އޭޝިއާ

މުސްތަޤްބަލަކީ ޠާލިބާނުން - ޙާމިދު ގުލް (1 ވަނަ ބައި)

ލިޔުނީ: އަހުމަދު ޚަލީލު

ތިރީގައިއެވަނީ ޙާމިދު ގުލް ޤަޠަރުގެ ދަވްޙާއަށް ވަޑައިގެން އުޅުއްވުމުގެ ތެރޭގައި އަލްޖަޒީރާއަށް ދެއްވާފައިވާ ޚާއްޞަ އިންޓަރވިއުއެއްގެ ތަފްޞީލެވެ. ޠާލިބާނުންނަކީ އަފްޣާނިސްތާނުގެ މުސްތަޤްބަލްކަމުގައި އޭނާ ވިދާޅުވިއެވެ.

އަފްޣާނިސްތާނުގައި އެމެރިކާ ބަލިވެއްޖެކަމުގައި ޕާކިސްތާނުގެ ކުރީގެ މިލިޓަރީ ކޮމާންޑަރ އަދި ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ޙާމިދު ގުލް އަލްޖަޒީރާއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވިގޮތުގައި އެމެރިކާ ބަލިވީ އެމެރިކާއަތުގައި ބާރުގަދަ ހަތިޔާރު ނެތިގެން ނޫންކަމުގައެވެ. "އެމެރިކާ މީހުން އަފްޣާނިސްތާނުގައި ގުނބުހެލި ބަލިވެއްޖެ. ވަރުބަލި ކަމާ ލޮޑުކަމަކީ ގައުމަކަށް ތަޙައްމަލް ކުރަންޖެހޭނެ ނުރައްކާތެރި އަދި އެންމެ ނުބައި ޙާލަތެވެ. އެމެރިކާ ސިފައިންނަށް އަފްޣާނިސްތާނުގައި ހިފަހައްޓާލެވޭނެ އެއްވެސް ގޮތެއް ނެތް" ޙާމިދު ގުލް ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން ކަރުޒާއީގެ ސަރުކާރު ބަލިކަށިވޭތޯ އަލްޖަޒީރާއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޙާމިދުގުލް ވިދާޅުވީ ޙާމިދު ކަރުޒާއީގެ މާބޮޑު ކަމެއްނެތްކަމުގައެވެ. ކަރްޒާއީ މިހާރު އަންނަނީ އޭނާގެ އަމިއްލަ ނަފްސުގެ ސަލާމަތާމެދު ހަނގުރާމަކުރަމުންކަމަށާ އަދި އެމެރިކާއިން މިހާރު ޙާމިދު ކަރުޒާއިންއަށް އަންގަމުން އަންނަނީ މިއަހަރު ނިމުމާއެކު އަފްޣާނިސްތާނުގެ ދިފާޢީ ކަންކަމުގެ ޒިންމާ ކަރްޒާއީގެ ކޮޑުގައި އަޅަންޖެހޭނެ ކަމުގައެވެ. ނަމަވެސް ކަރްޒާއީއަށް އެމީހުން (އެމެރިކާއާ ހުޅަނގުން) ދިނީ ކޮންއެއްޗެއްތޯ ގުލް ސުވާލު ކުރެއްވިއެވެ. ޙަގީގަތުގައި، މިހާރު ހިންގަމުންދާ ހަނގުރާމައިގާ ޢާއްމުން ޝަހީދުވުން ގިނަވުމަކީ ކަރްޒާއީ އިތުރަށް ބަލިކަށިވާނޭ ކަމެއް ކަމުގައި ގުލްވިދާޅުވިއެވެ.

އެމެރިކާއާ ނޭޓޯގެ ޙަމަލާތަކުން ޢާއްމުން ޝަހީދުވަމުން ދިއުމަކީ ޠާލިބާނުންގެ ބާރު ގަދަވާނެ ކަމެއްކަމަށް އަފްޣާނިސްތާނުގައި ތިބޭ ބައެއްފަރާތްތަކުން ލަފާކުރާކަމާށާ އެކަމާމެދު ދެކިވަޑައިގަންނަނީ ކޮންގޮތަކަށްތޯ އަލްޖަޒީރާއިން ދެންނެވުމުން ޙާމިދު ގުލް ވިދާޅުވީ އެކަމުގެ ސަބަބުން ހަމައެކަނި ޠާލިބާނުންގެ ނުފޫޒު ގަދަވަނީނޫންކަމަށާ، އެކަން އެހެން އޮތްއިރު މިހާރުވެސް އަފްޣާނިސްތާނުގެ ޢާއްމު ރައްޔިތުންގެ އައްޑިހަ ޕަސެންޓު މީހުން ޠާލިބާނުންނަށް ތާއީދު ކުރާކަމަށެވެ. އަދި ކަރްޒާއީގެ ސަރުކާރުގެ ކޮރަޕްޝަން އިންތިހާއަށް ގޮސްފައިވާތީ އަފްޣާނިސްތާނުގެ ރައްޔިތުންވަނީ މާޔޫސްވެފައިކަމުގައެވެ. އަދި ޢާއްމުންވަނީ ހަނގުރާމައާ އެމެރިކާގެ އިސްތިޢުމާރު ދިގުލުމުގެ ސަބަބުން ބަލިވެފައިކަމުގައެވެ.

އެމެރިކާއިން އަފްޣާނިސްތާނަށް އައިސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފައިބައިގެން ދިޔަނަމަ އެމެރިކާއަށް ރަނގަޅުވީސްކަމުގައާ ނަމަވެސް އެމެރިކާ ކަން ކުރީ އެގޮތަށް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމެރިކާއިން ބޭނުންވީ އަލްޤައިދާ ބައިބައިކޮށްލުން ކަމުގައިވީނަމަ ހަނގުރާމައިގެ ފުރަތަމަ އަހަރު އޮތީހީ އެމަޤްޞަދު ޙާޞިލު ކުރެވިފައި ކަމުގައެވެ. އެކަމަކު އޮބާމާ ވެރިކަމަށް އަންނަންދެން އެމެރިކާގެ ޙަގީގީ ބޭނުމަކަށްވެފައިއޮތީ އަފްޣާނިސްތާނުގައި ދެމިތިބުންކަމުގައި ޙާމިދު ގުލް ވިދާޅުވިއެވެ. އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބާލާނެ ކަމުގައި މިދިޔަ ޑިސެމްބަރު މަހު އޮބާމާވަނީ އިޢްލާނުކޮށްފައިކަމަށާ ހިލަރީވެސް ހަމަ މިގޮތަށް ހާމަކުރިކަމުގައި އޭނާ ވިދާޅުވިއެވެ. ނަމަވެސް އެބުނުމުގައި އެހެން ބޭނުމެއްވެސް އެބައޮތްކަމަށް ޙާމިދު ގުލް ވިދާޅުވިއެވެ. އެއީ އެއްކޮޅުން ތިމަންނަމެން އަފްޣާނިސްތާނުގައި ނުތިބޭނަމޭބުނާއިރު އަނެއްކޮޅުންދަނީ އެމެރިކާގެ ބާރުގަދަކުރަމުންނެވެ. އެމެރިކާއިން އަފްޣާނިސްތާނު ސަރުކާރު ސިފައިންގެ ފައުޖުތައް ވަރުގަދަކުރުމަށް އެހީއެއްނުވެއެވެ. އެކަމަށް ދީފައިވަނީ ހަމައެކަނި 140 މިލިއަން ޑޮލަރެވެ. މިއީ އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި ބޭތިއްބުމަށް ކުރާ ޚަރަދާ އަޅާބަލާއިރު އެއްވެސް އެއްޗެއް ނޫނެވެ. އަފްޣާނިސްތާނުގެ ބިމުގައި އެމެރިކާ ސިފައިންގެ އެންމެ މީހަކު ބެހެއްޓުމަށްވެސް އަހަރަކު އެއްމިލިއަން ޑޮލަރު ހޭދަކުރާކަމަށާ އަދި އެރޭޓުން ބަލާއިރު މިހާރު އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިންގެ އެއްލައްކަ މީހުންނަށް އަހަރަކު އެއް ބިލިޔަންޑޮލަރު އެމެރިކާއިން ހޭދަކުރާނެކަމަށްވެސް ޙާމިދު ގުލްވިދާޅުވިއެވެ.

އަނެއްކޮޅުން އެމެރިކާއަކީ ވަރަށްބޮޑަށް ދަރަނިވެރިވެފައިއޮތް ގައުމެއްކަމަށާ އެމީހުންނަށް މިވަރުގެ ބޮޑުހޭދައެއް ދެމެހެއްޓެނިވިގޮތަކަށް ކުރާނީ ކިހިނެއްހެއްތޯ ޙާމިދު ސުވާލުކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވިގޮތުގައި ބައެއް ޚިޔާލު ހޯދުމުގެ ނަތީޖާތައް ދައްކާގޮތުން  އެމެރިކާގެ ރައްޔިތުންގެ 57 ޕަސެންޓު މީހުން އަފްޣާނިސްތާނުގައި އެމެރިކާއިންކުރާ ހަނގުރާމައާ ދެކޮޅެވެ. އަދި އެމީހުން އެމީހުންގެ ދަރިން އަނބުރާ އެމެރިކާއަށް ގެންނަން ބޭނުންވެއެވެ. ހަނގުރާމައިގާ މަރުވުމަކީ އެމީހުންނަށް ގަބޫލުކުރެވޭވަރުގެކަމަކަށް ނުވުމާ އަދި މަރުވާ ސިފައިންނަށް ދައްކަންޖެހޭ ފައިސާ ބަރާބަރަދެއްކުމަށް ދަތިވާތީ ހަނގުރާމަ ކުރުމަށް ކޮންޓެކްޓް އުސޫލުން މީހުން ހޯދަނީކަމަށާ މިހާރުވެސް އަފްޣާނިސްތާނުގައި އެއްލައްކަ ހަތަރުހާސް ކުލީސިފައިން މިގޮތަށް ކޮންޓްރެކްޓް އުޞޫލުން ހަނގުރާމައިގާ ޙަރަކާތްތެރިވަމުންދާކަމުގައި އޭނާވިދާޅުވިއެވެ.

މިކަމުން ދޭހަވަނީ ކޮންއެއްޗެއްތޯއާ ހަނގުރާމަކުރާނެ ސިފައިން ނުލިބުނީމާ ކުލީސިފައިން ހޯދަންވީތޯ އޭނާ ސުވާލުކުރެއްވިއެވެ. އަދި އިތުރަށް ވިދާޅުވިގޮތުގައި ކުލީސިފައިން ހަނގުރާމައިގާ ކަންތައްކުރިގޮތް ދާދިފަހުން ޢިރާޤުން އަހަރުމެންނަށް ފެނިގެން ހިނގައްޖެއެވެ. މަރަށް ބިރުން އެމެރިކާ ސިފައިން ހަނގުރާމައިގެ މައިދާނުން މަދުކޮށް ކޮންޓްރެކްޓް އުސޫލުން ހަނގުރާމަކުރުމަށް ކުލީ ސިފައިންނާ ޙަވާލުކުރީއެވެ. މިގޮތުން މީހުން ކުއްޔައް ހިފަނީ ހަމައެކަނި އެމެރިކާއަކުންނޫނެވެ. އަފްޣާނިސްތާނުގެ މީހުންވެސް ކުއްޔަށް ހިފަނީއެވެ. ކުލީ ސިފައިން ހަނގުރާމަ ކާމިޔާބުކޮށް އަފްޣާނިސްތާނުގެ ސިޔާސީ މަޤްޞަދުތައް ކުރިއަށް ގެންގޮސްފާނެކަމަށް އަހަރެމެންނަށް ގަބޫލު ކުރެވޭނަމަ މިއީ ވަރަށް ނުރައްކާތެރިކަމެއްކަމަށާ މީގެ މާނައަކީ ގިނަ ފައިސާ ހުރި ފަރާތަކަށް ގިނަ ސިފައިން ކުއްޔަށްހިފާ ހަނގުރާމަތައް ކާމިޔާބުކޮށް ގިނަ ބިންތަކެއް އަޅުވެތިކުރުމުގެ ފުރުޞަތު ބޮޑުވާނެކަމަށެވެ.

މިހާރު ޠާލިބާނުންނާ ދެކޮޅަށް އެމެރިކާއާ ނޭޓޯއިން އަފްޣާނިސްތާނުގައި ހިންގާ ހަނގުރާމައިގެ ކަންތައް ދާނެގޮތަކާމެދު ފެނިވަޑައިގަންނަނީ ކޮންގޮތަކަށްތޯ އަލްޖަޒީރާއިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޙާމިދު ގުލް ވިދާޅުވީ އެމީހުން ބޭނުންވާގޮތަކަށް ކަންތައްތަކެއް މިހަނގުރާމައަކު ނުދާނެކަމަށެވެ. އަދި ހީފުޅުވަނީ މިހަނގުރާމައަކީ 'ލޯ ދޮވުމެއް'ކަމަށެވެ. މިހަނގުރާމައިގާވަނީ އެމެރިކާ ފަޅިއަށްއޮތް ސިޔާސީ ބޭނުންތަކެއްކަމަށާ އަދި އަފްޣާނިސްތާނުފަޅިއަށް އެއްވެސް އެއްޗެއްނެތްކަމަށެވެ. އެމީހުން ބުނަމުންއަންނަނީ އެމީހުން އަފްޣާނިސްތާނުގެ ރައްޔިތުން ޙިމާޔަތްކުރަނީ ކަމުގައެވެ. ނަމަވެސް ޙަގީގަތުގައި ވަރަށް ނުބައި މޫސުމެއްގައި އަފްޣާން ރައްޔިތުން އެމީހުންގެ ގެތަކުން ބޭރުކުރަނީކަމުގައި އޭނާ ވިދާޅުވިއެވެ. އެއްވެސް ހުރަހެއްނެތި ފިނިކަންގަދަ ވައި ގަދައަށް ޖެހޭ، މޫސުމީ ގޮތުން މިހާނުބައި ދުވަސްވަރެއްގައި އެމެރިކާއިން މިހަނގުރާމަ ފެށުމުން އަފްޣާނިސްތާނުގެ ޢާއްމުން ގެދޮރު ދޫކޮށް ދާންޖެހުމުގެ ސަބަބުން ބިކަވާނެކަމަށާ މިފަދަ ޙާލަތެއްގައި އެމެރިކާއިން ލިބިގަންނަން ބޭނުންވަނީ ކޮންއެއްޗެއްކަން އެނގިވަޑައިނުގަންނަވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނަށް މިދަނޑިވަޅު އަފްޣާނިސްތާނު މުހިއްމުވަނީ ކިހާވަރަކަށްތޯ ދެންނެވުމުން ޙާމިދު ގުލް ވިދާޅުވީ، ޕާކިސްތާނުން ރަޙްމަތްތެރި އަފްޣާނިސްތާނެއް ބޭނުންވާކަމަށާ އިންޑިޔާއިން ޕާކިސްތާނު ޚަރާބުކުރުމަށްޓަކައި މަސައްކަތް ކުރާކަމަށެވެ. އަދި ޕާކިސްތާނުގެ ޠާލިބާނުންނަށް އިންޑިޔާއާ އިސްރާއީލްގެ ޖާސޫސީއިދާރާ މޮސާޑްއިން އެހީތެރިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވިގޮތުގައި އެއީ އެމީހުން ބޭނުންވާ ޙަމަލާތައް ޠާލިބާނުންލައްވާ ޕާކިސްތާނުގައި ހިންގުމަށްޓަކައެވެ. އަދި ޕާކިސްތާނުގައި މޮސާޑް ވަރަށް ޙަރަކާތްތެރިއެވެ. އަދި އެމީހުން ޕާކިސްތާނުގެ ޖާސޫސީ އިދާރާއަށް ބޭނުންވާ ފަންނީ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދީ އެހީތެރިވެދެއެވެ. އެހެންކަމުން ޕާކިސްތާނަށް އެގައުމުގެ ފަހަތް ރައްކާތެރިކުރަން އެބަޖެހެއެވެ. ދެދިމާލަކުން އެއްފަހަރާ ހަނގުރާމަކުރުމަކީ އެއްވެސް ގައުމަކަށް ވެވޭނެކަމެއްނޫން ކަމުގައި އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ހާމިދު ގުލް ވިދާޅުވިގޮތުގައި .....

(ނުނިމޭ)

ގުޅުންހުރި

1 ޚިޔާލު

  1. މުސްތަޤްބަލަކީ ޠާލިބާނުން – ޙާމިދު ގުލް (2 ވަނަ ބައި – ފަހުބައި) | Dhi Islam :

    މުސްތަޤްބަލަކީ ޠާލިބާނުން – ޙާމިދު ގުލް (1 ވަނަ ބައި…

Your email address will not be published. Required fields are marked *

More in އޭޝިއާ