ޔޫރަޕު

ޓެރަރިސްޓު އިޒްރޭލާ ދެކޮޅަށް ދުނިޔޭގެ ކަންކޮޅުތަކުގައި ކުރާ މުޒާހަރާތައް ހޫނުކަމާއެކު ކުރިއަށް

ލިޔުނީ: އަހުމަދު ޚަލީލު

ޙައްދުފަހަނައަޅާފައިވާ އިޒްރޭލުން ޣާޒާގެ ކުށެއްނެތް ރައްޔިތުންނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލާ، އަދި ތިންއަހަރަށްވުރެ ދިގުމުއްދަތަކަށް ޣާއްޒާ ޙިޞާރުކޮށްފައި އޮތްއޮތުމާ ދެކޮޅުހަދައި ދުނިޔޭގެ ގައުމުތަމުން ޣާޒާގެ ރައްޔިތުންނަށް އިންސާނީ އެހީފޯރުމުވަށްޓަކައި ދަތުރުކުރާ ގާފިލާގައި ހިމެނޭ ތުރުކީގެ ބޯޓަށް ޒަޔަނިސްޓުން ދިން ޓެރަރިސްޓު ޙަމަލާއަށް ދެކޮޅުހަދާ އަޑުއުފުލާ އިޒްރޭލާ ދެކޮޅަށް ދުނިޔޭގެ ކަންކޮޅު ތަކުގައި ބާއްވަމުން ދާ މުޒާހަރާތައް ހޫނުކަމާއެކު ކުރިއަށް އެބަދެއެވެ.
އިނގިރޭސިވިލާތުގައި ނުކުންނަ ނޫހެއް ކަމުގައިވާ މޯނިންގސްޓާރއިން ޚަބަރު ދޭގޮތުގައި ހުކުރު ދުވަހު މެލޭޝިޔާގައި ހުންނަ އެމެރިކާގެ އެމްބަސީކައިރިއަށް ގިނަ ޢަދަދެއްގެ މީހުން އެއްވެ، ޙައްދުފަހަނަ އަޅާފައިވާ އިޒްރޭލާ ދެކޮޅަށް އަޑުއުފުލާފައެވެ. މެލޭޝިޔާގެ އިދިކޮޅު ޕާރޓީގެ ލީޑަރ އަންވަރު އިބްރާހީމް އިސްކޮށް ހުންނަވައިގެން ކުރިއަށްދިޔަ މިމުޒާހަރާގއި ފަސްހާސް މީހުން ބައިވެރިވެފައިވެއެވެ.
ސްޕޭންގެ ބަސްކް ސިޓީގެ މަގުތަކުގައި އިއްޔެ ކުރިއަށް ދިޔަ މުޒާހަރާތަކުގައި އިޒްރޭލާ ދެކޮޅު ލިޔުންތައް އުފުލާ ނުރުހުން ފާޅުކޮށްފައިވެއެވެ. އަދި ސްޕެއިން ސަރުކާރުން އިޒްރޭލާ ގުޅުންބާއްވާތީ މުޒާހަރާކުރި މީހުންވަނީ ސްޕެއިންގެ ސަރުކާރު އިޒްރޭލުން ހިންގާ ކަތިލުންތަކުގައި ބައިވެރިވާކަމަށްބުނެ ސްޕެއިން ސަރުކާރުވެސް ކުށްވެރިކޮށްފައެވެ.
ސޫދާނުގެ ވެރިރަށް ޚަރްޠޫމްގެ މަގުތަކުގައާ ޚަރްޠޫމުގައި ހުންނަ އ.ދ.ގެ މައިމަރުކަޒުގެ ކައިރީގައިވެސްވަނީ ތިންހާސް ފައްސަތޭކަ މީހުން ބައިވެރިވި މުޒާހަރާއެއް ބާއްވާފައެވެ. އެ މުޒާހަރާގައި ބައިވެރިންވަނީ ޙައްދުފަހަނައަޅާފައިވާ ޔަހޫދީ ގައުމާދެކޮޅަށް އަޑުއުފުލާ "ޒަޔަނިސްޓުން ކޮންމެކަމެއް ކުރިއަސް އަހަރެމެން ޣާޒާއަށް އެހީއާއިގެން ދާނަން" ފަދަ ޢިބާރާތްތައް ލިޔެފައިހުރި ފޮތިގަނޑުތައް އުފުލާފައެވެ.
އަޔަރލޭންޑްގެ ޑަބްލިންގައި ހުންނަ އިޒްރޭލު އެމްބަސީ ކައިރީގައި، އަޔަރލޭންޑްގެ އައިރިޝް އެންޓީ ވޯރ މޫވްމެންޓްގެ މެމްބަރުންވަނީ ވަރަށް ހޫނު މުޒާހަރާއެއް ބާއްވާފައެވެ. މިމުޒާހަރާ ކުރިއަށްދިޔައިރު ސިފައިންނާ ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކުން މުޒާހަރާކުރާ މީހުންނާ ދުރުގައިތިބުމަށް އެމީހުން އިންޒާރު ދެމުންދިޔައެވެ. އަދި އިޒްރޭލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢަށް މިމީހުންވަނީ ހަރުއަޑުން ގޮވާލާފައެވެ. އަދި އިޒްރޭލާއެކޮށް އަޔަރލޭންޑް ސަރުކާރުން ބާއްވަމުންއައި ހުރިހާ ގުޅުމެއް ވަގުތުން ކަނޑާލުމަށާ، ޣާޒާއާ ދެކޮޅަށް އިޒްރޭލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަންދެން އަޔަރލޭންޑުގައި ހުންނަ ޔަހޫދީގައުމުގެ އެމްބެސެޑަރކަމުގައިހުރި މީހާ ބޭރުކޮށްލުމަށްވެސް އެމީހުންވަނީ ގޮވާ އަޑުއުފުލާފައެވެ.
މީގެ އިތުރުންވެސް ޔޫރަޕާ އެމެރިކާ އަދި އޭޝިޔާއާ އެފްރިކާގެ ގިނަޢަދަދެއްގެ ގައުމުތަކުގަ މިހާރުދަނީ އިޒްރޭލާދެކޮޅަށް މުޒާހަރާތައް މެދުނުކެނޑި ކުރަމުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ޔޫރަޕު