ޙައްދުފަހަނައަޅާފައިވާ ޔަހޫދީ ގައުމަށް އެމެރިކާގެ ނައިބު ރައީސް ޖޯސެފް ބިޑެން މިހާރު ކުރަމުންގެންދާ ދަތުރަކީ ޙައްދުފަހަނައަޅާފައިވާ ޔަހޫދީން މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަމަށް އޮބާމާގެ ސަރުކާރުގެ ފުރިހަމަ ތާއީދާ އެއްބާރުލުން އޮތްކަން ޔަހޫދީ ގައުމަށް ޔަގީންކޮށްދިނުމަށް ކުރާދަތުރެކެވެ. މިދަތުރާ ދިމާކޮށް ޙައްދުފަހަނައަޅާފައިވާ ޔަހޫދީ ގައުމުން އެންމެ ފުރަތަމަ ކުރިކަމަކީ، އެމެރިކާގެ އެދުމުގެމަތިން ހުއްޓާފައިއޮތްކަމަށްބުނާ ފަލަޞްޠީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރިކުރުމުގެ މަޝްރޫޢު އަލުން ފެށުމެވެ.
ޔަހޫދީ ގައުމުގެ ހޯމްމިނިސްޓްރީގެ ތަރުޖަމާނާ ޙަވާލާދީ ރޮއިޓަރސްއިން ހާމަކުރާގޮތުގައި، ފަލަޞްޠީނުގެ ބިމުން ޔަހޫދީން ފޭރިގެންފައިވާ ޤުދުސްގައި އަލަށް އެއްހާސް ހަސަތޭކަ ގެ އަޅަންފެށުމުގެ މަސައްކަތް ފަސްދޮޅަސްދުވަހުގެ ތެރޭގައި ޔަހޫދީ ގައުމުން ފަށާނެއެވެ. ހަމައެފަދައިން ދިހަމަސްދުވަހުގެ މުއްދަތަށް ހުއްޓާލާފައިވާކަމަށް ނޮވެމްބަރުމަހު އިޢުލާނުކޮށްފައިވާ ގުދުސްގައި އަޅަންފަށާފައިވާ ތިންހާސްގެ ފުރިހަމަކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްގެންދަން ފަށާފައިވާ ކަމަށްވެސް ޔަހޫދީގައުމުން ބުނެއެވެ. މީގެ އިތުރުން އެމެރިކާގެ ނައިބުރައީސްގެ ދަތުރުގެ އެއްދުވަސްކުރިން ޔަހޫދީގައުމުގެ ޑިފެންސް މިނިސްޓްރީއިންވަނީ ފޭރިގެންފައިވާ ބިންތަކުގައި އިތުރު ސަތޭކަ ބާރަގެ އެޅުމުގެ ހުއްދަ ދީފައިވާކަން އިޢްލާނުކޮށްފައެވެ. މިހާރުވެސް ފަލަޞްޠީނުގެ ބިމުން ފޭރިގެންފައިވާ ބިންތަކުގައި ޙައްދުފަހަނައަޅާފައިވާ ފަސް މިލިޔަން ޔަހޫދީން ވަޒަންވެރުކުރުވާފައިވެއެވެ.
އެމެރިކާގެ ނިއުޔޯކް ޓައިމްސްއިން ބުނާގޮތުގައި، އެމެރިކާގެ ނައިބުރައީސް، ޔަހޫދީގައުމަށް ދަތުރުކުރި މިދަނޑިވަޅުގައި ޔަހޫދީ ގައުމުން ޢަމަލު ކުރިގޮތުން އެމެރިކާއާ ޔަހޫދީ ގައުމާ އޮންނަ ގުޅުންތަކަށް ކޮންމެވެސްވަރަކަށް ނޭދެވޭ އަސަރުކުރާނެކަމަށް ބައިނަލްއަޤްވާމީ ނޫސްއިދާރާތަކުން ލަފާކުރިއެވެ. ނަމަވެސް ކަންވީ އެހެންނަކުން ނޫނެެވެ. ޔަހޫދީ ގައުމުގެ ޙައްދުފަހަނައަޅާފައިވާ މިޢަމަލާމެދު އެމެރިކާގެ ނައިބުރައީސް ބުނެފައިވަނީ ގުދުސްގައި އަލުން ގެ އެޅުމުގެ މަޝްރޫޢު ކުށްވެރިކުރާކަމުގައެވެ. އޭނާގެ ބަސް މިހެން އޮތްނަމަވެސް އެނާގެ ޢަމަލުތައްހުރީ މިއާ ދިމާ އެދިކޮޅަށެވެ. އަދި މުޅިދަތުރުގެ ހުރިހާ ވާހަކަތަކެއްވެސް ބިނާވެފައިއޮތީ އެމެރިކާގެ ދޮންދަރި، އިޒްރޭލުގެ ޕްލޭންތަކަށް އެމެރިކާއިން އެހީވާނެވާހަކައާ އަދި ކޮންމެ ދިމާލަކުން ޔަހޫދީ ގައުމަށް ނުރައްކަލެއް އަޔަސް ޔަހޫދީ ގައުމުގެ ދިފާޢުގައި އެމެރިކާއޮތްކަން ޔަގީންކޮށްދިނުމުގެ މައްޗަށެވެ. އެގޮތުން އީރާނާދެކޮޅަށް ފިޔަވަޅުއެޅުމާ ޔަހޫދީގައުމުގެ ނިޔުކްލިއަރ ޕްރޮގްރާމަށް އެހީވުމާބެހޭގޮތުން ވާހަކަދައްކާފައިވެއެވެ.
ނިއުޔޯކް ޓައިމްސްއިން އިތުރަށް ބުނެފައިވާގޮތުގައި މިގޮތުން ޔަހޫދީގައުމުގެ ރައީސް ޝިމޯން ޕެރޭޒާބައްދަލުކުރުމަށްފަހު ނޫސްވެރިންގާތު އެމެރިކާގެ ނައިބުރައީސް ބުނެފައިވަނީ "އިޒްރޭލުގެ ސަލާމަތާބެހޭގޮތުން އެމެރިކާއާ އިޒްރޭލާދެމެދު އެއްބަސްނުވެވޭ އެއްވެސްކަމެއްނެތް"ކަމުގައެވެ. ހަމައެފަދައިން، ޔަހޫދީގައުމުގެ ރައީސް ދިރިއުޅޭގޭގައި ބޭއްވި މިބައްދަލުވުމަށްފަހު މެހްމާނުންލިޔާފޮތުގައި އެމެރިކާގެ ނައިބުރައީސް ލިޔެފައިވަނީ "އަހަރުމެން ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަށް ކރުިއަށްއޮތްތަނުގައި ގުޑުމެއްވެސް ނާރާނެ"ކަމުގައެވެ.
ހަމައެއާއެކު އީރާނު މައިތިރިކުރުމުގައި ދެގައުމު އެކުގައި މަސައްކަތްކުރާނެކަމަށްވެސް އެމެރިކާގެ ނައިބުރައީސް ބުނެފައިވެއެވެ. އީރާނަކީ އަބަދުވެސް ޙައްދުފަހަނައަޅާފައިވާ އަދި "ޣައިރުޤާނޫނީ އިޒްރޭލު" ދެމިއޮތުމުގެ ޙައްގު ނެތްކަމަށް ބުނަމުންއަންނަ ގައުމެކެވެ. އިޒްރޭލަކީ ޙަގީގަތުގައި އދ.ގެ ޗާޓަރާ ޚިލާފަށް މުސްލިމުންގެ ފަލަސްނުގެ ބިމުގައި ގަދަކަމުން އުފައްދާފައިވާ ޣައިރު ޤާނޫނީ ދައުލަތެކެވެ. ބައިންލއަޤްވާމީ ޤާނޫނުތަކަށްބަލާއިރު ޔަހޫދީގައުމު ދެމިއޮތުމުގެ އެއްވެސް ޙައްގެއްނެތެވެ.
އެހެންކަމުން ޔަހޫދީ ގައުމަށްއޮތް އެންމެ ބޮޑުބިރަކީ އީރާނެވެ. މިޖުމްލަ ޔަހޫދީ ގައުމުން އިއްޔެވަނީ އަނެއްކާވެސްް ތަކުރާރުކޮށްފައެވެ. އީރާނަށް އަދަބު ދިނުމަށް އެމެރިކާ ދަމާ އެއްރޮއްޖަކަށް ފޫގަޅައިގެން އުޅެނީ ޔަހޫދީ ޤައުމުގެ ޙައްޤުގައެވެ.

















ޚިޔާލު