ކޮލަމިސްޓް

އުފާވެރި ގެވެހިދިރިއުޅުން- 4 (ފިރިހެނުންނަށް ޚާއްޞަ)

29. ތަކުރާރުކޮށް ދިމާވާކަންކަމުގެ ސަބަބުން އަނބިމީހާދެކެ އަންނަރުޅީގެ ވާހަކަ އަނބިމީހާ ގާތު ނުބުނެ ނުހުންނާށެވެ. އެއީ ތިބާގެ ޞިއްޙަތަށް ގެއްލުން ހުރި ކަމެކެވެ. ދެމަފިރިން އެކަނިވުމުން ރުޅި އައި ސަބަބާ މެދު ވާހަކަ ދައްކާށެވެ. ނަމަވެސް މިކަމާމެދު ވާހަކަ ދައްކަން ވާނީ ތިބާ ރުޅިމަޑުވެ ހަމަޖެހުމުންނެވެ. އަނބިމީހާ އެވާހަކަތައް އަޑުއެހުމަށް ޢުޒުރުވެރިވާނަމަ އެކަން ޤަބޫލުކުރާށެވެ.

ތިބާގެ ރުޅި މަޑުކުރުމަށްޓަކައި ދައްކަން ބޭނުންވާ ހުރިހާ ވާހަކައެއް ބަޔާންކޮށް ތަފްސީލީ ސިޓީއެއް ލިޔާށެވެ. އަދި ސިޓީކިޔާލުމަށްފަހު އަނބީހާޔަށް އެސީޓީ ދިނުމުގެ ބަދަލުގައި ވީދާލުމަށްފަހު ޑަސްބިނަށްލާށެވެ. އެންމެ ރަނގަޅުގޮތަކީ ދެމީހުންގެ ރުޅިވެރިކަމާމެދު ވާހަކަ ނުދެއްކުމެވެ. ނޫނި އެކަމުގެ ސަބަބުން ދެމީހުންގެ ގުޅުން ހީނަރުވެދާނެއެވެ.

ތިރީގައި މިބަޔާން ކުރާކަންތައްތަކުންވެސް ތިބާގެ ރުޅި ކޮންޓްރޯލްކުރުމަށް އެހީތެރިވެދޭނެއެވެ.

ފަރިތަކުރުން ނަމްބަރ:4
• ހަމަޖެހިލައިގެން އިށީދެލާށެވެ. އެއަށްފަހު އަނބީހާއަށް ވަރުގަދަ ސިޓީއެއްލިޔާށެވެ. އަނބިމީހާ ގާތު ދައްކަން ބޭނުން ހުރިހާ ވާހާކައެއް ސިޓީގައި ބަޔާންކުރާށެވެ. ނަމަވެސް ސިޓީ އަނބިމީހާއަށް ދީގެންނުވާނެއެވެ.
• އެއަށްފަހު އަނބިމީހާގެ ފަރާތުން ތިން މިނެޓްގެ ތެރޭގައި އެސިޓީއަށް ޖަވާބު ލިޔާށެވެ. މިސިޓީގައި ފިރިމީހާގެ ޚީޔާލުތަކަށް ޝުކުރުއަދާކޮށްފައި އޮންނަށްވާނެއެވެ. އަނބީހާގެ ކުށްޤަބޫލުކުރުމުގެ އިތުރުން މަޢާފަށްވެސް އެދެންވާނެއެވެ.
• އެއަށްފަހު ދެ މިނެޓްގެތެރޭގައި އެސިޓީގެ ޖަވާބުގައި އަނބިމީހާޔަށް މަޢާފުކުރި ވާހަކަ ލިޔާށެވެ. މިކަންތައްތައް ފުރިހަމަކުރުމުން އިރާދަކުރެއްވިއްޔާ ތިބާއަށް ހަމަޖެހުން ލިބޭނެއެވެ.

ތިރީގައި މިބަޔާންކުރާ ފަރިތަކުރުމުންވެސް ރުޅިކޮންޓްރޯލްކުރުމަށް އެހީތެރިވެދޭނެއެވެ.
• ހަމަޖެހިލައިގެން އިށީދެލުމަށްފަހު ނޫނީ އޮށޯވެލާފައި ލޯމަރާލުމަށްފަހު މުޅި ހަށިގަނޑުން ވާގިދޫކޮށްލާށެވެ. އެއަށްފަހު ފުންކޮށް 3 ނޭވައިލާށެވެ.
• ދެން އަނބީހާގެ ޚިޔާލު ހިތުތެރެއަށްގެނައުމަށްފަހު ކިޔަންބޭނުންހުރިހާ އެއްޗެއްކިޔައި ހުރިހާ ރުޅިއެއް ބޭރުކޮށްލާށެވެ. އަދި ކުރަން ބޭނުން ކޮންމެ ކަމެއްވެސް ކުރާށެވެ. އެކަންހުއްޓުވާނެ ހަމައެކަމުވެސް ނުހުންނާނެއެވެ. އަނބިމީހާ ސަލާމަތްކުރާނެމީހަކުވެސް ނުހުންނާނެއެވެ. މިހެންގޮސް އަޑުގަދަކޮށް ހަލޭވެސް ލެވިދާނެއެވެ. މިކަންކުރާއިރު ހުންނަންވާނީ އެކަނި ކޮޓަރިއެއްގައެވެ. ފަރިތަކުރުން ފުރިހަމަކުރުމުން އިރާދަކުރެއްވިއްޔާ ތިބާއަށް ހަމަޖެހުން ލިބޭނެއެވެ.

30. ދެމަފިރިއެއްނަމަ ހަޔާތުގެ ކޮންމެވެސް ހިސާބަކުން ހަމަނުޖެހުމާކުރިމަތިލާންޖެހި ދެބަސްވާންޖެހޭތަން އާދެއެވެ. މިފަދަ ދަނޑިވަޅެއް އަތުވެއްޖެނަމަ ދެބަސްވުމުގައި ދޭތެރެ މެދުކަނޑާލެވޭތޯ ބަލަންވާނެއެވެ. ނުވަތަ ވާހަކަދެކެވޭ މައުޟޫޢު ބަދަލުކޮށްލެވޭތޯވެސް ބަލަންވާނެއެވެ. އެންމެ ރަނގަޅުގޮތަކީ ހަމަނުޖެހުން ލިބެފައިން މާހައުލުދޫކޮށް އެހެންތަނަކަށްދާށެވެ. ދެބަސްވާހިނދުވެސް ޖެހިގެން އުޅޭމަސްއަލައާމެދު ވާހަކަދައްކާށެވެ. މާޒީގައި ވެފައިހުރި ކަންކަން ދެބަސްވުމުގެ ތެރެއަށް ވައްދާނަމަ އެއިރުން މަސްއަލަ އިތުރަށް ގޯސްވެގެންދާނެކަން ކަށަވަރެވެ.

31. ދުނިޔޭގައި ކޮންމެ އިންސާނަކީވެސް ކުށްކުރެވޭނޭ މީހެއް ކަންދަންނާށެވެ. ތިބާއަށް ކުށެއް ކުރެވިއްޖެނަމަ އެކުށަށް އިޢުތިރާފުވާށެވެ. ކުށަށް އިޢުތިރާފުވެވޭނީ ހިތްވަރުގަދަ މީހަކަށެވެ. ހިތްވަރުގަދަ މީހަކަށްވާށެވެ. ކުށަށް އިޢުތިރާފުވުމުން ހަމައެކަނި ރަނގަޅުވަނީކީ ގޭތެރޭގެ މާހައުއެކަންޏެއް ނޫނެވެ. އެކަމުގެ ސަބަބުން ތިބާއަށް މީހުންކުރާ ޤަަރުވެސް ބޮޑުވެގެންދާނެއެވެ.

32. ދެމަފިރިއެއްގެ ދިރިއުޅުމުގައި އެއްގޮތަކަށްވެސް އަނބިމީހާޔާ އަޅާ ބުނަންނުވާކަހަލަ ވާހަކަހުންނާނެއެވެ. މިސާލަކަށް އެއްދުވަހަކު ބޫޓު ޕޮލިސްކޮށް ނުދެވުނީމައި " ކަލޭ ދުވަހަކުވެސް ބޫޓު ޕޮލިސްކޮށެއްނުދެޔޭ! ނުވަތަ އަބަދުވެސް ކާންހަދަނީ ލަހުންނޭ " މިފަދަބަސްތައް ބޭނުންކޮށްގެން ނުވާނެއެވެ.

33. އަނބިމީހާގެ ގޯސްވާހަކަ ނުދައްކާށެވެ. ޚާއްޞަކޮށް އެހެންމީހުންގެ ކުރިމަތީގައި އެފަދަވާހަކެއެއް ނުދައްކާށެވެ. އަނބިމީހާގެ ގޯސްވާހަކަދެއްކުމުގެ ބަދަލުގައި އެހެންދިމާވާ ސަބަބު ހޯދުމަށްފަހު އެސަބުބުތައް ނައްތާލާށެވެ.

34.ތަކުރާރުކޮށް އަނބިމީހާ ރަނގަޅުވާހަކަ ބުނާށެވެ. ކިތަންމެކުޑަ ރަނގަޅުކަމެއްނަމަވެސް އެކަންފާހަގަކޮށް ތަޢުރީފުކުރާށެވެ. އަދި އެކަން ފާހަގަކޮށް އަނބިމީހާ އިސްލާޙުވުމަށް ފުުރުސަތުދޭށެވެ. މީހެއްގެ ގޯސް ވާހަކަދެއްކުމުން ތިބާއާދޭތެރޭ އެމީހެއްގެ ހިތްގޯސްވެ އަދި އެމީހަކު ތިބާއަށްޓަކައި ކޮށްދޭން ނިންމާފައިވާ ރަނގަޅު ހުރިހާކަމަކުން ދުރުވެގެންދާނެއެވެ. އަނބިމީހާޔާ ދޭތެރޭ ޢަމަލުތައް ބަހައްޓަންވާނީ ތިބާ އަނބިމީހާ ދެކެ ލޯބިވާކަމުގެ އިޙުސާސްކުރެވޭ ގޮތަށެވެ. އެއިރުން، ތިބާބޭނުން ވާގޮތަކަށް އަނބިމީހާ ބަދަލުވަމުން އަންނާނެއެވެ.

35. އަނބިމީހާގެ ހުރިބައެއް އުނިސިފަ ރަނގަޅު ސިފަޔަށްބަދަލުކޮށް މުޚާތަބުކުރާށެވެ. މިސާލަކަށް މިހިރަ، މޮޔަގަނޑާއޭ ނުވަތަ ތަންދޮރު ނުދަންނަމީހާއޭ ބުނުމުގެ ބަދަލުގައި ހީވާގި ކުޅަދާނަމާހާއޭކިޔާފަ މުޚާޠަބުކުރާށެވެ.

36. އެކަކު އަނެކަކާ ދުރުވުމުގެ ބަދަލުގައި ކައިރިވާށެވެ. ގައިގައި ބީހިލުމުން ހިތްހަމަޖެހުން ލިބޭނެއެވެ. ކޮންމެ ދުވަހަކުވެސް ދެމީހުންއެއެކުގައި ކޮންމެވެސް ކަމެއްކޮށްލާށެވެ. މިސާލަކަސް އެކުގައި ނޫސްކިޔާލާ ނުވަތަ ޚަބަރު ބަލަލާ އެކަމާމެދު ވާހަކަ ދައްކާލާހަދާށެވެ. ނުވަތަ އެކުގައި ފިލްމު ބަލާލާ ނުވަތަ އެކުގައި ވިޔަފާރިކޮށްލަންގޮސް ހަދާށެވެ. މިބުނިކަންތައްތައް ކޮށްލުމުން ދެމީހުންގެ ގުޅުން ބަދަހިވެ ހިތްހަމަޖެހުން ލިބޭނެއެވެ.

37. ހޯދި ހޯދުންތަކުން އެނގުނުގޮތުގައި ކާމިޔާބު އުފާވެރި ދިރިއުޅުމެއް، އުޅެވެނީ ދެމަފިރިން އެކަކުއަނެކަކު ރަނގަޅަށް އެނގިގެންނެވެ. މިފަދަމީހުންނަށް އެކަކު އަނެކަކު ލޯބިވާ ކަންތައްތަކާއި ނަފުރަތު ކުރާކަންތައްތައް އެނގެއެވެ.

ތިބާގެ އަނބިމީހާގެ އެފަދަ ކަންތައްތައް އެނގޭހެއްޔެވެ. މިސާލަކަށް އެނާބޭނުންވާ ކަންކަމާއި ތިމާގެ މީހުންނާއި ނުވަތަ އޭނަގެ އުފަންދުވަސް އެނގޭހެއްޔެވެ. ކައިވެނީގެ ކުރިކޮޅުގައި އެކަކު އަނެކަކުގެ މިހެންހުރި ކަންކަން ދަސްކުރާށެވެ. މިފަދަ ކަނތައްތަކަށް ސަމާލުކަން ދިން މިންވަރަކަށް ދެމީހުންގެ ގުޅުން ބަދަހިވެގެންދާނެއެވެ. މިފަދަ މަޢުލޫމާތު ދެނެގަތުމަށްޓަކައި އަނބިމީހާޔާ ސުވާކުރާށެވެ.

38.ކައިވެނީގެ ބިންގަލަކީ ލޯތްބެވެ. އަނބިމީހާދެކެ ލޯބިވުމާއެކު އެކަން ދުލުންހާމަވެސް ކުރާށެވެ. މަދުވެގެން ދުވާލަކު ތިން ފަހަރު ލޯބިވާ ވާހަކަ ބުނާށެވެ. ފޯނުން ނަމަވެސް އަނބިމީހާގާތު އެވާހަކަ ބުނެލާށެވެ. މިކަންހާމަކުރާއިރު އަނބިމީހާ އެންމެ އުފާވާނެހެންހީވާ އަންދާޒަކަށް އެކަންހާމަކުރެވޭތޯ ބަލާށެވެ. މިކަމަކީ އަނބިމީހާއެކު ޖިމާޢުވުމަށްވުރެވެސް އުފާވެރިކަން އެކަނބުލޭގެއަށް ލިބޭނޭކަމެކެވެ. އަނބިމީހާގައި ބީހިލާ ބޮސްދީ ލޯބިންބައްދާލާ އަތުގާ ހިފާލާށެވެ. އަދި ކަރުގާ ފިރުމާލާ ކަރުމަރި މަސާޖުކޮށްލާ ހަދާށެވެ. މިހެން ފިރިމީހާ އަނބިމީހާއާއި ގައިގޯޅީވެއުޅުމަކީ އެކަނބުލޭގެ ވަރަށް އުފާވާކަމެކެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ރަގަޅު ބޭސް ސިޓީއެއް! ފަރުވާ ދެއްވަނީ ﷲ!

Your email address will not be published. Required fields are marked *