އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެފައިވަނީ، ކީރިތި ޤުރުއާނާ ބެހޭ ޚާއްސަ ވަޤުފު އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މި މަޝްރޫޢަކީ، ކުރިން ކޮރެލް ބޮލެވާޑް މަޝްރޫޢު ހިންގަން ހަމަޖެއްސި ބިމުގައި ތަރައްޤީކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ މެއި މަހު އިޢުލާންކުރެއްވި މަޝްރޫޢެކެވެ. ވަޒީރު ވިދާޅުވީ، މި މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހު ފެށުމަކީ އުންމީދެއް ކަމަށާއި، މިފަދަ މަޝްރޫޢުތައް ދެތިން އަހަރުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
ކީރިތި ޤުރުއާނާ ބެހޭ ޚާއްސަ ވަޤުފު އިމާރާތް ތަރައްޤީކުރާ ބިމުގެ ބޮޑުމިނުގައި 70،000 އަކަފޫޓު ހުންނައިރު، އޭގެތެރެއިން 10،000 އަކަފޫޓު ޚާއްސަ ކުރެވޭނީ ކީރިތި ޤުރުއާނާ ގުޅޭ ކަންކަމަށެވެ. މާލެ ސަރަޙައްދުގައި އިތުރު ވަޤުފު އިމާރާތްތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު ހަވާލުކޮށްފައިވާ ދާރުލްއަރްޤަމް (މާލޭގައި) އާއި ދާރުލްސަލާމް (ހުޅުމާލޭގައި) ވަޤުފު އިމާރާތުގެ އިތުރުން މި ޚާއްސަ ޤުރުއާން ވަޤުފު އިމާރާތް ތަރައްޤީކުރެވޭނެއެވެ. މި ދެ އިމާރާތަކީވެސް 12 ފަންގިފިލާއަށް ތަރައްޤީކުރާ އިމާރާތްތަކެކެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މި މަސައްކަތްތަކަކީ ކުރިއަށް އޮތް ޖީލުތަކަށް އެޅޭ މުހިއްމު ފިޔަވަޅެއްކަމަށާއި، އަމާޒަކީ އިސްލާމީ ކަންކަމަށް ޚިދުމަތް ކުރާ ފަންޑު، އަހަރަކު 100 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަންނަ ފަންޑަކަށް ހެދުންކަމަށެވެ. މީގެ އިތުރުން، މާލޭގައި ތަރައްޤީ ކުރާ ވަޤުފު އިމާރާތްތަކުގެ އިތުރަށް އަތޮޅުތެރޭގައިވެސް މިފަދަ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށްޓަކައި އަތޮޅު ވަޤުފު މަޝްރޫޢެއްވެސް ވަނީ އިފްތިތާހްކޮށްފައެވެ.
ޑރ. ޝަހީމް ވަނީ ޒަކާތު ފަންޑުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. "ޒަކާތު ފަންޑުގެ އިންވެސްޓްމަންތްތައްވެސް އިތުރުކޮށް ފަޤީރުންގެ މަސްލަހަތައްޓަކައި އިތުރު ތަނަވަސްކަން ހޯދައިދިނުން. އިރާދަކުރެއްވިއްޔާ މި މަގަށް މަސައްކަތް ކުރެވޭނެ. ރާއްޖެ މިއަދު ދެކެމުން މިދަނީ ފަހުގެ ދުވަސްވަރު ދެކެމުންދާނެ އެންމެ ހެޔޮ ދުވަސްތައް،" އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު ހުރީ އެންމެ ވަޤުފު އިމާރާތް ކަމުގައިވާ "ދާރުލް އީމާން" އެވެ. މި އިމާރާތުން އަހަރަކު 6 މިލިޔަން ރުފިޔާ ލިބެއެވެ. ނަމަވެސް، މާލެއާއި ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ވަޤުފު އިމާރާތްތަކާއެކު އަހަރަކު 50 މިލިޔަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. މި މަޝްރޫޢުތަކުގެ ސަބަބުން އިސްލާމީ ކަންކަމަށް ޚިދުމަތްކުރުމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...