މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ސައިކަލް ފައިނޭންސްކުރުން ނުވަތަ ގަނެދިނުމުގެ ޚިދުމަތް މިދިޔަ އާދީއްތަ ދުވަހު ފަށައިފިއެވެ.
އެމްއައިބީން "އަލް އިޖާރާ" ކޮންސެޕްޓްގެ ދަށުން މިޚިދުމަތްދޭއިރު، ސައިކަލު ވިއްކާ ފަރާތުގެ އަތުން ބޭންކަށް ސައިކަލުގަތުމަށް ފަހު ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ސައިކަލުގެ އަގު ދައްކާ ހަލާސްކުރާ ގޮތަށް ބޭންކުން ކަސްޓަމަރަށް ސައިކަލް ކުއްޔަށް ދޫކުރާ ގޮތަށްވަނީ ހަމަޖައްސާފައެވެ.
އެމްއައިބީން ބުނެފައިވަނީ އުމުރުން 22 އަހަރާއި 60 އަހަރާދެމެދުގެ ކޮންމެ މީހަކަށްވެސް މިހިދުމަތް ލިބިގަތުމެގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެމީހަކީ ފާއިތުވި ދެ އަހަރުދުވަހުގެ ތެރޭގައި މަދުވެގެން އެއްއަހަރުވަންދެން ވަޒީފާގައި އުޅޭ މީހަކު ކަމުގައި ވާންޖެހޭނެ ކަމަށާއި، ސައިކަލަށް ފައިނޭންސްކުރުމުގައި ކަސްޓަމަރަކަށް ލިބޭ އާމްދަނީއަށް ބަލާނެ ކަމަށްވެސް އެމްއައިބީން ބުނެއެވެ.
ސައިކަލުގެ ޑައުންޕޭމަންޓްގެ ގޮތުގައި މަދުވެގެން 10 ޕަސެންޓް ކަސްޓަމަރު ދައްކަން ޖެހޭނެއެވެ. އެމްއައިބީން ދޭނީ ސައިކަލުގެ އަގުގެ 90 ޕަސެންޓެވެ. އަދި އެއަށްފަހު ބޭންކަށް ސައިކަލުގެ ޕޭމަންޓް އެއްކޮށް ދައްކަން 3 އަހަރު ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް އިސްލާމިކް ބޭންކުން ހާމަކުރެއެވެ.
އެމްއައިބީގެ އޮފިޝަލަކު "ސަން" އޮންލައިނަށް އިއްޔެ ވިދާޅުވީ ސައިކަލު ފިނޭންސް ކުރުމުގެ ހިދުމަތަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި އެ ހިދުމަތް ރަސްމީކޮށް ފެށިފަހުން ގިނަ އަދަދެއްގެ ކަސްޓަމަރުން އެހިދުމަތަށް އެދޭ ފޯމް ގެންގޮސްފައިވާ ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމްކުރި އިސްލާމިކް ބޭންކް ކަމުގައިވާ މޯލްޑިވްސް އިސްލާމިކް ބޭންކް ހުޅުވާފައިވަނީ 7 މާޗް 2011 ގައެވެ. އިސްލާމިކް ބޭންކަށް ވަނީ ބައިނަލްއަޤްވާމީ އެވޯޑެއްވެސް ލިބިފައެވެ.

















ޚިޔާލު