ކޮލަމިސްޓްޞިއްޙަތު

ފާނަބަސަދު؛ އަލާމާތް، ސަބަބު އަދި ފަރުވާ

ފާނަބަސަދަކީ ވެރިސެލާ ޒޮސްޓާ (varicella zoster) ކިޔާ ވައިރަސް އަކުން ޖެހޭ އަދި ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ. ކުޑަކުދިންނަށް ވުރެއް ބޮޑެތިމީހުންނަށް މި ބަލި ޖެހުން ގިނައެވެ. ހަށިގަނޑުގެ ތެރޭގައި މި ބަލި އާންމު ގޮތެއްގައި 7 ދުވަހާއި 10 ދުވަހުގެ މުއްދަތަކަށް ދެމިހުރެއެވެ. ފުރަތަމަ މިބަލީގެ އަލާމާތެއްގެ ގޮތަށް ފެންނަނީ ހުންއައުމާއި ރޯގާ އަދި ވަރުބަލިކަން އިހުސާސްވުމެވެ. ބައެއް ކުޑަކުދިންގެ ފުރަތަމަ އަލާމާތެއްގެ ގޮތަށް ބިހި ނެގުންވެސް ވެއެވެ. އާންމު ގޮތެއްގައި ބިހި ނަގަނީ އަދި ގިނައިން ބިހި ނަގާނީ މޭމަތީގައެވެ. ދެން މޫނާއި ބޮލުގައެވެ. ބައެއްފަހަރު ގައިގެ އެކި ތަންތާގައިވެސް ނަގައެވެ. ނަމަވެސް ހުދު ހަމުގައި ނެގުން ވަރަށް ދުރެވެ.

ބިހި ފުރަތަމަ ފެންނާނީ ކުޑަކޮށް އަދި ރަތް ކުލައަކަށެވެ. ހިރުވައި ކަހާގޮތް ވާނެއެވެ. ދެން އެއަށް ފެން އެރުމަށްފަހު ފެންފޮޅެއް ގޮތަށް ބޮޑުވެއެވެ. ފޮޅުގެ މަތި ހަލާކުވެ ފެންތައް ދިޔުމުން ކުރަލާން ފަށައެވެ. ކުރަތައް ނެއްޓުމަށް 5 ދުވަހާއި 7 ދުވަސް ނަގައެވެ. އެކި ދުވަސް މަތިން ފޮޅުތައް ނެގުމުގެ ސަބަބުން ބަލި މުޅިން ރަނގަޅުވާން ދުވަސް ނަގައެވެ. މި ވައިރަސް ފެތުރެނީ ބަލިމީހާ ކެއްސައި ކިނބިހި އެޅުމުންނާއި ފޮޅުގައާއި ފޮޅުން ނުކުކުން ފެނުގައި އަތްލުމުންނާއި އަދި ބަލިމީހާ ގެންގުޅޭ އެއްޗެހީގައި އަތްލުމުން ނުވަތަ ފޮޅުގައާއި ފޮޅުން ނުކުކުން ފެން ޖެހިފައި ހުންނަ ތަކެތީގައި އަތްލުމުންނެވެ. ވަރަށް މަދުހާލަތެއްގައި ށިންގަލްސް (shingles) ޖެހިފައި ހުރި މީހެއްގެ ފޮޅުން އަންނަ ފެނުންވެސް ފާނަބަސަދު ޖެހެއެވެ.

ބަލިމީހާގެ ފަރާތުން މި ބަލި ފެތުރެނީ ބަލިވުމަށްފަހު (ބިހިތައް ނެގުމުގެ 1 ނުވަތަ 2 ދުވަސް ކުރިން) ހުރިހާ ބިހިތަކެއް ނަގައި 5 ނުވަތަ 7 ދުވަހުގެ ތެރޭގައެވެ. އައު ބިހި ނެގުން ހުއްޓި ހުރިހާ ފޮޅެއްގައި ކުރަލައި އެއްކޮށް ހިކުމުން، ބަލިމީހާގެ ކިބައިން ފާނަބަސަދު ފެތުރުން ހުއްޓެއެވެ. މިއީ ވަރަށް ފަސޭހައިން ޖެހޭ ބައްޔެކެވެ. ވެކްސިން ޖަހާފައި ނުވާނަމަ މާބޮޑަށް ކައިރީގައި އުޅޭ ގިނަ މީހުންނަށް ޖެހެއެވެ. ފާނަބަސަދު ޖެހިފައި ހުރި މީހަކާ އެކު އުޅުމަށްފަހު އޭގެ 10 އާއި 21 ދުވަހުގެ ތެރޭގައި އެމީހެއްގެ ހަށިގަނޑަށް ވައިރަސް އަރާފައިވާނަމަ ފާނަބަސަދު ޖެހެއެވެ.

ފޮޅުތައް ހިރުވައި ކަހާގޮތްވާނެއެވެ. ކަހައިފި ނަމަ ބެކްޓިރިއާގެ ސަބަބުން އިންފެކްށަން އުފެދިދާނެއެވެ. ފޮޅުތައް ރަނގަޅުވުމަށް ފަހު ލަކުނު ލައެވެ. މި ބައްޔަކީ ދިފާއީބާރު ދަށްމީހުންނަށް (އެޗް.އައި.ވީ/އެއިޑްސް، ކެންސަރު ނުވަތަ ނޭވައިހިއްލުން ފަދަ ބަލިތައް) ނުރައްކާތެރި ބައްޔެކެވެ. މިފަދަ މީހަކު ފާނަބަސަދު ޖެހިފައި ހުރި މީހަކާ މާބޮޑަށް ކައިރިވެއްޖެ ނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަންވާނެއެވެ. މާބަނޑު އަންހެނުންގެ ފަރާތުން ދަރިފުޅަށް މި ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. ވިހެއުމުގެ 5 ދުވަސް ކުރިންނާއި ވިހާތައި 2 ދުވަސް ތެރޭގައި ފާނަބަސަދު ޖެހިއްޖެނަމަ ދަރިފުޅުގެ ފުރާނައަށް ނުރައްކާވެއެވެ. މިފަދަ މީހަކު ފާނަބަސަދު ޖެހިފައި ހުރި މީހަކާ މާބޮޑަށް ކައިރިވެއްޖެ ނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަންވާނެއެވެ.

މި ބައްޔަށް ވަކިން ހާއްސަ ފަރުވާއެއް ނޯވެއެވެ. ނަމަވެސް ވައިރަސް އިތުރުވިޔަ ނުދިނުމަށާއި ބަލިން އަވަހަށް ސަލާމަތްވުމަށް، ބަލި ޖެހޭތާ 24 ގަޑި އިރުގެ ތެރޭގައި ބޭސް ނެގިދާނެއެވެ. ހުމަށާއި ތަދަށް ބޭސްކައި ގިނައިން ފެންބުއިމަށް ޑޮކްޓަރުން ބާރުއަޅައެވެ. އަނގާގައި ފޮޅު ހުރިނަމަ އެސިޑް އަދި ލޮނު ހިމެނޭ ކާނާ ކެއުމުން ދުރުވާންޖެހެއެވެ. ޑޮކްޓަރަށް ދައްކައިގެން ކެހުމަށާއި ހިރުވުމަށް ބޭސް (ކަލަމިން ލޯށަން ނުވަތަ ތެޔޮ) ބޭނުންކުރެވިދާނެ އެވެ. ފެންވަރާއިރު އޯޓްމީލް ނުވަތަ ހިތިފަތް ބޭނުން ކުރުމުން ކެހުމަށް ލުޔެއް ލިބިދެއެވެ.

ކުޑަކުދިން ދެ ފަހަރެއްގެ މަތިން ވެކްސިން ޖަހަންޖެހެއެވެ. އަންހެނުން މާބަނޑުވުމުގެ ކުރިން، ދިފާއީބާރު ދަށްމީހުން، ގިނަ ބަޔަކަށް ހިދުމަތެއްދޭ މީހުން ވެކްސިންޖެހުމަށް ބާރުއަޅައެވެ. ވެކްސިން ޖެހިނަމަވެސް %10 މީހުންނަށް ބަލިޖެހުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް ބަލިން ކުރާ އަސަރު ވަރަށް ކުޑަވާނެއެވެ.

ށިންގަލްސް ޖެހެނީ ފާނަބަސަދުގެ ވައިރަސް ނާރުގެ ސެލްތަކުގައި ހުރުމުން އެ ވައިރަސް ފަހުން ހަރަކާތްތެރިވާން ފެށުމުންނެވެ. މި ބަލި ޖެހެނީ ކުރިން ފާނަބަސަދު ޖެހިފައިވާ މީހުންނަށެވެ. އަދި އާންމުކޮށް ޖެހެނީ 70 އަހަރުން މަތީގެ މީހުންނަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *