ދީނީ ލިޔުން

ބަދުރު ހަނގުރާމަަ އާއި ބެހޭ މުހިންމު 10 ކަމެއް (ބާބު 1)

ބަދުރު ހަނގުރާމައަކީ މުސްލިމުންގެ ތާރީޚުގައި ހިނގައިދިޔަ އެއްމެ މުހިއްމު އެއް ޙާދިޘާއެވެ. އެއީ އިސްލާމީ ތާރީޚުގެ މިޞްރާބު އާކޮށްލާ، މުޝްރިކުންގެ ހިތްތަކުގައި މުސްލިމުންނާއިމެދު ބިރުވެތިކަމާއި، ޤަދަރު އުފައްދާ، މުސްލިމުންނަކީ ނިކަމެތިން ފަދައިން ތަޞައްވުރު ކުރެވިފައިވުން ބަދަލުކޮށްލި ހަނގުރާމައެކެވެ. އެއީ މުސްލިމުންތަކެއް ﷲ ގެ މަގުގައި، ޢަދަދު މަދުކަމާއި އެކުވެސް، ފަސްނުޖެހި ޖާނާއި، ނަފްސުން ޤުރުބާންވި ދުވަހެކެވެ. އަދި އެއީ އެބޭކަލުންގެ ޢަމަލުގެ އިޙްސާންތެރިކަމުގެ ފުރިހަމަކަމުން ﷲ ތަޢާލާ އެބޭކަލުންނަށް ބައްލަވާ ވޮޑިގެން، އެޢަމަލުތައް ޤަބޫލުކުރައްވާ، ރުއްސެވުމާއި، ފުއްސެވުން އެބޭކަލުންގެ މައްޗަށް ބާއްވާލެއްވި ހަނގުރާމައެވެ. މިހެން ކަމުން މިހަނގުރާމައިގެ ވާހަކައިން އަޅުގަނޑުމެންވެސް، އަދި އަޅުގަނޑުމެންގެ ކުޑަ ދަރީންވެސް ފައިދާ ޙާޞިލްކުރުމަކީ މުހިއްމުކަމެކެވެ. މިހެންކަމުން މިލިޔުމުގައި ބަލާލެވިފައިވާނީ ބަދުރު ހަނގުރާމައާއި ގުޅޭ ޢާއްމު 10 މަޢުލޫމާތެވެ. ކުރު ވަޤުތުކޮޅެއްގައި އަވަހަށް ކިޔާލެވޭ ފަދަ ގޮތަކަށެވެ.

1. ބަދުރު ހަނގުރާމަ ހިންގީ ކޮން އިރަކު؟
އެނގިވަޑައިގަންނަވާނޭ ފަދައިން ބަދުރު ހަނގުރާމަ ހިނގީ މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް، މައްކާއިން މަދީނާއަށް ހިޖުރަ ކުރެއްވިތާ 2 އަހަރު ފަހުންނެވެ. އެބަހީ ހިޖުރައިން 2 ވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވަނައަށް ވީދުވަހުއެވެ. މީލާދީ ގޮތުން ބަލާނަމަ 17 މާރޗް 624 ގައެވެ.

2. މިއީ އިސްލާމީ ތާރީޚުގައި ހިނގައިދިޔަ އެއްމެ ފުރަތަމަ ބޮޑު ހަނގުރާމައެވެ.
މިއީ މުސްލިމުންނާއި، ޢަދުއްވުންނާއި ދެމެދު ހިނގައިދިޔަ ފުރަތަމަ ބޮޑު ހަނގުރާމައެވެ. މީގެ ކުރިން 8 ކުރިމަތިލުމެއް މުސްލިމުންނާއި މުޝްރިކުންގެ ދެމެދުގައި ހިނގާފައިވެއެވެ. މިތަނުން 4 ކުރިމަތިލުމުގައި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

3. ބަދުރަކީ ހަނގުރާމަކުރެވުނު ސަރަޙައްދަށް ކިޔާ ނަމެކެވެ.
ގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން ބަދުރަކީ ސަރަޙައްދެކެވެ. ބަދުރު ވަޅުކޮޅު ހުންނަނީ މިތަނުގައެވެ. ބަދުރު ހުންނަނީ މަަދީނާގެ ހުޅާނގުދެކުނުގައެވެ. މަދީނާއިން ނިކުންނަ ޤާފިލާތަކާއި، ސޫރިޔާއިން މައްކާއަށްދާ ޤާފިލާތަށް ދިމާވާނީ ބަދުރުގެ ސަރަޙައްދުންނެވެ.

ބަދުރަކީ ވަރަށް ގިނައިން ފެން ވަޅާއި، ކަދުރު ރުއްތައް ހުންނަ ތަނެކެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ޖަމަލުތަކަށް ފެން ދިނުމަށްޓަކައި ޤާފިލާތައް މިތަނުގައި މަޑުކުރެއެވެ. އަދި އަހަރަކު އެއްފަހަރު މިތަނުގައި ބާޒާރެއް ބޭއްވެއެވެ. މިހާޜު ބަދުރުގައި ދިރިއުޅެނީ ޙަރްބު ވަންހައިގެ މީހުންނެވެ.

4. މުސްލިމުން ޤުރައިޝުންގެ ޤާފިލާއަކަށް ޙަމަލާ ދިނެވެ.
ބަދުރު ހަނގުރާމަ ހިނގަން ދިމާވި ސަަބަބަކީ މުސްލިމުން މައްކާގެ ޤާފިލާއަކަށް ޙަމަލާދިނުމެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަމުރުފުޅަށް 2 ޞަޙާބީއަކު ޤުރައިޝުންގެ ޤާފިޅާގެ ޚަބަރު ބައްލަވަން ވަޑައިގަތެވެ. އަލްޙައުރާއާއި ހިސާބުން އެބޭކަލުންނަށް އަބޫ ސުފްޔާން ޤާފިލާއައިގެން އަންނަނިކޮށް ފެނުމުން އަވަހަށް މަދީނާއަށް ވަޑައިގެން މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަށް ޚަބަރު ދެއްވިއެވެ. އެހިނދު މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ހަގުރާމައަށް ނިކުމެވަޑާއިގަތެވެ.

މުސްލިމުން މަދީނާއަށް ހިޖުރަ ކުރެއްވިއިރު ގިނަ ބޭކަލުން ވަޑައިގަތީ ހުރިހާ މުދާތަކެއް ދޫކުރައްވާފައެވެ. މިތަނުން އެބައިބޭބޭކަލުންނަށް މައްކާގެ އަހުލުވެރިން އެބޭކަލުންގެ މުދާތައް ދޫކުރުމަށް މަޖުބޫރުވިއެވެ. އަދި އަނެއްބައި ބޭކަލުން، ހިޖުރަކުރައްބވާހިނދު މައްކާގެ އަހުލުވެރިންނަށް ފެނިއްޖެނަމަ ހުއްޓުވާ، އަނިޔާކުރާނޭ ކަމުގެ ޔަަޤީންކަން އޮތުމުން ސިއްރިއްޔާތުގައި އެއްވެސް މުދަލެއްނެތި ހިޖުރަ ކުރެއްވުމަށް މަޖުބޫރުވެވަޑައިގަތެވެ. ޤުރްއިޝުންގެ ވިޔަފާރި ޤާފިލާގައިވަނީ މިފަދަ މުދާތަކެވެ.

5. މުސްލިމުންގެ ލަޝްކަރުގެ ޢަދަދު މުޝްރިކުންގެ ޢަަދަދަށްވުރެ ގިނައެވެ.
މުސްލިމުންގެ ލަޝްކަރުގައި ތިއްބެވި މުހާޖިރިއްޔަ އަދި އަންޞާރީ ބޭކަލުންގެ ޢަދަދަކީ 313 އާއި 317އިގެ ދެމެދުގެ ޢަދަދެކެވެ. އެބޭކަލުންގެ މެދުގައިވަނީ 2 އަހާއި 70 ޖަމަލެވެ. މުހާޖިރިއްޔަ ބޭކަލުންގެ ޢަދަދަކީ 86 އެކެވެ. ބާކީ ތިއްބެވީ އައުސާއި ޚަޒްރަޖު ވަންހައިގެ އަންޞާރިއްޔަ ބޭކަލުންނެވެ.

ނުނިމޭ

މުޝްރިކުންގެ ލަޝްކަރުގެ ޢަދަދަކީ 1000 އެވެ. އޭގެ ތެރެއިން 200 މީހުންނަކީ އަސްވާރުންނެވެ. މިއީ މުސްލިމުންގެ ލަޝްކަރުގެ ގާތްގަނޑަކަށް 3 ގުނައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *