ކޮލަމިސްޓްވިޔަފާރި

އިސްލާމީ މާލީ ނިޡާމުގެ ތެރެއިން ހިއްސާގެ ބާޒާރަށް އަވަސް ނަޒަރެއް

 

އިޤްތިޞާދެއް ހިންގުމަށްޓަކައި ހަރުދަނާ މާލީ ނިޒާމަކަށް ބޭނުންވެއެވެ. ވިޔަފާރިތައް ތަރައްޤީ ކުރުމަށްޓަކައެވެ. މުޖްތަމައުގައި ފައިސާ ދައުރުކުރުމަށެވެ. ޒަމާނުއްސުރެ އަތުގައި ރައްކައު ކުރެވިފައިވީ ފައިސާކޮޅުގެ އަގު ވެއްޓުނަނުދީ ހިފެހެއްޓުމަށްޓަކައެވެ. މިގޮތުން ތަފާތު ވިސްނުންތަކާއި، ތަފާތު ފިކުރު ތަކުގެ ތެރެއިން ފީނިގެން އެތައް މިތައް މާލީ ނިޡާމްތަކެއް ދުނިޔެމައްޗަށް އުފަންވެފައި ވެއެވެ.

މިފަދަ، ޒަމާނެއްގައި އުއްމަތުގެ ޙާލާއި މުސްލިމުންނަށް ދިމަވާވެފައިވާ ދެރަނިކަމެތިކަން އިޙްސާސްވެ، މި އުއްމަތަށް އިސްލާމީ އިޤްތިޞާދީ ނިޡާމަކަށް ބޭނުންޖެހިއްޖެ ކަމުގެ އިޙްޞާސް އުފެދިއްޖެވެ. ޒަމާނީ މައްސަލަތަކާއި ގުޅޭނޭހެން، އިސްލާމީ އިޤްތިޞާދީ ނިޡާމަކާއި، މާލީ ނިޡާމެއް ބައްޓަން ކުރާނޭ ގޮތުގެ ދިރާސީ މަސައްކަތް ފެށިއްޖެއެވެ. އެގޮތުން އެއިރަކު ލިބެން ހުރި ޢިލްމަކާއި ވަޞީލަތެއް ބޭނުންކޮށްގެން މާލީ އަނދިރިކަމުގެ ތެރޭގައި އިސްލާމީ މާލީ ނިޡާމުގެ ފަނާރު ދިއްލޭތޯ މަސައްކަތް ފެށިއްޖެއެވެ. އާދެ! ޢައިރު މުސްލިމުންގެ ވިސްނުމުގެ ތެރެއިން ބޮޑުވެ ފެތެރިފައިވާ ނިޡާމެއްގެ ތެރެއިން އިސްލާމީ ނިޡާމެއް ދިރުވޭތޯ މަސައްކަތް ކުރެވެން ފެށިއްޖެއެވެ. މި ގޮތުން، އިސްލާމީ ޙިއްސާގެ ބާޒާރަކީ މިއަދު ވަރަށް ބޮޑަށް ދިރާސާކުރެވެމުން ދާއިރާއެކެވެ.

އިސްލާމީ ހިއްޞާގެ ބާޒާރަކީ އިސްލާމީ އުސޫލުތަކާއި މިންގަޑުތަކުގެ ތެރެއިން ހިއްސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރެވޭ ގޮތަށް ތައްޔާރު ކުރެވޭ ބާޒާރަކަށް ކިޔާ ނަމެކެވެ. މި ބާޒާރުގައި، ކުންފުނީގެ ހިއްސާގެ އިތުރުން، " ސުކޫކް "، އަދި އެހެނިހެންވެސް އިންވެސްޓްމަންޓް ފަންޑްތަކުގައި އިންވެސްޓް ކުރުމުގެ ދޮރު ހުޅުވާލެވިފައިވެއެވެ.

އިސްލާމީ ޙިއްސާގެ ބާޒާރެއްގައި މުޢާމަލާތް ކުރެވޭނީ އިސްލާމީ ޝަރީޢަތުގެ އަސްލުތަކާ ޚިލާފު ނުވާގޮތަށް ކުރާ ވިޔަފާރިތަކުގެ ޙިއްސާއެވެ. މިގޮތުން، މުޢާމަލާތްކުރުމަށްޓަކައި ބާޒާރަށް ދޫކުރެވޭ ހިއްސާ ވާންޖެހޭނީ ޙަލާލު މަސައްކަތަކަށް އިންވެސްޓް ކުރުމަށްޓަކައި ދޫކުރެވޭ ހިއްސާއަކަށެވެ. އަދި އެ ހިއްސާއަކުން ނަފާ ބެހިގެން ދާ ގޮތާއި، އަދި ފައިސާގެ މުއާމަލާތްތައް ހިންގާގޮތް ވެސް ހުންނަން ޖެހޭނީ އިސްލާމް ދީނުގައި ކަންޑައަޅުއްވާފައިވާ އިންސާފުވެރި އަދި ޢަދުލުވެރި ގޮތާ އެއްގޮތަށެވެ.

މީގެ އިތުރުން، ބަދަލުވުމެއް ނުވާގޮތަށް، ރައުސްމާލުގެ ވަކި އިންސައްތައެއް ލިބޭ ގޮތަށް ހިއްޞާ ބައްޓަންކޮށްގެން ނުވާނެއެވެ. އަދި ކިއެއްތަ! ވިޔަފާރީގެ ނަފާ ބެހިގެން ދާންވާނީ ވިޔަފާރީގެ ނަފާގެ މައްޗަށް ބިނާކޮށް، ބައިވެރިވި ހިއްސާދާރުންގެ ހިއްސާގެ އަދަދާ ދިމާވާނެހެނެވެ. އެ ހިއްސާދާރަކަށް ޙައްޤުވާބައި އެ ޙިއްސާދާރަށް ލިބޭ ގޮތަށެވެ. މީގެ އިތުރުން، މި ބާޒާރުގައި ރައުސްމާލު އަދި ފައިދާ ޔަޤީންކޮށް ދިނުމެއް ނުވެއެވެ. އެހެނީ، މި ބާޒާރަކީ ވިޔަފާރިކޮށްގެން ގެއްލުމާ ފައިދާގައި ބައިވެރިވާ ގޮތަށް ތައްޔާރުކުރެވޭ ބާޒާރެކެވެ.

ހަމައެއާއެކު، ކުންފުނީގެ މައިގަނޑުގޮތެއްގައި ބޭނުން ކުރެވޭ މުދަލަކީ، ހަރުމުދަލަށް ވާންޖެހެވެ. ސަބަބަކީ، ކުންފުނީގެ ރައުސް މާލުގައި ހުރީ ހަމައެކަނި ފައިސާ ކަމުގައިވާނަމަ އެ ހިއްސާއެއް މުއާމަލާތް ކުރެވެންޖެހޭނީ ގަތް އަގުގައިކަމަށް ވީތީއެވެ. އެހެނީ ޙިއްސާއިން ރަމްޒުކޮށްދެނީ ކުންފުނީގެ މުދަލުގައިވާ އޭނާގެ މިލްކިއްޔާތެވެ. މުދަލުގެ އަގު ތަފާތުކޮށް ވިއްކުން ހުއްދަވީ ކަމުގައި ވިޔަސް، ފައިސާއަކީ އޭގެ ހަމަ އަގުގައި ބަދަލު ކުރެވެން ޖެހޭ އެއްޗެކެވެ. އިސްލާމް ދީނުގައި ފައިސާ އަކީ ވިޔަފާރި މުޢާމަލާތް ކުރުމަށްޓަކައި ބޭނުން ކުރާ ވަސީލަތެކެވެ. ފައިސާ އިން ފައިސާ އިތުރުކުރުމަކީ ޝަރީޢަތުގެ އަސްލުތަކާ ފުށުއަރާކަމެކެވެ.

އިސްލާމީ ޙިއްޞާގެ ބާޒާރެއް އޭގެ ޙަޤީޤީ މާނައިގައި ތަރައްޤީ ކުރެވިއްޖެނަމަ، ފައިސާ ހުރި ފަރާތްތަކުން، ފައިސާ ބޭނުން ވެފައިވާ ވިޔަފާރި ވެރިންނަށް ނުހަނު ފަސޭހައިން އެ ފައިސާ ފޯރުކޮށްދެވޭނެ ކަމެވެ. އަދި ވިޔަފާރިވެރިންނަށް އެ ބައިމީހުންގެ ވިޔަފާރި ފުޅާ ކުރުމަށްޓަކައި ހިއްސާވާނެ ހިއްސާދާރުން ހޯދުމަށް ފަސޭހަވާނެއެވެ. މިގޮތުން، ފައިސާ މުޖްތަމައުގައި ދައުރުނުވެ ހިފެހެއްޓި އޮތުމުގެ ބަދަލުގައި ވިޔަފާރިވެރީންނަށް ވިޔަފާރި ކުރުމަށްޓަކައި ޙަލާލުގޮތުގައި އެ ފައިސާ ލިބޭނެ މަގު ފަހި ވެގެން ދާނެއެވެ. މީގެ އިތުރުން އަތުގައި ރައްކައު ކުރެވިފައިވާ ފައިސާކޮޅު ބޭނުންކޮށްގެން، ޙަލާލު ގޮތެއްގައި ވިޔަފާރިކޮށް އެކަމުން ލިބޭ ނަފާގައި ބައިވެރިވުމުގެ ދޮރު ތަނަވަސްވެގެން ދާނެއެވެ. މިކަމަކީ އިޤްތިޞާދީ ކުރިއެރުމަށް އެހީވެދީ އެކަމަށް މަގުފަހިކޮށްދޭ ކަމެކެވެ. ވިޔަފާރި ފުޅާކުރުމަށް އަދި ނަފާ އިތުރުކުރުމަށް އެޅޭނޭ މުހިންމު ފިޔަވަޅެއްމެއެވެ. މި ގޮތުން ކީރިތި ރަސޫލާއާއި، ޚަދީޖާ ރަޟިޔަﷲޢަންހާ އާ ދެމެދު ހިނގާދިޔަ ވިޔަފާރީގެ މުޢާމަލާތްތަކަށް ނަޒަރު ހިންގަވާލައްވާށެވެ. ޚަދީޖާ ރަޟިޔަﷲ ޢަންހާ އަކީ ތަނަވަސް ބޭކަނބަލެކެވެ. އެކަމަނާގެ ފައިސާ އާއި މުދާ ކީރިތި ރަސޫލާއާ ހަވާލު ކުރެއްވުމަށްފަހު ވިޔަފާރި ޤާފިލާ ފޮނުއްވިއެވެ. ނަތީޖާއަކަށް ވީ ވިޔަފާރި ތަނަވަސްވެ ދެފަރާތައްވެސް އޭގެ ފައިދާއާއި މަންފާ ކުރުމެވެ. ވުމާއެކު މިކަމުން ސާބިތުވެގެން ދަނީ އަދި އެކަމުގެ ސަބަބުން އިޤްތިޞާދަށް ފައިދާ ކުރާނެ ކަމެވެ. އަދި ހިއްޞާދާރަށާއި، ވިޔަފާރިވެރިއާއަށް އެކަމުގެ ސަބަބުން މަންފާކުރާނެކަމެވެ.

ކޮންމެއަކަސް، މައުޟޫއަކީ ވަރަށް ފުޅާ މައުޟޫއެކެވެ. އިސްލާމީ އިޤްތިޞާދެއްގެ ފައިދާއަކީ މީސްތަކުން ދެނެގަންނަން ޖެހޭނެ އެއްޗެކެވެ. މިފަދަ އިޤްތިޞާދެއް ބިނާ ކުރުމަށްޓަކައި، ގަދަ އަޅާ މަސައްކަތް ކުރަން ޖެހެއެވެ. ޝަރީޢަތުގެ ޢިލްމާ އިޤްތިޞާދީ ޢިލްމު ހޯދަން ޖެހެވެ. މިފަދަ މާލީ ނިޡާމެއް ބިނާ ކުރުމަށް ހުރި ހުރަސްތައް އެކުއެކީ ގިރާކުރަން ޖެހެއެވެ. އަދި ޙަރާމް ކުރެވިފައިވާ މުޢާމަލާތްތައް ކުރުމުން އެއްކިބާވެ، މާލިއްޔަތުގެ ނިޡާމު ޠާހިރު ކުރަންޖެހެވެ. އެހެން ނޫންކަމުގައި ވާނަމަ، މަގު އޮޅި، ގެއްލި ފަނާވެގެން ދިޔުމަކީ ނުހަނު ގާތުގައިވާކަމެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *