ކޮލަމިސްޓްޝަޚުސިއްޔަތު

އުސައިދް ބުނުލްޚުޟައިރް ( ފަހު ބައި )

ކޮންމެއަކަސް އުސައިދް އޭނާގެ ކަނޑި ހިފައިގެން އެބަގީޗާއާއި ދިމާލަށް ދިޔައެވެ. އަސްޢަދް ބުން ޒުރާރާއަށް އުސައިދް ފެނުމާއި އެކު މުޞްޢަބް ބުން ޢުމައިރްއަށް ދެންނެވިއެވެ:

"އޭ މުސްޢަބް އެވެ. އޯގާތެރިވެ ވަޑައިގަންނަވާށެވެ. މިހިރަ ވަޑައިގަންނަވަނީ އެކަލޭގެފާނުގެ ރަށުގެ ބޮޑުންގެ ތެރޭން ބޭކަލެކެވެ. އަދި އެމީހުންގެ ތެރޭގައި ހުރި އެންމެ ބުއްދި ރަނގަޅު، އެންމެ ބަސްމޮށުންތެރި މީހާކަމުގައިވާ އުސައިދް ބުނުލް ޚުޟައިރްއެވެ. އޭނާ އިސްލާމްވެއްޖެނަމަ އެތައް ބަޔަކު އޭނާއާއިއެކު އިސްލާމް ވާނެއެވެ. އޭނާއާއިމެދު ﷲއަށް ތެދުވެރިވާށެވެ. އަދި އޭނާއަށް ވަރަށްވެސް ރިވެތިކޮށް އިސްލާމްދީނަށް ދަޢުވަތު ދެއްވާށެވެ."

އުސައިދް ބުނުލް ޚުޟައިރް އެތަނަށް ވަޑައިގެން، އެމީސްތަކުންގެ މެދުގައި ހުންނަވައި މުޞްޢަބް ބުން ޢުމައިރްއާއި އަސްޢަދު ބުން ޒުރާރާއާއި ދިމާލަށް އެނބުރި ބުންޏެވެ. "ކަލޭމެން ދެމީހުން އަހަރުމެންގެ ގެދޮރަށް އައިސް، އަހަރެމެންގެ ތެރޭގައި ތިބި ބަލިކަށި މީސްތަކުން މަގުފުރައްދަން ތިއުޅެނީ ކީއްކުރަންހެއްޔެވެ؟ ކަލޭމެން ދެމީހުންގެ ނަފްސު ރައްކާތެރިކުރުމަށް އެދޭކަމުގައިވާނަމަ ހަމަމިހާރު މިއަވަށުން ނުކުމެގެން ދާން އުޅޭށެވެ."

އެހިނދު އީމާންކަމުގެ ނޫރުން އަލިވެފައިވާ މުޞްޢަބް ބުން ޢުމައިރްގެ މޫނު، އުސައިދްއާއި ދިމާލަށް ކުރިމަތިލައްވަމުން ތެދުވެރިކަމާއި އެކު ވިދާޅުވިއެވެ. "އޭ މިރަށުގެ ބޮޑުމީހާއެވެ. ތިބާއަށް އެޔަށްވުރެ ހެޔޮ ރަނގަޅު ގޮތެއް ނެތް ހެއްޔެވެ؟" ދެން އުސައިދް ދެންނެވިއެވެ. "ކޮންގޮތެއް ހެއްޔެވެ؟"

މުޞްޢަބް ވިދާޅުވިއެވެ. "އަހަރެމެންނާއި އެކު މިތަނުގައި އިށީނދެލައި އަދި އަހަރުމެން މިދައްކާ ވާހަކަތަށް އަޑު އައްސަވާށެވެ. އަހަރެމެން މިދައްކާ ވާހަކަތަކަކީ ތިބާ ރުހޭ ވާހަކަތަކެއްނަމަ ތިބާ ޤަބޫލު ކުރާނީއެވެ. އަދި އެއީ ތިބާ ނުރުހޭ ވާހަކަތަކެއްނަމަ އަހަރެމެން މިތަން ދޫކޮށް ދާނަމެވެ. އަދި ދެން އެނބުރި ނާންނާނަމެވެ."

އުސައިދް ދެންނެވިއެވެ. "ތިޔަވިދާޅުވި ގޮތަކީ ވަރަށް އިންސާފުވެރި ގޮތެކެވެ." ދެން އެމަޖިލީހުގައި އިށީނދެވަޑައިގެންފިއެވެ.
އެޔާއިއެކު މުޞްޢަބް ބުން ޢުމައިރް އިސްލާމްކަމަކީ ކޮބައިކަން ބަޔާންކޮށްދެއްވާ އަދި ކީރިތި ޤުރުއާނުން ބައެއް އާޔަތްތައް ކިޔަވާ ވިދާޅުވިއެވެ. މިބަސްތައް އަޑުއިވިވަޑައިގަތުމާއިއެކު އުސައިދްގެ ހިތް ހުޅުވިގެން ދިޔައެވެ. އަދި ވިދާޅުވިއެވެ. "ތިޔަ ވިދާޅުވީ ހާދަހާވާ ފުރިހަމަ ބަސްތަކެކެވެ."

އަދި ތިޔަ ކިޔަވާ ވިދާޅުވީ ހާދަހާވާ މަތިވެރިވެގެންވާ ބަސްފުޅު ތަކެކެވެ. ތިޔަބައިމީހުން އިސްލާމްވާނަަމަ ކަންތައްކުރަނީ ކިހިނަކުން ތޯއެވެ؟"
އެބޭކަލުން ދެންނެވިއެވެ. "ހިނައިގަނެ އަދި ތިބާގެ ފޭރާން ޠާހިރު ކުރާށެވެ. އަދި
أشهد أن لا إلـه إلاّ الله وأن محمدا رسول الله
މިފަދައިން ކިޔާ ހެކިވާށެވެ. އަދި ދެރަކްޢަތް ނަމާދެއް ކުރާށެވެ.

ދެން އުސައިދް އެވަޅުގެ ކައިރިއަށް ގޮސް އޭގެ ފެނުން ހިނައި ޠާހިރުވެގަނެ އަދި ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްވެ ވަޑައިގެން ދެރަކްޢަތް ނަމާދެއް ކުރެއްވިއެވެ. ކޮންމެއަކަސް އެޔަށްފަހު އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ މަތީގައި ވަރުގަދައަށް ޘާބިތުވެވަޑައިގެން ޤުރުބާންވެ ވަޑައިގެންނެވި ބޭކަލެއްކަމުގައި އެކަލޭގެފާނު ވިއެވެ. އަދި އެކަލޭގެފާނު އިސްލާމްވެ ވަޑައިގަތުން އެއީ ސަޢުދު ބުން މުޢާޒް އިސްލާމްވެ ވަޑައިގަތުމުގެ ސަބަބެއްކަމުގައި ވެސް ވެގެން ދިޔައެވެ.

އަދި އެދެބޭކަލުން އިސްލާމްވެ ވަޑައިގަތުމާއި އެކު އަވްސް ވަންހައިގެ ވަރަށްގިނަ ބަޔަކު އިސްލާމްދީން ޤަބޫލުކޮށް މިދީނުގެ މަތިވެރި ހިދާޔަތަށް އެނބުރިގެން ދިޔައެވެ. އަދި އެބޭކަލުންގެ އެހީތެރިކަމާއިއެކު ކީރިތި ނަބިއްޔާ ހިޖުރަ ކުރެއްވުމަށްޓަކައި ރައްކާތެރި އަަމާން ތަނެއްކަމުގައި މަދީނާ ވެގެންދިޔައެވެ.

ނިމުނީ

 

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *