ކޮލަމިސްޓް

ޤަދަރު އުފުލިގެންވާ އެރޭ ލިބުމަށް ނޭދެން؟

“ހަލޯ” ނިދިއަޑެއްގައި ފޯނަށް ޖަވާބުދިނެވެ. ގަޑިން ހަވީރު 4 ޖެހީއެވެ. މިއޮއް ރަމަޟާން މަހު އިރުއޮއްސުމަށް 2 ގަޑިއެއް ހާއިރަށް ވީއިރުވެސް ރަހުމަތްތެރިޔާ އެއޮތީ ނިދާފައެވެ. “އަދިވެސް ނިދަނީތަ؟ ނަމާދުވެސް ނުކޮށް ތިހެންނޯވޭ. އެއޮއް އިރު އޮއްސެނީނު؟” އަހަރެން އެހެން ބުނުމާއެކު “ކަލެއަށް ކޮންކަމެެއް ހެއްޔޭ ބުނެ ފޯނު ކަނޑާލިއެވެ.”

ނިކަން ވިސްނާލަބަލާށެވެ. ޣާފިލްކަމުގައި ގިނަ ބަޔަކު ތިއްބާ، ބަރަކާތުން ފުރިފައިވާ މައްސަރެއް ބައްދަލުވެ ފަހުދިހައަށް މިއޮއް ފޯރަނީ ހީވެސް ނުކުރާހާ އަވަސް މިނެއްގައެވެ. މުޅި ޙަޔާތުގައި ވެސް އައި އެންމެ ތަފާތު ރަމަޟާން މަހުގައި އަޅުކަމުގައި ތަފާތުވެވުނުތޯ އަމިއްލަ ނަފްސާ ސުވާލުކުރައްވާށެވެ. ދާނެ މަދަރުސާއެއް ނެތި، ބިޒީވާނެ އޮފީސް މަސައްކަތެއް ނެތި، ނިކުންނާނެ ތަނެއް ނެތި، އާއިލާ އާއެކު ގޭގައި ހުރެ މި މައްސަރުގައި ހެޔޮޢަމަލުގެ ފަތަށް ބަރުކަމެއް ގެނެވުނުތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ. ބާކީ ކުރިޔަށް މިއޮތީ އެންމެ މުހިންމު ދުވަސްކޮޅެވެ. ފަހު ދިހައިގެ ސަވާބާއި ދަރުމަ ހޯދުމަކީ ވަރަށް ހިތްވަރުން ނޫނީ ނުވާނޭކަމެކެވެ. ދުވާލުގެ ކަރުހިއްކުން އިތުރުވާހެން ހީވާނެއެވެ. ރޭނގަޑުގެ ނިދިވެސް ގަދަވެގެންދާނެއެވެ. އާދަވެގެން ތަޙައްޖުދު ނަމާދު ކުރާމީހާއަށްވެސް ނުހޭލެވުމާއި، ހޭލެވުނަސް ނިދިނުފިލުން ފަދަ އެތައް ކަމެއް ދިމާވާނެއެވެ. ދަންނާށެވެ. އެއީ އެކަލާނގެ ތިބާގެ ހިތްވަރާއި ފަންވަރާއި އަޅުކަމުގައި ހުރި ހީވާގިކަން ބައްލަވަނީއެވެ. ހިތްވަރާއެކު ފަހު ދިހައަށް ބައިއަތު ހިފާށެވެ. ކުރިން ނިދާ، ދަންވަރު ހޭލާ ތިބާގެ ރޭއަޅުކަން އިތުރުކުރާށެވެ.

އެރެއެއްގައި ކުރާ އަޅުކަން 1000 މައްސަރުގައި ކުރާ އަޅުކަމަށްވުރެ ޘަވާބުގެ ގޮތުން އިތުރުވެގެންވާ ރެއެއް އެފަހު ދިހައިގައި ވެއެވެ. 1000 މައްސަރަކީ 83 އަހަރަށްވުރެ ގިނަ ދުވަހެވެ. އެއީ ﷲގެ ކަލާމްފުޅު ކީރިތި ޤުރްއާން ބާވައިލެއްވުނު ރެއެވެ. ކުރިއަށް އަންނަ އަހަރުގެ ހުރިހާ ކަމެއް ﷲ ސުބުޙާނަހޫ ވަތަޢާލާ މިންވަރުކުރައްވައި ކަނޑައެޅުއްވާނެ ރެއަކީވެސް އެއީއެވެ. ޖިބްރީލްގެފާނާއި މަލާއިކަތްބޭކަލުން ރަޙްމަތާއި ބަރަކާތާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ. އެއީ ބަރަކާތުން ފުރިގެންވާ ސަލާމަތްކަން ލިބިގެންވާ ރެއެކެވެ.

އާދެ ލައިލަތުލް ޤަދްރިވިލޭރެއެވެ. އެރޭގެ މާތްކަން ﷲ ޠަޢާލާ ވަނީ ކުރު ސޫރަތެއް ގޮތުގައި އަންގަވާފައެވެ.
އެކަލާނގެ ވަޙީކުރެއްވިއެވެ. “إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ * وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ * لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ * تَنَزَّلُ الْمَلائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ * سَلامٌ هِيَ حَتَّى مَطْلَعِ الْفَجْرِ*”
މާނައީ: ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީ ލައިލަތުލް ޤަދްރި ވިލޭރޭގައެވެ. އަދި ލައިލަތުލް ޤަދްރި ވިލޭރެއަކީ، ކޮންރެޔެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ ލައިލަތުލް ޤަދްރި ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. މަލާއިކަތުންނާއި، ޖިބްރީލްގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ އިޒުނަފުޅާއެކު، ހުރިހާ އަމުރުފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ. އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށް ދާންދެން، أمانކަމާއި، ސަލާމަތްކަން ލިބިގެންވާ ރެއެކެވެ.

އެފަދަ މަތިވެރި ރެއަކާ ބައްދަލުވެ އެރޭގައި ސަވާބާއި ދަރުމަ ނުލިބިދާ މީހަކަށް ވުރެ އަބާއްޖަވެރިއަކީ އަޅެ ފަހެކާކުހެއްޔެވެ؟ އެންމެ 10 ރޭގައި އަޅުކަމުގައި ހީވާގި ލެއްވުމަށް ޣާފިލްވެ ނުލައްވާށެވެ. މި ދިހަ ރޭގެ ސަވާބަށް ކަންކުރައްވަންވީ ގޮތަށް އެހީތެރިކަމެއް ކިޔާލަ ދެންހެއްޔެވެ؟
އެ ޝަރަފުވެރި، މަތިވެރި ރޭގެ ސަވާބަށް އެދި މި 10 ރޭގެ ރޭގަނޑުގެ ފަހުބައިގައި ތެދުވެ ދަމުނަމާދު ކުރާށެވެ. ފޯނު އެލާމްކޮށްގެންވެސް ތިބާގެ އޮފީހަށްދާން ހެނދުނު ތިޔަ ތެދުވާ ފަދައިން ހަމަ އެގަޑީގައިވެސް ހޭލެވޭނެ ނޫންހެއްޔެވެ؟ ހިތްވަރުލާ ތެދުވެ ނަމާދުކޮށް އެދޭ ކަންކަން ދަންނަވާށެވެ. އެރޭ ދުޢާކުރުން ޝަރުޢުކުރެއްވިއެވެ. އެއީ އެރެއެއްގައި ދުޢާ އިޖާބަކުރެއްވޭނެކަމުގައި އެންމެ ބޮޑަށް ބެލެވޭ ރެއެވެ. އެހެންކަމުން މި 10 ރޭ ދުޢާކުރުން ގިނަކުރާށެވެ. މާތް ﷲ އެކަމަނާއަށް ރުއްސުންލެއްވި ޢާއިޝަތުގެފާނު ވިދާޅުވިއެވެ. “ލައިލަތުލް ޤަދްރިއަކީ ކޮން ރެއެއްކަން ތިމަންކަމަނާއަށް އެނގިވަޑައިގަންނަވާނަމަ އެރޭ ތިމަންކަމަނާ ވިދާޅުވާންވީ ކޮން ޛިކުރެއްތޯ ސުވާލު ދެންނެވުމުން ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ.
((قُولِي: اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي))
މާނައީ: “ކަމަނާ މިފަދައިން ވިދާޅުވާށެވެ. “اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي” (އޭ ﷲ އެވެ. އިބަ ﷲ އީ ގިނަގިނައިން ޢަފޫކުރައްވާ، ޢަފޫ ކުރެއްވުމަށް ލޯބިކުރައްވާ އިލާހެވެ. މިއަޅާއަށް ޢަފޫކޮށްދެންވާނދޭވެ!)”

(ޖާމިޢުއް ތިރްމިޛީ، ޙަދީޘު: 3513)
އަދި ހަމައެހެންމެ ހެޔޮޢަމަލުތައް ކުރުން ގިނަކުރާށެވެ. އެންމެހާ ހެޔޮޢަމަލުތައް އެރޭގައި ކުރުން ޝަރުޢުވެގެންވެއެވެ. މިސާލަކަށް ސަދަޤާތް ކުރުން، ޤުރުއާން ކިޔެވުން ފަދަ ކަންކަން ކުރުމަށް ވަގުތު ކަނޑައަޅާށެވެ. ވަކި އަދަދެއް ކަނޑައަޅާ ކޮންމެ ރެއަކުވެސް މީހުން މަދުގަޑީގައި ނިކުމެ ސިއްރިއްޔާތުގައި ތިބާގެ އަތުން ހޭދަކުރާށެވެ. އަދި އެ މީހާކައިރިވެސް މިވާހަކަ އެއްވެސް މީހަކު ކައިރި ނުބުނުމަށް އެދޭށެވެ. އަސްތަޣުފާރު ކުރުން ގިނަކުރާށެވެ. މިފަދަ އެތައް ހެޔޮކަމަކުން ރޭތައް ފުރާލާށެވެ.

ޔަޤީނުން ވެސް އެރެއަކީ ރަމަޟާން މަހުގައި އަންނަ ރެއެކެވެ. ލައިލަތުލް ޤަދްރިއަކީ ކޮންމެ އަހަރެއްގައި ވަކި ރެއެއްގެ ގޮތުގައި ކަނޑައެޅި ޘާބިތުވެގެންވާ ރެއެއް ނޫނެވެ.އެއީ ކޮން ރެއެއްކަން ނޭނގުނު ނަމަވެސް ރަމަޟާން މަހުގެ ފަހު ދިހައިގައި ނުވަތަ ފަހު ދިހައިގެ އޮނަހިރި ރޭތަކުގައި އެރޭ ހޯދުމަށް މަސައްކަތް ކުރުމަށް މާތް ނަބިއްޔާ ﷺ އިރުޝާދު ދެއްވާފައިވެއެވެ. ކޮންމެއަކަސް، ކޮންމެ ސަބަބަކާ ހުރެ ނަމަވެސް، އެ ރޭ ސިއްރު ކުރެވިފައި ވުމަށް ﷲ ވަނީ މިންވަރު ކުރައްވާފަ އެވެ. މިކަމުގައި ހަމަ ޔަގީނުންވެސް ހިކުމަތްތަކެއް ވާނެއެވެ.

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ލައިލަތުލް ޤަދްރި ސިއްރު ކުރެއްވުމުގެ އެންމެ ބޮޑު ހިކުމަތަކީ، އަޅުކަންތައް ކުރުމަށް މީސްތަކުން އަބަދުވެސް ޝައުގުވެރި ކުރުވުމާ އެކު އެ ރޭގެ މަތިވެރިކަމުގެ ނަސީބު ލިބޭނެ ގޮތް މެދުވެރި ކުރެއްވުމެވެ. އެއީ ކަނޑައެޅިގެން ވަކި ރެއެއް ނަމަ މީސްތަކުން އެހެން ރޭތަކަށް މާ ބޮޑު ފަރުވާލެއް ނުހުންނާނެ އެވެ. މިހާރު މުޅި ރޯދަ މަސް އެކީ އެރޭ ހޯދުމަށް މަސައްކަތް ކުރާނެ އެވެ. އަދި ވަކިން ޚާއްޞަކޮށް ފަހު ދިހައިގައި ބޮޑަށް މަސައްކަތް ކުރާނެ އެވެ. މަހުގެ ފުރަތަމަކޮޅު އަޅުކަންތަކަށް ވަރަށް ބޮޑަށް ސަމާލުކަންދީފައި މެދެއްހާ ހިސާބަށް އަންނައިރު ފޫހިކަމާއި ލޮޑުކަން ބައެއް މީހުންގެ ފަރާތުން ފެނިގެންދެއެއް ނުންހެއްޔެވެ؟ މިކަމުން އަރައިގަނެ އަލުން އާ ހިތްވަރަކާ އެކު މަސައްކަތް ކުރުމުގެ ޝައުގު ފަހު ދިހައިގައި ލިބެއެވެ. އަދި ފަހު ދިހައިގެ ތެރެއިންވެސް އެންމެ ފަހުގެ އޮނަހިރި ރޭތަކަށް މާބޮޑު ޝައުގެއް ލިބިގެންދެއެވެ.

އެރޭ ސިއްރު ކުރެވުނު އަނެއް ހިކުމަތަކީ އެރެއަކީ ކޮން ރެއެއްކަން އެނގިހުރި ހާލަތެއްގައި އެ ރޭ ފާފައަކަށް ހުށަހެޅިއްޖެ ނަމަ ލިބޭނެ ފާފައިގެ ބޮޑުކަން އިތުރުވެގެން ގޮސްދާނެތީވެ މީސްތަކުންނަށް ރަހުމަތަކަށްޓަކައެވެ. އަދި ހަމައެހެންމެ އަޅުކަން ކުރުމުގައި ގަދައަޅައި މަސައްކަތް ކުރުމަކީ އޭގެ ޒާތުގައި ވެސް ސަވާބު ލިބޭ ކަމަކަށް ވާއިރު މިގޮތަށް ސިއްރު ކުރެވިފައި އޮތުމުން އެންމެ ރެއަކު ގަދައަޅައި މަސައްކަތް ކުރުމަށް ވުރެ އެތައް ރެއަކު އެގޮތަށް ގަދައަޅައި މަސައްކަތް ކުރުމުން ލިބޭ ސަވާބު އިތުރު ވެގެންދާނެތީ އެވެ. ވީއިރު އަޅުކަންތައް ކުރުމުގައި އަޅުގަނޑުމެން އިތުރު ހިތްވަރަކާއި ބާރެއް ލާން މަސައްކަތް ކުރަންޖެހެއެވެ. ލައިލަތުލް ޤަދްރި ލިބޭތޯ ރަމަޟާން މަހުގެ ހުރިހާ ރޭތަކެއްގައި އަދި ވަކިން ފަހު ދިހައިގައި ގަދައަޅައި މަސައްކަތް ކުރަން ޖެހެއެވެ. މިފަދަ މާތް ރެއެއް ރަމަޟާންމަހުގައި ލައްވާފައިވާއިރު އަޅުކަމަށް ފަރުވާކުޑަކޮށްލާ މަޖަލާއި އުފަލުގައި ސޯޝަލް މީޑިޔާގައި މި ރޭތައް ނަގާނުލާށެވެ. މިއީ ހަމައެކަނި ކުޅިވަރުގެ މަހަކަށް ނުހައްދަވާށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *