އެމެރިކާ

އީރާނަށް އަދަބު ދިނުމަށް އެމެރިކާ ހޭބޯނާރާ މަސައްކަތްކުރަނީ

ލިޔުނީ: އަހުމަދު ޚަލީލު

އިޒްރޭލާ އެމެރިކާ އެންމެ ކަންބޮޑުވާ މައްސަލައަކީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމެވެ. ނިއުކްލިއަރ މައިދާނުގައި އީރާނު ހޯދަމުންދާ ކުރިއެރުންތައް ހުއްޓުވާ އީރާނު މައިތިރިކުރުމަށްޓަކައި އެމެރިކާއާ ހުޅަނގުން ކުރަމުންއަންނަ މަސައްކަތުން އެކަށީގެންވާ ކާމިޔާބެއް ލިބެމުންނުދާތީ އެމެރިކާއާ އިޒްރޭލަށްވަނީ ނުތަނަވަސްކަމާ ހާސްކަން އިތުރުވެފައެވެ. އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓުވުމަށް އެކިގޮތްގޮތުން އެމެރިކާވަނީ މަސައްކަތް ކޮށްފައެވެ. އަދި އިޒްރޭލުންވެސްދަނީ އީރާނަށް ޙަމަލާ ދޭނެކަމުގެ އިންޒާރުތައް ދޭތެރެ ދޭތެރެއިންދެމުންނެވެ. ނަމަވެސް މިކަންކަމާ މާބޮޑު އަޅާލުމެއްނެތި އީރާނުގެ މަސައްކަތްވަނީ ކުރިއަށްގެންގޮސްފައެވެ.
އެޓޮމިކް ހަކަތައާބެހޭ ބައިނަލްއަޤްވާމީ އިދާރާގެ ކުރީގެ ވެރިޔާ އަލް ބަރާދޭއާ ޚިލާފަށް މިހާރު އެމަގާމަށް ޖަޕާނުގެ ޔުކިޔާ އަމާނޯ ޢައްޔަނުކުރިފަހުން އެއިދާރާގެ ބަސްމަގުވަނީ ހުޅަނގާ އެއްކޮޅަށް ބަދަލުވާންފަށާފައެވެ. އަދި އީރާނުގެ އެއްބާރުލުން އެއިދާރާއަށް ނުލިބޭކަމަށް ދާދިފަހުން އަމާނޯ ތުހުމަތުކޮށްފައިވެއެވެ. އީރާނުންވަނީ އެކަން ދޮގުކޮށްފައެވެ. މިއީ އީރާނާދެކޮޅަށް އެމެރިކާއިން ފިޔަވަޅުއެޅުމަށް އެހީތެރިވުމުގެ ގޮތުން އޭނާ ކުރި ތުހުމަތެކެވެ. އަދި އީރާނުގެ މައްސަލާގައި ބާއްވާ ބައިނަލް އަޤްވާމީ ވާހަކަތަކުގައިވެސް އަމާނޯ މާބޮޑަށް އެމެރިކާއަށް ބުރަވާކަންް ހުޅަނގުގެ ބައެއް އޮފިޝަލުންވެސް ފާހަގަކުރެއެވެ.
އެމެރިކާއިން ޙަމަލާދިނުމަށް ބޭނުންވާ ޤައުމުތަކާދެކޮޅަށް ޢުދުވާނު ހިންގުމުގައި އަބަދުވެސް އދ.ގެ މިފަދަ އިދާރާތަކުން އެމެރިކާއަށް އެހީތެރިވެއެވެ. އެމެރިކާއިން ޢިރާޤަށް އަރައިގަތުމަށްވެސް ހަމަ މިއުކުޅުވަނީ ބޭނުންކޮށްފައެވެ. އެޓޮމިކް ހަކަތައާބެހޭ ބައިނަލްއަޤްވާމީ އިދާރާގެ އޭރުގެ ވެރިޔާ، އޭރުވަނީ ޢިރާޤުގަައި ނިއުކްލިއަރ ހަތިޔާރު އުފައްދާކަމަށާ އަދި އެތަންތަން ބެލުމަށް ޢިރާޤުން އެ އިދާރާއަށް އެއްބާރުލުން ނުދޭކަމަށްބުނެފައެވެ. ނަމަވެސް ފަހުން މުޅިދުނިޔެއަށްވަނީ މިމަކަރުގެ ޙަޤީޤަތް ހާމަވެފައެވެ.
ނިއުކްލިއަރ މައްސަލާގައި އީރާނަށް އަދަބު ދިނުމަށްޓަކައި ފިޔަވަޅުއެޅުމަށް އެމެރިކާ ދަމާ އެއްރޮއްޖަކަށް ފޫގަޅައިގެންކުރާ މަސައްކަތުގައި އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނައިބު ޖޭމްސް ސްޓެއިންބަރގް މިހާރުވަނީ، އެމެރިކާގެ މިމަސައްކަތަށް ޗައިނާގެ އެއްބާރުލުން ލިބޭތޯ ޗައިނާއަށްގޮހެވެ. އީރާނާދޭތެރޭ އެމެރިކާ ހިތުހުރިހާ ގޮތެއް ނުހެދިގެންއުޅެނީ ދުނިޔޭގެ ނިޔުކްލިއަރ ދެބާރު ކަމަށްވާ ރަޝިޔާއާ ޗައިނާގެ ތާއީދު އީރާނަށް އޮންނާތީއެވެ. މިދެ ގައުމަކީ ވީޓޯކުރުމުގެ ބާރުލިބިފައިވާ، އދ.ގެ ސަލާމަތީ މަޖްލީހުގެ ދާއިމީ މެމްބަރު ދެގައުމެވެ.
މިމައްސަލާގައި އެމެރިކާއިން ޗައިނާގެ ރުހުން ހޯދުމަށްޓަކައި މީގެ ކުރިން ދެގައުމުގެ ދެމެދުގައި ދެބަސްވުން އުފެދިފައިވާ ކަންކަމުގައި ޗައިނާއަށްް ދޫދިނުމަށް ހުށަހަޅާފައިވެއެވެ.
މިދނަޑިވަޅު ތަފާތު ޤައުމުތަކާއެކު އީރާނުންވެސްދަނީ ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އީރާނުގެ ނިއުކްލިއަރ މައްސަލާގައި ވާހަކަ ދެއްކުމަށް އީރާނުގެ މަތީ ފެންވަރުގެ ވަފްދެއްވަނީ ޖަޕާނަށް ގޮސްފައެވެ. މިވަފުދުގެ އިސްވެރިއެއްގެގޮތުގައި ވަޑައިގަތީ އީރާނުގެ ޕާރލިމެނޓްގެ ތަރްޖަމާނު ޢަލީ ލަރިޖާނީއެވެ. އީރާނުގެ ވަފުދުގެ މިދަތުރުގައި ޖަޕާނުންވަނީ އީރާނުގެ ރިސަރޗް ނިއުކްލިއަ ރިއެކްޓަރ ހިންގުމަށް ބޭނުންވާ، ވިހި ޕަރސެންޓަށް މުއްސަނދި ކުރެވިފައިވާ ޔޫރޭނިއަމް ސީދާ ޖަޕާނުން ގަތުމަށް އީރާނަށް ހުށަހަޅާފައެވެ. އަދި އީރާނުގެ ވަފުދުން ވަނީ އެހުށަހެޅުމަށް މަރުޙަބާ ކިޔާފައެވެ.
އެމެރިކާގެ މަސައްކަތުގައި ޖަޕާނުގެ ވާގިވެރިކަން ހޯދުމަށް އެމެރިކާގެ ވަފުދެއް ދެ ދުވަހެއްގެ ތެރޭގައި ޖަޕާނަށް ދާނެކަމަށް އެމެރިކާއިންވަނީ ހާމަކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *