މުސްތަޤްބަލަކީ ޠާލިބާނުން - ޙާމިދު ގުލް (1 ވަނަ ބައި) ގެ ބާކީ
ތިރީގައިއެވަނީ ޙާމިދު ގުލް ޤަޠަރުގެ ދަވްޙާއަށް ވަޑައިގެން އުޅުއްވުމުގެ ތެރޭގައި އަލްޖަޒީރާއަށް ދެއްވާފައިވާ ޚާއްޞަ އިންޓަރވިއުއެއްގެ ތަފްޞީލެވެ. ޠާލިބާނުންނަކީ އަފްޣާނިސްތާނުގެ މުސްތަޤްބަލްކަމުގައި އޭނާ ވިދާޅުވިއެވެ.
ޙަމިދު ގުލް ވިދާޅުވިގޮތުގައި ޕާކިސްތާނުން ރަޙްމަތްތެރި އަފްޣާނިސްތާނެއް ބޭނުންވާކަމަށް ބުނާބުނުމަކީ އަފްޣާނިސްތާނުގެ ކަންތައްތަކުގެ ތެރެއަށް އަތްގަދަ ކުރުމެއްނޫނެވެ. އަފްޣާނިސްތާނަށް އަތްގަދަކުރުމަކީ އެއްވެސް ގައުމަކަށް ވާނޭކަމެއްނޫނެވެ. އަފްޣާނިސްތާނަކީ ދުނިޔޭގެ ބޮޑު ދެބާރު ވަޅުލާފައިވާ ޤައުމެކެވެ. މިހާރު ތިންވަނަބާރު އެވަނީ ވަޅުލެވުމުގެ މަގުމަތީގައިކަމަށްވެސް އޭނާވިދާޅުވިއެވެ.
އަފްޣާނިސްތާނުގެ ކަންތައްތައް ހަމައަކަށް ނޭޅިއޮތުމުގެ ސަބަބުން ޕާކިސްތާނުގެ އަމިއްލަ ސަލާމަތައް ނުރަނގަޅު އަސަރުކުރޭތޯ ސުވާލުމުކުރުމުން ޙާމިދު ގުލް ވިދާޅުވީ އެކަން ޙަގީގަތުގައިވެސް އެގޮތަށް ހިނގާކަމުގައެވެ. ހަމަނުޖެހުންތަކާ ދެކޮޅުވެރިކަން ހިނގަނީ ކާބުލްގައި މިހާރުއޮތް ސަރުކާރު ފެއިލްވެފައިވާތީއެއްނޫނެވެ. އެއީ ޕަޕެޓް ސަރުކާރެއްކަމަށާ ދެކޮޅުވެރިކަމާ ހަމަނުޖެހުމުގެ އަޞްލު ސަބަބކީ އެމެރިކާއިން އަފްޣާނިސްތާނަށް އަރާ އޮތްއޮތުންކަމުގައި އޭނާ ތުހުމަތުކުރެއްވިއެވެ. އަދި އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން އަފްޣާނިސްތާނުން ފައިބާ އޯ އައި ސީ (އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް)އާ އިސްލާމީ ޤައުމުތަކުން އެގައމުތަކުގެ ދައުރު އަފްޣާނިސްތާނުގައި އަދާކުރަންފަށައިފިނަމަ އިސާހިތަކު އަފްޣާނިސްތާނުގައި ހަމަޖެހުން ޤާއިމްވާނެކަމަށް ޙާމިދު ގުލްވިދާޅުވިއެވެ.
ޙާމިދު ގުލް އިތުރަށްވިދާޅުވި ގޮތުގައި އޭނާ ދެކެވަޑައިގަންނަވާގޮތުގައި އަފްޣާނިސްތާނަކީ އެމެރިކާއަށް ދެވަނަ ވިއެޓްނާމަކަށްނުވާނެއެވެ. ސަބަބަކީ އޮބާމާވަނީ އެމެރިކާގެ ފައުޖުތައް އަފްޣާނިސްތާނުން ބޭރުކުރާނެކަމަށް ހާމަކޮށްފައެވެ.
މިވަގުތައް ޕާކިސްތާނުގެ ހަމަޖެހުމަށް އެންމެބޮޑަށް ބޭނުންވަނީ ކޮންކަންތައްތަކެއްތޯ ދެންނެވުމުން އޭނާވިދާޅުވީ ޤާނޫނުތައް އޭގެ ގޮތުގައި އެންމެންގެމައްޗައް ހަމަހަމަގޮތެއްގައި ޕާކިސްތާނުގައި ހިންގެންޖެހޭނެކަމަށާ ސިޔާސީ މުއައްސަސާތައް ގާއިމްކުރެވި ސްޕްރީމް ކޯޓަށާ ރައްޔިތުންގެ މަޖްލިހަށް އިތުރު ބާރުތައް ދޭންޖެހޭކަމަށެވެ. މިހާރު ހުރިހާ ބާރުތަކެއްވަނީ ޑިކްޓޭޓަރ ޕަރްވޭޒް މުޝައްރަފްގެ ވެރިކަމުގައި 2003ވަނައަހަރު ފާސްކޮށްފައިވާ 17ވަނަ މާއްދާގެދަށުން ކޮންޓްރޯލްކުރެވިފައެވެ. މިމާއްދާގެ ދަށުން ރައީސަށް ގާނޫނުއަސާސީއާ ނުބައްސާ ވަރަށްގިނަ ބާރުތަކެއްލިބިދެއެވެ. މިހާރު ޕާކިސްތާނުގެ ވެރިކަމުގައިހުރި ޢާޞިފު ޢަލީ ޒަރުދާރީވެސްދަނީ މިމާއްދާ ބަދަލުކުރުން ލަސްކުރަމުންނެވެ.
ޒަރުދާރީ ނުފޫޒުގައި ހުރުމަށް އެމެރިކާއިން އެހީވެދެނީ އެމެރިކާއިން އެބުނާ ޓެރަރިސްޓުންނާ ދެކޮޅަށް ކުރާ ހަނގުރާމައިގާ އޭނާ އެމެރިކާއަށް އެއްބާރުލުން ދެއްވާތީކަމަށް ޙާމިދު ދެކެވަޑައިގަންނަވަންތޯ އަލްޖަޒީރާއިން ކުރި ސުވާލުގެ ޖަވާބުގައި އޭނާވިދާޅުވީ އެމެރިކާނުން އޭނާއާދޭތެރޭ ދެފަހަރު ދެގޮތަށް ވިސްނާކަމުގައެވެ. މިސާލެއްގެ ގޮތުން ވިދާޅުވީ އެމެރިކާގެ މީޑިއާ ފާއިތުވި ދުވަސްތަކުގައ ޒަރުދާރީއަށް ވަރަށްބޮޑަށް ފާޑުކީކަމުގައެވެ. އަދި ޕާކިސްތާނުގައި ސްޕްރީމްކޯޓް އަލުންގާއިމުކޮށްފާނެތީ އެމެރިކާ ވަރަށް ކަންބޮޑުވާކަމަށެވެ. އެއީ އޭރުން އެމެރިކާއިން ރާވައިގެން ހިންގާ ޖަރީމާތަކަކީ ޤައުމުގެ މިނިވަންކަނަށް އަސަރުކުރާނެ ކަމެއްކަމަށް ފާސްކޮށްފާނެތީކަމަށާ އެހެން ވެއްޖެނަމަ ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ޤާނޫނުތައް އަލުން ބަދަލުކުރަންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެހެން ވެއްޖެނަމަ ޕާކިސްތާނުގައި އެމެރިކާއިން ގެންގުޅޭ އެޖެންޑާއާ އިދިކޮޅަށް ކަންތައްތައް ހިގައިދާނެކަމަށް އެމެރިކާއިން ޝައްކުކުރާކަމަށްވެސް ވިދާޅުވިއެވެ.
ޒަރުދާރީގެ ސަރުކާރު ދައުރު ހަމަވަންދެން ވެރިކަމުގައި އޮންނާނެކަމަށް ދެކެވަޑައިގަންނަވަންތޯ ދެންނެވުމުން ވިދާޅުވީ ސަރުކާރު ދެމިއޮންނާނެ ކަމުގައެވެ. އެކަމަކު ޒަރުދާރީ ހުންނާނެކަމަށް ގަބޫލުފުޅު ނުކުރައްވާކަމުގައެވެ. އަދި ޒަރުދާރީއަށް ވެރިކަމުގައި ހުރުމަށް ގިނަދުވަސްތަކެއް އޮވެދާނެކަމަށް ޝައްކުކުރައްވާކަމުގައި ވިދާޅުވިއެވެ.
ޙާމިދު ގުލްއަކީ އަލްޤަޢިދާއާ ޠާލިބާނުންނާ ގާތްގުޅުންހުރި ފަރާތެއްކަމަށް ފާއިތުވެގެން މިދާއަހަރުތަކުގައި އެމެރިކާގެ އޮފިޝަލުން ތުހުމަތު ކުރަމުންއައިސްފާވާތީ މިކަމާމެދު ވިދާޅުވަނީ ކީކޭތޯ ދެންނެވުމުން އޭނާވިދާޅުވީ އެއީ ދޮގެއްކަމަށާ އެފަދަ ގުޅުންތަކެއް ނެތްކަމަށެވެ. އަލްޤާޢިދާގެ ވާހަކަދައްކާތީ، ސެޕްޓެމްބަރ 11ގެ ޙާދިސާ އަލްޤާޢިދާއިން ހިންގިކަމުގައިވާނަމަ ހެކިދެއްކުމަށް އަބަދުވެސް އެމެރިކާގެކިބައިން އޭނާ އަބަދުވެސް އެދިވަޑައިގަންނަވާކަމުގައެވެ. އަދި އުސާމާބިން ލާދިންއާދެކޮޅަށްވެސް އެއްވެސް ހެއްކެއް އެމރިކާއަށް ދެއްކިފައިނުވާކަމުގައެވެ. އަދި ޙާމިދު ގުލްދެކެވަޑައިގަންނަވާގޮތުގައި އެޙާދިސާއަކީ އެމެރިކާގެ ސިއްރު އެޖެންޑާއެއްގެ ދަށުން އެމެރިކާގެ އެތެރޭގައި ރޭވިގެން ހިންގާފައިވާޙާދިސާއެކެވެ.
އަދި ޠާލިބާނުންނާމެދު ވިދާޅުވަންއޮތް ވާހަކައަކީ، އަފްޣާނިސްތާނު ދިފާޢުކުރުމަށް އެމީހުންކުރާޖިހާދަށް ފުރިހަމައަށް ތާއީދުކުރައްވާކަމަށާ ރޫޙީގޮތުން ޠާލިބާނުންނަށްއޭނާ ތާއީދުކުރައްވާކަމުގައި އޭނާވިދާޅުވިއެވެ. އެއްސަބަބަކީ، ފާއިތުވިތަނުގައި އެމީހުންނާއެކު ވަރުގަދަ ގުޅުންތަކެއްބާއްވަވާފައިވުމެވެ. ހަމައެއާއެކު އަފްޣާނިސްތާނުގައި މިހާރު އެއޮތް ސަރުކާރުގެ ތެރޭގައިވެސް ގިނައީ އޭނާގެ ވަރަށްގާތް މީހުންކަމުގައިވުމާއެކު ދެފަރާތާއެކުވެސް ގުޅުންދަމަހައްޓަމުންދާކަމުގައެވެ. އަދި ޠާލިބާނުންގެ ޖިހާދު ތަމްސީލްކޮށްދެނީ އަފްޣާން ދިފާޢުކުރުމުގެ ޤައުމީ ރޫޙެއްކަމުގައިވާތީ ޠާލިބާނުންނާއެކު އޭނާވެސް އަޑުއުފުއްލަވާކަމުގައި ވިދާޅުވިއެވެ.
އަދި އެމރިކާއިން އދގެ ސެކިއުރިޓީ ކައުންސިލަށް ޙާމިދު ގުލްގެ ނަންފޮނުވާ އޭނާއަކީ ބައިނަލްއަޤްވާމީ ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތް ކޮށްފައިވާ ކަމަށާ އަދި އެކަން ނާކާމިޔާބުވީ ޗައިނާއަށް ޙަގީގަތް އެނގިފައިވާތީ ޗައިނާއިން އެކަމަށް ހުރަސްއެޅުމުންކަމުގައި އޭނާ ވިދާޅުވިއެވެ.
ޙާމިދު ގުލްއަކީ ސިޔާސީގޮތުން ޓެރަރިޒަމް ޕްރޮމޯޓްކުރައްވާ ބޭފުޅެއްކަމަށް ޒަރުދާރީ ހުޅަނގުގެ ނޫހަކަށް މަޢުލޫމާތު ދީފައިވާވާހަކަ ދެންނެވުމުން ޙާމިދު ގުލް ވިދާޅުވީ އޭނާ ޒަރުދާރީއަށް ސިޓީފުޅެއް ފޮނުއްވާފައިވާކަމަށާ އަދި އޭނާއަކީ ޖިހާދު ޕްރޮމޯޓް ކުރަށްވާ ބޭފުޅެއްކަމުގައި ވިދާޅުވެފއިވާނޭކަމުގައެވެ. އޭނާ ވިދާޅުވާގޮތުގައި ޖިހާދަކީ އޭނާ ގަބޫލުފުޅުކުރައްވާފަދައިން ޒަރުދާރީވެސް ގަބޫލުފުޅު ކުރައްވާއެއްޗެއްކަމުގައެވެ. އެއީ ޒަރުދާރީއަކީ މުސްލިމެއްކަމަށާ އަދި ޤުރްއާން ގަބޫލުކުރާ މީހެއްކަމަށެވެ. ޓެރަރިޒަމަކީ ކަނޑައެޅިގެން ޖިހާދާއި ތަފާތު އެއްޗެއްކަމަށާ ޓެރަރިޒަމާ އޭނާ ކަނޑައެޅިގެން ދެކޮޅުކަމުގައިވެސް އޭނާވިދާޅުވިއެވެ. ޖިހާދަކީ ޤައުމަކަށް ޢުދުވާނެއްކުރިމަތިވެއްޖެނަމަ އެޤައުމެއްގެ ރައްޔިތުންނަށްއޮތް ޙައްޤެއްކަމުގައެވެ. އދ.ގެ ޗާޓަރގައި 'މިނިވަންކަމަށްޓަކައި ގައުމު ދިފާޢުކުރުމަކީ ޙައްޤެއް'ކަމުގައި ބަޔާންކޮށްފައިވާކަމަށާ ޙާމިދު ޖިހާދު މާނަކުރައްވަނީ އދގެ ޗާޓަރުގައި އެބަޔާންކުރާ ދިފާޢުކުރުމަށް ކަމުގައި އޭނާވިދާޅުވިއެވެ.
(ނިމުނީ)

















ޚިޔާލު