ކޮލަމިސްޓް

އުފާވެރި ގެވެހިދިރިއުޅުން- 9 (ފިރިހެނުންނަށް ޚާއްޞަ)

72. ތިރީގައި އެވަނީ އަނބިމީހާގެ ލޯބި ހޯދުމަށް އެހީތެރިވެދޭނެ އިތުރު ކަންތައްތަކެކެވެ.
***********************************************

• އާންމު ގޮތެއްގައި އަނބިމީހާ ގޭގައި ކައްކާ ހަދާނަމަ ނުވަތަ އެވަގުތެއްގައި ވަރުބަލިވެފައި ވާތަން ފެނިއްޖެނަމަ އަނބިމީހާ ގޮވައިގެ ބޭރަށްދާށެވެ.
• އަނބިމީހާ އެހީތެރިކަމަށް އެދިއްޖެ ހާލަތެއްގައި އޭނާ ކުއްވެރި ކުރުމަކާއި ނުލައި އެކަމަކަށް އެހީތެރި ވެދޭށެވެ.
• ތިބާގެ ފަރާތުން އަނބިމީހާއަށް ހިތާމައެއް ދެވިއްޖެނަމަ އޯގާތެރި ކަމާއެކު ކައިރިވެލުމަށްފަހު ކުރެވުނު ކުށަށް މަޢާފުކޮށްދިނުމަށް އެދޭށެވެ.
• އަނބިމީހާ ވާހަކައެއް ދައްކާއިރު، ނޫސްކިޔަން އިން ނަމަ، ނުވަތަ ޓީވީ ބަލަން އިންނަމަ ޓީވީ ނިވާވުމަށްފަހު އޭނަގެ ވާހަކަޔަށް ސަމާލު ކަންދޭށެވެ.
• އަނބިމީހާ އޭނަގެ އިހުސާސް ތަކެއް ކިޔައިދޭ ހިނދު އިރުއިރުކޮޅުން ގަޑިބަލާ ނުހަދާށެވެ.
• އެހެންމީހުންގެ ކުރިމަތީގައި އަނބިމީހާ ދެކެ ލޯބި ވާކަން ހާމަކުރާށެވެ.
• އަނބިމީހާގެ އަތުގައި ހިފައިގެންދާ ވަގުތު ތަކުގައި އޭނައަށް ވުރެކުރިން އަތްދޫކޮށްނުލާށެވެ.
• އެހެންމީހުންގެ ކުރިމަތީގައި އޭނަޔަށް ވަރަށް ބޮޑަށް ސަމާލުކަންދޭށެވެ.
• ބޭރަށްދާނަމަ ގެއަށް ބޭނުންވާ އެއްޗެއްވޭތޯ އަހާލާށެވެ.
• އަނބީމީހާއަށް އަންނައުނު ގަނެދީހަދާށެވެ.
• ކައިވެނީގެ ކުރިކޮޅުގައި އޭނަޔާ މެދުގައި ޢަމުލުތައް ބެހެއްޓި ގޮތަށް އެކަން ދަމަހައްޓާށެވެ.
• އަނބިމީހާ ނޫހުން ކިޔުމަށް ލޯބިކުރާ ޚަބަރުތައް އަޑު އިވޭވަރަށް ކިޔާށެވެ. އަދި އެނޫހެއްގެ އެބައި އޭނަޔަށް ދީ ހަދާށެވެ.
• ފެންވެރުމަށްފަހު ނުކުންނަމުން ފާޚާނާ ރީތިކޮށްލާ ހެދުމަށްފަހު ތުވާލިވެސް އެތަން މިތަނަށް އެއްލާލާފައި ނުބާއްވާށެވެ.
• ގެއަށްބޭނުންވާ ބައެއް ތަކެތި ގަތުމަށް އޭނަޔާ އެކުގައި ބާޒާރަށް ގޮސްހަދާށެވެ.
• ބުރަތަކެތި އުފުލުމުގައި އަނބިމީހާއަށް އެހީތެރިވާށެވެ.
• ވާހަކަދައްކަން ހުންނަ ގިނަވަގުތު ތަކުގައި އޭނާގެ އަތުގައި ހިފާލައިގެން ހުންނާށެވެ.
• ހެނދުނު ތެދުވަމުށް ނިދާ އެނދުގެ ބެޑްޝީޓް ރަނގަޅު ކޮށްލުމަށްފަހު ދާށެވެ.
• އަނބިމީހާ ވާހަކަދައްކާ ހިނދު އޭނަގެ ވާހަކަޔަށް ސަމާލުކަން ދޭކަން އިހުސާސް ކޮށްދޭށެވެ. މިސާލަކަށް ހޫނ،ހާނ، މިފަދަ ބަސްތަކެއް ބޭނުންކުރާށެވެ.
• އަނބިމީހާ ބަލިވެ އުޅޭނަމަ ދޭތެރެ ދޭތެރެއިން ވާނުވާ ގޮތް އަހައި އަދި ހުންއައިސްފާ ވާނަމަ ނިތްކުރީގައި އަތްއަޅާ ފިރުމާލާ ހަދާށެވެ.
• އަނބިމީހާގެ މަޖާކުރުމާ ޖޯކު ކިޔުންފަދަ ކަންކަމުން އުފާވާކަން ހާމަކުރާށެވެ.
• ކޮންމެ ދުވަހަކުވެސް އަނބިމީހާ އާއި އެކު ކޮންމެވެސް ވަގުތުކޮށް ހޭދަކުރާށެވެ.
• އަނބިމީހާ ވާހަކައެއް ދައްކާނަމަ އެވަގުތު ފޯނުން ވާހަކަ ނުދައްކާ އޭނަގެ ވާހަކަޔަށް ސަމާލުކަންދޭށެވެ.
• ދެމީހުން އެކަނި ބުރުޖަހާލަން ބޭރަށް ގޮސް ހަދާށެވެ.
• އަނބިމީހާ ލޯބިކުރާ ކާއެއްޗެއް އެބޭކަރީއަކުން ގެނެސްދީހަދާށެވެ.
• އަނބިމީހާއަށް ޢިއްޒަތާއި ޤަދަރުދީ އިޙުތިރާމު ކުރާށެވެ.

73. ތިބާއަށް އެންމެ އުދަގޫ ވާކަމެއް އަނބިމީހާއަށް އެނގެންވާނެއެވެ. އެފަދަ ދަނޑިވަޅެއް އައިނަމަވެސް ރުޅިވެރި ކަމެއްނެތި ކެތްތެރިކަމާއެކު ލޯބިން ވިސްނައިދޭށެވެ. އަމައެފަދައިން އަނބީމީހާ އަށްވެސް އެންމެ އުނދަގޫވާ ކަންކަން ހޯދާ އެފަދަ ކަންކަމުން ދުރަށް ދިއުމަށް މަސައްކަތްކުރާށެވެ. އަމިއްލަ ނަފުސުގައި ހުންނަ، އެހެން މީހުންނަށް އުނދަގޫވާފަދަ ކަންތައްތައް ހުންނަނީ ނޭނގިފައެވެ. އެކަން އެނގިއްޖެނަމަ އެފަދަކަންކަމުން ދުރުވުމަށް މަސައްކަތް ކުރަންވާނެއެވެ.

މިފަދަ ކަންތައްތައް ދެނެގަނެވިދާނެ ގޮތަކީ އެކަކު އަނެކަކު ގައިގައި ހުރި ހިތްހަމަނުޖެހޭ ސިފަތަކުގެ ލިސްޓެއް ތައްޔާރު ކުރާށެވެ. މިލިސްޓު ބަދަލުކޮށްލުމަށްފަހު ހަމަޖެހިލައިގެން ތިބާ ވިސްނުންތެރި ކަމާއެކު ކިޔާލާށެވެ. މީއުނދަގޫ ކަމަކަށް ވާނެކަން އެނގެއެވެ. އެއަށްފަހު ލިޔުން އަންދާލާށެވެ. މިހެން ޢަމަލު ކުރުމަށަފްހު އެކަކު އަނެކަކުގެ ފުށުން ދެކެން ބޭނުންވާ ރަނގަޅު، ކިތަންމެ ކުޑަ ކަމެއްކަމުގައިވިޔަސް ދެމީހުންވެސް ލިސްޓް ތައްޔާރު ކުރާށެވެ. ކޮންމެ ނަމްބަރެއްގައި ވެސް ވާން ވާނީ އަނެކަކުގެ ފުށުން ފެންނަން ބޭނުންވާ ހިތްއެދޭ ސިފައެކެވެ. އެއަށްފަހު ފުރޭމަކަށްލައި ކޮޓަރީގައި ފެންނަގޮތަށް ބަހައްޓާށެވެ. ދެންދުވާލަކު އެއް ފަހަރު ކިޔާލަންވާނެއެވެ. މިގޮތަށް ޢަމަލުކޮށްފިނަމަ ތިބާގެ ދިރިއުޅުން ވަރަށް އުފާވެރިވާނެއެވެ.

74. ދަރިންނާއެކު ކޮންމެ ދުވަހަކުވެސް ވަގުތު ކޮޅެއް ހޭދަކުރާށެވެ. ވަގުތު އޮތްނަމަ ކުޅުމުގައި ވަގުތު ކޮޅެއް ހޭދަކުރާށެވެ. ދަރިންދެކެ ހަމައެކަނި ލޯބިވުމަކުން ނުފުދޭނެއެވެ. ލޯބިވާކަން ހާމަކުރާށެވެ. ލޯބިވާ ވާހަކަ ބުނެ ލޯބިން ބައްދާލާ ހަދާށެވެ. މިކަމުން ދަރިން ދެކެ މައިންބަފައިން ލޯބިވާކަން އެކުދިންނަށް އެނގޭނެއެވެ. އަދި ކަންކަމުގައި ހިތްވަރުދީ ތަޢުރީފުކޮށް ކިތަންމެ ކުޑަ ކާމިޔާބެއް ހޯދި ކަމުގައިވިޔަސް އެކަން ފާހަގަ ކުރާށެވެ. ހިތްހަމަނުޖެހިފައިވާކަން އެނގިއްޖެނަމަ އެކަމުގެ ސަަބަބަކީ ކޮބައިތޯ ސުވާލުކޮށް އެކަމުގައި އެހީތެރިވާށެވެ. ދަރިންގެ ކިތަންމެ ކުޑަރަނގަޅު ކަމެއް ފެނުނަސް އެކަމަށް ތަޢުރީފު ކުރުމުން އެކަން އިތުރަށް ދެމެހެއްޓުމަށް ކުދިން މަސައްކަތްކުރާނެއެވެ.

75. އަނބިމީހާގެ ގޯސް އެއްވެސް ވާހަކައެއް ނުދައްކާށެވެ. އަނބިމީހާ އާއި މެދު ތިބާގެ ޢަމަލުތައް ވަރަށް މަޑުމަތިރި ވާންވާނެއެވެ. ކީރިތި ރަސޫލާގެ ޙަދީޘްފުޅެއްގައިވެއެވެ. "އެމީހެއްގެ ޚުލްޤު ރަނގަޅު މީހަކީ އެންމެ ރަނގަޅު މީހާއެވެ."

( ނުނިމޭ )

ގުޅުންހުރި

1 ޚިޔާލު

  1. ވަރަށް އިބުރަތްތެރި ލިޔުންކޮޅެއް .. ޟުކުރިއްޔާ

Your email address will not be published. Required fields are marked *