ދިވެހިރާއްޖޭގެ ވަޤުފްގެ ދާއިރާ ތަރައްޤީކޮށް، އިސްލާމީ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ދެމެދު މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ވަޤުފް މަޝްރޫޢުތަކަށް އިސްލާމީ އުޞޫލުތަކުގެ ދަށުން އިންވެސްޓްކުރުމުގެ މަގު ފަހިވެގެންދާނެއެވެ.
މި ފަހުމުނާމާގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާއި، ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފެވެ. ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ވަޤުފު މަޝްރޫޢުތައް ފެށުން ލަސްވުމުގެ މައިގަނޑު ސަބަބަކީ މާލީ ދަތިކަންކަމަށާއި، ނަމަވެސް ބީއެމްއެލްގެ އެހީތެރިކަމާއެކު މިފަދަ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މި މަޝްރޫޢުތައް ފެށުމަށް ނިންމާފައިވާއިރު، އަމާޒަކީ ދެ އަހަރުގެ ތެރޭގައި މަސައްކަތްތައް ނިންމާލުން ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، "ބީއެމްއެލް އިން އިސްލާމީ އުޞޫލުން އިންވެސްޓްކުރުމަކީ މުޖުތަމައުއަށް، މުޅި ޤައުމަށް ކޮށްދެވޭ އަގުހުރި ޚިދުމަތެއް." ރާއްޖޭގައި ހުރި އެތައް ސަތޭކަ މިސްކިތްތައް މަރާމާތުކުރުމާއި އިސްލާމީ ޚިދުމަތްތަކަށް ބޭނުންވާ ހުރިހާ ޚަރަދެއް ދައުލަތުގެ ބަޖެޓަށް އެކަނި ބަރޯސާވެގެން ނުކުރެވޭނެ ކަމަށާއި، އެހެންކަމުން މާލީ އެހެން ދާއިރާތައް ހޯދުމަކީ މުހިންމު ކަމެއްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. މާލޭގައި ޤާއިމްކުރާ މިފަދަ ތަންތަނުން މުޅި ރާއްޖެއަށް ފައިދާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބީއެމްއެލް ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކުން ވަޤުފު އިމާރާތްތައް ތަރައްޤީކުރުމަށްޓަކައި މާލީ އެހީއާއި އިސްތިރާޖީ އެހީތެރިކަން ދިނުމަށް ނިންމާފައިވާކަމަށެވެ. މިގޮތުން ހުޅުމާލޭގައި ތަރައްޤީކުރާ "ދާރުލްސަލާމް"އާއި މާލޭގައި ތަރައްޤީކުރާ "ދާރުލްއަރްޤަމް"އަށް އިސްލާމީ އުޞޫލްގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ޝަރީފް ވިދާޅުވީ، ދީނީ ކަންތައްތައް ކުރިއެރުވުމަށްޓަކައި ދެމެހެއްޓެނިވިގޮތަށް އާމްދަނީ ލިބޭނެ ވަޞީލަތްތައް ޤާއިމްކުރުމަކީ މުހިއްމުކަމެއް ކަމަށެވެ.
މުޅި ރާއްޖެއަށް ވަޤުފް މަޝްރޫޢުތައް ފުޅާކުރުން
މާލޭ ސަރަޙައްދުގައި ތަރައްޤީކުރާ ވަޤުފު އިމާރާތްތަކުގެ މަޝްރޫޢަށް ބީއެމްއެލް އިސްލާމިކްއިން 350 މިލިޔަން ރުފިޔާގެ ލޯން ދިނުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢުތަކުގެ ތެރެއިން ދާރުލްއަރްޤަމް އަދި ދާރުލްސަލާމް ވެސް ތަރައްޤީކުރަނީ 12 ފަންގިފިލާއަށެވެ. މީގެ އިތުރުން މާލޭގައި ކީރިތި ޤުރުއާނަށް ޚާއްސަ ވަޤުފް އިމާރާތެއް އެޅުމަށް ހަމަޖެހިފައިވެއެވެ.
މާލެ ސަރަޙައްދުގެ އިތުރުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމަކަށް، ރާއްޖޭގެ އެހެން ސިޓީތަކުގައި ވެސް ވަޤުފް މަޝްރޫޢުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ގއ. ވިލިނގިލީގައި މި މަޝްރޫޢުތައް ފެށުމަށް ނިންމާފައިވާއިރު، މިއީ ދިވެހިރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ ކަމަށް ބެލެވޭ މަޝްރޫޢުތަކެކެވެ.

















advertisment
ޚިޔާލު