ޞިއްޙަތު

ހެނދުނުގެ ނާސްތާއަށް ކާންވީ މިއެއްޗެހި

ދުވަހުގެ ކެއުމުގެ އެންމެ މުހިއްމު ކެއުމަކީ ހެނދުނުގެ ނާސްތާއެވެ. ހަށިގަނޑަށް ފައިދާހުރި ކާނާއެއް ހެނދުނުގެ ނާސްތާއަށް ބޭނުންކުރުމަކީ މުޅި ދުވަހުގެ ހަރަކާތްތައް ރަގަޅަށް ފެށުމަށް ލިބޭ ބާރެކެވެ. ހެނދުނުގެ ނާސްތާ ނުނަގާނަމަ، އެދުވަހުގެ އެހެން ކާގަޑިތަކުގެ ކެވޭ މިންވަރު އިތުރުވެއެވެ. ޚާއްސަކޮށް ނިދާ ހޭލުމަށްފަހު ހުންނަ ބަނޑުހައިކަން ފިލައިގެންދާ މިންވަރަށް ހެނދުނު ނުކެވިއްޖެނަމަ، އެދުވަހުގެ މަސައްކަތަށް ފަށައިގަތުމުގައި އުނދަގޫތައް ކުރިމަތިވެދެއެވެ.

މިލިޔުމުގައި މިގެނެސްދެނީ ހެނދުނުގެ ނާސްތާގެ ގޮތުގައި ކެވިދާނެ ހަށިގަނޑަށް ފައިދާހުރި ބާވަތްތަކެކެވެ.

ބިސް
ބިހަކީ ހަށިގަނޑަށް ފައިދާ ލިއްބައިދޭ ބާވަތްތަކެއް އެކުލެވޭ އަނގަޔަށްވެސް މީރު ކާނާއެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ހެނދުނުގެ ނާސްތާގައި ބިސް ބޭނުން ކުރުމުން ބަނޑު ފުރިފައިވާ ކަމުގެ އިހްސާސްކޮށްދެއެވެ. އަދި ދުވަހުގެ އެހެންގަޑިތަކުގައި ބަނޑުހައިވެގެން ކެވޭ މިންވަރު މަދުކޮށްދެއެވެ. ބިހުގައި އެކުލެވޭ މާއްދާތަކުން ހަށިގަނޑުގެ ހަކުރުގެ މިންވަރާއި އިންސިއުލިންގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުންވެސް ބިހުގައި އެކުލެވޭ ބައިތަކުން ލޮލުގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެ މެއާއި ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ. ތައްޔާރުކޮށްލުމަށްވެސް ގިނައިރުތަކެއް ނުނަގާ ބިހަކީ ހެނދުނުގެ ނާސްތާގައި ހިމަނާލަން އެންމެ މުހިއްމު އެއްބާވަތެވެ.

އޯޓްމީލް
މުޅި ދުވަހުގެ ބާއްޖަވެރިކަމަށް، ހެނދުނުގެ ނާސްތާގައި އޯޓްމީލް ހިމަނާށެވެ. އޯޓްމީލް އަކީ ހަށިގަނޑަަށް ހަކަތަ ލިއްބައިދޭ ކާނާއެކެވެ. ހަމައެހެންމެ ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތަކެއް ވެސް އެކުލެވިގެންވާ ކާނާއެކެވެ. ހިތުގެ ބަލިތަކާއި ލޭގެ ޕްރެޝަރ އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ މިކާނާއަކީ ހެނދުނުގެ ނާސްތާގައި ކިރު ނުވަތަ ބިހާއެކު ބޭނުންކޮށްލަން ވަރަށް އެކަށޭނަ ކާނާއެކެވެ.

ގްރީން ޓީ
ގްރީން ޓީ ހިމެނޭނީ ހަށިގަނޑަށް ފައިދާހުރި ބުއިންތަކުގެ ލިސްޓުގެ އެއްވަނައިގައެވެ. ގްރީން ޓީއަކީ އެހާވެސް ހަށިގަނޑަށް ފައިދާ ހުރި ބުއިމެކެވެ. ގްރީން ޓީގައި އެކުލެވޭ ކެފެއިން މާއްދާގެ ސަބަބުން މިހާގެ މޫޑު ރަނގަޅުކޮށްދީ ހަޖަމްކުރުމުގެ މަސައްކަތްތައް ހަލުވި ކޮށްދެއެވެ. ގްރީން ޓީއަކީ ހަކުރުބަލި ހުންނަ މީހުންނަށްވެސް ބޭނުންކުރުން ރަނގަޅު ބުއިމެކެވެ. އެގޮތުން ދިރާސާތަކުން ދައްކާގޮތުގައި ހަކުރިބަލި ހުންނަމީހުން ގްރީން ޓީ ބުއިމުން ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު ދަށްކޮށްދެއެވެ.

ނަޓްސްއާއި މޭވާ
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ ބާވަތްތައް ލިއްބައިދޭ އެންމެ މުހިއްމު އެއް ކާނާއަކީ އެކި ބާވަތްބާވަތުގެ މޭވާއެވެ. ހަށިގަނޑަށް ބޭނުންވާ ވިޓަމިންސްގެ ބޮޑުބައެއް މޭވާގެ ޒަރީއާއިން ލިބިދެއެވެ. އެކިވައްތަރުގެ ނަޓްސްއަކީވެސް ހަމައެހާމެ ފައިދާ ހުރި އެއްޗެކެވެ. މިދެބާވަތަކީވެސް ހެނދުނުގެ ނާސްތާގައި ހިމަނާލުން ވަރަށް މުހިއްމު ދެބާވަތެވެ. ބޭނުންނަމަ އޯޓްމީލްއާއެކުވެސް ބޭނުން ކުރަންވީއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *