ކޮލަމިސްޓް

ހަރާމް 'ނޯމަލައިޒް'ވެ، ހަލާލު 'އެކްސްޓްރީމް' ވެއްޖެ

ތެދެއް ބުނަން ހެއްޔެވެ؟ އަހަރުމެން ކުޑައިރު އަޑުއެހިވާހަކަތައް މިފަދައިން ހަމަލޮލަށް ފެންނާނެކަމަކަށް ކުޑަކޮށްވެސް ހިތަކަށް ނާރައެވެ. މިދައްކަނީ ރަންނަމާރި، ފޫޅުދިގުހަންޑި، ސަފަރުކަތްދަ ނޫނީ ސަންތި މަރިޔަބުވާހަކައެއް ނޫނެވެ. އެއަށްވުރެ މާތަފާތު ވާހަކަތަކެކެވެ.

އާއެކެވެ. އެދުވަހު ބުނާތީ އެހީމެވެ. މަގުމަތީވެސް ޒިނޭކުރާނެ ޒަމާނެއް އަންނާނެއެވެ. މަރާލި މީހާއަށް މަރާލެވުނީ ކީއްވެކަން ނޭނގި މީހުން މަރާނެ ޒަމާނެއް އަންނާނެއެވެ. ހެދުން ލައިގެން އޮރިޔާމާ އުޅޭ އަންހެނުންތަކެއް އުޅޭނެ ޒަމާނެއް އަންނާނެއެވެ. ވައްކަން ރޯމާދުވާލު ކުރާނެ ޒަމާނެއް އަންނާނެއެވެ. ބޭނުން ދީނަކަށް ބޭނުން މީހަކު އުޅޭނެ ޒަމާނެއް އަންނާނެއެވެ. އަންހެންދަރިން ބަނޑުން އަމިއްލަ ބައްޕަގެ ދަރިން އުފަންކުރާނެ ޒަމާނެއް އަންނާނެއެވެ. ހަޔާތެއް، ލަދެއް، އަގެއް ނެތް ޒަމާނެެއް އަންނާނެއެވެ. އެދުވަހު ހިތަށްއެރިއެވެ. 'އެއީ ހަމަ ވެދާނެކަމެއްބާއެވެ؟ އެހާ ލަދުކުޑަ ދަރަޖައަކަށް މީހުން ވެއްޓޭނެ ޒަމާނެއް އަންނާނެބާއެވެ؟' މިއަދު މިއޮތީ އެޒަމާނެއް އައިސްފައެވެ.

އެކަމަކު އެހުރިހާ ނުބައެއް ހިންގަނީ ރީތި ނަމެއް ކިޔާ ލޭބަލް ތަތްކޮށްގެންނެވެ. ބޭނުންވަނީ އެއީ ސިމްޕަލް ކަމެއްކަން އަންގާށެވެ. މިއަދު ބިޓުކަމަށް ބުނެ ހަރާމް ގުޅުމެއް އުފައްދާ، ކުރާ އިތުބާރެއްގެ ބޮޑުކަމުން ބަރަހަނާ ފޮޓޯ ފޮނުވުން އާދައިގެ ކަމަކަށް ވެއްޖެއެވެ. ދެމީހުން އެއްކޮށް ނިދާ އެއްކޮށް ދިރިއުޅެނީ 'ލިވިން ރިލޭޝަން ޝިޕް'ކަމަށް ބުނެއެވެ. 'މިއީ ތިމަންނަ އިންނަން އުޅޭ ކުއްޖާއޭ އޯކޭވާނޭ' ބުނެ އެއީ އާދައިގެ ކަމަކަށް ހަދައިފިއެވެ. ބައްދާ އޮޅުލައިގެން އެއްވެސް ލަދެއް ހަޔާތެއްނެތި ސައިކަލުގައި ބުރުޖަހާއިރު ހީވަނީ ވެއްޓިދާނެތީ ބިރުން އުޅޭހެންނެވެ. ޒިނޭ އާދައިގެ ކަމަކަށް ވީލެއް ބޮޑުކަމުން ކާރޫބާރޫ ބޮޑު މަގުމަތީވެސް، މީހުން ފުރިފަ އޮންނަ ބީޗްތަކުގައިވެސް ޒިނޭ ކުރުމަކީ މިއަދު އެއްވެސް ކަމެއްނޫނެވެ. ސިއްރާއި ފާޅުގައި ހަށިވިއްކުން މާރުކޭޓުގައި ކަނޑުމަސް ވިއްކުންފަދައެވެ. ނަމުގައި ފޭރާމެއްލާފަ ތިއްބަސް އައުރަ ނިވާނުވެއެވެ. ބުރުގާއެއް ބޯމަތީ އޮތަސް އެއީ ބުރުގާއެޅުމަށް ނުވާދަރަޖައިގައެވެ. ރަނގަޅަށްވެސް ހެދުން ލައިގެން އެތިބެނީ އޮރިޔާމުންނެވެ. އެހެނަސް އެއީ ފަހުގެ ޓްރެންޑެވެ.

ބުރާސްފަތި ދުވަހުގެ ރެއަކީ ބިރަކާ ނުލާ މަޖާކޮށް ހަމައިން ނެއްޓޭ ރެއަކަށް ހަދައިފިއެވެ. އިއްފަތާއި އިއްޒަތުގެ ވެރި އަންހެނުން އިއްޒަތް ބަށިބޯޅައެއް ފަދައިން ބޯމަތިން އެއްލާލާ ޖެންޑާ އީކުއަލިޓީއޭ، އަންހެނުންގެ ހައްގުތަކޭ ގޮވަމުން ގަދަވެފަ މޭދިއްކޮށް ނިކުންނަނީ ފިރިހެނަކުވެސް 'ގަޓު' ނުވާހާ ފެންވަރަށް 'ގަޓު'ވެފައެވެ. ތަޅާފޮޅުމާއި، ކަޓަރުއެޅުމާއި، ވަޅިޖެހުމާއި މާރާމާރީއަކީ މިއަދު ފެޝަނެކެވެ. ވައްކަމާއި ފޭރުމަކީ މިހެން ބުނެލެވޭ ވަރަށް ވުރެވެސް އާދައިގެ ކަންކަމެކެވެ. ކުޑަވެސް ބިރެއްނެތި އެއްވެސް ހައްޤަކާ ނުލާ ރަހުމެއްނެތި މީހުންގެ އަބުރު ކަތިލުމަކީވެސް 'ނޯމަލް'ކަމެކެވެ.

މުސްތަޤުބަލަށް ފޮނި އުންމީދުތަކެއް ކުރަމުންދާ މައުސޫމު ތުއްތުޅަދަރިންގެ އިއްފަތް އެއްވެސް ރަހުމެއްނެތި ނަގާލަނީ ކައިފަ ފެންތައްޓެއް ބޯލާފަދައިންނެވެ. ކުއްޖާގެ ހިމާޔަތަށްް ވާންޖެހޭ އޯގާތެރި އަތްތަށް އަނިޔާވެރި ވަކިތަކަށް ވެއްޖެއެވެ. ލޭ ލެއަށް ދަހިވެތިވުމުގެ ނަތީޖާއެވެ. ދަރިންގެ ބަނޑުން އެއްބަނޑުއެއްބަފާ ބޭބެއިންނަށް ބައްޕަކިޔާނެ، އަމިއްލަ ބައްޕައަށް ބައްޕަކިޔާނެ ދަރިންވެސް ވިހަނީއެވެ. ވިހަވިހާފަ މަރަންވެސް ކަމެއްނޫނެވެ. ހަމަ ސިމްޕަލްކަމެކެވެ.

ޑްރަގްސް ވިއްކަނީ މަގުމަތީ ހުރެފަ 'ބުރޯ.. އަން ސުޕާރީއެއް' ބުނެލާހެން އަތުން އަތަށް ފާޅުގައެވެ. ރޯނުގައި އަންނައުނު ހިއްކަން އަޅާފަ ތިބޭހެން މަސްތުވެ ގުދަށްތިބޭ ޒުވާނުން ހީނުކުރާހާ ގިނަވެއްޖެއެވެ. އެއްޖިންސުން ގުޅުން ހިންގުން ހިތަށްވެސް ނުގެނެވޭހާ ޢާންމުވެއްޖެއެވެ. ރިޝްވަތާއި ޙިޔާނާތްވަނީ މުޅި ގައުމުގައި މޫހިފާފައެވެ. ﷲ އާއި ރަސޫލާ ﷺއަށް ފުރައްސާރަކޮށް ހަޖޫޖަހަނީ އެއްވެސް ޚިޔާލެއް ފިކުރެއް ނެތިއެވެ. މާތްވެގެންވާ އިސްލާމްދީންދޫކޮށް މުރުތައްދުވަނީ ފާޅުގައެވެ.

މިއީ މި ލިސްޓުން އަދި ކުޑަމިންވަރެކެވެ. މިދުވަސް އަންނާނެ ކަމަށް ތިބާ ކުޑަކޮށްވެސް ހިތަށް އެރީމު ހެއްޔެވެ؟ އެހެނަސް މިއީ މިއަދުގެ 'ނޯމަލް ލައިފް'އެވެ.

ނަމަވެސް މިއަދު ގޯސް ވަނީ މިބުނާ ނޯމަލް ލައިފް ކަޑަކަމަށް ބުނާ މީހާއެވެ. އެކަމާ އެއްޗެއް ބުނާނެ މީހެއް ނެތެވެ. ހަރާމްކަން ކަމަށް ވިސްނަންވެސް ބޭނުންނުވާފަދައެވެ.

އިނގޭ ހެއްޔެވެ؟ ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި ވެއެވެ.
”لُعِنَ الَّذِينَ كَفَرُ‌وا مِن بَنِي إِسْرَ‌ائِيلَ عَلَىٰ لِسَانِ دَاوُودَ وَعِيسَى ابْنِ مَرْ‌يَمَ ۚ ذَٰلِكَ بِمَا عَصَوا وَّكَانُوا يَعْتَدُونَ ﴿٧٨﴾ كَانُوا لَا يَتَنَاهَوْنَ عَن مُّنكَرٍ‌ فَعَلُوهُ ۚ لَبِئْسَ مَا كَانُوا يَفْعَلُونَ ﴿٧٩﴾ ” سورة المائدة

މާނަ : ”އިސްރާއީލުގެދަރިންގެ ތެރެއިން، ކާފަރުވި މީހުންނަށް، ދާވޫދުގެފާނާއި، މަރްޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނުގެ ދޫފުޅުމަތިން ލަޢުނަތް ލައްވާފައިވެއެވެ. އެއީ އެއުރެން އުރެދުނު ކަމަށްޓަކައެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅައިދާކަމުގައި އެއުރެން ވީކަމަށްޓަކައެވެ. އެއުރެންކުޅަ ނުބައިކަންތައް، އެއްބަޔަކު އަނެއްބަޔަކަށް ނަހީކޮށެއް ނުއުޅެތެވެ. އެއުރެން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ!“ މިހާރު ބުނެބަލާށެވެ. އެއާޔަތާއި މިއަދާއި ހާލަތުގެ ތަފާތެއް ވޭހެއްޔެވެ؟ ސުބްޙާނަ ﷲ!

ކޮންމެއަކަސް ކުރެވޭނެ ކަމަކަށް އޮތީ ލޮލުން ކަރުނަ އޮހޮރޭ ހާލު ހިތުން އެކަން މަނާކުރުމެވެ. ދުލުން ބުނެވޭނެ ޖާގަވެސް ނެތަތީއެވެ. އަދި އިނގޭހެއްޔެވެ؟ ފާފައާއި މުންކަރާތް އާންމުވުމަށްވުރެ އަޖައިބުވާވަރު އަނެއް ކަމެއްވެއެވެ. ހަލާލަކީ ހައްދުފަހަނައެޅުން ކަމަށް ދެކުމެވެ. އިސްލާމްކަމާއި ކާފިރުކަމުގެ ފަރަޤު، ނަމާދުކޮށްލުން އެކަނިވެސް މިއަދުގެ މުޖުތަމަޢުގައި ވަރަށް ދީންވެރިވުމަށް ވެއްޖެއެވެ. ބައެއްމީހުން ޖެއްސުމަށް ބުނެއެވެ. 'އެއްކަލަސޮރު ކުއްލިއަކަށް ނަމާދުކުރަން ފަށައިފިއެވެ. ފޭސްބުކްއަށްވެސް ދީނީ އެއްޗެހި ލާންފަށައިފިއެވެ. އޭނާ މުޅިން އަނެއް އަތަށް އަޅައިފިއެވެ.'

إِنَّ ٱلَّذِينَ أَجْرَمُوا۟ كَانُوا۟ مِنَ ٱلَّذِينَ ءَامَنُوا۟ يَضْحَكُونَ (29:32)
މާނައީ: 'ހަމަކަށަވަރުން، ކުށްވެރި، ފާފަވެރިން إيمان ވި މީހުންނާ ދިމާޔަށް (މަލާމާތުގެގޮތުން) ހީނއުޅޭ ކަމުގައިވޫއެވެ.'
ނުވިތާކަށް މިއަދުގެ މުޖުތަމަޢު ވަނީ މީހުން ޖަޖްކުރަން ކެޓަގަރީތަކެއްވެސް ކަނޑައަޅާ ނިންމާފައެވެ. ހިތުހުރިގޮތަކަށް އުޅުން އެއީ ކޫލްވުމެވެ. ގޯސްމަގު ދޫކޮށް މީހާ އިސްލާޙުވުމުން އެއީ އޯވާރވުމެވެ. ﷲ ގެ ދީނަށް ލޯބިޖެހި، އަމަލުތަކުގައި ހީވާގިވާންފެށުމުން އެއީ ހައްދުފަހަނަ އަޅާދިޔުމެވެ. 7އުޑުމަތިން ބާވާލެއްވި ޤުރުއާނާއި ނަބިއްޔާ ﷺގެ ސުންނަތުގައި ހިފާ، ތައުހީދު އުގެނި، ސައްހަ އަޤީދާ ގަބޫލުކޮށް، ބާތިލް ފިކުރުތަކަށް ފުރަގަސްދިނުމުން އެއީ ހަރުކަށި ފިކުރު މީހެކެވެ. މި މުޖުޠަމައުގެ ދީނީ މިންގަނޑު ކުރުގޮތަކަށް ސިފަކޮށްދެވޭނީ މިވަރުން ކަންނޭނގެއެވެ. سبحان الله!

مَا لَكُمْ كَيْفَ تَحْكُمُونَ (68:36)
މާނައީ: "ތިޔަބައިމީހުންނަށް ތިޔަތިބީ ކީއްވެފައިހެއްޔެވެ؟ ތިޔަބައިމީހުން ތިޔަ حكم ކުރަނީ ކޮންފަދައަކުން ހެއްޔެވެ؟"

އާދޭހެވެ. ދެރަވެއެވެ. ލޮލުން ކަރުނަ އާދެއެވެ. ކިޔޭނެ އެއްޗެއް ކުރެވޭނެ ކަމެއް އަހަރުމެން ކަހަލަ ނިކަމެތި މީހަކަށް ނެތެވެ. ހަރާމް 'ނޯމަލައިޒް'ވެ، ހަލާލު 'އެކްސްޓްރީމް' ވެއްޖެކަމަށް ނިންމާ ތިމާ އަމިއްލައަށް އަމަލްތައް ސީދާކުރުން ނޫންގޮތެއް ނެތެވެ. މީ އެބުނާ ފަހު ޒަމާނެވެ. އަސަރާއެކު ދުނިޔެ އިންތިޒާރު ކުރަނީ ޤިޔާމަތަށެވެ. والله أعلم

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *