ކޮލަމިސްޓް

އުފާވެރި ގެވެހިދިރިއުޅުން- 7 ( ފިރިހެނުންނަށް ޚާއްޞަ )

59. އަނބިމީހާ ގައިގައި ބީހިލުމަކީ އޭނާ ވަރަށް ލޯބި ކުރާނެ ކަމެކެވެ. ކުރެވުނު ދިރާސާއެއް ގައި އަންހެނުންނާ ސުވާލު ކުރެވުނެވެ. "އަންހެނުންނާ ފިރިހެނުންގެ ޖިސްމާނީ ގުޅުމުން އެންމެ ލޯބި ކުރާކަމަކީ ކޮބައިހެއްޔެވެ؟" 99 ޕަސެންޓް އަންހެނުގެ ޖަވާބަކީ ލޯބިން ބައްދާލުމެވެ. މީގެ ބަދަލުގައި 99 ޕަސެންޓް ފިރިހެނުންގެ ޖަވާބަކީ ޖިމާޢުވުމެވެ. އެހެންވުމުން ތިބާ ދުވާލަކު މަދުވެގެން ހަތަރު ފަހަރު އަނބިމީހާ ގައި ބީހިލާ ބައްދާލާ ހަދާށެވެ.

ތަންތަނަށް ހިނގާފަދާއިރު އޭނަގެ އަތުގައި ހިފައިގެން ހުންނާށެވެ. އަނބިމީހާ އަތް ދޫކޮށްނުލާހައި ހިނދަކު އޭނާގެ އަތުން ދޫކޮށް ނުލާށެވެ. ޓީވީ ބަލަން ތިބިކަމުގައިވިޔަސް ގައިގަ ޖެހިލައިގެން އިންނާށެވެ. ޚާއްޞަކޮށް ފަލަމަސްގަނޑުގައި ނުވަތަ ކަރުގައި ފިރުމާހަދާށެވެ. އަދި ނިއްކުރިއަށް ބޮސްދީ ހަދާށެވެ.

އައިސްގޮސް ހަދާއިރު ލޯބިން ބީހިލާހެދުން މީ ސެކްސްގެ އިތުރުން ހިނގާ ގުޅުމަކަށް ހަދާށެވެ.

މިހެން ގައިގޯޅިކޮށް އުޅުމަކީ ޖިމާޢުވުމަށްވުރެވެސް އަނބިމީހާ އުފާވާ ކަމެކެވެ. ދުވާލަކު 20 ފަހަރު އަނބިމީހާ ގައިގައި މިދަފަދައިން ބީހިލުމަކީ ވަރަށް މުހިންމު ކަމެކެވެ. 10 ފަހަރުވެސް މަދުވެގެން ފުދެއެވެ. މިކަމުގެ ސަބަބުން ފިރިމީހާއަށްދޭ ސަމާލުކަން އިތުރު ވެގެންދާނެއެވެ. މިހުރިހާ ޢަމަލަކީވެސް ލޯބި ދެމެހެއްޓުމަށް ވަރަށް ބާރު އަޅާކަންކަމެވެ.

60. މިވާހަކަ ވަނީ އަޅުގަނޑަށް ކުރީގައިވެސް ބަޔާން ކުރެވިފައެވެ. "ކައިވެނީގެ ބިންގަލަކީ ލޯތްބެވެ." ލޯބިވާކަން ހާމަކުރުމާއެކު ލޯބި ދަމަހައްޓަންވެސް ވާނެއެވެ. އަނބިމީހާގެ ބައެއް ކަންކަމުގައި ޤުރުބާން ވާންޖެހޭތަންވެސް އާދެއެވެ. އަނބިމީހާ އެދޭ ކަންތައްތައް ޤަބޫލުކޮށް އެކަންތައްތައް ކޮށްދެވޭތޯ ބަލާށެވެ.

61. އަނބިމީހާ ކަމަކާ ހިތްހަމަނުޖެހިފައި ހުރި ވާހަކަ ބުނެފިނަމަ އޭނަ ގައިގައި ބީހިލާށެވެ. އެކަނބުލޭގެ ފަހަތަށްް ނުޖެހިއްޖެނަމަ އޭނަ އެހެރީ ތިބާ ދެކެ ރުޅިއައިއްސަ އެއްނޫނެވެ. އެކަމާ ނުވިސްނާށެވެ. އެރުޅީގެ ސަބަބަކީ ތިބާއެއް ނޫނެވެ. އަނބިމީހާ ހިތްހަމަ ނުޖެފައި ހުރީ ކީއްވެތޯ އޯގާތެރިކަމާއެކު އަހާށެވެ. އެވާހަކައެއް ކިޔައިދިނުމަށް ބާރު އަޅާށެވެ. އެއަށްފަހު އޭނަގެ ވާހަކަތައް ޝައުޤުވެރި ކަމާއެކު އަޑުއަހާށެވެ. އަދި އެވާހަތައް ކިޔައިދޭ ހިނދު އޭނަގެ އަތުގައި ހިފަހައްޓާލައިގެން ހުންނާށެވެ. އަންހެނުން އެމީހުންގެ ހިތުގެ އުދާސްތައް ބަޔާން ކުރާ ހިނދު އެވާހަކަތައް މީހަކު ޝައުޤުވެރި ކަމާއެކު އަޑުއެހުމަށް ވަރަށް ބޭނުންވާނެއެވެ. އެވަގުތު ބޭނުންވަނީކީ މަސްއަލައިގެ ޙައްލެއްނޫނެވެ. އެވާހަކަަތައް ޝައުޤުވެެރި ކަމާއެކު އަޑު އަހާނެ ކަންފަތެކެވެ.

ތިބާ އޭނާގެ ވާހަކަތައް ޝައުޤުވެރި ކަމާއެކު އަޑުއަހައިފި ނަމަ އޭނަ މުޅީން ހަމަޖެހޭނެއެވެ. އޭނަގެ އަތުގައި ހިފާލާއިރަށް ފަހަތަށް ޖެހިލައިފި ނަމަ، އޭނަ ރުޅިއަސްފައި އެހެރީ ތިބާދެކެކަމަށް ވެދާނެއެވެ. އެހެންވެއްޖެ ނަމަ އޭނަ ރުޅިއަންނަން ޖެހުނީ ތިބާގެ ކޮން ޢަމަލަކާއި މެދުތޯ ސުވާލު ކުރާށެވެ. އެއީ ދެވަނަ ފަހަރަށް އެކަން ތަކުރާރު ނުކުރުމަށެވެ. އެވާހަކައެއް ނުބުނަން އުޅެފިނަމަ ކިޔައިދިނުމަށް ބާރު އަޅާހިނދު އެކަމަކާއި މެދު ރުޅިއައުން ޙައްޤުކަމަށް ބުނާށެވެ. އެއަށްފަހު އޭނަގެ ވާހަކަތައް ސަމާލު ކަމާއެކު އަޑުއަހާށެވެ.

އަޑު އަހަމުންދާއިރު ހޫނ،ހާނ ކިޔަމުންދާށެވެ. މިހެން އަމަލުކުރުމުން އޭނަގެ ވާހަކައަށް ސަމާލު ކަންދޭކަން އޭނަޔަށް އެނގޭނެއެވެ. ވާހަކަ ދައްކަމުންދާއިރު އެހެން ތަންތަންބެލުމުގެ ބަދަލުގައި އޭނަގެ ލޮލަށް ބަލަހައްޓައިގެން އިންނާށެވެ. ފުރަތަމަ ދެތިން މިނެޓް ވަންދޭން ބަލާނީ ލޮލަށެވެ. އެއަށްފަހު ނޭފަތު ކުރިއަށް، އެއަށްފަހު ތުންފަތަށް ކުޑައިރުކޮޅަކަށްފަހު ދެން ބަލާނީ މޫނަށެވެ. އަނެއްކާވެސް މިކަން ތަކުރާރު ކުރާށެވެ. އެވަގުތު ވާހަކައިގެ ޙައްލު ކިޔައިދޭން ނޫޅޭށެވެ. މިވަގުތު ހަމައެކަނި އަޑުއަހާށެވެ. ޙައްލު ކިޔައި ދޭނީ އެހެން ވަގުތަކުންނެވެ. އަންހެނުންގެ ޝަކުވާތައް ހުށަހަޅާއިރު، އެމީހުން އެވަގުތު ބޭނުންވަނީ ކަމުގެ ޙައްލު ނޫންކަމާއި، ހަމަ އެކަނި ބޭނުންވަނީ ކިޔައިދޭން ކަން ފިރިހެނުންނަށް ވަރަށް ރަނގަޅަށް އެނގެން ޖެހެއެވެ. އެހެން ވުމުން ޙައްލު ކިޔައިދިނުމުގެ ބަދަލުގައި ޝައުޤުވެރި ކަމާއެކު އަޑުއެހުމުން އޭނަޔަށް ހަމަޖެހުން ލިބޭނެއެވެ.

ދިރިއުޅުމުގެ އާދައިގެ ވާހަކަތައްވެސް މިފަދައިން ވާހަކަތަކަށް ފާޑުކިޔުމުގެ ބަދަލުގައި ޝައުޤުވެރި ކަމާއެކު އަޑައަހާށެވެ.

62. ތިބާގެ އަރިހުގައި މައިންބަފައިންފިޔަވައި އެންމެ މުހިންމު މީހަކަަށް ވާން ޖެހޭނީ ތިބާގެ އަނބިމީހާ އެވެ. ޙަޤީޤަތުގައި ދަރިންނަށްވުރެވެސް މުހިންމެވެ. އެކަމު އަނިބިމީހާގެ ލޯބީގައި މައިންބަފައިން މަތިން ހަނދާން ނައްތާލައިގެން ނުވާނެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ.{ قُلْ تَعَالَوْاْ أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ أَلاَّ تُشْرِكُواْ بِهِ شَيْئًا وَبِالْوَالِدَيْنِ إِحْسَانًا }سورة الأنعام 151" ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައި މީހުންގެ މައްޗަށް، ތިޔަބައި މީހުންގެ ވެރިރަސްކަނލާނގެ ޙަރާމް ކުރެއްވި ކަންތައް ކިޔައި ދެއްވާހުށީ މެވެ. ތިޔަބައި މީހުން، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ! އަދި މައިންނަށް ހެޔޮކޮށް ހިތާށެވެ! ( އަލްއަންޢާމު:151 )
އަދި އެހެން އާޔަތެއްގައި ވަހީކުރެއްވިއެވެ! وَقَضَى رَبُّكَ أَلاَّ تَعْبُدُواْ إِلاَّ إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلاَهُمَا فَلاَ تَقُل لَّهُمَآ أُفٍّ وَلاَ تَنْهَرْهُمَا وَقُل لَّهُمَا قَوْلاً كَرِيمًا (سورة الإسراء 23) "އެކަލާނގެއަށް މެނުވީ، ތިޔަބައި މީހުން އަޅުކަން ނުކުރުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުން ކުރެ އެކަކު ނުވަތަ އެދެމީހުން ތިބާގެ ގާތުގައި ތިބެ، މުސްކުޅިކަމާއި ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް އުއްފުވެސް ނުބުނާށެވެ! ( އެބަހީ: ނުރުހުމުގެ ކިތަންމެކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާާށެވެ! އަދި މާތް ބަހަކުން އެދެމީހުންނަށް ބަސްބުނާށެވެ!( އަލްއިސްރާ: 23 )

މާތްﷲ އަށް ޝަރީކުކުރުންފިޔަވައި ދެން އެންމެ ބޮޑު ފާފަ އަކީ މައިންބަފައިންނަށް ނުކިޔަމަންތެރިވުމެވެ. (މުސްލިމް) ކީރިތި ރަސޫލާގެ ބަސްފުޅެއްގައިވެއެވެ. "މައިންބަފައިންނަށް ގޮތް ހަދާ މީހުންނަށް މާތްﷲ މިދުނިޔޭގައި ވެސް އެކަމުގެ ސަޒާ ދެއްވައެވެ." (ބައިހަޤީ)
އެހެން ޙަދީޘްފުޅެއްގައި ވެއެވެ. "ތިބާގެ މައިންބަފައިންނަކީ ތިބާއަށްޓަކައިވާ ސުވަރުގެއެވެ. އަދި ނަރަކައެވެ." (އިބުނިމާޖާ)
އެބަހީ އިންސާނާ މައިންބަފައިނަށް ކިޔަމަންތެރިކަން އަދާކޮށްފިނަމަ ދާހުށީ ސުވަރުގައެވެ. އަދި ނުކިޔަމަންތެރި ވެއްޖެނަމަ އެމީހެއްގެ ޖާގައަކީ ނަރަކައެވެ.

ކީރިތި ރަސޫލާގެ ޙާދީޘްފުޅެއްގެ މާނައިގަައިވެއެވެ. "އަންހެނާގެ މައްޗަށް އެންމެންނަށް ވުރެވެސް ޙައްޤުކަން ބޮޑުވެގެން ވަނީ އޭނާގެ ފިރިމީހާއެވެ. ފިރިހެނާގެ މައްޗަށް ޙައްޤުކަން ބޮޑީ އޭނާގެ މަންމައެވެ.( ޙާކިމް ) ދަރިން ކަންތައްތައް ދަސްކުރަނީ މައިންބަފައިންގެ ކައިރިންނެވެ. މައިންބަފައިންނަކީ ދަރިންނަށްވާ ނަމޫނާއެކެވެ. ތިބާގެ މައިންބަފއިންނާ ދޭތެރޭ ތިބާ ހިތާގޮތް ރަނގަޅު ނަމަ ތިބާގެ ދަރިން ތިބާޔަދޭތެރޭ ހިތާގޮތް ރަނގަޅު ވާނެ އެވެ.

މައިންބަފައިންނަށް ކަމޭނުހިތާ މީހުންގެ ދަރިންގެ ފަރާތުން އެމީހުންނަށް ނިކަމެތިކަން ލިބިފައި ހުރި ތަން އަޅުގަނޑަށް ފެނިފައި އެބަހުއްޓެވެ.
( ނުނިމޭ )

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *