ކޮލަމިސްޓް

‌‎އަހަރެންގެ ބަސް ހުއްޓުވި ރިޕްލައި

ފޭސްބުކްގައި ދައުރުވި ޕޯސްޓެކެވެ. ނިވާވެފާ ހުރި އުޚްތެއްގެ ފޮޓޯއާއެކު ލިޔެލާފައި އިނެވެ. "ދީންވެރި ކަނބަލުން، ހުދު ރަނަށް ވުރެންވެސް އަގުމާތް ވެގެންވެއެވެ." މިފޮޓޯ އަހަރެންވެސް އެކުވެރި އުޚްތުންނާ ހިއްސާކޮށްލީމެވެ. ހާޓް ރިއެކްޓް އާ ޕޮސިޓިވް ރިޕްލައިތައް ނޫން އެހެން އެއްޗެެއް ނުލިބެއެވެ. ނަމަވެސް ތަފާތު ރިޕްލައިއަކުން އަހަރެންގެ ބަސްހުއްޓުވިއެވެ. ބައެއް ދީންވެރި ނަމުގައި އުޅޭ އަންހެނުންނާއި ހެދި ތެދުމަގުގައި ސާބިތުވެ ތިބި އިއްފަތްތެރި އުޚްތުންނަށް އަންނަ ހުތުރުގެ ސަބަބުން އުޚްތެއްގެ ޖަޒުބާތުތައް ބަންޑުން ކޮށްލިއެވެ.

"ތަޤުވާވެރި ދީންވެރި ކަނބަލުންނަކީ ހަޤީޤަތުގައިވެސް ހުދަންބަރަށް ވުރެވެސް، ހުދު ރަނަށް ވުރެވެސް އަގުމާތް ބައެކެވެ. ތެދެކެވެ. އެފަދަ އަންހެނުންނަށް ސުވަރުގެ ހައްޤުވެގެންވެއެވެ. އެކަނބަލުންނަކީ ﷲ އަށް އީމާންވާ ތެދުވެރި، ވަފާތެރި ޢިއްފަތްތެރި އަންހެނުންނެވެ.
ނަމަވެސް އެއްވެސް ހާލެއްގައި ދީންވެރިކަމުގެ ފޭރާމުގެ ފަހަތުގައި ފޮރުވި ހުރެ އުރެދޭ އަންހެނާއަކީ އެއްވެސް އަގެއްހުރި މީހެއްނޫނެވެ. އޭނާގެ މޫނު އޭނާ ނިވާކޮށްލިއެވެ. ހަށިގަނޑު ފަރުދާކޮށްލިއެވެ. ނަމަވެސް މީސްތަކުންނަށް އޭނާގެ ސިފަ ފޮރުވާލާ، ފޮރުވިގެން ހުރުމަށް އެކަންޏެވެ. ފޮތިކޮޅަކީ ދީންވެރިވުން ކަމުގައި ލޭބަލްކޮށްލުމަށްޓަކައެވެ. ދެއްކުމަށްޓަކައެވެ. ސޯޝަލް މީޑިޔާގައި ނަން ދީންވެރި ކޮށްލުމަށް 'އުންމު' ނޫނީ 'ބިންތް' އެއް ޖަހާލައެވެ.

އެހެނަސް އޭނާ މީސްތަކުންނަށް ލެނބިގެންވިއެވެ. ކޮންމެ ފިރިހެނަކަށްވެސް "ކެޓެ"އެވެ. އެހެން ފިރިހެނުން ހައްލުވާލުމަށް އެމީހުންނާ ސޯޝަލް މީޑިޔާގައި މައްލަވަކޮށް، އިސްވެ ޗެޓްކޮށް، ޒާތީ ސުވާލުކޮށްލާ އެމީހަކު އަތުއަޅުވާލުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރެއެވެ. އެންމެ ފަހުން އެމީހަކު ވާވައްދާ ފިރިމީހާގެ ދާން އެހެން ފިރިހެނަކާއެކު މުޑުދާރުކޮށްލައެވެ. އެފިރިހެނުންނަށް ޒިޔާރަތްކޮށް ހަށި ހަދިޔާކުރެއެވެ. ތިމާގެ ފިރިމީހާއަށް ދޮންކަޅުވެސް ނޭނގޭހާ މަތިއޮމާންކޮށް ތިމާގެ ފިރިމީހާއާއި ދަރިންނަށް ކަމެއް އުނިވިޔަ ނުދޭ ހާލު، އިތުރު އެހެން ފިރިހެނަކަށް ހަމަ ފިރިއަކާއި އެއްފަދައިން ޚިދުމަތްކޮށްލައެވެ. ހަޤީޤީ ލޯބިވެރިންތަކެއް ގެންގުޅެލައެވެ. ޚާއްސަކޮށް ޅަފިރިހެނުންގެ ދާންތައް ފަޅުފިލުވާދިނުމުގައި ވަރަށްވެސް ފުރިހަމައެވެ.

މިފަދަ އަންހެނާގެ ފިތުނައިގެ ނުބައިކަމާއެވެ.އޭނާގެ ފިތުނަޔާ ނުބައިކަމުގެ އަސްލުތައް ފަޅައިގެންދަނީ ފިރިމީހާއަށް އެކަމުގެ ހިޔަނި ވާހިސާބުންނެވެ. ދެން އޭނާގެ ވަގު ފިރީންނަށްވެސް އޭނާ ކެހިދެއެވެ. ނަމަވެސް ފިރިމީހާ ތިމާ ދޫކޮށްލަފާނެ ހާލަތަކަށްޓަކައި ކުރިޔާލާ އިންނާނެ ފިރިހެނެއްވެސް ޤަބޫލު ކުރުވާފަ ބަހައްޓައެވެ. ތިމާގެ ފޭރާމާއި ދުލުގެ ކުޅަދާނަކަމާއި، އެހެން ފިރިހެނުންގެ އެހީގައިވިޔަސް ތިމާގެ ނުބައިކަމުން ބަރީޢަވާން އެވަގު ފިރިހަކަށް ހޭއަރުވާލައެވެ. ހުރިހާ ބަދުނާމަކާއި ކަމެެއް އެފިރިހެނާގެ ބޮލުގައި އަޅުވާ ނުބައި ނުލަފާކަން ދައްކާލާ، މަކަރުވެރި ތަމްސީލެއް ކުޅެލައެވެ. ދެން ސަލާމަތްވުމަށް ފިރިމީހާ ކައިރި ދޮގުހުވާކޮށް، ދެންހުރި ފިރިހެނާގެ ބޮލަށް ނުބައިވެގެންވާ ބަދުނާމެއް ޖަހާލައެވެ. ގަދަކަމުން ކަމެއްކޮށް ފަހަތު އަޅުވާލައިގެން އުޅޭ މީހެއްކަމުގައި ބުނެ، ފިރިމީހާ ހައްދާލާ ދުނިޔެއަށް އޮޅުވާލައެވެ. ދެންވެސް ތިމާ ފަޟީހަތްވެދާނެކަމުގެ ބިރަށް، ތިމާގެ ޢައުވާނުންނާއި ރައްޓެހިންލައްވާ އެވާހަކަތައް ފަތުރާ އެމީހަކަށް ދުނިޔޭގައި ކައިބޮއެ ނޫޅެވޭނެ ވަރު ކޮށްލުމަށް ފޫގަޅާލައެވެ. ހަސަދަވެރިކަމާއި ފިތުނައާއި ދެބައޮޑުވުމާއި، ޣީބައާއި ބުހުތާނުތަކާއިގެން ކޮޅުކޮޅު މައްޗަށް ދުވެއެވެ.

ފަހެ މި އަންހެނާގެ ގައިގައި އަލިފާން ނުހިފާނީ ކޮންތަންފުކެއްގައިބާއެވެ؟ ހުރިހާ ނުބައިކަމެއްގެ މަންމަ ކަމުގައި އެހިސާބުން އޭނާ ވެއްޖެއެވެ. ފިތުނައިގެ މަންމަ ކަމުގައެވެ. ކަސްބީކަމުގެ މަންމަ ކަމުގައެވެ. އެއްކަލަ ނަންރީތިކޮށްލަން ޖެހި ނަން، "އުންމު ކަސްބީ"ގެ ނަމަށް ހަޤީޤަތުގެ ކުރިމަތީ ބަދަލުވެދިޔައީ ނުންހެއްޔެވެ؟ ނަމަވެސް އަނެކާ ނުބައިކޮށް ވާހަކަ ދެއްކުމާއި ޢަޢުވާނުން ލައްވާ އޭނާގެ މަތިފުށް އަދިވެސް އޮމާންކޮށް މީސްތަކުންނަށް ދެއްކުމުގައި ޤާއިމްވެ ހުރެއެވެ. ދުނިޔޭގެ ލޯތަކަށް އަދިވެސް ތިމާއަކީ މައުސޫމު، ދީންވެރި އަންހެނާއެވެ.

އުޚްތާއެވެ. އެފަދަ މަތިފުށުގެ ދީންވެރިއެއްކަމުގައި ނުވާށެވެ. ނަރަކައިގައި އަންހެނުން ގިނައީ އެފަދައިން ފިރިންނަށް އުރެދޭތީއެވެ. ﷲ ތިޔަ އުޚްތާ އީ ހަޤީޤީ ދީންވެރި ހުދު މާވަހަރާއި، ހުދު ރަނަށްވުރެ އަގު މާތް ކަނބަލެއް ކަމުގައި ލައްވާ ސުވަރުގެ މިންވަރު ކުރައްވާށިއެވެ. "އުންމު ކަސްބީ"އެއް ނުވަތަ "އުންމު ފާޙިޝާ"އެއްކަމުގައި ނުލައްވާށިއެވެ. އާމީން!"

މިއީ "އަހަރެންގެ ބަސްހުއްޓުވި އެ ރިޕްލައި"އެވެ. ތެދެކެވެ. އިއްފަތްތެރި، ތަޤުވާވެރި އުޚްތުންނަށް ބަދުބަސް ދޭފަދައިން ޢަމަލު ބަހައްޓާ އުޚްތުންވެސް އެބައުޅެއެވެ.

އަޅުގަނޑުމެންނަށް ޝައްކެއްވެސް ނެތްފަދައިން ނިސާ ސޫރަތުގެ 34ވަނަ އާޔަތުގައި ﷲ ޠަޢާލާވަނީ ހެޔޮލަފާ އަންހެނުން ބަޔާންކުރައްވާފައެވެ.
( فَٱلصَّٰلِحَٰتُ قَٰنِتَٰتٌ حَٰفِظَٰتٌ لِّلْغَيْبِ بِمَا حَفِظَ ٱللَّهُۚ ....)
މާނައީ: "ފަހެ، ހެޔޮލަފާ އަންހެނުންނަކީ، ކިޔަމަންތެރި އަންހެނުންނެވެ. ރައްކާތެރިކުރުމަށް اللَّه އެންގެވި ކަންތައް، ސިއްރުގައިވެސް، ރައްކާތެރިކުރާ އަންހެނުންނެވެ..."

ޞާލިޙް އަންހެނާއީ އެންމެ ހެޔޮ ނިޢުމަތެއް ކަމުގައި ވަނީ ބަޔާންކުރައްވާފައެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރައްވާފައިވެއެވެ. ((الدُّنْيَا مَتَاعٌ ، وَخَيْرُ مَتَاعِ الدُّنْيَا : الْمَرْأَةُالصَّالِحَةُ )) رواه مسلم މާނައީ: ” ދުނިޔެ އަކީ ވަގުތީއުފަލެކެވެ. އަދި މިދުނިޔޭގެ ވަގުތީ އުފާތަކުގެ ތެރެއިން އެންމެ ރަނގަޅުވެގެންވަނީ ޞާލިޙު އަންބެކެވެ.” މިފަދަ މަތިވެރި ދަރަޖައެއް ލިބުމުން އުފާނުކުރަންތޯއެވެ؟ އެހެން ޙަދީޘްފުޅެއްގައި އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. ((إِذَا صَلَّتِ الْمَرْأَةُ خَمْسَهَا ، وَصَامَتْ شَهْرَهَا ، وَحَفِظَتْ فَرْجَهَا ، وَأَطَاعَتْ زَوْجَهَا ، قِيلَ لَهَا : ادْخُلِي الْجَنَّةَ مِنْ أَيِّ أَبْوَابِ الْجَنَّةِ شِئْتِ)) صححه الألباني މާނައީ: ” ފަރުޟު ފަސްނާމާދުކޮށް ރަމަޟާންމަހު ރޯދަހިފާ ޢިއްފަތްތެރިކަމަށް ރައްކާތެރިވެ އޭނާގެ ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކޮށްފި އަންހެނަކަށް ބުނެވޭނެއެވެ. ސުވަރުގޭގެ ދޮރުކޮޅުތަކުގެ ތެރެއިން ކަނބުލޭގެ އެދޭ ކޮންމެ ދޮރުކޮޅަކުން ސުވަރުގެއަށް ވަންނާށެވެ." މިފަދަ މަތިވެރި ނިޢުމަތްތަކެއް އިސްލާމްދީނުގައި ތިބާއަށް ތަނަވަސް ވުމުން އުފާނުކުރަން ހެއްޔެވެ؟

ދަންނާށެވެ. ސުވަރުގެ ލިބެން އޮތް ގޮތުގައި ހިފާ އިއްފަތްތެރި، ކިޔަމަންތެރި ތަޤުވާވެރި އުޚްތުންގެ ފޭރާމުގެ ނިވަލުގައި ނުބައި ފާޙިޝް އަންހެނެއްގެ މަޤާމުގައި ހުރުމަކީ ހުތުރުކަމެކެވެ. ހަނދާންކުރާށެވެ. އެނގިހުރެ ތިޔަ ހުޅުވަނީ އަމިއްލައަށް ވަންނަން އަމިއްލަ އަތުން ނަރަކައިގެ ދޮރެވެ. ތިޔަ ހަށިގަނޑު އަލިފާނަށް ހުށަހެޅިގަތުމާއި ނުވުން ވަނީ ތިޔަ އަންހެނާގެ އަތްމަތީއެވެ. އިޚްތިޔާރު އޮތީ ތިބާގެ މުށުގައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *