މި މައުޟޫއަކީ މިހާރަކަށް އައިސް ވަރަށް ފޯރީގައި ވާހަކަދައްކަމުންދާ މައުޟޫއެކެވެ. އެއްކޮޅުން މި ބިލަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެންވާ އެންމެހާ ޙައްދުތައް ކަށަވަރުކުރާ ބިލެއްކަމަށް ބުނަމުންދާއިރު އަނެއްކޮޅުން ބުނަމުންދަނީ އެއީ އިސްލާމީ ޝަރީޢަތާ ފުށުއަރާ އެތައް މާއްދާ ތަކެއްގެ މައްޗަށް އެކުލެވޭ ބިލެއް ކަމުގައެވެ. އަދި މަކަރުވެރި ރޭވުމަކުން އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙުކުމްތައް އެއްފަރާތްކުރުމަށް މަސައްކަތް ކުރާ ބިލެއްކަމަށެވެ. މިތަނުގައި މިބަލާލަނީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙައްދުތައް މި ބިލުގައި ކަށަވަރު ކުރެވިފައިވަނީ ކިހާވަރަކަށް ތޯއެވެ.
ޙައްދުތަކުގެ ވާހަކަދެއްކުމުގެ ކުރިން ޙައްދުގެ މާނައަކީ ކޮބައިކަން ބަލާލުން ހުއްޓެވެ. ކުށުގެ ތެރެއިން ބައެއް ކަންކަމަށް އިސްލާމީ ޝަރީޢަތުގައިވަނީ ވަކި އަދަބެއް ކަނޑައަޅުއްވާ ލާޒިމް ކުރައްވާފައެވެ. އެބަޔަށް މިކިޔަނީ ޙައްދުތަކެވެ. އަނެއްބައި ކުށްތަކަކީ އެކުށަށް ވަކިމިންވަރެއް ކަނޑައަޅުއްވާފައި ނުވާ ކުށްތަކެވެ. މިފަދަ ކުށްތަކަށް ދޭނެ އަދަބު ކަނޑައެޅުމުގައި ޤާޟީއަށް ވަނީ އިޚްތިޔާރު ދެވިފައެވެ. މިފަދަ ކުށްތަކަށް އަދަބު ކަނޑައެޅުމުގައި ބަލަންޖެހޭ މިންގަނޑާއި އުޞޫލުތައް އިސްލާމީ ޝަރީޢަތުގައިވަނީ ބަޔާންކުރައްވާފައެވެ. މިބާވަތުގެ އަދަބަށް ކިޔަނީ ތަޢުޒީރީ އަދަބެވެ.
ޙައްދުތައް އެއީ ބަދަލު ކުރެވޭނެ އެއްޗެއް ނޫނެވެ. ނަމަވެސް ތަޢުޒީރީ އަދަބުތަކަކީ ތަނާއި ޒަމާނާއި މީސްތަކުންގެ ތެރޭގައި އެކުށް ކުރާމީހުންގެ ނިސްބަތާއި އެ ކުށުން އިންސާނީ މުޖުތަމަޢަށް ކުރަމުންދާ ގެއްލުމުގެ ބޮޑުކުޑަމިނަށް ބަލައި، އިސްލާމީ ޝަރީޢަތުގެ މައިގަނޑު އުޞޫލުގެ ދަށުން ބަދަލުވަމުންދާނެ ކަންކަމެވެ.
ޙައްދުގެ އިޞްޠިލާޙީ މާނައަކީ މާތް ﷲ ގެ ޙައްޤެއްވިޔަސް ނުވަތަ އަޅުންގެ ޙައްޤެއްވިޔަސް އެކަމަށް ޝަރުޢީގޮތުން ކަނޑައަޅާފައިވާ ޢުޤޫބާތެކެވެ.
އިސްލާމް ދީނުގައި ޙައްދު ކަނޑައެޅިފައިވާ ކަންކަން:
1- ޒިނޭގެ ޙައްދު
2- ޤަޛުފުގެ ޙައްދު
3- ވައްކަމުގެ ޙައްދު
4- ޙަރާބާ ނުވަތަ މަގުފޭރުމުގެ ޙައްދު
5- ރަލުގެ ޙައްދު
6- ޤިޞާސްގެ ޢުޤޫބާތް
7- މުރުތައްދުވުމުގެ ޢުޤޫބާތް
ބައެއް ޢިލްމުވެރިން البغي( ބަޣާވާތްކުރުން) އިތުރުކޮށް އަށެއް ކަމަށް ވިދާޅުވެފައި ވެއެވެ.
މިގޮތުން ފުރަތަމަ ބަލާލާނީ ޒިނޭގެ ޙައްދަށެވެ.
ޤާނޫނުލް ޢުޤޫބާތުގެ ޑްރާފްޓުގައި ޒިނޭގެ ވާހަކަ ބަޔާންކޮށްފައިވަނީ 411 ވަނަ މާއްދާގައެވެ.
1- މި މާއްދާގެ ދަށުން ޒިނޭގެ އަދަބުގެ ގޮތުގައި ބަޔާންކޮށްފައިވާ ޙައްދަކީ 100 އެތިފަހަރުން ޖެހުމެވެ. އެއީ މުޙްޞަނަކަށް ވިޔަސް އަދި ޣައިރު މުޙްޞަނަކަށް ވިޔަސް މެވެ. ޣައިރު މުޙްޞަނަކު ޒިނޭކޮށްފިނަމަ އެމީހަކަށް ދިނުމަށް އިސްލާމީ އުންމަތް އިޖުމާޢުވެފައިވާ އަދަބުކަމުއިވާ ރަޖަމް ކުރުމުގެ އަދަބު މި ބިލުގައި ހިމަނާފައެއް ނެތެވެ.
2- މުޙްޞަނުންނާއި ޣައިރު މުޙްޞަނުންގެ މަފްހޫމު މިބިލުގައިވަނީ އިސްލާމީ ޝަރީޢަތުގައި އައިސްފައިވާ މާނަ ދޭހަވާފަދަ ޢިލްމީ ނުވަތަ ޖާމިޢު އަދި މާނިޢު ޢިބާރާތަކުން ނޫނެވެ. އަދި އެ ތަފާތުކުރުމުގެ ޝަރުޢީ މަޤްޞަދެއްވެސް މިބިލަކުން ޙާޞިލެއް ނުވެއެވެ.
3- 100 އެތިފަހަރުން ޙައްދު ލާޒިމު ކުރާ މިންވަރަށް ޒިނޭގެ ކުށް ސާބިތުވާނީ މިބިލުގައި ބުނާގޮތުން 4 ހެކިންގެ ހެކި ބަހުންނާއި ދެމީހުންގެ އިޢުތިރާފުންނެވެ. މިނޫން ގޮތަކުން ޙައްދު ޖަހަން ޖެހޭ މިންވަރަށް ޒިނޭގެ ކުށް ޘާބިތެއް ނުވާނެއެވެ.
4- މާތް ނަބިއްޔާ صلى الله عليه وسلم ޒަމާނުގައި ހިނގި ޒިނޭގެ ޙާދިޘާތަކަށް ބަލާއިރު މާއިޒް رضي الله عنه ގެ ޙާދިޘާ އާއި، ޣާމިދިއްޔާ رضي الله عنها ގެ ޙާދިޘާއާއި، ކުއްޔަށް މަސައްކައްކުރި މީހާކު މީހެއްގެ އަންބަކާ އެކު ޒިނޭ ކުރިކަމަށް އިޢުތިރާފުވުމުން ކީރިތި ރަސޫލާ صلى الله عليه وسلم ޒިނޭގެ ޙައްދު ތަންފީޛު ކުރުމަށް ޙުކުމް ކުރެއްވީ ހަމައެކަނި އެމީހެއްގެ އިޢުތިރާފަށް ބަލައެވެ. އޭނާ ޒިނޭކުރީ ކާކާއެކުތޯއެއް ނާއްސަވައެވެ. އިސްވެ ބަޔާންކުރެވުނު 3 ހާދިޘާގެ ތެރެއިން އެންމެފަހުން ބަޔާންކުރެވުނު ޙާދިޘާގައި އަންހެން މީހާ ގާތު އެހުމަށް މީހަކު ފޮނުއްވެވީ ދަޢުވާގައި އެ އަންހެން މީހާގެ ވާހަކަ ބަޔާން ކުރުމުންނެވެ. ނަމަވެސް އަންހެން މީހާ ގާތު އެހުމަށް މީހަކު ފޮނުއްވީ އިޢުތިރާފުވި ފިރިހެން މީހާގެ ގައިގަ ޙައްދު ޖެހުމަށް ޙުކުމް ކުރެއްވުމަށް ފަހުއެވެ. މިކަމުން ދޭހަވާ ކަމަކީ އަނެކާގެ އިންކާރަކުން އިޢުތިރާފުވި މީހާގެ މައްޗަށް ކުރާ ޙުކުމަކަށް އަސަރެއްނުކުރާނެ ކަމެކެވެ. މިއާ ޚިލާފަށް އައިސްފައިވާ ކޮންމެ ވާހަކައަކީ ބުޚާރީއާއި މުސްލިމުގައި ވާރިދުވެގެން އައިސްފައިވާ ޞައްޙަ ޙަދީޘްތަކާ ޚިލާފަށް ބުނެވޭ ބަހެކެވެ. އެއީ އިތުބާރު ކުރެވޭނެ ބަހެއް ނޫނެވެ.
5- 4 ވަނަ ނުކުތާގައި ބަޔާންކުރެވިފައިވާ ގޮތް އެއީ އިސްލާމް ދީނުން ޞައްޙަމަގުން ސާފުވެ ފެންނާން އޮތް ގޮތްކަމުގައި ވީނަމަވެސް މި ބިލުގައި ބުނާގޮތުން އަންހެނަކު ޝަރީޢަތުގެ މަޖިލީހުގައި ވަކިމީހަކާ އެކު ޒިނޭކުރިކަމަށް އިޢުތިރާފު ވިޔަސް އެ ތުހުމަތު ކުރެވުނު ފިރިހެން މީހާ އެކަމަށް އެއްބަސް ނުވާނަމަ ޙައްދު ޖެހުމުގެ އަދަބު އަންހެނާއަށް ނުދެވޭނެއެވެ. އެ ޙާލަތުގައި އޭނާ ދާންޖެހޭނީ ޖަލު ޙުކުމެއް ތަފީޡުކުރާށެވެ! މިޙާލަތުގައި އެދެވެނީ ތަޢުޒީރީ އަދަބެކެވެ. މިބިލުގެ ނަޒަރިއްޔާ އަކީ އެއް އަހަރު ދުވަހުގެ ޖަލުހުކުމަށްވުރެ 100 އެތިފަހަރުން ޙައްދު ޖެހުމުގެ އަދަބަކީ މާބޮޑު އަދަބެއްކަމެވެ.
6- މައްސަލައިގެ ޞަރީޙަ ނައްޞު:
سهل بن سعد الساعدي - رضي الله عنه - عن النبي -صلى الله عليه وسلم {أنَّ رَجُلا أتاهُ، فأقرَّ عندهُ : أَنَّهُ زَنى بامرأةٍ ، فَسَّماها له ، فَبَعَثَ رسولُ اللَّه -صلى الله عليه وسلم- إلى المرأةِ ، فَسَألها عن ذلك ؟ فَأْنكَرَتْ أَن تَكونَ زَنَتْ ، فَجلَدَهُ الحْدَّ وتركَها} މާނައީ " سهل بن سعد ގެއަރިހުން ރިވާވެފައިވެއެވެ. ހަމަކަށަވަރުން މީހަކު ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުންގެ އަރިހަށް އައިސް ވަކި އަންހެނެއްގެ ނަން ދަންނަވައި އެ އަންހެނަކާ ޒިނޭކުރިކަމަށް إقرار ވެއްޖެއެވެ. ދެން ސަލާމާއި ޞާލަވާތްލެއްވި އިތުރު އެކަލޭގެފާނު އެ އަންހެނާގެ ކައިރިއަށް މީހަކު ފޮނުވައި އެކަނބުލޭގެ ކައިރިން އެކަމާބެހޭ ގޮތުން ސުވާލުކުރުމުން އެކަނބުލޭގެ ޒިނޭ ކުރިކަމަށް އިންކާރުކުރިއެވެ. ދެން އެ ފިރިހެނާގެ ގައިގާ حد ޖެއްސުވުމަށްފަހު އަންހެނާ ދޫކޮށްލެއްވިއެވެ." أبو داود 4466. މިއީ صحيح ޙަދީޘް އެއް ކަމަށް الشيخ الألباني ވިދާޅުވެފައި ވެއެވެ.[قال أيمن صالح شعبان] إسناده حسن صحيح :أخرجه أحمد 5/339 وقال الحاكم : " هذا إسناد صحيح ولم يخرجاه
7- މިބިލުގައިވާ ގޮތުންނަމަ އަންހެނާ ފިރިއަކު ނެތް ޙާލަތުގައި ހައްޔަރުގައި އިނދެ އެއީ އޭނާގެ އަމިއްލަ ރުހުމުގައި ކުރި ޒިނޭއެއްކަމަށް ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުވިޔަސް ޙައްދު ޖަހަންޖެހޭ މިންވަރަށް އެކުށެއް ސާބިތެއް ނުވާނެއެވެ. އެހެނީ ޙައްދު ޖަހަންޖެހޭ މިންވަރަށް ޒިނޭގެ ކުށް ޘާބިތުވާނީ މިބިލުގައި ބުނާގޮތުން 4 ހެކިންގެ ހެކިބަހުން ނުވަތަ ދެމީހުންގެ އިޢުތިރާފުން އެކަންޏެވެ.
8- ވީމާ މުޙްޞަނުންގެ ޙައްދު އެއްވެސް ގޮތަކަށް ނުހިމަނައި، ޣައިރު މުޙްޞަނުންގެ ޙައްދު ހިމަނާފައި އޮތްކަމުގައި ވީނަމަވެސް އެކަން ސާބިތުވާނެކަމަށް އިސްލާމީ ޝަރީޢަތުގައި ހުރި ދޮރުތައް ބަންދުކޮށްފައި ނުވަތަ ހަނިކޮށްފައި މި ބިލަކީ ޙައްދުތައް ތަންފީޛުކުރަން ބާރުއަޅާ ބިލެއްކަމަށް ބުނާނީ ކިހިނެއްތޯއެވެ.
ދެވަނަ ޙައްދު: ޤަޛްފުގެ ޙައްދު:
މިބިލުގެ 612 ވަނަ މާއްދާގައި ޤަޛްފުގެ ވާހަކަ ބަޔާންކޮށްފައި އެބައޮތެވެ. މިބިލުގައި ބުނާގޮތުން މި ބިލުގެ 90 ވަނަ މާއްދާގައި ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ދަށުން ހުއްދަކޮށްފައިވާ އަދަބުގެ އިތުރުން ޙައްދުޖެހުމުގެ އަދަބަކީވެސް ހުއްދަކުރެވިފައިވާ އަދަބެކެވެ. މިތަނުގައިވެސް ޙައްދުގެ ވާހަކަ އައިސްފައި އެވަނީ ހުއްދަކުރެވިފައި އެއްޗެއްގެ ގޮތުގައެވެ. ލާޒިމް އެއްޗެއްގެ ގޮތުގައެއް ނޫނެވެ. ވީމާ މިއަދަބު ކަނޑައެޅުމާއި ނޭޅުމުގެ އިޚްތިޔާރު ޤާޟީއަށް އޮތްކަމުގައި ބެލެވުމުގެ ޖާގަ އެބައޮތެވެ.
ތިންވަނަ ޙައްދު: ވައްކަމުގެ ޙައްދު
1- ކީރިތި ޤުރްއާނުގައި ބަޔާންކުރެވިފައިވާ އަތްކެޑުމުގެ އަދަބު މިބިލު ރައްޔިތުންގެ ޚިޔާލަށް ޢާންމު ކުރި އިރު ހިމަނާފައެއް ނުވެއެވެ.
2- ވައްކަމުގެ ކުށުގެ ވާހަކަ ބަޔާންކޮށްފައިވަނީ މިބިލުގެ 210 ވަނަ މާއްދާއިން 216 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކުރެވިފައި ހުރިހާ ކުށަކީ އެއްކުށެއްގެ ގޮތުގައެވެ. ނަމަވެސް އިސްލާމް ދީނުގައި ޙައްދު ކަނޑައެޅިފައިވަނީ ވަކިކަހަލަ ޝަރުޠުތަކެއް ފުރިހަމަވާ ވައްކަމުގައެވެ. މިބިލުގައި ޙައްދު ލާޒިމުކުރާ ކުށްތަކާއި ޙައްދު ލާޒިމު ނުކުރާ ކުށްތައް ވަނީ އެއްކޮށްފައެވެ. މިގޮތުން، 210 ވަނަ މައްދާގައި ބަޔާން ކުރަނީ"ވައްކަމުގެ ހުރިހާ ކުށަކީ އެއް ކުށަކަށް ހެދުން" މިހެންނެވެ.
3- މި އުޞޫލުގެ ދަށުން،211 ވަނަ މާއްދާގައިވާ: އެއްޗެއް ނަގައިގެން ވައްކަން ކުރުމާއި، 212 ވަނަ މާއްދާގައިވާ: އޮޅުވާލައިގެން ވައްކަން ކުރުމާއި، 213 ވަނަ މާއްދާގައިވާ: ބިރުދައްކައިގެން ވައްކަން ކުރުމާއި، 214 ވަނަ މާއްދާގައިވާ: ޚިދުމަތުން ވައްކަން ކުރުމާއި، 215 ވަނަ މާއްދާގައިވާ: ތިމާއާ ހަވާލުކުރެވިފައިވާ ފައިސާ އަނބުރާ ނުދިނުމުން ކުރެވޭ ވައްކަމާއި، 216 ވަނަ މާއްދާގައިވާ: ގެއްލިފައިވާ މުދަލުން ނުވަތަ ބަހައްޓަންވީ ތަންނޫން ތަނުގައި ބެހެއްޓިފައިވާ މުދަލުން ނުވަތަ އޮޅިގެން ރައްދުކުރެވޭ މުދަލުން ވައްކަންކުރުމުގެ ކުށް މިއީ ހައްތަހާވެސް އެއްގޮތަކަށް ދަރަޖަކުރެވޭ ކުށެވެ. އަދި މިބިލު ބުނާގޮތުން މިއީ ހައްތަހާވެސް ވައްކަމެވެ.
4- މިގޮތުން 210 ގެ (ށ) ގައި ބުނެފައިވަނީ"211 ވަނަ މާއްދާއިން 216 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮށްފައިވާ ކުށުގެ ޢަމަލު ދަރަޖަ ކުރެވެނީ އަންނަނިވި ގޮތުގެ މަތިންނެވެ.
1- މުދަލުގެ އަގު 500،000 ރުފިޔާއަށްވުރެ މަތިވާނަމަ އެކުށަކީ ޖިނާޔަތުގެ ތިންވަނަ ދަރަޖައިގެ ކުށެކެވެ.
5- ވީމާ މިބިލުގެ ދަށުން ވައްކަމުގެ ކުށަކަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ 8 އަހަރަށް ޖަލަށް ލުމެވެ. އެހެނީ 90 ވަނަ މާއްދާ ބުނާގޮތުން ޖިނާޔަތުގެ ތިންވަނަ ދަރަޖައިގެ ކުށަކަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ 8 އަހަރަށް ޖަލަށް ލުމެވެ.
6- މި ބިލުގައި އެވަނީ ވައްކަމާއި، ޚިޔާނާތާއި، ފޭރުމާއި މިހުރިހާކަމެއް އެއީ އެކައްޗެއްކަމަށް ހަދާފައެވެ. ނަމަވެސް އިސްލާމީ ޝަރީޢަތުގައި މިއިން ކޮންމެ ކުށަކީވެސް ވަކި ޚާއްޞަ ތަޢުރީފެއް ދެވިފައިވާ ކުށެކެވެ. އަދި މިކުށްތަކަށް ދެވޭ އަދަބުވެސް ތަފާތެވެ. މިގޮތަށް ހުރިހާ އެއްޗެއް އެއްކޮށްގެން ވައްކަމުގެ ޙައްދު ޤާއިމުކުރެވޭނެގޮތެއް އޮތް ކަމަކަށް ނުވިސްނެއެވެ.
7- ވައްކަން ކުރާމީހުންނަށް ޤުރްއާނުގައި ކަނޑައެޅިފައިވާ ޙައްދު ޤާއިމުކުރަން ޖެހޭނެކަމަށް ޤާނޫނުގައި ލިޔުނުކަމުގައިވިޔަސް، މިހާރު މިބިލު ޑްރާފްޓު ކޮށްފައި އޮތްގޮތުން އެކަން ކުރެވޭނެ ކަމަކަށް ނުފެނެއެވެ.
8- އެހެނީ މިހާރު ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުންގާ ޤާނޫނުލް ޢުޤޫބާތުގައިވެސް މިވާހަކަ ލިޔެފައި އެބަ އޮތެވެ. ނަމަވެސް ޙުކުމް ކުރެވޭ ތަނެއް ނާދެއެވެ. އަދި ޙުކުމް ކުރެވުނަސް ތަންފީޛެއްވެސް ނުކުރެވެއެވެ." މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުލް ޢުޤޫބާތުގެ ޗެޕްޓަރ1 ގެ 15 ވަނަ މާއްދާގައި ވަނީ" އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެންހުރި ޙައްދުތައް ފިޔަވައި މިޤާނޫނުގައި ބަޔާންވެގެންވާ ކޮންމެ ކުށަކަށް ދޭންވާނީ މިޤާނޫނު އެކުށަކަށް ކަނޑައަޅާ އަދަބެކެވެ." މިހެންނެވެ. ނަމަވެސް މިދީބުގައި އިސްލާމީ ޝަރީޢަތުގެ ޙައްދުތައް ގެއްލިގެން މިދަނީ މި މާއްދާ މިހެން އޮއްވައެވެ. ސަބަބަކީ މިއިން އެއްވެސް ޤާނޫނަކީ އެކަމަށް ބާރުއަޅައި ހެދިފައިހުރި ޤާނޫނެއް ނޫނެވެ. އަދި އެކަން ކުރާނެ ގޮތެއްވެސް ބަޔާންކޮށްފައެއް ނެތެވެ. އަދި މިޤާނޫނަށް ޙުކުމް ކުރަން ތިއްބެވި ގިނަ ފަނޑިޔާރުންނަކީވެސް އިސްލާމީ ފިޤްހު މާބޮޑަށް ދެނެވަޑައިގަންނަވާ ބޭފުޅުންނެއް ނޫނެވެ. ވީމާ ޤާނޫނުގައި ތަފްޞީލު ކުރެވިފައި އޮތް އެއްޗަކަށް ނޫނީ ޢަމަލު ކުރެވޭ ތަނެއް ނުފެނެއެވެ.
9- ހަމައެހެންމެ ވައްކަމުގެ މާނަ މިބިލުގައި ކުރެވިފައިވަނީ އިސްލާމީ ޝަރީޢަތާ މުޅިން ޚިލާފަށެވެ.
10- ވީމާ ޤުރްއާނުގައި ކަނޑައަޅުއްވާފައިވާ ޙައްދު އެއްފަރާތްކޮށްފައި ވައްކަމުގެ ޝަރުޢީ މާނަ މުޅިން އެހެން މަފްހޫމެއްގައި ގެނެސްފައި މިބިލުގައި ޤުރްއާނާ ފުށުއަރާ އެއްޗެއް ނުހުންނާނެޔޭ! އަދި މިބިލަކީ އިސްލާމީ ޝަރީޢަތުގެ ޙައްދުތައް ތަންފީޛުކުރުމަށް ބާރުއަޅާ ބިލެކޭ ބުނާ ބުނުމަކީ ހައިރާންވާ ކަމަކެވެ.
ހަރަތުވަނަ: ޙަރާބާ ނުވަތަ މަގުފޭރުމުގެ ޙައްދު
މާތް ﷲ ވަޙީކުރެއްވިއެވެ.{إِنَّمَا جَزَاءُ الَّذِينَ يُحَارِبُونَ اللَّهَ وَرَسُولَهُ وَيَسْعَوْنَ فِي الْأَرْضِ فَسَادًا أَنْ يُقَتَّلُوا أَوْ يُصَلَّبُوا أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُمْ مِنْ خِلَافٍ أَوْ يُنْفَوْا مِنَ الْأَرْضِ ذَلِكَ لَهُمْ خِزْيٌ فِي الدُّنْيَا وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ}{المائدة:33} މާނައީ" ﷲ އާއި، އެކަލާނގެ رسول އާ ހަނގުރާމަކޮށް އުޅޭ މީހުންނާއި، ބިމުގައި فساد ކުރުމަށް މަސައްކަތް ކޮށްއުޅޭ މީހުންގެ ޖަޒާއެއް ކަމުގައިވާކަން ކަށަވަރީ އެއުރެން މެރުމެވެ. ނުވަތަ صليب އަށް އެރުވުމެވެ. ނުވަތަ، ތަފާތުކޮށް އެއުރެންގެ އަތްފައި ބުރިކުރުމެވެ. (އެބަހީ: ކަނާތާއި، ވާތުފައި ނުވަތަ ވާތާއި، ކަނާތުފައި ބުރިކުރުމެވެ.) ނުވަތަ، ރަށުން ފޮނުވައިލުމެވެ. އެއީ އެއުރެންނަށް ދުނިޔޭގައި ހުރި ނިކަމެތިކަމެވެ. އަދި آخرة ގައި، އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ"
ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައި އެވަނީ ޙަރާބާގެ އަދަބުގެ ވާހަކައެވެ. ވީމާ ޙަރާބާ ނުވަތަ މަގުފޭރުމުގެ ކުށުގެ ތެރެއިން ކަމެއް ކޮށްފިނަމަ އެކުށަށް ދެވޭނީ މުޖުރިމުން ޖަރީމާ ހިންގި ގޮތުގެ މައްޗަށް ބަލައި އަންނަނިވި އަދަބުތަކުގެ ތެރެއިން ކޮންމެވެސް އަދަބެކެވެ.
1- މެރުން
2- ޞަލީބަށް އެރުވުން
3- އަތްފައި ޚިލާފުވާނޭ ގޮތަށް ބުރިކުރުން
4- އަރުވާލުން
ޕީނަލް ކޯޑުގެ ޑްރާފްޓުގައި މިފަދަ ކުށްތައް މާނަކުރުމާއި، އެކުށްތަކަށް އަދަބުދިނުމުގައި ބަލާފައިވަނީ ކީރިތި ޤުރްއާނުގައި ބަޔާންކުރެވިފައިވާ ގޮތާ އެއްގޮތަކަށް ނޫނެވެ. އަދި ކިއެއްތަ ބައެއް ކުށްތައް މާނަކޮށްފައިވަނީ އޭގެ ޝަރުޢީ މަފްހޫމު ގެއްލޭ ގޮތަށެވެ. މިސާލަކަށް ވައްކަމުގެ މާނަކޮށްފައިވަނީ އިސްލާމީ ޝަރީޢަތުގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް އޭގެތެރެއަށް ވައްކަމުގެ ތެރޭގައި ނުހިމެނޭ އެތައް ކަމެއް ވަދެގެންދާ ގޮތަށެވެ.
ފަސްވަނަ ޙައްދު: ބަނގުރާ ބުއިމުގެ ޙައްދު
ބަނގުރާ މުއިމުގެ ކުށުގެ ވާހަކަ މިބިލުގައި ބަޔާންކޮށްފައިވަނީ 616 ވަނަމާއްދާގެ ދަށުންނެވެ.
1- މިބިލުގައި ބުނާގޮތުން މިކުށަކީ ޖުނަޙުގެ 3 ވަނަދަރަޖައިގެ ކުށެކެވެ. 3 ވަނަ ދަރަޖައިގެ ކުށަކަށް ދެވޭނެ އެންމެބޮޑު އަދަބަކީ 3 މަސްދުވަހުގެ ޖަލު ޙުކުމެކެވެ. މީގެ އިތުރުން 40 އެތިފަހަރުން ޙައްދު ޖެހުން ހުއްދަކުރެވިގެން ވެއެވެ.
2- މި ބިލުން ދޭހަވާގޮތުން މި ކުށުގެ އަޞްލު އަދަބަކީ ޖަލުގެ އަދަބެވެ. ޙައްދު ޖެހުން އެއީ އޭގެ އިތުރުން ހުއްދަކުރެވިފައިވާ އަދަބެކެވެ. ބިލުގެ ޢިބާރާތުގައިވަނީ ހުއްދައިގެ ޢިބާރާތެވެ. ލާޒިމް ކަމެއްގެ ގޮތުގައެއް ނޫނެވެ. މި ބިލަކީ އިސްލާމް ދީނުގެ ޙައްދުތައް ތަންފީޛުކުރުމަށް ބާރު އަޅާ ބިލެއްނަމަ އިސްކަން ދޭނީ ޝަރުޢީ ޙައްދަށެވެ. އެކަން އޮންނާނީ ލާޒިމު އެއްޗެއްގެ ގޮތުގައެވެ.
ހަވަނަ: ޤިޞާޞްގެ އަދަބު:
1- މަރަށް މަރުހިފުމަށް ޙުކުމް ކުރުމާއި، މަރުގެ ވައްތަރުތަކާއި، ހަށިގަނޑަށް ކުރާއަނިޔާތަކާއި، މަރުގެ ދިޔައާއި، ގުނަވަންތަކުގެ ދިޔަ އަކީ އިސްލާމީ ޝަރީޢަތުގައި ވަރަށް ސާފުކޮށް ބަޔާންކުރައްވާފައިވާ ކަންކަމެވެ.
2- ނަމަވެސް މިބިލުގައި އިސްވެދިޔަ ކަންކަން ބަޔާންކޮށްފައިވާ ތަނެއް ނުފެނެއެވެ. ކުށުގެ އެންމެ މަތީ ދަރަޖަކަމަށް ބަޔާންކޮށްފައިވާ ޖިނާޔަތުގެ 1 ވަނަ ދަރަޖައިގެ ކުށަކަށް ދޭނެ އަދަބުގެ ގޮތުގައި 92 ވަނަ މާއްދާގެ (ހ)ގެ 1ގައި ބަޔާންކޮށްފައިވަނީ " އެއްވަނަ ދަރަޖައިގެ ޖިނާޔަތަށް (މަރު ނުވަތަ)25 އަހަރަށް ވުރެ ދިގުނޫން މައްދަތަކަށް ޖަލަށްލުން" މިއެވެ.
3- މަރުގެ ވާހަކަ ގެނެސްފައި އެވަނީ ބްރެކެޓެއްގައި އިޚްތިޔާރީ އެއްޗެއްގެ ގޮތުގައެވެ. ދެން އެއަށް ފަހު ޑްރާފްޓުގެ ފުޓް ނޯޓުގައި އެވަނީ މަރުގެ އަދަބު ޤާނޫނުގައި ބާއްވަން ނުފެންނަކަމަށް އެއްބަޔަކު ޚިޔާލު ދީފައެވެ. މިފަދަ ދަށު ދަރަޖައިގެ ކަމެއްގެ ގޮތުގައި މިކަން ބާއްވާފައި އަދި އެވެސް ނައްތާލަން ޚިޔާލު ހުށަހަޅާފައި މި ބިލަކީ އިސްލާމީ ޝަރީޢަތް ޙިމާޔަތްކުރަން ބާރުއަޅާ ބިލެކޭ ބުނާނީ ކިހިނެއްހެއްޔެވެ؟
4- އަދި މިބިލުގައި ޤަތުލުގެ ވައްތަރުތައް ބަޔާންކުރެވިފައިވަނީ އިސްލާމީ ޝަރީޢަތުގައި ޤަތުލު ބެހިގެންވާ ބައިތައް ކަމުގައިވާ ޤަތްލު ޢަމްދާއި، ޝިބްހު ޢަމްދާއި، ޤަތްލު ޚަޠާ ގެ މަފްހޫމާ މުޅިން ޚިލާފު، ޝަރުޢީ ވައްޓަފާޅިއާ ބީރައްޓެހި ގޮތަކަށެވެ.
ހަތްވަނަ ކުށް: މުރުތައްދުވުމުގެ އަދަބު:
1- މިކަމުގެ ވާހަކަ ބަޔާންކޮށްފައި ނުވާކަމީ ޚަބަރުތަކުންވެސް ޢާންމުނަށް އެނގިފާޅުފެވައި ވާނެ ކަމަކެވެ. އެހެނީ އެކަން ބިލުގައި ލިޔަން އުޅޭ ވާހަކަ އިވުމުން ފުރަތަމަ ޚިޔާލަށް ހުށަހެޅުނު ޑްރާފްޓުގައި އެވާހަކަ ލިޔެފައި ނުވާކަން ވަރަށް ރަނގަޅަށް ސާފުވެއެވެ.
އަށްވަނައީ ބަޣާވާތް ކުރުމުގެ އަދަބު:
1- ބަޣާވާތް ކުރުމަކީވެސް އިސްލާމްދީނުގައި ނުހަނު ބޮޑު ކުށަކަށް ވީހިނދު އެކުށަށް އަރައިގަންނަ މީހުންނަށް ދޭނެ އަދަބާއި، އެކަމުގެ ތެރޭގައި މަރުވާމީހުންނާއި ހަލާކުވާ މުދަލުގެ މައްސަލަތަކަކީ އިސްލާމްދީނުގައި ވަރަށް ސާފުކޮށް ބަޔާންކުރައްވާފައިވާ ކަންކަމެވެ. ނަމަވެސް އިސްލާމީ ޝަރީޢާގެ މަފްހޫމުގައި މިކަންކަމުގެ ޙުކުމްތައް މިބިލުގައި ބަޔާންކޮށްފައިވާތަނެއް ނުފެނެއެވެ.
މިތަނުގައި މި ހާމަކޮށްލީ މި ބިލުގައި ބަޔާންކުރެވިފައިވާ ކަންކަންކަމުގެ ތެރެއިން ވަރަށް މަދު ޚުލާޞާ ވާހަކަކޮޅެކެވެ. ބިލުގެ ޢިބާރާތްތަކުގައި ހުރި ޝަރުޢީ އަދި ޤާނޫނީ ނުކުތާތަކަށް ބަލާނަމަ ލިޔަންހުރި ވާހަކަ މާގިނައެވެ.
ވީމާ އިސްވެ ބަޔާންކުރެވު ކުރު ޚުލާޞާއިން އެނގި ސާފުވީ މި ބިލަކީ އިސްލާމީ މަހްފޫމުތައް ދިރުވައި އިސްލާމީ ޝަރީޢަތް ނަހަގައްޓަން ބާރުއަޅާ ބިލެއް ނޫންކަމެވެ. ބިލުގެ ހުރިހާ ކަމެއް ޝަރީޢަތާ ފުށު ނޭރިކަމުގައި ވީނަމަވެސް މިބިލަކީ އިސްލާމީ ޝަރީޢާގެ ވައްޓަފާޅިއާ ބީރައްޓެހި އެއްޗެއްކަމުގައި ބުނުމަކީ ފަހަރެއްގައިވެސް ކުށަކަށް ނުވާނެއެވެ. އަދި އެފަދައިން މީހަކު ބުނެގެން އެއީ ދޮގެއްކަމަށް ހަދަންވެގެން އުޅޭނެ ޖާގައެއް އޮތްކަމުގައި ނުފެނެއެވެ.
މާތް ﷲ އަޅަމެން އެންމެންނަށް ހެޔޮވިސްނުން ދެއްވާށި! އަދި ﷲ ގެ ޙުކުމްފުޅުތަކަށް އިޚްލާޞްތެރިކަމާއެކު ޢަމަލުކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށި! އާމީން والسلام عليكم ورحمة الله وبركاته
















ޚިޔާލު