ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާންމުވެފައިވާ ފަގީރުކަމުގެ ހަތަރު ގުނަވެސް ނައްތާލެވޭ ވަރަށް ދުނިޔޭގެ އެންމެ މުއްސަނދި 100 މީހުންނަށް މިދިޔަ އަހަރު އާމްދަނީ ލިބިފައިވާކަމަށް ބައިނަލްއަޤްވާމީ އިންސާނީ ހައްގުތައް ކުރިއެރުވުމާއި ހިލޭ އެހީ ފޯރުވައި ދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އިނގިރޭސިވިލާތުގެ ޖަމްއިއްޔާއެއް ކަމަށްވާ އޮކްސްފާމުގެ ރިޕޯޓެއްގައި ހާމަކޮށްފި އެވެ.
ލަންޑަނުގައި މަރުކަޒުކޮށްފައިވާ މި ޖަމްޢިއްޔާއިން ހޮނިހިރު ދުވަހު ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ދުނިޔޭގެ އެންމެ މުއްސަނދި 100 ބިލިޔަނަރުންނަށް ސާފު-ފައިދާގެ ގޮތުގައި މިދިޔަ އަހަރު ލިބުނު 240 ބިލިއަން ޑޮލަރު ހޭދަކޮށްފި ނަމަ ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ފަގީރުކަން އޭގެ ހަތަރު ގުނައަށް ބޮޑުކަމުގައި ބެލި ނަމަވެސް ފަސޭހަކަމާ އެކު ނައްތާލެވޭނެ އެވެ.
މުއްސަނދިންނާއި ފަގީރުންގެ ފަރަގު އެންމެ ކުޑަމިނުން 1990 ވަނަ އަހަރު ހުރި މިންވަރަށް ދަށް ކުރުމަށާއި މުއްސަނދިންނާއި ފަގީރުންގެ އާމްދަނީ ގައި ހުރި އާދަޔާ ޚިލާފު ބޮޑު ތަފާތު ނައްތާލުމަށް އިޚްލާސްތެރިކަމާއެކު ދުނިޔޭގެ ލީޑަރުން މަސައްކަތް ކުރުމަށްވެސް މި ރިޕޯޓުގައި މި ގުރޫޕުން ގޮވާލާފައި ވެއެވެ.
މި ރިޕޯޓު މިދުވަސްވަރު ނެރެފައި މިވަނީ މި ހަފްތާގައި ސްވިޒަލޭންޑްގެ ޑާވޮސްގައި ބާއްވާ "ދުނިޔޭގެ އިގްތިސާދީ ފޯރަމް" (ވޯލްޑް އިކޮނޮމިކް ފޯރަމް)ގެ ސަމާލުކަން މިކަމަށް ގެނައުމަށް ކަމުގައި ބެލެވެއެވެ.
ދުނިޔޭގެ އެންމެ މުއްސަނދި އެއް އިންސައްތަ މީހުންގެ އާމްދަނީ ވޭތުވެދިޔަ 20 އަހަރު ތެރޭގައި 60 އިންސައްތަ އިތުރު ވެފައިވާ ކަމަށާއި، ދުނިޔެއަށް ކުރިމަތިވެފައިވާ މާލީ ހީނަރުކަމުގެ ސަބަބުން އެމީހުންނަށް ގެއްލުން ވުމުގެ ބަދަލުގައި އިތުރަށް މުއްސަނދި ވެފައިވާ ކަމަށް ވެސް މި ޖަމްޢިއްޔާއިން އިތުރަށް ހާމަކޮށްފައި ވެއެވެ.
" އަހަރުމެން ބައެއް ފަހަރު އެއްވެސް ފަދައެއް ނެތް މީހުންނާއި ފުދިގެން އުޅޭ މީހުންގެ ވާހަކަ ދައްކަން. އެހެނަސް މިހާރު މިދައްކަނީ އާދަޔާ ޚިލާފު މުއްސަނދިންގެ ވާހަކަ. އަހަރުމެންނަކީ ފަގީރުކަމާ ދެކޮޅަށް މަސައްކަތް ކުރާ ޖަމާއަތެއް. ސަމާލުކަން ދެނީ ފަގީރުކަމަށް، މަސައްކަތް ކުރަނީ ދުނިޔޭގެ އެންމެ ފަގީރު މީހުންނަށްޓަކައި. އަހަރުމެން މުއްސަނދި ކަމުގެ ވާހަކަ ދައްކާ އަޑު އާންމުކޮށް ނީވޭނެ. އެހެނަސް ފަގީރުންނާއި މުއްސަނދިންގެ ފަރަގު ހައިރާން ކުރުވަނިވި ދަރަޖައަކަށް މައްޗަށް ގޮސް އިންތިހާއަށް ފަގީރުވެފައިވާ ފަގީރުންގެ ފަގީރުކަން ނައްތާލުމަށް އެޅިފައިވާ އެންމެ ބޮޑު އެއް ހުރަސް ކަމުގައި އިންތިހާއަށް މުއްސަނދިވެފައިވާ މުއްސަނދިންގެ މުއްސަނދިކަން މިވަނީ ވެފައި."، އަލް ޖަޒީރާއަށް މައުލޫމާތު ދެމުން އޮކްސްފާމުގެ ކެމްޕެއިން ޑިރެކްޓަރު ބެން ފިލިޕްސް ބުނެފައިވެއެވެ.
ބައިނަލް އަގްވާމީ އައު އިގްތިސާދީ އިސްލާހީ ޕްރޮގުރާމެއް
"މިހާރު ގަބޫލުކުރެވޭކަށް ނެތް މަދު ބައެއްގެ އަތުގައި މުދަލާއި މުއްސަނދިކަން ހުރުމަކީ ގިނަމީހުންނަށް މަންފާހުރި އަދި މަސްލަހަތު ގާއިމުކުރެވޭ ކަމެއް ކަމަކަށް. ހަގީގަތުގައި އެހެން އެކަމެއް ނުވޭ." ، އޮކްސްފާމުގެ އެގްޒެކެޓިވް ޑިރެކްޓަރު ޖެރެމީ ހޮބްސް ވިދާޅުވިއެވެ.
"އެންމެ މުއްސަނދި އެއް އިންސައްތަ މީހުންގެ ބާރުގެ ދަށުގައި ހުރިހާ އިގްތިސާދީ ވަސީލަތްތައް ހުރުމަކީ އިގްތިސާދީ ދުވެލި މަޑުވެ މުޖުތަމަޢުގެ އެހެން ފަރުދުންގެ ދިރިއުޅުމަށް ނުހަނު ދަތިވާކަމެއް، އަދި މުޖުތަމަޢުގެ އެންމެ ފަގީރު ފަރުދުންނަށް މީގެ ސަބަބުން ލިބޭ ދަތިކަން އިންތިހާއަށް ބޮޑު."
"ދިރިއުޅުމުގެ އެންމެ އާދައިގެ ބޭނުންތައް ފުއްދުމަށް ބޭނުންވާ ވަސީލަތްތައް ކަމަށްވާ ބިމާއި ފެން ފަދަ ވަސީލަތްތައްވެސް ލިބުން އިންތިހާއަށް ދަތިވެފައިވާ ހިނދު، އިގްތިސާދީ ވަސީލަތްތަކުގެ ބޮޑު ބައި މަދު ބައެއްގެ އަތްމައްޗަށް ދޫކޮށްލުމަށްފަހު އެހެން މީހުން ދެން ހުރި މަދު އެތިކޮޅު ހޯދުމަށް ދަތި އުނދަގުލުގެ ތެރެއަށް ދޫކޮށްލައިގެން ނުވާނެ."
ހޮބްސް އިތުރަށް ހާމަކުރާ ގޮތުގައި، އާމްދަނީގެ ފަރަޤު ކުޑަ ކުރުމަށްޓަކައި "ޓެކްސް ހޭވަން" (ޓެކްސް ދައްކަން ނުޖެހޭ ސަރަހައްދުތައް) ތަކުން ފެށިގެން ވަޒީފާގެ ޤާނޫނާއި ހަމައަށް ހުރި ގިނަ މައްސަލަތަކަށް ރިއާޔަތްކުރެވޭ ބައިނަލްއަޤްވާމީ އައު ޕޮލިސީ ތަކެއް ތަޢާރަފް ކުރަން ޖެހެއެވެ.
ޓެކްސް ހޭވަންތައް ނައްތާލާއިގެން ދައުލަތްތަކުގެ ޓެކްސް އާމްދަނީއަށް 189 ބިލިއަން ޑޮލަރު އިތުރުކުރެވޭނެ ކަމުގައި އޮކްސްފާމުން ހާމަކުރެއެވެ. އޮކްސްފާމުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން ގާތްގަނޑަކަށް 32 ޓްރިލިއަން ޑޮލަރު (މުޅި ދުނިޔޭގެ މުއްސަނދިކަމުގެ ތިންބައިކުޅަ އެއްބައި) ޓެކްސް ހެވަން ތަކުގައި ރައްކާކޮށްފައި އެބަހުއްޓެވެ.
"ހައްދު ފަހަނައަޅައިފައިވާ މިންވަރަކަށް މުދަލާއި މުއްސަނދިކަން ލިބުމުގެ މައްސަލައަކީ ހަމައެކަނި އަޚްލާގީ އަދި ސުލޫކީ މިންގަނޑުތަކުން ބަލާއިރު ނޭދެވޭ ނުރަގަނޅު ކަމަކަށް ވުމުގެ އިތުރަށް އިގްތިސާދީ ހީނަރުކަމަށް މަގުފަހިކުރާ، ސިޔާސީ ހަމަނުޖެހުމާއި، އިޖްތިމާޢީ ބައިބައިވުމާއި ތިމާވެށި ހަލާކުވުމަށްވެސް މެދުވެރިކުރުވާ ކަމެކެވެ." މި މައްސަލައިގެ ސީރިއަސްކަން އިތުރަށް ހާމަ ކުރުމުގެ ގޮތުން އޮކްސްފާމުން ނެރެފައިވާ ބަޔާނެއްގައި ވެއެވެ.
އޮކްސްފާމް ފަދަ ބައިނަލް އަޤްވާމީ ޖަމާއަތްތަކުން ފަހަކަށް އައިސް މި މައުޟޫއުގައި ގިނަ ވާހަކަތަކެއް ދައްކަމުން ދާއިރު، މީގެ ސާދަސަތޭކަ އެތަކެއް އަހަރުއްސުރެ އިސްލާމް ދީނުގައި މި ފަދަ އިގްތިސާދީ ޢަދާލާތުގެ ފުރިހަމަ އުސޫލުތަކެއް ބަޔާންކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މަޝްހޫރު އިސްލާމީ ޚިލާފާތުތައް ކަމަށްވާ އުމަވީ (ޚަލީފާ ޢުމަރު ބުނުލް ޢަބްދުލް ޢަޒީޒްގެ ދައުރުގައި) އަދި އުސްމާނީ ޚިލާފަތުގައި މި ނިޒާމު ފުރިހަމަވެ ޒަކާތާއި ޞަދަޤާތުގައި ހިފާނެ ފަގީރަކު ނެތިގެން ދިޔަތަން ދުނިޔޭގެ ތާރީޚު ދެކެފައި ވެއެވެ.
މަސްދަރު: އަލް ޖަޒީރާ، އޮކްސްފާމް .

















ފަޤީރުން ފަޤިރުވެ ދަރަނިވެރިވަނީ، ރިބާ ކެއުމުގެ ސަބަބުބް، މުއްސަދިން ޒަކާތް ނުދިނުމުގެ ސަބަބުބް!
ޓެކުސް އަކީ އޭގެ ޒާތުގައި ފަޤިރުންގެ ފަޤީރުކަން އިތުރުވެ މުައްސަދިން މުއްސަދި ކުރުވާ ނިޒާމެއް، ގަނެވިއްކާ ކޮންމެ ފަހަރަކު އެބަ ނަގާ، އޭގެ މާނަޔަކީ މުދާގަޑަށް 3 ނުވަތަ 4 ފަހަރުުވެސް އެބަ ޓެކުސް ނެގޭ؟
ތެދެއް
ރާއްޖެއަކީ 100% މުސްލިމްގައުމެކޭ ކިޔާއިރުވެސް ގައުމީ ބޭންކުން ރިބާގެ ހަޑިމުޑުދާރު ޢަމަލުހިންގާ ރަތްޔިތުން ފެލަމުން ދާއިރު މިކަމާ ކަންބޮޑުވާ އަޑުއުފުލާ އެއްވެސް ދިވެހި ދީނީ ޢިލްމުވެރިޔެއް އުޅޭ ކަމެއްނޭންގޭ، އިސްލާމިކް މިނިސްޓްރީ ވެސް މިކަމުގައި އޮތީ ހަނުހިމޭނުން….މިފުރުޞަތުގައި އެންމެހާ މުސްލިމު އަޚުންނަށް އެބޭންކަށް ރިބާގެ މުޢާމަލާތައް ކުރުމާއި ދުރުހެލިވުމަށް ގޮވާލަން…ދިވެހިރާއްޖެއަށް ކުރިމަތިވެފައި މިވާ އިގްތިޞާދީ ދަތިކަމުން އަރައިގަނެވޭނީ މިފަދަ ކަންކަން އިޞްލާޙްކޮށްގެން ކަމުގައި ދެކެން…