ކޮލަމިސްޓް

ޓައިމްސް މަޖައްލާގެ ކަވަރުގެ ސަބަބުން ބުޑިސްޓުން ރަތަށް!

ޓައިމްސް މަޖައްލާގެ ޖުލައި މަހުގެ އަދަދުގެ ސަބަބުން ބުޑިސްޓުން ރަތަށް އަރާފައިވަނީ އެއަދަދުގެ ކަވަރުގައި މިޔަންމާގެ އިސް ހާމުދުރެއް ފޮޓޯ ޖަހާފައި "ދަ ފޭސް އޮފް ބުޑިސްޓް ޓެރާރ" މިހެން ޖަހާފައިވާތީއެވެ. ޓައިމްސް މަޖައްލާގެ އެއަދަދުގައި ބަލާލާފައިވަނީ މިޔަންމާގެ މުސްލިމުންނާ ދެކޮޅަށް ބުޑިސްޓު ހާމުދުރުން އިސްވެ ތިބެ ހިންގަމުންދާ ޓެރަރިސްޓް ހަމަލާތަކުގެ އަޑީގައި ތިބި މީހުންގެ ވާހަކަތަކެވެ. އަދި މުސްލިމުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކަށް އަލިއަޅުވާލާ "ބުޑިސްޓުންނަކީ ޓެރަރިސްޓުން"ކަމަށް ވަނީ އެމަޖައްލާގައި ސިފަކޮށްފައެވެ. އަދި އެޓެރަރިސްޓް ހަމަލާތަކުގެ އަޑީގައި ހުރީ ފޮޓޯގައިވާ ހާމުދުރުކަމަށް ބުނެފައިވެއެވެ.

ޓައިމްސް މަޖައްލާ ނުކުތުމާއި އެކު ދުނިޔޭގެ ކަންކޮޅުތަކުގެ ބުޑިސްޓުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެ މަޖައްލާގެ ކަވަރާއި މެދު ހިތްހަމަ ނުޖެހުން ފާޅުކުރަމުންދާ މީހުން ބުނަމުންދަނީ މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ބުޑިސްޓުންގެ ދީން ބަދުނާމު ނުކުރެވޭނެކަމަށެވެ. އަދި އެމަޖައްލާގައި ބުނާ ހާމުދުރު ދިފާއުކޮށް ބުޑިސްޓުން ވާހަކަ ދައްކަމުންދާއިރު ޝޯޝަލް ނެޓްވޯކްގައި ޓައިމްސް މަޖައްލާ 'ބޮއިކޮޓް'ކުރުމުގެ ކެމްޕޭނެއްވެސް ވަނީ ފަށާފައެވެ.

ޓައިމްސް މަޖައްލާގެ ކަވަރު ލިޔުމާއި ބެހޭ ގޮތުން ހާމުދުރު ބުނެފައިވަނީ އެކަމަކީ ހައްދު ފަހަނައަޅާފައިވާ މުސްލިމުން އޭނާގެ އަގު ވައްޓާލަން ކުރި ކަމެއް ކަމަށެވެ. އެހެނަސް މިޔަންމާގައި ހާމުދުރުން އިސްވެ ތިބެ ހިންގަމުންދާ ހަމަނުޖެހުންތަކުގައި އެހާމުދުރު ފާޅުގައި ހިތްވަރުދީ އެކަން ކުރުވާކަމަށް އެތައް ބަޔަކު ދަނީ ފާޅުގައި ބުނަމުންނެވެ.

ބުޑިސްޓުންގެ ނުރުހުން ޓައިމްސް މަޖައްލާއަށް އަމާޒުވެފައިވާއިރު ޖުލައި މަހުގެ އަދަދު މިޔަންމާގައި ބޭނުންކުރުން މިޔަންމާ ސަރުކާރުންވަނީ ރަސްމީކޮށް މަނާކޮށްފައެވެ. ބުޑިސްޓުންނަކީ ޓެރަރިސްޓުންގެ ގޮތުގައި ސިފަކޮށްފައިވާތީ ޓައިމްސް މަޖައްލާ އިން އެކަން އިސްލާހު ކުރަންޖެހޭކަމަށް އެކަމާއި ނުރުހުން ފާޅުކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ޓަރަރިޒަމްގެ އަމަލު ނުހިންގާ ކަމަށާއި ބުޑިސްޓުންނަކީ ސުލްހަވެރި ބައެއްކަމަށް އެމީހުން ބުނަމުންދިޔަނަމަވެސް ހިޔުމަން ރައިޓްސް ވޮޗް އިން ދާދިފަހުން ނެރެފައިވާ ރިޕޯޓްގައި ވަނީ ރޮހިންގްޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދަނީ ނަސްލު ނައްތާލުމުގެ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއްކަމަށާއި އެމީހުންނާ ދެކޮޅަށް ގަތްލުޢާންމުތައް ހިންގައި އެތަށް ސަތޭކަ ރޮހިންގްޔާ މުސްލިމުން މަރައި އެމީހުންގެ ހަށިތައް ބޮޑެތި ކައްވަޅުތަކުގައި ވަޅުލާފައިވާކަމަށެވެ. އަދި ހަރުކަށި ބުޑިސްޓް ޖަމާއަތްތަކުން ރޮހިނގްޔާ މުސްލިމުންގެ އަވަށްތަކުގައި ހުޅުޖަހައި ގެދޮރާއި މުދާތައް އަންދާލާފައިވާކަމަށާ ރޮހިންގްޔާ މުސްލިމުންގެ އެތައް ހާސްބަޔަކު އެމީހުންގެ ވަޒަނުން ބޭރުކޮށްލާފައިވާ ކަމަށް ވެސް މިރިޕޯޓް ބުނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *