވެ. އިންސާނުން އެ ޤަބޫލުކުރެ އެވެ. އިންސާނުން ތިބީ އޭގެމައްޗަށް ބަރޯސާވެގެންނެވެ.
މީޑިއާގެ ނުފޫޒާއި ބާރު މިގޮތަށް އޮތްއިރު، ދުނިޔޭގެ ބޮޑެތި މީޑިއާތަށް ކޮންޓްރޯލު ކުރަމުންދަނީ ޣައިރުމުސްލިމުންނެވެ. އެހެންކަމުން ދުނިޔޭގެ ގިނަ މީޑިއާތައް ސިފަކުރެވެނީ އިސްލާމްދީނާ ދެކޮޅަށް ރާވައިގެން ޕްރޮޕެގެންޑާ ފަތުރާ ނިޒާމެއްގެ ގޮތުގަ އެވެ. އިސްލާމްދީނާ ގުޅުންހުރި މަޢުލޫމާތުތައް އޮޅުވާލައިގެން ފޮނުވާ ވަސީލަތެއްގެ ގޮތުގަ އެވެ. އިސްލާމްދީނާ މެދު މީސްތަކުންގެ ހިތުގައި ނަފުރަތު އުފައްދާ ހަތިޔާރެއްގެ ގޮތުގަ އެވެ. އާއެކެވެ! މީޑިއާއަކީ މިއަދު އިސްލާމީ އުންމަތާ ދެކޮޅަށްކުރާ ފިކުރީ ހަނގުރާމާގައި ބޭނުންކުރާ އެންމެ ބާރުގަދަ ހަތިޔާރެވެ.
މިކަން ބަދަލުކުރާން އެބަޖެހެ އެވެ. އެހަތިޔާރުގެ ކޮންޓްރޯލް މުސްލިމުންގެ އަތްމައްޗަށް ގެންނަން އެބަޖެހެއެވެ. މިކަންބަދަލު ކުރެވޭނީ، މުސްލިމުން އެމީހުންގެ ދީނަށް އެނބުރި ރުޖޫއަވެގެންނެވެ. އަޅުގަނޑުމެން މުސްލިމުންގެ މެދުގައި އުފެދިފައިވާ ބައިބައިވުން ކުޑަކޮށްގެންނެވެ. ޝަރީޢަތުގެ މައްޗަށް ތިމާގެ އުޅުމާއި ގުޅުން ބައްޓަންކޮށް ދީނަށްޓަކައި މިމައިދާނުގައި ޖިހާދުކޮއްގެނެވެ.
ވަރަށްފުރިހަމަލިއުމެއް، މިހަމަހިގަމުންދާކަންތަށް މިރާއްޖޭގައިވެސް މިހާރުމިދަނީ މިފިކުރީހަނގުރާމަ ނުސްވެރިކަމުގެ މިނިވަންކަމޭކިޔާގެން ބައެއްނޫސްތަކުންގައި ދީނަށް ފުރައްސާރަކޮށް މީހުންގެ އަގުވައްޓަމުން ލިޔުންތަށް ލިޔަމުން ގެންދާތަން ބައެއްނޫސްތަކުން، ރާއްޖެ ޓީވީން، ފުރިހަމަކޮށްބުނާނަމަ (ސޮލިބުޓީވީ) ދޮގުއެތަކެއްވާހަކަތަކެއް ފަތުރަމުން ގެންދާތަން ފެނޭ މިނިވަންކަމޭކިޔައިގެން މިބަލާބަޔަކު އެހެން އެއްވެސް ޗެނެލެއްނުބަލާ މިބައިމީހުން ބުނާގޮތްއެއީ އެންމެރަނގަޅުގޮތް ސޮލިބުޓީވީން ބުނަންވީ މީދުވާލޭ، ރޭގަނޑުދައްކާފަބުންޔަސް ހަަމަތެދެއްކަމަށް މިބައިމީހުންބަލަނީ މިބައިމީހުންގެ ކިބައިން މިގައުމުސަލާމަތްކުރައްވާނދޭވެ.
ވަރަށް ފުރިހަމަ ލިޔުމެއް. މަޢުލޫމާތުގެ މުއްސަނދިކަމާއި ހަގީގަތް ރަނގަޅަށް ހާމކޮށްދީފައިވޭ! ވަރަށް މޮޅު . މިފަދަ ލިޔުންތަކަށް އަޅުގަނޑު ވަރަށް ޝައުގުވެރިވޭ!