އިޒްރޭލުން ނިކަމެތިކޮށް ބަނޑުހައިހޫނުގައި ޖައްސާފައިވާ ފަލަޞްތީނުގެ ޣައްޒާގެ ރައްޔިތުންނާމެދު ގޮތެއް ނިންމުމުގެ އިޚްތިޔާރު ޔަހޫދީންގެ އަތްމައްޗަށް ދޫކޮށްލައްވާފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބުނެފިއެވެ.
އޭނާ މިހެން ބުނެފައިމިވަނީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓާލާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ކުރަމުން ދިޔަ މަޝްވަރާތަކުން އިޒްރޭލުން ދުރުވުމާ ގުޅިގެންނެވެ.
ޣައްޒާގައި 2.3 މިލިއަން މީހުން ބަނޑުހައިހޫނުކަމުގައި އެތައް ދުވަހެއް ހޭދަކުރަމުންދާއިރު، އަދި އޭގެތެރެއިން ގިނަ ބަޔަކު ކާބޯތަކެތި ނުލިބި މަރުވަމުންދާއިރު، ޓްރަމްޕް އިސްކަން ދީފައިވަނީ ޙަމާސުން ހިފަހައްޓާފައިވާ އަސީރުން ދޫކޮށްލުމުގެ މައްސަލައަށެވެ. ޔަހޫދީންނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ފަރާތް ކަމަށްވާ ޓްރަމްޕް، ޙަމާސްއިންން އަސީރުން ދޫކޮށްލުމަށް އިންކާރުކުރާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
ޔޫރަޕިއަން ކޮމިޝަނުގެ ރައީސާ އުރްސުލާ ފޮން ޑެ ލަޔަންއާއެކު ބޭއްވި ބައްދަލުވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޓްރަމްޕް ބުނީ ޙަމާސުން އަސީރުން ދޫކޮށްލަން ބޭނުންނުވާތީ، ދެން އެކަމުގައި ގޮތެއް ނިންމާނީ އިސްރާއީލުން ކަމަށެވެ.
މީގެ އިތުރުން އެމެރިކާއިން ޣައްޒާއަށް ފޮނުވާ އެހީގެ ތަކެތި ޙަމާސުން ވަގަށްނަގާ ކަމަށް އޭނާ ތުހުމަތުކުރި ނަމަވެސް، އެކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. ހުދު އެމެރިކާ ސަރުކާރުގެ ތަޙުޤީޤުތަކުން ދައްކާގޮތުގައި، ޣައްޒާއަށް ފޮނުވާ އެހީގެ ތަކެތި ޙަމާސުން ވަގަށްނަގާކަން ސާބިތުކޮށްދޭ އެއްވެސް ހެއްކެއް ނެތެވެ.
މިވަގުތު ޣައްޒާގައި އެހީ ބެހުމުގެ މަސައްކަތް ކުރަނީ އެމެރިކާގެ ޖަމްޢިއްޔާ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް) އިންނެވެ. މިއީ އެހީ ބެހުމުގެ މަސައްކަތް އިސްރާއީލްގެ ބާރުގެ ދަށަށް ގެންދިއުމަށް އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ. އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ނަމުގައި އެޖަމްޢިއްޔާއިން ވެސް އިޒްރޭލުން ހިންގާ ޤަތުލުޢާންމަށް އެހީތެރި ވާކަމީ އ.ދ އިންނާއި ހުދު އެމެރިކާ ހިމެނޭހެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުށްވެރިކޮށްފައިވާކަމެކެވެ.

















ޚިޔާލު