އެހީ!

މަރާއި ހަނގުރާމަ ކުރަމުންދާ މި ޒުވާނާއަށް އެހީގެ އަތެއް ފޯރުކޮށްދޭށެވެ.

އަމިއްލަ މިޒާޖުގައި ސަކަ ގޮތްގަނޑެއް ގެންގުޅޭ ޒުވާނެކެވެ. އެންމެންނާ ގުޅޭ އެންމެންގެ ރުހުން ހޯދާފައިވާ ޒުވާނެކެވެ. ކޮންމެ މީހަކުވެސް އެ ޒުވާނާ އާއިމެދު ދެކެނީ ދެގޮތެއްނުވާ ޢާއިލީ މެންބަރެއްގެ ގޮތުގައެވެ. އިއްޔެ އުފާވެރިކަމާއިއެކު ސަމަސާކޮށް ވާހަކަ ދައްކާ ހެދިއެވެ. އުފާވެރި ދުވަސްތަކަކަށް ދަޢުވަތު ދިނެވެ. ނަމަވެސް އެ ޒުވާނާގެ ހަޔާތުގެ މަންޒަރު މިއަދު މިވަނީ ބަދަލުވެފައެވެ. ތަދުބީރު ކުރެހި ޕްލައިން ދައްކައިދިނީ ހިޔާލަށްވެސް ނާންނަފަދަ ފަޅުކަމެއް އިހްސާސްކުރަން ޖެހުނު ހިތް ދަތި މަންޒަރެކެވެ.

މި މަހުގެ 13 ވަނަ ދުވަހު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްއެއްގައި ބޮޑު ހާނިއްކައެއްވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި އޮތް، ހދ ވައިކަރަދޫ ލަކީމޫން މަޖުދީ ޝަރީފްއަށް ބޭނުންވާ ފަރުވާ، ރާއްޖެއިން ދެވެން ނެތިގެން، ފަރުވާ ދިނުމަށްޓަކައި ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން މިހަރުވަނީ ލަފާ ދެއްވާފައެވެ. ބޭރަށް ފޮނުވާލެވޭނެ ފަދަ ތަނަވަސްކަމެއް މިވަގުތު ހުއްޓަސް، ރާއްޖެއިން ބޭރުން ފަރުވާކުރުމަށް ކުރަންޖެހޭ ހަރަދު ކުރުމަށް އެ ޒުވާނާގެ ޢާއިލާއިން ވަނީ ނުކުޅެދިފައެވެ. އަދި މިފަދަ ފަރުވާއެއް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލަކުން ހޯދުމަކީ މާލީގޮތުން ބޮޑު އެހީތެރިކަމެއް ބޭނުންވާނެ ކަމެއްކަން ހުދު ތިބާވެސް ޤަބޫލުކުރާނެކަން ކަށަވަރެވެ. ލޯހުޅުވާ އަތްފައި ހަރަކާތްކޮށް ނުގޮވި ކަމުގައި ވިޔަސް ބަލި އެނދުގައި އޮވެގެން އެ ޒުވާނާ ތިބާގެ އެހީތެރިކަމަށް އެދި އެބަ އާދޭސްކުރެއެވެ. އެ ޒުވާނާ ތިބާއަށް އެބަ ގޮވައެވެ. މި ޒުވާނާއަށް އެހީ ތެރިކަމުގެ އަތެއް ދިއްކޮށްލުމީ ތިބާގެ އުފަލެއްކަމުގައި ދެކި، މި ޒުވާނާގެ އުންމީދުތައް ހަޤީގަތަކަށް ހަދައިދިނުމުގައި ތިބާއަށްވެސް ހިއްސާއެއް އަދާކުރެވިދާނެއެވެ.

މި ޒުވާނާއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތުގެ ސަބަބުން މާޔޫސްވެފައިވާ މި ޒުވާނާގެ ޢާއިލާގެ އުންމީދަކީ ދީލަތިބައެއްގެ އެހީތެރިކަމާއިއެކު، ޢާއިލީ އުފާވެރިކަން އަލުން އަނބުރާ ގެނެވޭނެ މަގެއް ހޯދުމެވެ. ޢައިލާގެ ހަމަ ކޮންމެ މީހެއްގެ މޫނުމަތިން ފެންނަނީ މާޔޫސްކަމާއި، ހިތްދަތި ކަމުގެ އަސަރުތަކެވެ. ނަމަވެސް ތިބާގެ އެހީތެރިކަމާއިއެކު މި ހިތާމަވެރި އަސަރު ﷲ މިންވަރުފުޅާއިއެކު އުފާވެރިކަމަށް ބަދަލުކުރެވިދާނެއެވެ. ބޭނުންވަނީ އެހީތެރިކަމެކެވެ. ކިތައްމެ ކުޑަ އެހީތެރިކަމެއް މި ޒުވާނާއަށް ފޯރުކޮށް ދިން ކަމުގައި ވިޔަސް، އެ އެހީތެރިކަން ޢާއިލާއިން ބަލައިގަންނާނީ އުފާވެރިކަމާއިއެކު އެކަމަށް ޝުކުރުވެރިވާ ހާލުގައެވެ. މާލީ އެހީތެރިކަމުގެ ގޮތުންދޭ އެންމެ 5 ރުފިޔާއަކީވެސް މި ވަގުތު އެ ޒުވާނާއަށް ރަނަށްވުރެއްވެސް އަގު ބޮޑު އެއްޗެކެވެ.

އޭ ލޯބިވާ މުސްލިމް އަހާއެވެ. އަދި އުހްތާއެވެ. ތިބާގެ މަންމައެއްގެ ލޮލުން ކަރުނަ ހިލެމުންދާ މަންޒަރު ބަލަން ތިބާގެ ހިތަށް ކެތްކުރެވޭނެތޯއެވެ؟ ނޫނެކެވެ. ނޫނެކެވެ. އެހެންކަމަށްވަންޏާއި މައިވަންތަ ކަމުގެ ލޯބިން މި ޒުވާނާގެ މަންމަގެ ލޮލުން އޮހެމުންދާ ހިތާމައިގެ ކަރުނަތައް، އުވާރިކަމުގެ ކަރުނައަށް ބަދަލުކޮށްލުމުގައި ތިބާގެ އެހީގެ އަތް ދިއްކޮށްލާށެވެ. މަންމައަކަށްޓަކައި ޤުރުބާނީއެއްވެލައްވާށެވެ. އެހެން މީހުންގެ ކިބައިން މާދަމާ އެހީތެރިކަމަށް އެދި އަތް ދިއްކުރާނީ ތިބާ ނޫންކަމެއްވެސް ނޭނގެއެވެ. ތިބާއަށްޓަކައި އާދޭސްކުރަމެވެ. އާދޭސް ކުރަމެވެ.

މަޖުދީ ސަރީފްއަށް ފަރުވާ ދިނުމަށްޓަކައި މި މަހުގެ 17 ވަނަ ދުވަހު އިންޑިޔާއަށް ގެންދިޔަކަމުގައި ވިޔަސް، އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން، ތިރީގައިމިވާ ބޭފުޅުންނާއި ގުޅައިގެން އެހީގެ ކަންތައްތައް ހަމަ ޖައްސަވުމުގެ ފުރުޞަތު އަބަދުވެސް ވަނީ ހުޅުވިފައެވެ. އެހީ ދެއްވުމަށް ގުޅުއްވަނީ ހދ ވައިކަރަދޫ ހިތަށްފިނިވާގޭ އަބްދުﷲ މާހިރު (7504546) އަދި ހދ ވައިކަރަދޫ ސީވީޑް އަލީ ވަހީދު (7900680) އާއެވެ. މާތް ﷲ މި ޒުވާނާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާ، އަޅަމެންނީ އެއަކު އަނެކަކަށް އެހީތެރިވެދޭ ބަޔަކުކަމުގައި ލައްވާންދޭވެ. އާމީން،

މާއިދާ ސޫރަތުގެ 33 ވަނަ އާޔަތުގައި ވަނީ 'ފުރާނައެއް ސަލާމަތްކޮށްދީފި މީހާ އެންމެހާ މީސްތަކުން ދިރުވިފަދައެވެ."

ގުޅުންހުރި

4 ޚިޔާލު

  1. އަވަސް ޝިފާއަކަށް އެދެން…

  2. މި ޒުވާނާ އަށް އަވަސް ޝިފާ އަކަށް އެދެމެވެ…..

  3. އެބޭފުޅުންގެ ބެންކު އެކައުންޓް ނަމްބަރާއި ނަން ހިމަނާލަ ދެއްވާ………..

  4. މި ޒުވާނާ އަށް އަވަސް ސިފާ އެއް ދެއްވުން އެދި އެކަލާންގެ ހަޒުރަތުގައި ދުއާ ދަންނަވަމެވެ.

Your email address will not be published. Required fields are marked *

More in އެހީ!