ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާނާއާއި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅައި، ކުޑަކުދިން ހިމެނޭހެން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުން ހުއްޓުމެއް ނެތި ކުރިއަށް ދިއުމާ ގުޅިގެން އިޒްރޭލާ އެކި ޤައުމުތަކާ މެދު އޮތް ޑިޕްލެޓިކް ގުޅުންތަކަށް އަސަރު ކޮށްފައިވާ ކަމަށް އިޒްރޭލުގެ ނޫހަކުން ރިޕޯޓުކޮށްފިއެވެ.
ޣައްޒާގައި ހިނގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން އިޒްރޭލަށް ބައިނަލްއަޤްވާމީ އިންޒާރުތަށް ހުއްޓުމެއްނެތި އަންނަމުންދާއިރު ވެސް ވެރިކަން ހިންގާ ބެންޖަމިން ނެތަންޔާހޫގެ ސަރުކާރުން އެއިންޒާރުތަކާ މެދު އަޅާނުލާކަމަށް އެނޫހުން ރިޕޯޓުކޮށްފައިވެއެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މާރޗް 2 ވަނަ ދުވަހު އިޒްރޭލުގެ ސެކިއުރިޓީ ކެބިނެޓުން ވަނީ ޣައްޒާއަށް ކާބޯތަކެތީގެ އެހީ ވެއްދުން ހުއްޓާލުމަށް ނިންމާފައެވެ.
މިގޮތަށް ނިންމާފައިވަނީ އިޒްރޭލުގެ ސަލާމަތީ ބާރުތަކާއި ފަލަޞްތީނުގެ ފޭރިގަނެފައިވާ ބިންތަކުގައި އިޒްރޭލުން ޤާއިމުކޮށްފައިވާ ޓެރިޓަރީ ތަކުގައި އިޒްރޭލުގެ ސަރުކާރުގެ ކޯޑިނޭޓަރު، ޖެނެރަލް ޣައްސާން އަލިއާން އަދި ބައިނަލްއަޤްވާމީ އެހީގެ ޖަމްޢިއްޔާތަކުން ޣައްޒާގައި ބަނޑުހައިހޫނުކަން އިތުރުވަމުންދާކަމުގެ އިންޒާރުތައް ދީފައިވަނިކޮށެވެ.
ޔެދިއޯތް އަހްރޯނޯތަށް ނަން ހާމަނުކުރާ ސިޔާސީ މަސްދަރުތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ނިންމުމަކީ އިސްތިރާތީޖީ ވިސްނުމަކަށް ބިނާވެފައިވާ ނިންމުމެއް ނޫން ކަމަށާއި، އެހެނެއްކަމަކު އެއީ ހައްދުފަހަނައަޅާފައިވާ ސިޔާސަތުތަކަށް މަޝްހޫރުވެފައިވާ އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރް ބެން ގަވީރު އަދި ފައިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗްގެ ސިޔާސީ ޕްރެޝަރުގެ ސަބަބުން ނިންމާފައިވާ ނިންމުމެއްކަމަށެވެ.
ޣައްޒާ ބަނޑަށްޖެހިފައިވާކަން އެނގިހުރެ، އެހީ ވެއްދުމަށް އިޒްރޭލުގެ ސަރުކާރުން ހުރަސްއެޅުމާ ގުޅިގެން ޔޫރަޕިއަން ޔޫނިއަނުން ވަނީ އިޒްރޭލަށް އިންޒާރުދީފައެވެ. އެގޮތުން އެ ޔޫނިއަންއާއި އިޒްރޭލާ ދެމެދު ގުޅުން ޤާއިމުކުރުމުގެ އެއްބަސްވުން އުވާލާނެކަމަށް އެޔޫނިއަނުން ވަނީ އިޝާރާތްކޮށްފައެވެ.
ޔެދިއޯތް އަހްރޯނޯތުގެ ރިޕޯޓު ނިންމާލަމުން ބުނެފައިވަނީ އިސްރާއީލުން ދަނީ އަމިއްލައަކަށް އެޤައުމުގެ ޑިޕްލޮމެޓިކް ގުޅުންތައް އެއްކޮށް އިނދަޖައްސާލުމާ ދިމާލަށް ދަތުރުކުރަމުންނެވެ.
ބައިނަލްއަޤްވާމީ ގޮވާލުންތަކަށް އިޖާބަނުދީ، އިޒްރޭލުގެ ސިފައިން ވަނީ 7 އޮކްޓޯބަރު 2023 އިން ފެށިގެން ޣައްޒާއަށް އަނިޔާވެރި ހަމަލާތައް ދެމުން ގެންގޮސް، ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 60،000 އަށްވުރެ ގިނަ ރައްޔިތުން މަރާލާފައެވެ. ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާ އެއްކޮށް ވީރާނާވެ، ކާބޯތަކެތީގެ ދަތިކަން ވަނީ ބޮޑުވެފައެވެ.
2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ވަނީ ނެތަންޔާހޫ އަދި އިޒްރޭލުގެ ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓްގެ މައްޗަށް ޣައްޒާގައި ހިންގި ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކާ ގުޅިގެން ހައްޔަރުކުރުމުގެ އަމުރު ނެރެފައެވެ. މީގެ އިތުރުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި އިޒްރޭލާ ދެކޮޅަށް ނަސްލުހޭދު ކުރުމުގެ ދަޢުވާއެއް އުފުލި، އެމައްސަލަ ވެސް ކުރިއަށްދެއެވެ.

















ޚިޔާލު