ވިޔަފާރި

އިންޑިއާ – އީރާން ތެލުގެ ވިޔަފާރިގައި ޑޮލަރުގެ ބަދަލުގައި ރަން ބޭނުންކުރަން އެއްބަސްވެއްޖެ

އީރާނުން ގަންނަ ތެލަށް ޔޫއެސް ޑޮލަރުގެ ބަދަލުގައި ރަނުން އަގުދެއްކުމަށް އިންޑިޔާއިން އެއްބަސްވެއްޖެއެވެ. އީރާނުން ތެޔޮ ގަތުމަށް ޔޫއެސް ޑޮލަރު ބޭނުންކުރުން ހުއްޓާލި ފުރަތަމަ ޤައުމަކަށް މިވީ އިންޑިއާ އެވެ. މިގޮތަށް އަމަލުކުރާނެ ދެވަނަ ޤައުމަކަށް ވާނީ ޗައިނާކަމަށް މިހާރު ބެލެވެއެވެ.

އިންޑިއާ އާއި ޗައިނާއިން ދުވާލަކު ގާތްގަޑަކަށް އެއް މިލިއަން ފީފާ ތެޔޮ އީރާނުން އިމްޕޯޓް ކުރެއެވެ. މިއީ އީރާނުން ދުވާލަކު ބޭރުކުރާ 2.5 މިލިއަން ފީފާ ތެލުގެ 40 އިންސައްތައެވެ. އަދި މި ދެޤައުމަކީ ވެސް ރަނުގެ ރިޒާވް ބޮޑު ދެޤައުމެވެ.

ތަޖްރިބާކާރުން ދެކޭގޮތުގައި މި ވިޔަފާރީގެ މުޢާމަލާތުގެ ސަބަބުން ދުނިޔޭގައި ރަނުގެ އަގު އުފުލި ޔޫއެސް ޑޮލަރުގެ އަގު ދުނިޔޭގެ ބާޒާރުގައި ވެއްޓިގެން ދާނެއެވެ. އަދި މިއީ ދުނިޔޭގެ ފައިސާގެ ނާރެސް ބަދަލުކުރުވަފާނެ ކަމެއްކަމަށްވެސް ބައެއް ތަޖްރިބާކާރުން ބުނެއެވެ. ތެލުގެ ވިޔަފާރީގައި ރަން ބޭނުންކުރުން ފުރަތަމަ އިޢުލާން ކުރީ، ލީބިޔާގެ ކުރީގެ ރައީސް ޤައްޒާފީއެވެ. ޤައްޒާފީ އިޢުލާނުކުރީ ރަނުގެ ދީނާރު ބޭނުންކުރަން ފައްޓާވާހަކައެވެ. މިކަން ވެގެން ދިޔައީވެސް ހުޅަނގަށް ޙާއްޞަކޮށް އެމެރިކާއަށް ބިރުވެރިކަން ގެނުވި ކަމަކަށެވެ.

އީރާނާ ދެކޮޅަށް އެޅުމަށް ހަމަޖެހިފައިވާ ވިޔަފާރީގެ ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކާގުޅިގެން އީރާނާއި އިންޑިއާ އާއި ދެމެދު ކުރެވޭ ތެލުގެ ވިޔަފާރީގައި އަގު  އަދާކުރާނެ ގޮތާމެދު ވާހަކަދައްކާ އެއްބަސްވުމަށް އީރާންގެ ވަފްދެއް ފާއިތުވި ހަފްތާގައި ވަނީ އިންޑިއާއަށް ޒިޔާރަތް ކޮށްފައެވެ.

ޗައިނާއިންވެސް ވަނީ އީރާނުގެ ތެޔޮ ގަތުމަށްޓަކާ ސުޕަރ ޓޭންކަރު (ތެޔޮ އުފުލާ އެންމެ ބޮޑެތި ބޯޓު ފަހަރު) ގެ 3 ބޯޓް ވޭތުވެ ދިޔަ ހަފްތާގައި އިތުރަށް ކުއްޔަށް ހިފާފައެވެ.

އީރާނުން ތެޔޮ ގަންނަ ޤައުމު ތަކާއި އަދި އީރާނާއިއެކު ވިޔަފާރިކުރާ ޤައުމުތަކާ ދޭތެރޭ ފިޔަވަޅުއެޅުމުގެ ޤާނޫނެއް އޮބާމާ ވަނީ 31 ޑިސެމްބަރ 2011 ގައި ތަސްދީގު ކޮށްފައެވެ. އިޔުރަޕް ގެ އިއްތިހާދުންވެސް ވަނީ އީރާނާއި މެދު ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އިޢުލާންކޮށްފައެވެ.

އެމެރިކާއާއި ޔޫރަޕް އިން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ރަޝިއާ އާއި ޗައިނާ އަދި އިންޑިއާއިން ވަނީ ދެކޮޅުހަދާފައެވެ. އަދި އިންޑިއާ އާއި ޗައިނާއިން ވަނީ އީރާނުން ތެޔޮގަތުން ހުއްޓާނުލާނެ ކަމަށް ބުނެފައެވެ. އީރާނުން ބުނަމުންދަނީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނަތީޖާ އަކަށް ވާނީ ހުޅަނގުން ތެލަށް ޖެހުމާއި އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ ދުނިޔޭގެ އިޤްތިޞާދަށް އަސަރު ކުރުމެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *